އުރީދޫއަކީ، ރާއްޖޭގައި ކާމިޔާބުކަމާ އެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއްކަމަށާއި ސަރުކާރުން މިއަދުވެސް ފޮރިން އިންވެސްޓަރުންނަށް މަރުޙަބާ ކިޔާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުރީދޫ އީ-ކޮމާސް ޕްލެޓްފޯމު، "މޫލީ" އިފްތިތާޙް ކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި “މޫލީ” އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އުރީދޫފަދަ އެފަދަ އެތައް އިންވެސްޓްމެންޓެއް މިހާރުވެސް ރާއްޖޭގައި ހިންގަމުން އަންނަކަން ފާހަގަކުރައްވައި އެ އިންވެސްޓްމެންޓްތަކުން ރާއްޖެއަށް ލިބޭ މަންފާ ކުޑަ ނޫންކަން، ތަޖްރިބާކުރެވިފައިވާކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އުރީދޫން ތަޢާރަފްކުރި ޚިދުމަތްތަކުން ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަވާނެ ގޮތަށް އިންސާނުން ބިނާކުރުމަކީ، ރާއްޖޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަން ހާމަވެގެން ހިގައްޖެކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ފަރާތްތަކުން މިހާރު އަދާކުރަމުން އަންނަ ދައުރު އެއަށްވުރެ ފުޅާކޮށް، އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތައް ކޮށްދެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އުރީދޫން މިރޭ އިފްތިތާޙްކުރި "މޫލީ" ޕްލެޓްފޯމަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައި އެ ޕްލެޓްފޯމަކީ، އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާޙައުލަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށާއި ވަކިން ޚާއްޞަކޮށް، ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދު ފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް، ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށް އެ ޕްލެޓްފޯމް ވާނެކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެ އެތައް އަހަރެއްކުރިން ފެށިގެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ޑިޖިޓަލް ވައްޓަފާޅިއަކަށް ބަދަލުވަމުން އައި ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއާއި އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ތަޢާރަފުކުރެވިފައިވާ ބައެއް ޑިޖިޓަލް ޚިދުމަތްތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ ވެސް ދިރުމަކީ އިންޓަނެޓުކަން ފާހަގަކުރައްވައި އިންޓަރނެޓްގެ އަގު ކުޑަވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިންޓަރނެޓްގެ އަގުތައް، އަތް ފޯރާ ފަށަށް ތިރިކޮށްގެން ނޫނީ، ދިވެހިން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތު ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، މުވާޞަލާތީ ކަންކަމަށް ފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައިކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް، ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަކީ، ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.