بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން!

ޤައުމީ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އެންމެހައި ބައިވެރިންނާއި، އެ ބައިވެރިންގެ މައިންބަފައިންނާއި، މުދައްރިސުންނާއި، އެންމެހައި މުއައްސަސާތަކާއި އަދި ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ވަގުތު އަޅުގަނޑުމެން އެއްވެ މި ތިބީ ވަރަށް ބަރަކާތްތެރި އެއްވުމެއްގައި. ވަރަށް ދަރުމަޔާއި ރަޙުމަތުން ފުރިގެންވާ ޖަމާވުމެއްގައި.

މި ޝަރަފުވެރި ރަސްމިއްޔާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ އުފާވެރި ރަސްމިއްޔާތު. ކީރިތި ޤުރްއާނަކީ ހިތްތަކުގެ ނޫރު. ނަފްސުތަކުގެ ޝިފާ. ކީރިތި ޤުރްއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު. ސައްތައިން ސައްތަ އިސްލާމީ މި ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑަށް ލިބޭ ކަމެއް. މިފަދަ މުބާރާތްތަކުގައި އެތައް އުމުރުފުރާއަކުން ދަރިވަރުން އެބަ ބައިވެރިވޭ. ޤުރްއާން ކިޔެވުމުގެ ތަފާތު އެތައް ރޮނގަކުން ދަރިވަރުން އެބަ ވާދަކުރޭ. ބައެއް ކުދިން ކިޔަވަނީ ޙަދަރުކޮށް. ބައެއް ކުދީން ތަރުތީލުކޮށް. ބައެއް ކުދީން މަޝްޤުކޮށް. ހަމަ އެހެންމެ، ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުން އެބަ އޮވޭ. މި ކަންކަމާއެކު މިރޭ އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، މި މުބާރާތުން އެކިއެކި ވަނަވަނަތައް ހޯދި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކުބާދީ އަދާކުރުން. އަދި މުބާރާތުގެ ހުރިހާ ބައިވެރީންނަށާއި، އެ ބައިވެރީންނަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ތަރުޙީބާއި ހެޔޮއެދުންތައް ރައްދުކުރުން.

އާދެ، ޝައްކެއް ނެތް! ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރު. އިސްލާމުންގެ ހަޔާތުގެ ހުރިހާ ކަމެއް ބައްޓަންވެގެންދަނީ އެ މާތްފޮތުގެ ވަށައިގެން. އަދި އެ މާތްފޮތް ތަފުސީލުކޮށްދޭ މޫރިތި ނަބަވީ ސުންނަތުގެ ވަށައިގެން. އެހެންކަމުން، މުސްލިމުންގެ ދިރިއުޅުމުގެ މަދަކީ، ނާރެހަކީ މާތްވެގެންވާ ކީރިތި ޤުރްއާން. އަޅުގަނޑުމެން މުސްލިމުން ޙައްޤާއި ބާޠިލު، ރަނގަޅާއި ނުބައި ދެނެގަންނަނީ އަދި އެކަން ކަނޑައަޅަނީ މި މާތް އިލާހީ ބަސްފުޅުތަކުން.

އަޅުގަނޑުމެން ދިވެހީންނަށް ބަލާއިރު، ދިވެހީންނަކީ އިސްލާމްދީންމަތީގައި ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް ނުވަސަތޭކައެއްހާ އަހަރުވަމުންދާ ބައެއް. މި ދިގު މުއްދަތުގައި އަޅުގަނޑުމެންނާ ކީރިތި ޤުރްއާނާ ދެމެދު އުފެދިފައިވަނީ ވަރަށް މަތިވެރި ފުން ގުޅުމެއް. ދިވެހީންގެ ސަގާފަތަކީ ތުއްތުކުދީންނަށް އަކުރު އުނގަންނައިދޭން ފަށާ ހިސާބުން ކީރިތި ޤުރްއާން ދަސްކޮށްދޭން ފެށުން. އެކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު. ދަރީންނަށް ކީރިތި ޤުރްއާން ކިޔަވާށާއި ލިޔާން ދަސްކޮށް ދިނުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣްރިބު ނަމާދާއި ޢިޝާނަމާދާ ދެމެދު ކޮންމެ ގެޔެއްގައި ކީރިތި ޤުރްއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ޤުރްއާން ޚަތިމުކޮށް ދަސްކިޔުއްވުން އޮވޭ. އެއީ އެ ޒަމާން.

