ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިންޑިއާގެ ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއާމަން، އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ޗީފް އޮފް އާރމީ ސްޓާފްއާ، އެމަނިކުފާނުގެ ޑެލިގޭޝަނުން ރާއްޖެއަށް ޒިޔާރަތްކުރެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވެ ޗީފް އޮފް އަރމީ އާއި ޑެލިގޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ޚާއްޞަކޮށް އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ޒަޢާމަތުގައި ރާއްޖެއާ އިންޑިޔާގެ ގުޅުން އިތުރަށް ބަދަހި ވެފައިވާކަމަށާއި އިންޑިޔާގެ ބޮޑުވަޒީރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ މީގެ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ނިރުބަވެރިކަމާ ދެކޮޅަށް ދެ ޤައުމު ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، ޚާއްޞަކޮށް ދިފާޢީ ކަންކަމާއި ސަލާމަތީ ކަންކަމުގައި އިނޑިޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޑެލިގޭޝަނަށް ރާއްޖެއިން ހޫނުމަރުޙަބާއެއް ވިދާޅުވެ، ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