ބަންގްލަދޭޝްގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މަރުހަބާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގަލަދޭޝްގެ 48 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި މިރޭ ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ސަރުކާރުން ގެންގުޅުއްވާ "ބަންގްލަދޭޝް ވިޜަން 2021" އާއި "ވިޜަން 2041" ގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގެ ތަރައްޤީއަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ހާސިލްކުރާނެ ކަމާމެދު ޔަގީންކަން އޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ބަންގްލަދޭޝްއާއެކު އޮތް ޒަމާންވީ ގުޅުމަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވަރަށް ޚާއްޞަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި ބަންގްލަދޭޝްއިން އަދާ ކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އެންމެ ބޮޑު ބައެއް ނިސްބަތްވަނީ ބަންގްލަދޭޝްއަށްކަން ފާހަގަ ކުރައްވަމުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، އިޤްތިޞާދީ ކުރިއެރުމުގައިވެސް ބިދޭސީ މަސައްކަތްތެރިންގެ މުހިންމު ދައުރެއް ވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީވެސް ދިވެހި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާ މުހިންމު މަސައްކަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.