ނ. ލަންދޫ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ވީ އެންމެ ރަނގަޅަކަށް، މިސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު، ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނ. ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭފަދައިން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭކަންކަން ހަމަޖެހި، ޚިދުމަތް ދިނުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ މިނޫންވެސް ކަންކަން ފުރިހަމަކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އެގޮތުން، ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ފެށިފައިވާއިރު، އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަކީން ޚާއްޞަކޮށް، ހޭންޑްބޯލް ކޯޓު ތަރައްޤީ ކުރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ބޭނުންވެފައި އޮތް ކަމަކަށް ވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ސީދާ އެކަމަށް ޚާއްޞަ ކުރައްވައިގެން ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ނ. ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ވަޢުދަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަސައްކަތް 7 ވަނައަށް ފަށަން އޮތް ބެޗުގައި ނ. ލަންދޫ ހިމަނުއްވާނެކަމަށެވެ. މިއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައި އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް ގެންދެވި، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ފަށްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނ. ލަންދޫ ސްކޫލުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވައިލައްވައިފައެވެ. އަދި ސްކޫލަށް ބޭނުންވާ އިތުރުކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށާއި، ތަޢުލީމީ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީ ހާސިލުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ހަމަ މިއާއެކު ނ. ލަންދޫގައި ޤާއިމުކުރާ އައިސް ޕްލާންޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. ދެން އެމަނިކުފާނު ނ. ލަންދޫއަށް ވަޑައިގަންނަވާއިރު، މިކަންކަން ނިމިފައި ހުރުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.