ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިއަދުން ފެށިގެން ފަނަރަ ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރައްވައިފިއެވެ. މިޙާލަތު ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާނުކުރެއްވީ 5 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު (2018/3) އިންއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރަކީ 1 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު: 2018/SC-SJ/01 އަމުރުގެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތަކަށް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށްގޮސް، ދައުލަތުގެ ހިންގުން އެ އަމުރާ އެއްގޮތަށް ހިންގަން ފަށައިފިނަމަ، ޤާނޫނުއަސާސީގެ ބޭނުން ކެނޑިދާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ފެނިވަޑައިގަންނަވާތީ ނެރުއްވި ޤަރާރެކެވެ.
މި ޤަރާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރިކަމުގައިވީނަމަވެސް، މިޙާލަތާ ގުޅިގެން އެ ހިނދަށް އަޅަންޖެހޭ ފިޔަވަޅުތައް ފިޔަވައި، ޢާންމު ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތްކަމާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭނެކަމާއި، އެފަރާތްތަކުގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ސަބަބުން ޢަމަލުކުރުން ހުއްޓާލެވޭ ޤާނޫނުގެ ބައިތަކުގެ ތެރޭގައި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 12 ވަނަ މާއްދާ (ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު) އާއި 14 ވަނަ މާއްދާ (ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މަޢުލޫމާތު އެ ފަނޑިޔާރަށް ލިބުން) ހިމެނެއެވެ.
އަދި މި ޤަރާރުގެ ސަބަބުން ޤާނޫނުއަސާސީގެ ހިފެހެއްޓޭ ނުވަތަ ހަނިކުރެވޭ މާއްދާތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.
1. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުން)؛
2. ޤާނޫނުއަސާސީގެ 29 ވަނަ މާއްދާ (މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން)؛
3. ޤާނޫނުއަސާސީގެ 31 ވަނަ މާއްދާ (ހަޅުތާލުކުރުމުގެ ޙައްޤު)؛
4. ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ (އެއްވެއުޅުމުގެ މިނިވަންކަން)؛
5. ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ (ޢަދުލުވެރިކަމާއެކު އިދާރި ފިޔަވަޅުތައްއެޅުން)؛
6. ޤާނޫނުއަސާސީގެ 44 ވަނަ މާއްދާ (ޝަޚްޞީ ޒިންމާ)؛
7. ޤާނޫނުއަސާސީގެ 45 ވަނަ މާއްދާ (ޤާނޫނާ ޙިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން)؛
8. ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު)؛
9. ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ (ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން)؛
10. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން)؛
11. ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ (އަވަހަށް މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާ ކުރުން)؛
12. ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ޙައްޤު)؛
13. ޤާނޫނުއަސާސީގެ 58 ވަނަ މާއްދާ (ބަދަލު ލިބިދިނުން)؛
14. ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ (ޙައްލުހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤު)؛
15. ޤާނޫނުއަސާސީގެ 99 ވަނަ މާއްދާ (މީހުން ހާޒިރުކުރުން)؛
16. ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުން)؛
17. ޤާނޫނުއަސާސީގެ 101 ވަނަ މާއްދާ (ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު)؛
18. ޤާނޫނުއަސާސީގެ 113 ވަނަ މާއްދާ (ސުޕްރީމްކޯޓުގެ ނިންމުން)؛
19. ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ)؛
20. ޤާނޫނުއަސާސީގެ 228 ވަނަ މާއްދާ (ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުން).
21. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)