ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ މާމިގިލި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، މާމިގިލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިގޮތުން، ރަށުގެ ޞިއްޙީ މަރުކަޒުން ލިބެންހުންނަ ޞިއްޙީ ޚިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވެވިއެވެ. އަދި ރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިތަކާއި ޔޫތު ސެންޓަރު މަރާމާތުކުރަން ބޭނުންވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ރަށުގެ މަގު ހެދުމާއި މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވެފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.