بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

 

ރާއްޖޭގެ ކުރިމަގު އޮންނާނެގޮތާ ދޭތެރޭގައި އިއްޔެ ވޯޓެއް ނަގައިފި. ރައްޔިތުންގެ ބަސް ވަރަށްސާފު. އަޅުގަނޑު ރައްޔިތުންނާ މި ބައްދަލުކޮށްލީ، އަޅުގަނޑު ކަންކަން ކުރާނެ ގޮތުގެ ވާހަކަ ދަންނަވާލަން.

 

އާދެ، އަޅުގަނޑު އަބަދުވެސް ރައްޔިތުންނަށް ދަންނަވަމުން މި އަންނަނީ، އަޅުގަނޑުގެ މި ފަސް އަހަރަކީ ވަރަށްދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވި ފަސް އަހަރޭ. އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އެއްވެސް ރައީސަކަށް މިހާދަތި ޒަޢާމަތެއް މެދުވެރިއެއްނުވޭ. އެހެންނަމަވެސް، މިއިން ކޮންމެ ފަހަރަކުވެސް އަޅުގަނޑު މަސައްކަތްކުރީ ދިވެހި ރައްޔިތުންގެ ޙައްޤުގައި. އެއިން އެއްވެސް ކަމަކަށް އަޅުގަނޑު ދޫކޮށްލިނަމަ، ސަކަމްބް ކުރިނަމަ، ދިވެހި ރައްޔިތުންގެ މަޞްލަޙަތު ގެއްލިގެންދާނެ ކަންތައްތައް، ކޮންމެފަހަރަކުވެސް އަޅުގަނޑާ ކުރިމަތިވެފައި އޮތީ.

 

އަޅުގަނޑު މިހާތަނަށް މި ބެލީ ދިވެހިރާއްޖޭގައި ޤާނޫނު ދަމަހައްޓަން. ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް މި އަންނަ ކަންކަމާ ދުރުވެ، ރައްޔިތުން އެކަންކަމުން ސަލާމަތްކުރަން. އެއީ ޚުދު އަޅުގަނޑަށް އަމާޒުވެގެން އަންނަ ކަމެއް ކަމުގައިވީނަމަވެސް، ނޫނީ އަދި އެކަމުގެ އަސަރު މުޅި ދައުލަތަށް ފެތުރިގެންދާނެ، މުޅި ރާއްޖެއަށް ފެތުރިގެންދާނެ ކަމެއް ކަމުގައިވީނަމަވެސް، އަޅުގަނޑު ބެލީ ޤާނޫނީ ހަމަތަކުގެ މަތިން އެކަންކަމާ ކުރިމަތިލާން. ﷲގެ ރަޙްމަތާއެކީ، އަޅުގަނޑާ މެދުވެރިވި ހުރިހާ ކަމަކުން މިހާތަނަށް އަޅުގަނޑަށް ﷲ ނަޞްރު ދެއްވި.

 

