ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ޚާއްޞަ މަންދޫބު، ޕްރެޒިޑެންޓް އެޑްވައިޒަރ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސްޕްރީމް ޖަޖް އޮފް ޝަރީޢާ ކޯޓްސް، ޑރ. މަޙުމޫދު އަލް ހައްބާޝް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޑރ. މަޙުމޫދު އަލް ހައްބާޝް ވަނީ ފަލަސްޠީނުގެ ރައީސްގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހިރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް ފަލަސްޠީނު ރައީސާއި ބޮޑުވަޒީރާއި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ރައްދުކޮށްދެއްވުމަށް ޚާއްޞަ މަންދޫބުގެ ކިބައިން އެދި ވަޑައިގެންފައެވެ.
މި ބައްދަލު ކުރެއްވުމުގައި ޚާއްޞަ މަންދޫބު ޑރ. މަޙުމޫދު އަލް ހައްބާޝް ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އދގެ ޢާންމު މަޖިލީހުގައި ކުރެއްވި ތަޤްރީރުގައި، އިސްރާއީލުން ޕަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްޠީނުގެ ވަކި ދަޢުލަތެއް ޤާއިމުކުރުމުގެ ވިސްނުމަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ޕަލަސްޠީނާ އިސްރާޢީލުގެ މައްސަލަ ޙައްލުކޮށް މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާ ގޮތަށް ސަރަޙައްދީ އިން ވަކިކޮށް އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްޠީނުގެ ދަޢުލަތެއްވެސް ޤާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.
ފަލަސްޠީނުގެ މަންދޫބުގެ ވާހަކަފުޅުގައި ފަލަސްޠީނު ދަޢުލަތެއް ޤާޢިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާޢީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. ފަލަސްޠީނުގެ މަންދޫބު ވަނީ ހިފާފައިވާ ޕަލަސްޠީނުގެ ބިންތަކުގައި ގެދޮރުބިނާކުރުމަށް އިސްރާޢީލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި މި ކަންތައްތަކަކީ ޕަލަސްޠީނުގެ ދަޢުލަތެއް ޤާއިމުކުރުމަށް އޮތް ހުރަހެއްކަން މަންދޫބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޕަލަސްޠީނުގެ ރައްޔިތުންނާއެކުކަމާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަޤީންކަން ފަލަސްޠީނުގެ މަންދޫބަށް ދެއްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ރައީސްގެ ޚާއްޞަ މަންދޫބު ވަނީ ޕަލަސްޠީނުގެ ރައީސްގެ ޚާއްޞަ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ޤުދުސަށް ޒިޔާރަތެއް ކުރެއްވުމަށްވެސް ޚާއްޞަ މަންދޫބު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައެވެ.