‎މި ސަރުކާރު ވެރިކަމަށް އައީ ވަޢުދުތަކެއް ވެގެންކަމަށާއި، މި ސަރުކާރުގެ ވަޢުދުތައް ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފުއްދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން ކުރިޔަށް ގެންދަވާ މުހިންމު ކަންކަމާއި ބައެއް ޕްރޮޖެކްޓްތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރެއްވުމަށ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

‎ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރިއަށްދާ ކަންކަމުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން އުފެއްދެވި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން، އަތޮޅު ތެރޭގައި ތަރައްޤީ ކުރާ 5000 ހައުސިންގ ޔުނިޓާއި ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ 4200 ހައުސިންގ ޔުނިޓާއި ބެހޭ މައުލޫމާތު ހާމަކުރައްވާފައެވެ. އެގޮތުން މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ފެށުމަށްޓަކާ 2 ޕާޓީއަކާއެކު ފްރޭމްވަރކް އެގްރީމަންޓެއްގައި ސޮއިކުރުމަށް އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭ 2 ކޮޓަރީގެ (750 އަކަފޫޓުގެ) ފްލެޓްތަކަށް ދައްކަންޖެހޭނީ މަހަކު 6000 ރުފިޔާ އަދި 3 ކޮޓަރީގެ (900 އަކަފޫޓުގެ) ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭނީ 7000 ރުފިޔާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‎މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ "ގުޅީފަޅު މަޝްރޫޢު" ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 140 ފަރާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުންވެސް މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެންމެ އަވަހަށް ހިންގާ ހައުސިންގ މަޝްރޫޢަކުން އެފަރާތްތަކަށް ފްލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި އެމީހަކަށް ދޭ ފްލެޓެއްގެ ޖުމްލަ އަގުން އެމީހަކު މިހާރު ގުޅީފަޅުން ގަނެފައިވާ ފްލެޓަށް ދައްކާފައިވާ ފައިސާގެ އަދަދު އުނިކޮށް، ބާކީބައި ވަކި މުއްދަތަކަށް ބަހާލައިގެން ދައްކާގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

‎މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ތެރޭގައި 29 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމުގައި ވިދާޅުވެފައެވެ. އަދި، މި ދައުރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ފެށި، ދައުރު ނިމޭއިރު ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ރަށެއްގައިވެސް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎މާލޭގެ ކޮމަރޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ ޕްރޮޖެކްޓަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ޕްރޮޖެކްޓުގެ ކޮންސަލްޓެންސީއަށް ހުށަހެޅި ފަރާތްތައް މިހާރު ޝޯޓްލިސްޓް ކުރެވިފައިވާކަމަށެވެ. އެމަނިކުފާނު ވަނީ ވެލާނާ އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ތައްވެސް މިއަދު ޙިއްޞާ ކުރައްވާފައެވެ. އެގޮތުން 2022 ވަނަ އަހަރަށް މިމަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެއްވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ. އަދި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އަޕްގްރޭޑް ކުރުމަށް 2016 ގައި ފެށިފައިވާ މަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ފަތުރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2019 ވަނަ އަހަރުގެ މިހާތަނަށް އާ 12 ރިޒޯޓް ހުޅުވިފައިވާކަމަށާ އަދި އިތުރު 9 ރިޒޯޓް މިއަހަރު ހުޅުވޭނެކަމުގައި ވިދާޅުވިއެވެ. މި ރިޒޯޓްތަކުން ފަތުރުވެރިކަމުގެ ދާއިރާއިން އާ 17000 ވަޒީފާ އުފެދޭނެކަމަށް ލަފާކުރެއްވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން 17000 އާ ވަޒީފާ އުފެދޭއިރު އެވަޒީފާ ތަކަށް ބޭނުންވާ މީހުން އުފެއްދުމަށް އިސްކަންދިނުމާއެކު އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ކަނޑައެޅުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ޞިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 5 ސަރަޙައްދަކުން މެދުނުކެނޑި ރައްޔިތުންނަށް ޞިއްޚީ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ހޮސްޕިޓަލު ގިންތި ކޮށްފައިވާ މިންގަނޑަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް 5 ހޮސްޕިޓަލެއް ކަނޑައަޅާފައިވާ ކަމުގައެވެ. ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަން، ގދ. ތިނަދޫ، އަދި އައްޑޫ ސިޓީ ހިމެނޭ ގޮތަށް މި 5 ސަރަޙައްދުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރެވިގެންދާއިރު، ގާތްގަނޑަކަށް 1300 ވަޒީފާ އިތުރުވެގެންދާނެ ކަމަށް ލަފާކުރެއްވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން އައި.ޖީ.އެމް.އެޗް ގެ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން، މިއަހަރުގެ މާރިޗު މަހުގައި ހުޅުވި ޚިދު‎މަތްދޭން ފެށި މެންޓަލް ހެލްތު ސެންޓަރުން މިހާތަނަށް، 1300 އަށް ވުރެ ގިނަ ފަރާތުން ޚިދުމަތް ހޯދާފައިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

‎މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާ ލައްވާފައެވެ. މިގޮތުން، ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިހާރު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ، މި ދައުރުގެ 5 އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުށަހަޅާފައިވާ 4685 ދަރިވަރުންގެ ތެރެއިން 3009 ކުދިންނަށް، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވޭނެކަމުގެ ލިއުން ހަވާލުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

‎މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ޙައްޖަށް މީހުން ގެންދިޔުމަށް އިތުރު 1000 މީހުންގެ ކޯޓާ މިއަހަރު ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.

‎ނޫސްވެރިޔަކު ދެންނެވި ސުވާލަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ސްރީލަންކާގައި ފިލައިގެން އުޅުނު ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ބެހޭ މައުލޫމާތުވެސް ޙިއްޞާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލުޠުފީއަކީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚު ދުށް އެންމެ ބޮޑު ޚާއިނު އަދި ކުށްވެރިޔާ ކަމަށާއި އޭނާ އަށް މަޢާފު ދިނުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ވަނީ މިއަހަރުގެ މެއި މަހުގެ 1 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ލުތުފީ އަށް ފިލުމުގެ ދެ ވަނަ ފުރުޞަތެއް ނުލިބޭނެ ކަން ޔަޤީން ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިން ދެންނެވި ތަފާތު ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަބާދާރިވެވަޑައިގެން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.