ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަހިބަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، ރައްކާތެރި ގޮތެއްގައި ކުނި ނައްތައިލާނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން އެކި ގޮތްގޮތުން ކުރިމަތިވަމުންދާ މައްސަލަތައް މަހިބަދޫ ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި ބޯހިޔާވަހިކަން ދަތިވެފައިވުމުގެ ސަބަބުން އިޖުތިމާއީ ގޮތުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަންވެސް މަހިބަދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ކައުންސިލްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ކައުންސިލް މެންބަރުން އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން އެ އިދާރާއަށް ކުރިމަތިވެފައިވާ ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.