ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު މާފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފުށީ ކައުންސިލްގެ މެންބަރުންނާ އެރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު މާފުށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ޙިއްޞާ ކުރައްވާފައެވެ. މީގެއިތުރުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާޢީ މައްސަލަތައް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.
މިގޮތުން، މާފުށީގެ ބިމުގެ ދަތިކަމާއި، ގެދޮރުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ކުނި މެނޭޖްކުރެވެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކައުންސިލުން ވަނީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައެވެ. ކައުންސިލުގެ މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މަގުތައް އަޑިގުޑަން ވުމުން ދިމާވާ ދަތިތަކާއި، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސް ވެރިން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި މުވައްޒަފުންގެ ދަތިކަން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އެމްޑަބްލިޔުއެސްސީގެ ޚިދުމަތް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޖާގަ ނެތުމާއި، ސްޓެލްކޯގެ ތެލުގެ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ޖާގަނެތުމާއި، ރަށުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުގެ މުހިންމުކަމާއި، މާފުށީ ޖަލުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން ދިމާވާ މައްސަލަތައް ފާހަގަ ކުރައްވާފައިވެއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާފުށީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މާފުށީގެ ބިން ބޮޑުކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.