މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތުގެ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް މިރޭ ބ އޭދަފުށީގައި ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބުނު ބައެއް ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަކީ ދިވެހިރާއްޖެކަމާއި ޕޯލިއޯ އާއި މީސަލްސްވެސް ރާއްޖެއިން ނައްތައިލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކާމިޔާބީގެ ފަހަތުގައިވަނީ، ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމުކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތް ފެށިގެން އައިގޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ބ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ފެށިގެން އައިއިރު ރައީސް ޞާލީޙްގެ ބޮޑުބޭބޭފުޅު އެކަމުގައި ޙިއްޞާވެވަޑައިގެންފައިވާކަމީ، އެމަނިކުފާނާއި ޢާއިލާއަށް ލިބިވަޑައިގަންނަވާ އުފަލަކާ ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.