ޤާނޫނު ނަންބަރު 2010/3، (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިދާރީ ބާރުތަކާއި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓުތަކާއި ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި، ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް އުސޫލުތައް އިތުރަށް ހަރުދަނާކޮށްފައިވެއެވެ. މިގޮތުން، ޓެކުހާގުޅޭ ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތު ހުރި ކޮންމެ ފަރާތަކުން، އެ މަޢުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިދޭގޮތަށް ޤާނޫނު ވަނީ އިޞްލާޙުކޮށްފައެވެ.

މީގެ އިތުރުން، ޓެކުހާގުޅޭ އިތުރު ކުށްތަކާއި ކުށުގެ އަދަބުތައްވެސް ޤާނޫނަށް ގެނައި އިޞްލާހުގައި ކަނޑައަޅައިފައިއެވެ. މީގެއިތުރުން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި މީރާއިން ރިޢާޔަތްކުރާނެ ކަންކަމާއި، ނުވަތަ މީރާއިން ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި ބޭނުންކުރާނެ މަޢުލޫމާތު އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙުގައި ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޓެކްސް ބަޔާން ހުށަހެޅުމަށް ދެވޭނެ މުއްދަތުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަމާއި، އެކަމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ބޭރުގެ އިދާރާތަކާއެކު ގުޅިގެން ޓެކްސް އެގްޒެމިނޭޝަން ހިންގުމާއި، ކަންޓްރީ-ބައި-ކަންޓްރީ (ސީބީސީ) ރިޕޯޓިންގ އަދި ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީއާރްއެސް) އުޞޫލުތައް ޤާނޫނަށް ގެނައި އިޞްލާހުގައި ވަރުގަދަކޮށްފައިވެއެވެ. އަދި ސީއާރްއެސް އިލްތިޒާމްތަކާ ޚިލާފުވާ ފަރާތްތައް 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރެވޭނެ ގޮތަށް އިޞްލާހުގައި ހިމަނާފައިވެއެވެ.

މި އިޞްލާހުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ޤާނޫނީގޮތުން ލާޒިމްކޮށްފައެވެ.

މި އިޞްލާޙުގައި، މި ޤާނޫނުގެ ދަށުން މަދަނީ އަދި ޖިނާޢީ ދަޢުވާ އުފުލޭނެ މުއްދަތުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ގެނެވުނު 4 ވަނަ އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.