ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، މއ. އާޕިއާ އަލްއުސްތާޛު މުޙައްމަދު ޒާހިރު އަދި ހ. އެލިއަތުވިލާ މަރްޔަމް ޝަމްޢާ އިބްރާހީމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ދެބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ. 

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަލްއުސްތާޛު އަޙްމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު މުޙައްމަދު ޒާހިރު އަދި މަރްޔަމް ޝަމްޢާ އިބްރާހީމް ކުރެއްވެވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލްކުރައްވާފައެވެ. 

މިއަދު މެންބަރުކަމަށް ދެން ޢައްޔަނު ކުރެއްވި މަރްޔަމް ޝަމްޢާ ވަނީ ވިލާ ކޮލެޖުން "މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލްކުރައްވާފައެވެ. އަދި 2014 ވަނަ އަހަރު ޝަމްޢާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން ޝަމްޢާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލސ، ޕެރެޑައިސް ހޮލިޑޭ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ފަދަ އިދާރާތަކުގައި މަސައްކަތްކުރައްވާފައެވެ.