ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގައި ކުރިޔަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި އަދި މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާ ރަށްރަށުގައި ހުރި ދަތި މައްސަލަތަކާބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
އަތޮޅުކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި އެކު މަޝްވަރާކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ބައެއް ރަށްރަށުގެ ބަނދަރު ހަލާކުވެ މާރާމާތަށް ބޭނުންވެފައިވުމާ އަދި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ މި ނޫންވެސް ތަރައްޤީގެ މަޝްރޫޢުތަކާއި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން އަތޮޅުގެ އެކި ރަށްރަށުގައި ހުރި ކަންބޮޑުވުންތަކާއި އަތޮޅުތެރޭގެ ފެރީގެ ނިޒާމު ހަރުދަނާކޮށް މިހާރަށްވުރެ ފަސޭހަގޮތަކަށް ބައްޓަންކުރުން ހިމެނެއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ ކައުންސިލު ހިންގުމުގައި ހުރި ދަތިމައްސަލަތައްވެސް ރައީސާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކާ އަދި ކުރިމަގުގައި ފެނިގެންދާނެ ބަދަލުތަކާބެހޭ މަޢުލޫތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ބައެއް މައްސަލަތައް ޙައްލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާއި އެމަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.