ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީއަށް ވަޑައިގެން އެރަށު ކައުންސިލަރުންނާއި ރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކާ މިގޮތަށް ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރައްޔިތުންގެ ކަންކަން ވީހާ ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.
ކުޑަފަރީ ސްކޫލުގައި މިއަދު ހަވީރު ބޭއްވެވި މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ މައްސަލައާ ގިރާ ސަރަހައްދަށް ހައްލެއް ހޯދުމާ ބެހޭގޮތުންނާއި ރަށުގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާ ކަރަންޓުގެ ޚިދުމަތްދިނުމުގައި ހުރި ދަތިތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުންނާއި މުއައްސަސާ ތަކުގެ ވެރިން ވަނީ ޞިއްހީ ދާއިރާއިން ގެންނަން ބޭނުންވާ ކުރިއެރުންތަކާއި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި ކުޑަފަރީ ސްކޫލު ގެ ފަރާތުން ވަނީ އެސްކޫލުގައި ސްމާޓް ސްކޫލް ޕްރޮގްރާމު ސަރުކާރުން ފައްޓަވައިދެއްވާފައިވާތީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޑަފަރީ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ކަރަންޓްގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާ އިތުރު ކްލާސްރޫމުތައް ހިމެނޭ އިމާރާތެއްގެ މަސައްކަތާބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް މި ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމަށް ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.