ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ. ހަނިމާދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެރަށަށް ފައިބާ ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެސްކޫލްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ޙާލަތު ބައްލަވައިލެއްވިއެވެ.

މި ޒިޔާރަތުގައި ސްކޫލުގެ މެނޭޖްމަންޓުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި ސްކޫލުގެ އިމާރާތް ބާވެ ފާރުތައް ކަނޑައިގެންގޮސް ސީލިންގުން ފެންލީކުވުންފަދަ މައްސަލަތައް ހިމެނެއެވެ. އަދި ވިއްސާރަ ދުވަސްވަރު ސްކޫލް ތެރޭގައި ފެންބޮޑުވެ ސްކޫލްގެ ކިޔެވުން ބަންދުކުރަން ޖެހޭކަންވެސް މެނޭޖްމަންޓުން ފާހަގަކޮށްފައި ވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ސްކޫލަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތައް ސަރުކާރުން ވީހާވެސް އަވަހަކަށް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށްޓަށެވެ.