ކަޅުވަކަރު މިސްކިތަކީ ދެންމެ، ކުރީގައި ވާހަކަ ދެއްކެވި ބޭފުޅުންވެސް އިޝާރާތް ކުރެއްވި ފަދައިން، ވަރަށް ގިނަ ތަންތަނަށް ބަދަލުވެފައިހުރި މިސްކިތެއް. އަޅުގަނޑު ވަރަށް ކުޑަކުޑަ ހަނދާނެއް ހުރޭ. ޙަޤީޤަތުގައި މަންދު މުޙަންމަދު ވަޙީދު، ބަހާއި ތާރީޚާ އަދަބަށް ޚިދްމަތްކުރާ ޤައުމީ މަޖިލީހަށް ބަދަލުވީ މި މިސްކިތާއެކުގައި. އިބްރާހީމް ނާޞިރުގެ ސަރުކާރުގައި މި މިސްކިތް ބަދަލުކުރެވުނު ފުރަނަފުށްޓަށް. ދެން އަޅުގަނޑު ހަނދާންވަނީ، އޭރުގައި އެތަނުގައި މަންދު މުޙައްމަދު ވަޙީދު މަސައްކަތްކުރައްވަން އުޅުއްވި. ދެން އުޅުއްވާފައި މި މިސްކިތް މާލެއަށް އަނެއްކާ އަލުން އަނބުރާ ބަދަލުކުރެވޭ ގޮތްވީމާ، މާލެއަށް، މިތަނަށް އޭރު މިސްކިތް ބަދަލުކުރެވުނީ. ބައެއް މީހުން ބުނޭ މި މިސްކިތް، ކަޅުވަކަރު މިސްކިތް، އަޅުގަނޑުމެން މި ފަހަކަށް އައިސް ދެކެންފެށިއިރު ހުރިތާ ހުރުމުގެ ކުރީގައި މާލޭ އަދި އެހެން ތަނެއްގައިވެސް ހުއްޓޭ.

ކޮންމެއަކަސް، މި ބާވަތަށް އެޅޭ މިސްކިތްތައް، ނުވަތަ ޢިމާރާތްތައް، މާލޭ ހުކުރު މިސްކިތް ދެން މީގެ ސީދާ އެންމެ ފުރިހަމަ ޖަރީއަކީ. ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ޘަޤާފަތް ފެތުރިގެން އައިއިރުގައި މި ބާވަތުގެ މިސްކިތްތައް ބިނާވެގެންދިޔަ. ފަހުން އައިސް ޔޫރަޕުގެ އާކިޓެކްޗަރުން ނުވަތަ އިންޑިޔާގެ ތާރީޚު ލިޔުންތެރިން މި މިސްކިތްތަކަށް ކިޔާ އުޅުނީ "މިނިޗުއަރ މޯގަލް އާކިޓެކްޗަރ" އޭ. ވަރަށް ބޮޑުކޮށް އިންޑިޔާގައި ހުންނަނީ ބައެއް ތަންތަނުގައި. ހުއްޓާ ކުއްލިއަކަށް މިޤައުމުތަކުގައި މިނިޗުއަރ، ވަރަށް ކުޑަކޮށް، ހުރިހާކަމެއް ކަވިކަވިކޮށް ކޮށްލާފައި ހުރި މިސްކިތްތަކެއް ނުކުންނަން ފެށީ. ދެން ރާއްޖޭގައި ހަމަގައިމުވެސް ހާހެއްހާ އަހަރުވެފައި ނުވަތަ ހަތްސަތޭކަ އައްސަތޭކަ އަހަރުވެފައި ހުރި މިބާވަތުގެ ބިނާއެއް އަދިވެސް ފެންނަން އެބަހުރި. މި މިސްކިތްތައް ދެން ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަބަދުވެސް މި ބޯޑަރުތަކާއި އަދި އެހުރި ގޮޅިތަކާއި ފޮފަ ނަގާފަހުރި ކުރެހުންތައް ދާދި އެއްގޮތަކަށް ހުންނާނީ. ދެންކޮންމެ މިސްކިތެއްގައިވެސް އަދި ޚާއްޞަކޮށް ހުންނާނެ ފޮފަ ނަގާފައި، ގަލުގައި ކަނޑާފައި ހުންނަ ދޮރެއް. ދޮރުގެ ތަޅުދަނޑިޔާއެކީގައި. އެދޮރު ހަތަރު ބިތުގައިވެސް ޙަޤީޤަތުގައި ހުރޭ. އެދޮރު އެއީ މިސްކިތުގެ މައި ދޮރުވެސްމެ. އަޅުގަނޑު ކައިރީގައި ބައެއް ބޭފުޅުން އެއްދުވަހަކު ވިދާޅުވި ހަތް ދޮރު ހުންނާނެއޭވެސް. މިބާވަތުގެ މިސްކިތް ހުރޭ ޒެންޒިބާރުގައިވެސް. ހުންނައިރު ޒެންޒިބާރުގައިވެސް ހަމަ މިބާވަތުގެ މިސްކިތެއްވެއްޖިއްޔާ ދޮރު ހުރޭ. ބޭރުވެލާގައިވެސް، މިބާވަތުގެ ބައެއް މިސްކިތް ތަންކޮޅެއް ކުރީގައި ހުރި. ދެން އިންޑިޔާގައި ކުޑަކުޑަކޮށް މިބާވަތުގެ މިސްކިތްހުރި.

މިމިސްކިތްތަކުން ދިވެހިންގެ މަސައްކަތްތެރިކަމާއި، އަދި ބިނާކުރުމުގެ ފަންނާއި ރާއްޖޭގައި މިކަންކަން ކުރެވެމުން އައި ގޮތާ، މިކަންކަމާ ގުޅޭގޮތުން ވަރަށް ގިނަ ތާރީޚީ މަޢްލޫމާތު އަޅުގަނޑުމެނަށް ހޯދޭ، މިސްކިތްތައް ބޭނުންކޮށްގެން. މި ކަޅުވަކަރު މިސްކިތުގައި އެންމެ ފާހަގަވާ އެކައްޗަކަށް ހުންނާނީ އެންމެ ފުރަތަމަ ތާނަ އަކުރުން މިހުރި، މިހާރު މިބޭނުންކުރާ ދިވެސް އަކުރު ދޫކޮށް، ގަބުޅިތާނަ ދޫކޮށް، އެވޭލާ އަކުރު ދޫކޮށް، މިހާރު މިބޭނުންކުރާ ތާނަ އަކުރުން ލިޔެފައިހުރި ލިޔުން. (މިލިޔުން) އެންމެ ފުރަތަމަ ފެންނަން ހުރި މިސްކިތެއްކަމަށް ބުނަނީ ކޮޅުފުށީ މިސްކިތް. އެތަނުގައި އެންމެ ފުރަތަމައިނުން ތާނަ އަކުރުން ލިޔެވިފައި ހުރީ. ދެން މިހާރު މި މިސްކިތް ބިނާވެފައި މިހިރީ ދޮންބަންޑާރައިންގެ ރަސްކަމަށްވެސް ފަހު. އެހެންވީމާ، އޭރު އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ ތާނަ އަކުރުން ލިޔަން މިފެށީ ޝައިޚް މުޙަންމަދު ޖަމާލުއްދީން ވާދޫ ދަންނަކަލޭގެފާނަށް ފަހުއޭ، ތާނައަކުރުން ލިޔެވެން ފެށީ. އެއީ، ބޮޑުތަކުރުފާނު ރާއްޖެ އިސްލާމްކުރެއްވުމަށްފަހު ވާދޫ ދަންނަކަލޭފާނު ހަދަރުމަތުގައި 30 އަހަރު އުޅުއްވަނިކޮށް އެނބުރި މާލެ ގެންނަވައި، ރާއްޖެ ގެންނަވައި އަލުން އަނބުރައި ދީނީ ކަންކަމާއި ޢިލްމުގެ ކަންކަން ރާއްޖޭގައި ފަތުރުއްވަން ފެއްޓެވިއިރުގައި އެރޫޙުގައި އެޖޯޝުގައި އެދުވަސްވަރުގެ ބަދަލާއެކުގައިހެން މި ލަފާ މިކުރެވެނީ އެވޭލާ އަކުރު ދޫކޮށްލެވުނީ. ނުވަތަ ގަބުޅިތާނަ ދޫކޮށްލެވުނީ. ދެން ގަބުޅިތާނަ ދޫކޮށްލެވުމާ ގުޅޭގޮތުން ދެކެވޭ ވަރަށް ގިނަ ވާހަކަހުރޭ.

ކޮންމެއަކަސް މި މިސްކިތުގައި ފާހަގަވާ އެންމެ މުހިންމު، ބައެއް ބޭފުޅުންނަށް ފާހަގަވާ އެއްކަމަކީ އެއީ. ތާނައަކުރުން ލިޔެފައި ހުރި ހުރުން. މި މިސްކިތާ ހަމަ ދެބެންގެ ދެދަރި މިސްކިތެކޭ ދެންނެވޭނީވެސް އެއީ، ޙަސަން ނޫރައްދީންI ގެ ދޮންބަންޑާރައިންގެ ބޭފުޅެއް. ކަޅުބަންޑާރައިންގެ ކޮއްކޯފުޅު، އެބޭފުޅާގެ ރަސްކަމުގައި ބިނާކުރެވުނު މިސްކިތެއް. ކަޅުބަންޑާރައިންނަކީ ކަކާގޭ ކަޅުގޮމާގެ ބޭފުޅެއް. ކަކާގޭ ކަޅުގޮމާގެ މިސްކިތް "ފެންފުށީ ކަކާތަކުރުފާނު މިސްކިތް" ފެންފުށީގައި ހުންނާނެ ހަމަ މިބާވަތުގެ މިހެން ހުރި މިސްކިތެއް. އެމިސްކިތް ދާދި އިހަކަށްދުވަހު އަޅުގަނޑު ދުށިން. އެމިސްކިތް މިހާރު ވީރާނާވެ ދަނީ. އަވަހަށް އެމިސްކިތް ސަލާމަތްކުރެވޭތޯ ބެލުން (މުހިންމު.) ކަޅުވަކަރު މިސްކިތާ ދެބެންގެ ދެދަރި މިސްކިތެއް ހުރިއްޔާ އެމިސްކިތް ހުރީ ފެންފުށީގައި. ދެން ހަމަގައިމުވެސް މިތަނަށް ކަޅުވަކަރު މިސްކިތް ކިޔޭނީ ކަޅުވަކަރުން މި މިސްކިތުގެ ކޮންމެވެސް ބައެއް، ބޮޑުބައެއްނަމަވެސް އިމާރާތްކުރެވިފައި ހެދިފައި ހުރީތީވެ. އެހެންވީމާ، މިއަދު އެ ކަޅުވަކަރު އެގޮތުގައިވެސް ފެންނަން ބައެއް ތަންތަނުންވެސް އެބަހުރި. ޚާއްޞަގޮތެއްގައި މި މިސްކިތަކީ، ކަޅުވަކަރު މިސްކިތް.

