ކޮޅުމަޑުލުގެ ދެރަށަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުރުނީ ކައުންސިލާ ބައްދަލުކުރައްވާފައިވަނީ މިއަދު ހަވީރުއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބައްދަލުކުރުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ތަރައްޤީގެ މަޝްރޫތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުވުން ކަމުގައެވެ.
މި ބައްދަލުވުމުގައި ބުރުނީ ކައުންސިލްގެ ފަރާތުން ވަނީ އެރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ވެސް މި ބައްދަލުވުމުގައި ކައުންސިލުން ރައީސްއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން މުއައްސަސާ ތަކުން ފާހަގަކޮށްފައިވެއެވެ. އަދި ބުރުންޏަށް ދިމާވެފައިވާ ރަށްގިރުމާއި ކުނީގެ މައްސަލައިގެ އިތުރުން ޒުވާނުންނާއި ކުޑަކުދިންގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތަކުގެ އިތުރުން މަލްޓިޕާރޕަސް ހޯލެއްގެ މުހިއްމުކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.
ބުރުނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ސްކޫލު ކުދިންނަށް ޚާއްޞަކޮށްގެން ފައްޓަވާފައިވާ ނާސްތާ ޕްރޮގްރާމުގެ ސަބަބުން އެރަށުގައި ސްކޫލަށްދާ އުމުރުފުރާގެ ކުދިންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެ، އެކަމުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން ބުރުނީ ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބުރުންޏަށް ކުރައްވާ ދަތުރުފުޅަކީ އެރަށު ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެއިތުރުން ކޮޅުމަޑުލު އަތޮޅު ކައުންސިލާއި، ވިލުފުށީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.