މަސްވެރި ޢާއިލާތަކުގެ ލުއިފަސޭހައަށްޓަކައި، ސަރުކާރުން ތައާރަފު ކުރެއްވި "މަސްދޯނި އެކައުންޓް" ގެ ބޭނުން ހިފައި، މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޭން ފެށުމަށް މަސްވެރި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް ގުޅިގެން ތަޢާރަފްކުރި "މަސްދޯނި އެކައުންޓް" އިފްތިތާހު ކުރެއްވުމަށް މިރޭ ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހީންނަކީ އެންމެ އިހުއްސުރެ، މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި، މަސްވެރިން އުޅޭ މަސްވެރި ޤައުމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒަމާނީ ޓެކްނޮލޮޖީއާއި، އިޤްތިޞާދާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު، މަސްވެރިކަން، އައު ޖީލަކަށް ގެންގޮސްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު، ސަރުކާރާއި، މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތައް އެކުގައި އުފުލަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީ ފެންނަން ފަށާނީ ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދީގެން ކަމުގައި ވިދާޅުވެ، އެ އަމާޒަށް އެކުގައި މަސައްކަތް ކުރުމަށް އެންމެންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން އެކަނި ނޫން ކަމަށާއި، އެއާއެކު ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.