ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އެރުވިއެވެ. މިގޮތުން ރަށަށށް ދިމާވެފައިވާ އުދައެރުމާއި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވެފައިވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރަތަފަންދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި ކައުންސިލްގެ އޮފީސް ޢިމާރާތް ބާވުމާއި ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރަތަފަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިބައްދަލު ކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކައުންސިލާ ޙިއްޞާކުރެއްވިއެވެ.