ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޖަރުމަނު ވިލާތުގެ ބަރލިންގައި ބާއްވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ބަރލިން ފެއާގައި ބައިވެރިވާ ދިވެހިންގެ ޝަރަފުގައި ގްރޭންޑް ހަޔަޓް ހޮޓެލުގައި ބޭއްވި ދިވެހި ހަވީރުގައި ބައިވެރިވެވަޑައިގެންފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ދިވެހި ހަވީރުގައި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ތަފާތު އެކި ހަރަކާތްތައް ދައްކާލާފައިވެއެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ސަޤާފަތާއި، ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން އިސްކަންދެއްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ފޯރުކޮށްދެމުންގެންދާ ފުރިހަމަ މެހެމާންދާރީ އެގޮތުގައި ހިފެހެއްޓުމަށް ސަރުކާރުން ބާރުއަޅުއްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަވީރުގައި، އައި.ޓީ.ބީ ފެއާގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިންނާއި، ބޭރުގެ ފަރާތަތަކާއި، ބޭރު ޤައުމުތަކުގެ މީޑިއާތަކުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.