16ވަނަ ޤަރުނުގެ ފަހުކޮޅުގައި ރާއްޖެއަށް ތަޖުވީދު ޢިލްމު ތަޢާރުފުވި. އެއީ، މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ މަދަރުސާއިން. ހަމައެހެންމެ، އިސްކަންދަރު ރަސްގެފާނުގެ ޒަމާނަކީވެސް ތަޖުވީދާއެކު ކީރިތި ޤުރްއާން އުނގަންނައި ދެވުނު ޒަމާނެއް. 20ވަނަ ޤަރުނުގެ ކުރީކޮޅުގައިވެސް ތަޖުވީދުގެ ކިލާސްތައް މާލޭގައި ކުރިޔަށްދިޔަ. އޭގެފަހުން، 20ވަނަ ޤަރުނުގެ ފަހުކޮޅުގައި އަނެއްކާވެސް ރާއްޖޭގައި ތަޖުވީދުގެ ޢިލްމަށް އާ ދިރުމެއް ލިބެންފެށި. އެއީ، އެކުވެރި އިސްލާމީ ޕާކިސްތާނުގެ ޤާރީއެއް ދިވެހި ސަރުކާރުން ގެންނަވައި ކުރިއަށް ގެންދެވި ކިލާސްތަކެއް. މިރޭ މި ނަތީޖާ ފާޅުކުރެވޭ މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައިވެސް، މި ދެންނެވި ޤާރީއަށް ދަރިވަރުވެވަޑައިގެންނެވި ބޭފުޅުން އެބަ ހިމެނިވަޑައިގަންނަވާ.

ކޮންމެޔަކަސް، އޭގެ ފަހުން ދެން ހިޖުރީ އާ ޤަރުނަކާއެކު، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެދި، ރާއްޖޭގައި ޢަރަބި ބަހާއި ތަޖުވީދު ޢިލްމު އާންމުވެގެންދިޔަ. މިއަދު މި ބޭއްވޭ މުބާރާތުގެވެސް ފެށުން ގުޅިފައި ވަނީ މި ދެންނެވި އަގުހުރި ޤައުމީ އަދި ދީނީ ޚިދުމަތާ. އެހެންކަމުން، ރާއްޖޭގައި ކީރިތި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމު ތަރައްޤީކުރުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށް މި ފުރުޞަތުގައި އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި ހެޔޮއެދުންތައް ދަންނަވަން.

ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން!

އަޅުގަނޑު ދިވެހި ދައުލަތް ހިންގަން ބޭނުންވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް. ދިވެހީންނަށް އެންމެ މަޞްލަޙަތާއި ރައްކާތެރިކަން ހުރި ގޮތަށް. އެ ގޮތުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމަކީ އަޅުގަނޑު އެންމެ އިސްކަން ދޭނެ ޤައުމީ އެއް ވާޖިބު. އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނަން. ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް އަދި އެ ކަމަށް ހިތްވަރުދީ މަގުކޮށައިދިނުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭނަން. ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރި ވެގެންދިޔުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް. އެއީ، ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު.

މި ގޮތުން ކީރިތި ޤުރްއާނުގެ ޢިލްމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް މިދަނީ އަޅަމުން. ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ، އެ ކަމަށްވެސް ޚާއްޞަ ވިސްނުންތަކެއް މިދަނީ ތަންފީޒުކުރަމުން. މިގޮތުން ބަލާއިރު، މި ވަގުތު މާލޭގައި ހުރީ "ދާރުލް އީމާން"ގެ ނަމުގައި ހުރި އެންމެ ވަޤުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ ހައެއްކަ މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން، "ދާރުއްސަލާމް"ގެ ނަމުގައި އާ ވަޤުފު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެހެންމެ "ދާރުލްއަރްޤަމް"ގެ ނަމުގައި އެހެން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި، އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު އެދަނީ ކުރިއަށް ގެންދަމުން.

މީގެ އިތުރަށް، ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ.