ރާއްޖޭގައި މިބާވަތުގެ ވަރަށް ގިނަ ބިނާތައް އެބަހުރި. މީދޫ ކޯގަންނާގެ ހަތް މިސްކިތް، ފުވައްމުލަކު ގެން މިސްކިތް. ދެން މިފާހަގަކުރެވޭ މިސްކިތްތައް. ހަމަ މިވަރަށް ހުރި ރަސްގެތީމު ހުކުރު މިސްކިތެއް 94 ވަނަ އަހަރު. 95 ވަނަ އަހަރު ތަޅާލެވުނީ. 95 އާ ހަމައަށް އައިއިރުގައިވެސް މިބާވަތުގެ ބައިވަރު މިސްކިތް ހުރި. ހަމަ އަޅުގަނޑުމެންނަށް މިމިސްކިތްތައް އުކާލެވުނީ. މިހާރު މިހިރީ ވަރަށް މަދު މިސްކިތް ކޮޅެއް.

ދެރޫޙެއްގައި މިސްކިތްތައް ހަލާކުކޮށްލެވޭ. ފުރަތަމަ ޖޯޝެއް މިއަންނަނީ، ދީނީގޮތުން ބިދުޢައެއްކަމަށް ބުނެ ޒިޔާރަތްތަކާ މިސްކިތްތަކަށް ހަމަލާދިނުން. ކުރީ ޒަމާނުގައި ސޫފީ ދަންނަ ބޭކަލުން ނުވަތަ އެހެން މަޛްހަބެއްގެ ދީނީ ހަމަތަކުގެ ތެރެއިން އުފެދިފައި ހުންނަ ޘަޤާފަތްތައް ދުއްވާލުމަށް. އަލަށް އުފެދޭ، އެހެން އާ ޖޯޝާއެކީގައި އުފެދޭ އެހެން ފަލްސަފާތަކުން ނުވަތަ އެހެން ގޮތްތަކުން އެބަ މަސައްކަތްކުރޭ.

އަނެއް ބާވަތަކަށް މިވަނީ ތިމަންނާގެ ރަސްކަމުގައި ނުވަތަ ވެރިކަމުގައި ނޫނީ ބިނާއެއް ހުރުން އެއީ، ރައްޔިތުންނަށް ތިމަންނާގެ ހައިބަތާއި ޤަދަރާއި ޢިއްޒަތް، އުނިވާ ކަމެއްގެ ގޮތުގައި ވެރިންނަށް ދެކެވޭ ދެކުން. އެހެންވީމާ، މާޒީ ފޮހެލަން އެބަޖެހޭ. ދުނިޔެ ފެށެނީ ތިމަންނާއިން، ތިމަންނާއަށްސުރެ. އެވިސްނުމުގައި ބައެއް ވެރިން މިސްކިތްތައް ރޫޅާލައި ނުވަތަ އަޅާނުލާ ދޭ. މިނޫން ޙަޤީޤަތުގައި ފަރުވާކުޑަކަމަކުންނޭ އަޅުގަނޑެއް ނުދަންނަވާނަން ނުވަތަ އަޅާނުލެވިގެނެއް ނުވަތަ މުހިންމުކަން ނުވިސްނިގެނެއް މިސްކިތަކާ މިބާވަތުގެ ތާރީޚީ ތަރިކައަކާ އަޅާނުލާ ހުރެދާނެކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އެހެންވީމާ، މިދެބާވަތުގެ ރޫޙަށް ނުވަތަ އެޖޯޝުގައި އެނުކުންނަ ނުކުތުމަށް އަޅުގަނޑު ރައްޔިތުން ވިސްނުމަށް ހަމަ އަބަދުވެސް އެދެން. ފުރަތަމަކަމަކީ، ބިދުޢަގެގޮތުގައި މިސްކިތްތަކާއި ޒިޔާރަތްތައް ހަލާކުކޮށްލުން. ދެވަނަ ކަމަކީ، ތިމަންނާގެ ކުރި، ތިމަންނާގެ ފަހަތް ނައްތާލުމުގައި މިސްކިތްތަކާއި ޒިޔާރަތްތައް ހަލާކުކޮށްލުން.

އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުމެންނަށް ޤައުމެއްގެ ސިފައިގައި ދެމިއޮތުމަށް ބޭނުންވާ އެންމެ މުހިންމު އެއް މަޢުދަނަކީ، އެއްޗަކީ، އަޅުގަނޑުމެންގެ ޘަޤާފަތާއި އަޅުގަނޑުމެންގެ ތާރީޚް. އަޅުގަނޑުމެން މިހިސާބަށް އައިގޮތް. އަޅުގަނޑުމެންގެ ވޭތުވެދިޔަ ޒަމާން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުމެންނަށް ޤައުމިއްޔަތެއް ބިނާކުރުމުގައި މިތަކެއްޗަށް އަރައިނުގަނެ ސަލާމަތްކުރަމުން ގޮސް އެޤައުމިއްޔަތު އަޅުގަނޑުމެނަށް ބިނާކުރެވޭނެކަން.

ސަލާމަތްކުރަން ނުވަތަ ރައްކާތެރިކުރަންހުރި ތަކެތި ވަރަށް ގިނަ. 5 އަހަރުގެ މުއްދަތުގެ ތެރޭގައި އެކަން ކުރެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް ބަލާނަން. މިފަހަރު އަޅުގަނޑު އިނގިރޭސިވިލާތަށް ކުރި ދަތުރުގައި އިނގިރޭސި ރާނީއާ ދިމާވި. އެކަމަނާ އެއްސެވި، ރާނީ އެއްސެވި، އަޅުގަނޑު ދިވެހިރާއްޖެއަށް އެންމެ ކުރަން ބޭނުންވާ އެއްކަމަކީ ކޮބައިހެއްޔޭ؟ ދެން އަޅުގަނޑު ދެންނެވިން ސީދާ އަޅުގަނޑުކައިރީގައި އެއްސެވީމާ ދަންނަވަންތޯއޭ އަޅުގަނޑަށްވެސް އެނގެއޭ، ތަޢްލީމުގެ މުހިންމުކަމާއި އަޅުގަނޑަށްވެސް އެނގެއޭ، ޞިއްޙަތު ތަރައްޤީ ކުރުމާއި، ގެދޮރު އެޅުމާއި، މަގުތައް ހެދުމާއި، ދަތުރުފަތުރުކުރުމާއި، އެއަރޕޯޓްތައް ހެދުމާއި، މިބާވަތުގެ ކަންކަން ވަރަށް މުހިންމޭ. އެކަމު އަޅުގަނޑަށް ސީދާ އެންމެ މުހިންމީ ކަރުދާސްތައް ސަލާމަތް ކުރެވޭނެ ގޮތެއްވުމޭ. އާސާރީ ބިނާތައް ސަލާމަތްކުރެވޭނެ ގޮތެއްވުމޭ. ރާއްޖޭގައި ހުރި ހުރިހާ ލިޔެ ކިޔުމެއް، ކުރިއަށް މިއޮތް އަޅުގަނޑު ދަންނަވާނީ ވިއްސަކަށް އަހަރު ތެރޭގައި ހަލާކުވާނެއޭ، އެ ސަލާމަތްނުކުރެވިއްޖިއްޔާ. އެލިޔުންތައް ފިއުމިގޭޓްކޮށް، އެލިޔުންތައް ރަނގަޅަށް ޕްރިޒަރވްކޮށް ކޮންޒަރވްކޮށް ނުހެދެންޏާ އެތަކެތި ހަލާކުވެދާނެއޭ. ހަމައެހެންމެ، މިސްކިތްތައްވެސް ވީރާނާވެ މިދަނީ މީ ޒަމާންވީ މިސްކިތްތައް. އަވަސް ގޮތެއްގައި އުޅެވުނިއްޔާ އަޅުގަނޑުމެންނަށް މިކަންވާނީ. އަޅުގަނޑަށް ލަފާކުރެވެނީ މިހާރު މިފަހަރު މި މިސްކިތަށް ދޮޅުލައްކައެއްހާ ރުފިޔާ ޚަރަދުވިހެން އަޅުގަނޑަށް ހީވަނީ. އެހެންނަމަވެސް، ދެން ކޮންމެ މިސްކިތަކަށް އަޅުގަނޑުމެންނަށް ތިން ހަތަރު ލައްކަ ރުފިޔާ ގެންގުޅެވެންޖެހޭނެ. ގެންގުޅެގެން ރާއްޖޭގެ މިހުރި މި މިސްކިތްތައް ސަލާމަތްކުރެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. ޚަރަދު ކުޑަކުރެވެން އޮތް ދިމާއެއް ކަމަކަށް އަޅުގަނޑެއް ނުދެކެން މިއީކީއެއް. ބަޖެޓު އެކުލަވާލާއިރުގައި އަޅުގަނޑު އަބަދުވެސް އެދެން، މިދިމާއިން މިމަސައްކަތްކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ކަންތައްތައް ރޭވުން.