މިއާއެކީ ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މަސައްކަތް މިކުރީ ޤައުމު އާރާސްތު ކުރަން. އަޅުގަނޑު މަސައްކަތްކުރީ، ޤައުމުގައި ހަލާކުވެ ގެއްލިފައި ހުރި ހުރިހާ އާދަތައް، އަޅުގަނޑުމެން އަނބުރާ ދިވެހި ރީތި އުޞޫލުތަކަށް ބަދަލުކުރަން. އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އަޅުގަނޑު މަސައްކަތްކުރީ ޤާނޫނު ތަންފީޒު ކުރަން. އަދި ހަމައެއާއެކީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަނުދޭނެކަމަށް ކަނޑައެޅިގެން ވަރަށް ބާރަށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މި އަންނަނީ ދަންނަވަމުން. އަދި އިސްތިޢުމާރީ ފަރާތްތަކުން މިކަންކަމަށް ނުފޫޒު ފޯރުވަން ދިވެހިރާއްޖެއަށް މިކުރާ ހުރިހާ މަސައްކަތަކަށް އަޅުގަނޑުގެ ސަރުކާރުން މިހާތަނަށްވާނީ ހަމަ ވަރަށް ކެރިގެން ނޫނެކޭ ބުނެފައި. އަދި އެކަންކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ފޯރިޔަނުދިނުމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައި. އެކަންކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތްހަމަޖެހުން އެބައޮތް. އަދި ހަމައެހެންމެ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދިޔައީ، އެއާއެކީ ދިވެހިރާއްޖޭގައި ހަލާކުވެ ވީރާނާވަމުންދާ އިޖުތިމާޢީ ފޭރާން އަނބުރާ އިޢާދަކުރެވޭތޯ. އެންމެބޮޑު މައްސަލައަކަށް ދިމާވަމުން އައި މައްސަލައަކީ، އެއްވެސްކަހަލަ އަސާސެއްނެތި، އެއްވެސްކަހަލަ، އެއްވެސްކަހަލަ ތެދުގެ ކަންފުޅެއްނެތި މީހުންގެ އަބުރު ކަތިލަމުންދިޔަ މައްސަލަ. މިއީ ޤައުމުގެ ހަމަ  ކޮންމެ ރައްޔިތެއްގެ ޙައްޤެއް. މިކަންކަން ޙައްލުކުރެވޭތޯ އަޅުގަނޑު މަސައްކަތްތަކެއް ކުރީމު. އަދި އަޅުގަނޑަށް މިކަމުގައި ފާޑުކިޔުން ރައްދުވީ ކަމުގައިވީނަމަވެސް، އިރާދަކުރެއްވިއްޔާ ގިނަބަޔަކު ގަބޫލުކުރާގޮތަށް މިހާރު އެކަންކަން އެވަނީ ތަރުތީބު ކުރެވިފައި. އަޅުގަނޑުގެ ބޭނުމަކަށްވަނީ ކޮންމެ މީހެއްގެ އަބުރަކީވެސް، އެމީހެއްގެ ޢިއްޒަތަކީ ސަލާމަތުން ރައްކާތެރިކަމާއެކީ އޮންނަންވާނެ އެއްޗެއްގެ ގޮތުގައި ދެމެހެއްޓުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަބޫލުކުރަން، މިކަންކަން އަޅުގަނޑަށް ކޮށްދެވިއްޖެ ކަމަށް.

 

ލޮބުވެތި ރައްޔިތުން؛

 

އަޅުގަނޑު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލަމުން، އަޅުގަނޑު ދެންނެވިން ރައްޔިތުންގެ އަރިހުގައި، ދިވެހިރާއްޖޭގައި މައްސަލަތައް ބައިވަރޭ. ބޮޑެތި ކަންތައްތައް ވަރަށްގިނައޭ. ރައްޔިތުން ބޭނުންވާ އެތައް ކަމެއް މިހިރީ ނުފުދިއޭ. އެ ވަކި ދާއިރާއެއް ކިޔާނެކަމެއްނެތް. ކޮންމެ ދިމާއަކުން ކޮންމެ ކަމަކަށް ބަލައިލިނަމަވެސް، ދިވެހިރާއްޖެ އޮތީ ވަރަށް ނާމާންކަމުގެ ތެރޭގައި. ވަރަށް ނާއުއްމީދުގެ ތެރޭގައި.

 

އަޅުގަނޑުގެ ޚިޔާލުގައި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، އަދި އެ ޚިދުމަތް ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމަށް، އަޅުގަނޑަށް މިހާތަނަށް ގަބޫލުކުރެވިފައި އޮތީ، ރައްޔިތުންނަށް ދިމާވެފައި ހުރި މިކަހަލަ ބޮޑެތި ކަންކަން ރައްޔިތުންނަށް ޙައްލުކޮށްދިނުން. އޭގެތެރޭގައި، ރަށްރަށަށް ދިމާވާ ކަންކަމުގެ ތެރޭގައި، ނަރުދަމާ، ސާފު ބޯފެން ލިބުން، ބަނދަރު، މަދަރުސާ ހެދުން، މިކަހަލަ ހުރިހާ ކަންކަމަކީ، ރައްޔިތުންގެ އެންމެބޮޑު ޝަކުވާ އަންނަ ކަންތައް. އަޅުގަނޑު ގަބޫލުކުރަނީ، ކޮންމެ ރަށެއްގައި ދިރިއުޅުއްވާ ރައްޔިތަކަށްވެސް މިކަހަލަ އަސާސީ ޚިދުމަތްތައް، މާލޭގައި ދެވޭ ފެންވަރާ އެއްވަރަށް ލިބެންވާނެ ކަމަށް.