އަޅުގަނޑުމެން ކުޑައިރު ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު ބައެއް. ނަމަވެސް، މިހާރު މި އަދަދު އެތައް ގުނައަކުން އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއް ކުރުން. އެ ކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ޙާފިޡުންނަށް ލިބޭ އިނާޔަތް ދެގުނަޔަށް ބޮޑުކުރެވިގެންދާނެ.

މި ހުރިހާ ކަމަކާއެކު، ކީރިތި ޤުރްއާން އުނގަންނައި ދިނުމަށް، ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުޅިން އާ އިމާރާތެއް ކުރުމަށްޓަކައި ބިން ހަމަޖައްސައި އިމާރާތެއް ކުރެވިގެންދާނެ.

މީގެ އިތުރަށް، އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތަށް މި އަންނަ އަހަރުން ފެށިގެން ވެގެންދާނެ.

މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއްވެސް ދަންނަވާލާނަން. އެ ވާހަކައަކީ، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ. މާތް ﷲގެ ވާގިފުޅާއެކު
އެ ކަންތައްވެސް ޙަޤީޤަތަކަށް ހަދާނަން.

އާދެ، ކީރިތި ޤުރްއާނަށް މިހާ ބޮޑު އިސްކަމެއް މިދެނީ ކީއްވެތޯ؟ ޖަވާބު އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފު. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި މި ވަގުތު މިހިރަ އަޚްލާޤީ ހުރިހާ މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރްއާން. އަޅުގަނޑުމެން ޖެހެނީ އެ ފޮތަށް އެނބުރި ދާން. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި ޢަމަލުން ސީދާވާން. އަޅުގަނޑުމެންގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށްވެސް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާން ކަމުގައިވުން އެއީ ދިވެހީންނަށް، ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް. އެހެންކަމުން، ކީރިތި ޤުރްއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނަން. މާލީގޮތުން. ވަސީލަތުގެ ގޮތުން. އަދި ކުރެވޭ ހޭދަޔާއި، ދެވޭ އިނާމާއި، އަގުވަޒަންކުރުމާއި، ހިތްވަރުދިނުމުގެ ގޮތުންވެސްމެ. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ޢަމަލުން މިކަމުގައިވެސް ނަތީޖާ ފެންނަން.

އޭރުން އިރާދަކުރެއްވިއްޔާ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ޤުރްއާން އުނގެނުމާއި، އުނގަންނައި ދިނުމުގެ ދާއިރާއަށް އަދި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކަށް އިންޤިލާބީ އިޞްލާޙީ ބަދަލެއް އަންނާނެ. އަޅުގަނޑުގެ ހުވަފެނަކީ އެ ދުވަސް. ތަޞައްވުރަކީ އެ ޒަމާން. އަމާޒަކީ އެ އަމާޒު.

ކީރިތި ޤުރްއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނަން. ނިހާޔަތަށް ޝައުޤުވެރިވާނަން.

އާދެ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ނިޔަތާއި ޢަމަލުގެ މަސްދަރަކީ، ކީރިތި ޤުރްއާން ކަމުގައި ހެދުން. އަޅުގަނޑުމެން އިލްހާމާއި އިރުޝާދު ލިބިގަންނަ ދަރެސްގާހަކީ މާތްވެގެންވާ ކީރިތި ޤުރްއާން ކަމުގައި ހެދުން. އަޅުގަނޑުމެންގެ އުންމީދުތަކަށް، ހުވަފެންތަކަށް، އަލިކަން ގެންނަ ދަންމަރަކީ، މި މަތިވެރި ފޮތް ކަމުގައި އަބަދުވެސް އަޅުގަނޑުމެން ކޮންމެ މީހަކުމެ އަޅުގަނޑުމެންގެ ނަފުސުތަކަށް ހަނދާންކޮށްދިނުން. ދުޢާއަކީ އެގޮތުން އަޅުގަނޑުމެންގެ ހިތްތަކާއި އަޅުގަނޑުމެންގެ ވެށްޓާއި، ރާއްޖެއަށް ހަމަޖެހުމާއި އަމާންކަމާއި ހިތްފަސޭހަކަން އާންމުވުން.

މާތް ﷲ މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރައްވާށި!

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދުމެ ލަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.