ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައިވާ ދާއިރާތަކުގެ މައްޗަށް ދެބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީގައި ސިންގަޕޫރު ސަރުކާރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ސިނާޢަތާ ތަޢުލީމީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ފާއިތުވި 4 އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދުގައި އޮތް ގުޅުން ބަދަހިކުރެއްވުމަށް ސިންގަޕޫރު ސަފީރު ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ސިންގަޕޫރުގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.