 

އަޅުގަނޑު ދެން ބަލައިގަތީ، ނޫނީ އަޅުގަނޑު ދެން އަޅުގަނޑުގެ ސަމާލުކަމަށް ގެނައީ، ދިވެހިރާއްޖޭގައި ހަވާސާވެފައި މިތިބަ އެންމެ ނުކުޅެދުންތެރިކަން، ނޫނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ދޭތެރޭގައި އަޅައިލެވޭތޯ ބެލުން. އަދި ހަމައެހެންމެ، ކަނބަލުންނާ ދޭތެރޭގައި އަޅައިލެވޭތޯ ބެލުން. އެ ބޭފުޅުންގެ، އެ ކަނބަލުންގެ ޙައްޤުތައް ޙިމާޔަތް ކުރެވޭނެ ގޮތްތަކެއް ހޯދައިދެވޭތޯ ބެލުން. ސަރުކާރުގެ ތެރެއިން ސިޔާސަތު ބަދަލުކުރީމު. އަދި ޤާނޫނަށް ގެންނަންވާ އިޞްލާޙު ގެނެސްގެންވެސް  މި މަސައްކަތް އަޅުގަނޑު ކުރިން.

 

އަޅުގަނޑު ދެން ބެލީ، ދޮށީ ރައްޔިތުންނަށް، އިސް ރަށްވެހިންނަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ. މީގެތެރޭގައިވެސް އިސް ރަށްވެހިންނަށް ބޭނުންވާނެ އެތައް ކަންތައްތަކެއް އަޅުގަނޑު ހަމަޖައްސައިދިނިން. އިސް ރަށްވެހިންނަށް އެންމެ ބޮޑަށް ބޭނުންފުޅުވާނެ ކަންކަމުގެ ތެރޭގައި، އެބޭފުޅުންނަށް ކޮންމެވެސްކަހަލަ އާމްދަނީއެއް ލިބުމަކީ ބޭނުންތެރި ކަމެއް ކަމަށްވާތީ، އަޅުގަނޑު އެކަން ކޮށްދިނިން. އަދި ހަމައެހެންމެ، މީހުން ޢުމުރުން ދޮށިވީމާ، އެންމެ ބޮޑަށް ބޭނުންވާނީ ޞިއްޙީ ފަރުވާ ކަމުގައިވާތީ، މި ސަރަޙައްދުގައި ލިބޭ އެންމެ ރަނގަޅު ފަރުވާ، މި ދޮށީ ރައްޔިތުންނަށާއި، ހުރިހާ ގިންތިތަކަކަށް، ހުރިހާ ޢުމުރުފުރަޔަކަށް ލިބޭތޯ އަޅުގަނޑު މަސައްކަތްކޮށް، އެ މަސައްކަތް އެވަނީ ﷲގެ ރަޙްމަތާއެކީ ނިންމާފައި.

 

ޒުވާނުން. ޒުވާނުންނަކީ އަބަދުވެސް އަޅުގަނޑުގެ އެންމެ ޝައުޤުވެރިކަން ހުންނަ ގިންތި. ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް އަޅުގަނޑު ހަމަޖައްސައިދިނިން. ޒުވާނުންނަކީ އަޅުގަނޑުގެ ޒަޢާމަތާ ހަމަޔަށް ޒުވާނުންގެ ކަންކަން އައިއިރު، ހަވާސާއިން ބޭރުގައި ތިބި ބައެއް. ޒުވާނުންނަކީ ގިންތިއެއްގެ ގޮތުގައި އުޅޭ ބައެއް ކަމެއް ދަންނަ ސަރުކާރެއް، އޭގެކުރިއަކުން އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ޒުވާނުންގެ ބޭނުންތައް ބައިވަރު. ހަމައެކަނި ކުޅިވަރު ކުޅޭނެ ތަންތަނެއް ނޫން. ޒުވާނުންނަކީ އަބުރުވެރި ބައެއްކަމާއި، ޒުވާނުންނަކީ، އެމީހުން މުޖުތަމަޢުގައި އުޅޭއިރު، ކަރާމާތް ލިބިގެންވާ ބައެއްކަމަށް ޒުވާނުން ގަބޫލުކުރަން، ޒުވާނުންނަށް އެ ކޮންފިޑެންސް ދޭން އަޅުގަނޑު މަސައްކަތް ކުރިން. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ސަރުކާރުގައި ކަންކަން ހަމަޔަކަށްއެޅިގެން ދިޔުމަށްފަހު، ޒުވާނުން ކުށްކުރާލެއް މަދުވެގެންދިޔުން. މިއީ، ތަފާސް ހިސާބުން އަޅުގަނޑުމެންނަށް ފެންނަން އޮތް ޙަޤީޤަތެއް.

