ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ އަލިފުށީ ކައުންސިލަރުންނާ ރަށުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު އަލިފުށީ ޞިއްޙީ މަރުކަޒުގައި ބޭއްވެވި މިބައްދަލުކުރެއްވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކާއި މުއައްސަސާތަކާ ގާތުން މިގޮތަށް ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ އެބޭފުޅުންގެ ކަންކަން ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުއައްސަސާތަކުން ބޭނުންވާ މުހިންމު ކަންކަން އޮޅުންފިލުއްވުންކަމުގައި ވިދާޅުވިއެވެ. އަދި ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ކަންކަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހަ ތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމާއި މި އިޞްލާހުތަކާއެކު ކައުންސިލުތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ މަޢުލޫމާތު ކައުންސިލުތަކާ ޙިއްޞާކުރެއްވުމަކީވެސް މިބައްދަލުކުރެއްވުމުގެ އެއް ބޭނުންފުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަކުކޮށްލެއްވުމުގައި އަލިފުށީ ކައުންސިލަރުން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތައް ބަލައިގަނެ ޝުކުރުވެރިވާކަމާއެކު އެކަން ފާހަގަ ކުރައްވާފައެވެ. އަލިފުށީ ކައުންސިލަރުންނާއި މުއައްސަސާތަކުގެ ބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ޕްރޮޖެކްޓްތަކާއި ރަށުގައި އިޖްތިމާޢީ މަރުކަޒެއް ތަރައްޤީކުރުމާއި، މަގުބައްތި ޖެހުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާއި ރަށުގައި ސިނާޢީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިމާރާތެއް ބޭނުންވާކަމަށާއި، މިހާރު ބޭނުންކުރާ އެމްބިއުލާންސް ބާ ވުމުގެ ސަބަބުން ޚިދުމަތްދިނުމުގައި ދިމާވާ ދަތިތަކާއި، އަލިފުށީގައި ހުންނަ ޕޮލިޓެކްނިކްގެ ކިޔަވައިދިނުން ފުޅާ ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި ދަނާލާއި، އިމާރާތުގެ އާބާތުރަ ފިލިވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ވަނީ އިންޖީނުގެއާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ރަށު ސްކޫލަށް ބޭނުންވާ މުހިންމު ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައިފައެވެ. މީގެ އިތުރުންވެސް އަތޮޅުގައި ޕީޖީ އޮފީހުގެ ބްރާންޗެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަލިފުށީ ކައުންސިލާއި މުއައްސަސާތަކުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

-