ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ތޮރަޑެނިޔަ މަޝްވަރާ ކުރައްވައިފިއެވެ. ދެ ބޭފުޅުން މި ކަމާމެދު މަޝްވަރާ ކުރެއްވީ، ސްރީލަންކާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ޤައުމުކަމުގައި ވިދާޅުވެ، ސްރީލަންކާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުވީ ފަހުން 54 އަހަރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުރިއެރުމުގައި ސްރީލަންކާ ރައްޔިތުންގެ ހިއްސާ މުހިންމުކަން ފާހަގަކުރައްވައި، އެކި ބޭނުންތަކަށް ސްރިލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނަށާއި، އެޤައުމުގައި ދިރިއުޅޭ ދިހަ ހާހަށްވުރެ ގިނަ ދިވެހިންނާއި ދޭތެރޭ ސްރީލަންކާއިން ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސްރީލަންކާގެ ވަރަށް ގިނަ ރައްޔިތުންނަށް ވަޒީފާ އަދާކުރަން މަގުބޫލު މަންޒިލެއް ކަމުގައި ވިދާޅުވެ، ރާއްޖޭގައި ގިނަ އަދަދެއްގެ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރާކަން ފަހަގަ ކުރެއްވިއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހޯއްދެވި ކާމިޔާބީއަކީ ދިވެހިންގެ އަޒުމް ވަރުގަދަކަން ސާބިތުކޮށްދިން ކަމެއް ކަމުގައި ސްރީލަންކާ ސަފީރު ވިދާޅުވިއެވެ.