 

ހަމައެހެންމެ، ޒުވާނުންނަށް އެންމެ ދަތިވާކަމަކީ، ބޯހިޔާވަހިކަން ކަމުގައިވާތީ، ޒުވާނުންނަށް ގަބޫލުކުރެއްވޭނެ، އެ ބޭފުޅުންގެ، އެ ޒުވާނުންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު ފަށާފައި ހުރި މަޝްރޫޢުތަކާއި، ނިމެމުންއެދާ މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް އަޅުގަނޑުގެ ތަޞައްވުރު.

 

ދިވެހި ލޮބުވެތި ރައްޔިތުން؛

 

އަޅުގަނޑު ޚިދުމަތް ކުރަމުން މިއައީ އެއްވެސް ގިންތިއަކަށް ތަފާތެއްނެތި. ކޮންމެ ގިންތިއަކަށްވެސް އެންމެ ބޮޑަށް ބޭނުންވާ ކަމަކަށް އެންމެ އިސްކަންދީގެން. އެއްވެސް ރަށެއްގެ އާބާދީއަކަށް ތަފާތުކުރުމެއްނެތި، ކޮންމެ ރަށަކަށްވެސް އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދެމުން. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއަރާ، ދެން އަޅުގަނޑު އިތުރަށް ދިވެހި ރައްޔިތުންނަށް ކޮށްދޭން އޮތީ ކޮން ޚިދުމަތެއްބާވައޭ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ދެންނެވިން. އަޅުގަނޑަށް ދިމާވި ހުރިހާ ގޮންޖެހުންތަކަކާއެކީވެސް އަޅުގަނޑު މަސައްކަތްކުރީ، ރާއްޖޭގެ މަޞްލަޙަތު، ރާއްޖެއަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި، ވަރުގަދަ ޤައުމަކަށް ހެދޭތޯއޭ. މީގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަން އެބައޮތް.

 

އެހެންވީމާ، އަޅުގަނޑު ހިތުން އަޅުގަނޑުގެ އިޚްލާޞްތެރި ޚިދުމަތް ބަލައިގަންނަ އެތައްހާސް ރައްޔިތުންނެއް އިއްޔެ އަޅުގަނޑަށް ވޯޓު ދެއްވި. މިއަދު އަޅުގަނޑު މި ފިޔަވަޅުމަތީގައި މިހުރީ، އެހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހުރިހާ ސަޕޯޓަރުންނަށް ތިޔަ ކޮށްދެއްވި މަސައްކަތްޕުޅު ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ބަލައިގަންނަ ވާހަކަ ދަންނަވަމުން، އަދި ހުށަހަޅުއްވަމުންދިޔަ ހުރިހާ ހަދިޔާތަކަކާ، އެއަށްވެސް ނޫނެކޭ ވިދާޅުވެފައި، ޤައުމުގެ ޙައްޤުގައި، ޤައުމަށް ރަނގަޅީ ކޮންގޮތެއްކަން ތިޔަބޭފުޅުން ނިންމަވައި ދެއްވައިފި.

 

އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް، ޤައުމަށްޓަކައި އަދި އަޅުގަނޑުމެން މިކުރި މަސައްކަތަށް އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ސަޕޯޓަރުންނަށް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ، އައްސަރިބަހާއި ސާބަސް ރައްދުކުރަމުން، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިއްޔެ ދިވެހި ރައްޔިތުން، އެމީހުންގެ ގޮތް ބުނެދީފިއޭ. އެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމު. އަދި މިއަދު ކުޑައިރުކޮޅެއް ކުރިން، ދެން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ދިވެހިން އިންތިޚާބު ކޮށްފައި އެ ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު މަރްޙަބާވެސް ދަންނަވައިފިން. އަޅުގަނޑު ބައްދަލުވެސްކޮށްފިން.

 

ދިވެހި ރައްޔިތުންގެ ކުރިފުޅުމަތީގައި އަޅުގަނޑު މިހާތަނަށް ކުރީ އިޚްލާޞްތެރި ޚިދުމަތް. އެކަމަކު އިއްޔެ ދިވެހި ރައްޔިތުން، އަޅުގަނޑުގެ ޚިދުމަތާ ދޭތެރޭގައި ގޮތެއް ނިންމަވައިފި. އެހެންވީމާ، އަޅުގަނޑު ގަސްދުކުރަނީ، އިއްޔެގެ ވޯޓުގެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފައި، އަނެއްކާވެސް އަޅުގަނޑަށް ވެވުނު މިންވަރަކުން ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ހުރުމަށް.

