ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޢަބްދުއްޝަކޫރު ޢަލީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އާސަހަރާއަށް ވަޑައިގެން ޢަބްދުއްޝަކޫރު ޢަލީގެ އާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވާ ތައުޒިޔާ ވިދާޅުވެފައެވެ.

ޢަބްދުއްޝަކޫރު ޢަލީ އަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށާއި ޢަބްދުއްޝަކޫރަކީ ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްވެސް ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވައެވެ.

ޢަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޢަބްދުއްޝަކޫރަކީ އުރުދޫ ބަހުން ދިވެހިބަހަށް ވަރަށް ފުރިހަމަ ގިނަ ލިއުންތަކެއް ތަރުޖަމާކުރައްވައި ހަދިޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބްދުއްޝަކޫރު އެންމެ ފަހުން ފުރުއްވާފައިވަނީ ރައީސުލްކުމްހޫރިއްޔާގެ އޮފީހުގެ މުޝީރުގެ މަޤާމެވެ. މީގެއިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުހިންމު ބައެއް މަޤާމުތައް ޢަބްދުއްޝަކޫރު ފުރުއްވާފައިވެއެވެ. ރައީސް އޮފީހުގެ އިތުރުން މަޙްކަމަތުލް ޝަރިއްޔާ، ވުޒާރާތުލް މާލިއްޔާ އަދި މޯލްޑިވިއަން ގަވަމަންޓް ބޮޑު އިސްޓޯރުގެ ބައެއް މުހިންމު މަޤާމުތައްވެސް ޢަބްދުއްޝަކޫރު އަދާކުރައްވާފައިވެއެވެ.   

އަލްމަރްޙޫމް ޢަބްދުއްޝަކޫރު ޢަލީ އަވަހާރަވިއިރު އަނބިކަނބަލަކާއި 8 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން 4 ބޭފުޅަކާއި، 4 އަންހެން ބޭފުޅުންނެވެ.