ދިވެހިބަހާއި ތާރީޚަށް އަދަބަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒަކީ، ވަރަށް ގިނަ ހުނަރުވެރި ބޭފުޅުންތަކެއް އުޅުއްވާ ތަނެއް. ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ ތެރޭގައި ވަރަށް ގިނަ ލިޔުންތަކާއި އަދި ޚާއްޞަކޮށް އޭގެތެރެއަށް ވެދެވަޑައިގެން ތިއްބެވި ބޭފުޅުން އުޅުއްވާ ތަނެއް. އަޅުގަނޑު އަބަދުވެސް އެތަނަށް ޝުކުރުވެރިވަން. އެތަނުން އެހިންގާ މަސައްކަތްތައް ދެމިއޮންނާނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެތަނުގެ އޮފީހާއި، އެތަން ހަރުދަނާކުރުމާއި، އެތަނަށް އެކަށީގެންވާ މީހުންނާއި، އެތަނަށް ބޭނުންވާނޭ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުންވެސް އެއީ، އަޅުގަނޑުމެންނަށް ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެންގެ އެއްވެސްކަމަކީ، މާދަމާ އަޅުގަނޑުމެންނަށް ކުއްލިއަކަށް ކުރެވެން ހުރި ކަންތައްތަކެއް ނޫން. އަޅުގަނޑުމެންނަށް އެހެންނަމަވެސް، ރާވައިގެން، ވިސްނައިގެން، ބަލައިގެން، އަޅުގަނޑުމެންގެ މަންޒަރެއް، އަޅުގަނޑުމެންގެ އުންމީދެއް، އަޅުގަނޑުމެންގެ ތަޞައްވުރެއް އެބައޮތް. އަޅުގަނޑުމެންގެ އަމާޒެއް އެބައޮތް، އަޅުގަނޑުމެން ދަތުރުކުރަނީ އެ އަމާޒަށް. އަޅުގަނޑުމެންނަކަށް އެ މީޒާނުން ކައްސައެއް ނުލެވޭނެ. އެމަގަކުންނެއް އަޅުގަނޑުމެންނެއް އެއްކައިރިއަކަށް ނުދާނަން. އަޅުގަނޑުމެންގެ އަނެއް ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގެ ޘަޤާފަތަކީ ދިވެހީންނަށް އޭގެ ފުރިހަމަ އުފާ ލިބިގަނެވޭނޭ ޘަޤާފަތަކާއި ތާރީޚަކަށް އިރާދަކުރެއްވިއްޔާ ހަދައިދިނުމަށް މި ސަރުކާރުން މަސައްކަތްކުރާނެ.

އާދެ، ޘަޤާފީ ކަންކަން ދިރުވުމުގައި އަޅުގަނޑު އުންމީދުކުރަނީ މާދަމާ ވެގެންދާނީ އަދި މިއަދަށްވުރެ މާ އުފާވެރި ދުވަހަކަށޭ.