 

ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަމުން ބޭނުންވަނީ، އަޅުގަނޑާއެކީ އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރެއްވި ވަރަށް ވަރުގަދަ ޓީމެއް އޮތޭ. އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ތިއްބެވި. އަޅުގަނޑަށް އެންމެ ބޮޑަށް ސިޔާސީގޮތުން އެހީތެރިވެވަޑައިގެންނެވީ އަޅުގަނޑުގެ އަންހެނުން. އޭނާއާއި އޭނާގެ ޓީމު ވަރަށް ވަރުގަދަ މަސައްކަތް، ކެނޑިނޭޅި ކުރައްވާތާ ތިން ހަތަރު އަހަރުވެގެން މިދިޔައީ.

 

އެހެންވީމާ، މެޑަމް ފާޠިމަތަށާއި، އަދި އޭނާގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ޕީ.ޕީ.އެމް.ގެ އޮފީހުގައި ދެ ނައިބު ރައީސުންގެ ބެއްލެވުމުގެ ދަށުން ވަރަށް ވަރުގަދަ، ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި. އެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އެ ޓީމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކައުންސިލްގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވާ. ހަމައެހެންމެ، އެއްގޮތަކަށްވެސް އަޅުގަނޑަށް، އަޅުގަނޑުގެ މަސައްކަތް މި ހިސާބަކަށް ނުގެންދެވުނީސް، އަޅުގަނޑަށް، އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހުގެ ޓީމުން މި ދެއްވި އެހީތެރިކަން ނުދެއްވިނަމަ. އެ ޓީމާ ދޭތެރޭގައި އަޅުގަނޑު ފަޚުރުވެރިވޭ. އަދި ހަމައެހެންމެ، ރައީސް އޮފީހުގައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ހީވާގި، މުރާލި ވެރިންނަށާއި، މި ޓީމަށް ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަން.

 

 މިއީ ޓީމް ވާރކް. މި ހުރިހާ ބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް، މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދެވުނީ. އެއާއެކީ އޮތީ އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ ޢާއްމު ސަޕޯޓަރުން. އެބޭފުޅުން ގަބޫލުކުރައްވާ، އަޅުގަނޑުމެން މިކުރަނީ ރައްޔިތުންނަށް ޚިދުމަތްކަން.

 

މިއަދު އަޅުގަނޑުމެންނަށް ވޯޓު ނުލިބުނު ބޭފުޅުންގެ ތެރޭގައި، ކަންކަން ނިމިގެންދިޔަގޮތާ ދޭތެރޭގައި ހިތާމަ ކުރައްވާ ބޭފުޅުން ތިއްބަވާފާނެކަންނޭނގެ. ކުރިންވެސް އަޅުގަނޑު ދެންނެވިން. އެކަހަލަ ދުވަހެއް އަޅުގަނޑުމެން މީގެކުރިންވެސް މާޒީކޮށްފީމޭ. ރައީސް މައުމޫނާ ދޭތެރޭގައި ކަންތައް ވެގެންދިޔަގޮތް އަޅުގަނޑުމެން ދުށީމު، 2008 ވަނަ އަހަރު. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ހިތާމަކުރި. ކެނޑިނޭޅި ތަކުރާރުކޮށް، އަޅުގަނޑު މި ވާހަކަ ރައްޔިތުންނަށް ހަނދާންކޮށްދެމުން މިއައީ. މިއަދު އަޅުގަނޑުގެ ޚިދުމަތް ލިބުނު އެތައް ބަޔަކު، އަޅުގަނޑަށް [އާނއެކޭ] ބުނި. އެބޭފުޅުންނަށް އަދިވެސް ފަށްފަށުން ޝުކުރު ދަންނަވަން.

 

ޝުކުރު ދަންނަވަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެހެންނަމަވެސް، ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވާށޭ! ދިވެހި ރައްޔިތުން އެދިވަޑައިގަންނަވަނީ ކޮންކަމެއްތޯ، އަޅުގަނޑު މި ސުވާލުކުރަނީ، ގިންތިއެއް ތަފާތުކުރުމެއްނެތި، ރަށެއް ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، މި ފަސް އަހަރަށްވުރެ ފާގަތިކޮށް، ފަހިކޮށް ރާއްޖެއަށް ޢާއްމުވި ދުވަސްވަރެއް، އަޅުގަނޑުމެންގެ ތަފާސް ހިސާބަކުން ނުދައްކާ. ޒުވާނުންނަށް ކަންތައްތައް ފުރިހަމަވެގެންދިޔަ ދުވަސްވަރެއް، އަޅުގަނޑުމެންގެ ތަފާސް ހިސާބަކުން ނުދައްކާ. ދޮށީ ރައްޔިތުންނަށް ކަންކަން ފަހިވެގެންދިޔަ އެއްވެސް ޒަމާނެއް، އަޅުގަނޑުމެންގެ ތަފާސް ހިސާބަކުން ނުދައްކާ.

