ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮތް މި ޖަލްސާގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމާއި ޙާފިޡުންގެ ތާޖު ޙަވާލުކޮށްދެއްވާފައެވެ. މި މުބާރާތުން ސްކޫލްތަކުން 1 ވަނަ އަދި އާންމު ބައިގެ 1 ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.