ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވެ ވަޑައިގެންނެވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ސްރީލަންކާގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2019 ވަނަ އަހަރުގެ އީސްޓަރ އާ ދިމާކޮށް ލަންކާގައި ބޮން ގޮއްވައިގެން ދިން އަނިޔާވެރި ޓެރަރިޒަމްގެ ހަމަލާގައި މަރުވި 250 މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. މިކަމުންވެސް އެނގެނީ އިތުރުވަމުން އަންނަ ދީނީ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ސަޤާފަތުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ބަދަލުވެގެން ދާނެކަން ފާހަގަކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުގައި، ސްރީލަންކާގެ ބޮޑުވަޒީރުވެސް ވަނީ ރާއްޖެއާ ސްރީލަންކާގެ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ދެ ޤައުމުގެ ދޭދޭ ގުޅުން ވަރުގަދަވުމުގެ އަސްލަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް އެކުވެރި ގުޅުންކަން ފާހަގަކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުން ތަރައްޤީ ކުރުމުގެ ދާއިރާއާއި، ސަޤާފީ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެޤައުމުގެ ދެމެދުގައި މަޝްވަރާކުރެއްވިއެވެ. އަދި، ދެޤައުމުގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ބޮޑުވަޒީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި، ސަރަޙައްދީ ހަމަޖެހުމާއި، ވިޔަފާރިއާއި، މެރިޓައިމް ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ހާމަކުރައްވާފައެވެ. އަދި ދެޤައުމުގެ ދޭދޭ ގުޅުންތައް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.