 

އެހެންވީމާ، ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ މިއޮތީ އިޤްތިޞާދީ ގޮތުންވެސް، އިޖުތިމާޢީ ގޮތުންވެސް، ހުރިހާ ދާއިރާއަކުން މި ފަސް އަހަރުގެ ތެރޭގައި ވަރަށް ކުރިއަށް ޖެހިލާފައި. އަޅުގަނޑު އެދެނީ ދެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އޭނާގެ ޓީމުގެ ފަރާތުންވެސް، އަޅުގަނޑުމެން މިކުރި މަސައްކަތް، ރައްޔިތުންގެ ޙައްޤުގައި ބާރުމިނުގައި ކޮށްދެއްވުން. އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް، އަޅުގަނޑާހެދި، އަޅުގަނޑު ކަންކުރާގޮތުން، އެހެން ދިވެހި ރައްޔިތުންނަށް ތަކުލީފަކަށްވާކަށް. ރައްޔިތުން، ރައްޔިތުންގެ ބަސް، އިއްޔެ ވިދާޅުވެއްޖެ. އެއަށް އަޅުގަނޑު އިޙްތިރާމު ކުރަން.

 

އެހެންވީމާ، އަޅުގަނޑު މިވަގުތު ރައްޔިތުންގެ އަރިހުން މަޢާފަށް އެދެމުން، އަޅުގަނޑު ޚިދުމަތުން ދުރަށްޖެހިލާ ވާހަކަ، ހުރިހާ ރައްޔިތުންނަށް ދަންނަވަން. އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް، އަޅުގަނޑަށް ތާއީދުކޮށް މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، އަޅުގަނޑުމެންގެ މަސައްކަތް ރައްޔިތުންނަށްޓަކައި ކުރުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނަން.

 

އެހެންނަމަވެސް، އަޅުގަނޑު، އަޅުގަނޑުގެ މި ޚިދުމަތުން ދުރަށްޖެހިލަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ޚިދުމަތުގައި، ނޮވެންބަރު 17 އަންނަންދެން، މި ގޮނޑީގައި އަޅުގަނޑު މަސައްކަތް ކުރާނަން. މި މުއްދަތުގެ ތެރޭގައި، އަމާންކަމާއެކީ، ދިވެހިރާއްޖެ އަނެއްކާވެސް ބަދަލުވެގެންދާނީ، އެހެން ޒަޢާމަތަކަށް މަރްޙަބާ ކިޔަން. އެކަމުގައި އެއްވެސްކަހަލަ، އެއްވެސްކަހަލަ ފުށުއަރާކަމެއް، އުނދަގޫ ކަމެއް، ރައްޔިތުން، އެއްވެސް ބަޔަކު އަނެއްބަޔަކަށް މެދުވެރިނުކުރެއްވުމަކީ، އަޅުގަނޑުގެ އިލްތިމާސް.

 

ސިޔާސީ މީހުންގެ ތެރޭގައި ޚިޔާލުތަފާތުވާ ކަންކަން ހުންނާނެ. އެހެންނަމަވެސް، ސިޔާސީ ލީޑަރުން ކަންކަން ކުރާގޮތުން މުޅި ދިވެހި ރައްޔިތުންނަށް ޢާއްމުވެގެން އުފުލަންޖެހޭ އުނދަގުލެއް އޮންނަންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން.

 

އެހެންވީމާ، މިގޮތުގައި އަޅުގަނޑުގެ ސަޕޯޓަރުން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އިރާދަކުރެއްވިއްޔާ، އަނެއްކާވެސް އަޅުގަނޑުމެން ކުރާނީ، ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތްތަކެއް. އަޅުގަނޑުމެންގެ އަގު ވަޒަންކުރެއްވުމަކީ، ދިވެހި ރައްޔިތުންގެ އަތްޕުޅުމަތީގައި އޮތް ކަމެއް.

 

ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ!

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.