ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށެނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަމަށާއި، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙްކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މި ފެށުނު "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހައްމަލްނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއްކަމުގައެވެ. އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މިފެށުނު ކެމްޕޭންގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ޤާއިމުކޮށްދިން، ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ ވެބްޕޯޓަލްގެ ބޭނުންކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޢާންމު ރައްޔިތުން ވެސް، މިޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.  

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. 

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި "ހުރިހާ އިންތިޚާބީ އަދި އައްޔަނުކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އެންޓިކަރަޕްޝަން އަދި ގުޑްގަވަނަންސް އާގުޅޭ ޕްރޮގްރާމް" ގެ ދަށުން ކެބިނެޓް ވަޒީރުންނަށް ޚާއްޞަ ކުރެވިގެން މިއަދު ބޭއްވެވި ދަންފަޅީގައި ކެބިނެޓް ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގެންނެވިއެވެ.