ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފެލިދެ އަތޮޅު ފެލިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރަށުގެ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ފެލިދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ. އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި ޞިއްޙީ ދާއިރާއިން ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ފުޅާކުރުމަށް ކުރަންހުރި ކަންކަމާ އަދި ކުނީގެ މައްސަލައާ ރަށުގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އޮތުމުގެ މުހިންމުކަން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެލިދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ މަސައްކަތް މި އަހަރު ފެށޭވަރުވާނެކަމަށާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފައްޓަވައި އަންނަ އަހަރުގެ ތެރޭގައި ނިންމެވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު މީގެ ތެރެއިން ގިނަ ކަންކަން ހައްލުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.