بســم اللّـه الرّحمـن الرّحيــم
 
السلام عليكم ورحمةالله وبركاته؛
           
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އޭގެފަހުގައި، މިއަދު ކުޑަފަރީއަށް އައިސް، ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ މި ފުރުޞަތު ލިބުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް އަދި ކުޑަފަރީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް އިޚުލާޞްތެރި މަރުޙަބާއަށްޓަކައި ހިތުގެ އެންމެ އަޑިން ކުޑަފަރީގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑު މިހާރު މިއުޅެނީ ނ. އަތޮޅުގެ ރަށްތަކަށް ކުރާ ޒިޔާރަތެއްގައި. އަޅުގަނޑު މިކުރާ ދަތުރުތަކުގެ ބޭނުން ތިޔަބޭފުޅުންނަށް އޮންނާނީ އަޅުގަނޑު ހިތުން ވަރަށް ރަނގަޅަށް ފިލައިވަޑައިގެންފައި. އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވީއްސުރެ ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން، ރާއްޖެތެރޭގެ ކަންތައްތައް އަޅުގަނޑު އަމިއްލަ ލޮލުން ދެކިލުމަށްޓަކައި، ރާއްޖެތެރޭގެ ރަށްރަށަށް ޒިޔާރަތްކޮށް، އެތަންތާނގެ އަހުލުވެރިންނާ ބައްދަލުކޮށް، އެމީހުންގެ ހާލު އަހުވާލު ބަލައި، އެމީހުންގެ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ކޮބައިތޯ ބަލައި، އަދި އެ މަސައްކަތްތަކަށް ސަރުކާރުން އެއްވެސް އެހީއެއް ވެވެން އޮތްތޯ ބަލައި ހެދުން. މިއީ އަޅުގަނޑު ހިތުން ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނަ މީހެއްގެ ވާޖިބަކަށް ނުވެނުދާނެ. އެހެންވީމާ، އެވާޖިބު އަދާކުރުމުގެ ގޮތުން، އަޅުގަނޑު މި ދަތުރުތައް މިކުރަނީ. މީގެކުރިން، މިދަތުރު ފެށުމުގެ ކުރިން، އަޅުގަނޑަށް ރާއްޖޭގައި މީހުން ދިރިއުޅޭ ދުއިސައްތަ ދެރަށުގެ ތެރެއިން ސަތޭކަ ބައްތިރީސް ރަށަށް ވަނީ ޒިޔާރަތް ކުރެވިފައި.
 
އާދެ، 1979 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އަޅުގަނޑު މިކުރަމުން ގެންދާ ދަތުރުތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހަމައެފަދައިން ސަރުކާރުގެ އެހެން ބައެއް ވެރިން ރާއްޖެތެރެއަށް ކުރައްވާ ދަތުރުތަކުން ސަރުކާރަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މިހާރުވަނީ، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ވަރަށް މުހިންމު މަޝްރޫޢެއް ކަނޑައެޅިފައި. އަދި އެމަޝްރޫޢަށް މިހާރުދަނީ ޢަމަލުކުރެވެމުން. އާދެ، އޭގެތެރޭގައި، ވަރަށްގިނަ ކަންތައްތައް ހިމެނޭ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް، އާދެ، އިބްތިދާއީ މަދަރުސާއެއް ހިންގުން. މެދުކެނޑުމެއްނެތި 10 އަހަރު ވެފައިވާ އަމިއްލަ މަކްތަބުތަކަށާއި، މަދަރުސާތަކަށް ސަރުކާރުން އެހީވެދިނުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން. އަތޮޅުއޮފީސްތަކަށް މުވައްޒަފުން އިތުރުކޮށްދިނުން. ރަށްރަށުގެ ރަށުއޮފީސްތަކަށް މުވައްޒަފުން އިތުރުކޮށްދިނުން. މިސްކިތްތައް މަރާމާތުކުރުން. ބައެއް ރަށްރަށުގައި އަލުން މިސްކިތް ޢިމާރާތް ކުރުން. ރަށްރަށުގެ ރަށުއޮފީސްތައް މަރާމާތު ކުރުން ނުވަތަ ޢިމާރާތް ކުރުން. ރަށްރަށުގެ ފަޅުތެރެކޮނުން، ނެރު ގޮއްވުން. އެހެންގޮސް ރާއްޖެތެރޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ކޮށްދިނުން، މިދެންނެވި މަޝްރޫޢުގެ ދަށުން މިހާރު ކުރެވެމުން އެބަދޭ.
 
އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ޙާލަތު އޮތީ ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހިފައި. ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައި. ސަބަބަކީ މީގެކުރިން ރާއްޖެތެރެއަށް އެއްވެސްކަހަލަ އަހަންމިއްޔަތެއް ސަރުކާރުން ދެވިފައިނުވާކަން. އެހެންވުމުގެ ސަބަބުން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ޚާއްޞަ ކުރެވިފައި އޮތީ ހަމައެކަނި މާލެއަށް. އާދެ، މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް. އެގޮތުން މާލެއަށް ޚާއްޞަ ޢިނާޔަތެއް ދިނުން އެއީ ނެތް ކަމެއް ނޫން. މާލެ، ރާއްޖޭގެ ނިސްބަތުގައި ކުރިއަރަންޖެހޭނެ. އެކަމަކު ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ހަމައެކަނި މާލެއަށް ޚާއްޞަކުރެވިފައި އޮވެގެން އެއީ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރެވުނީ ކަމުގައެއް އަޅުގަނޑު ނުދެކެން. އެ ޚިދުމަތްތައް މުޅި ރާއްޖެތެރެއަށް ފެތުރެންވާނެ. އާދެ، އެންމެ މިސާލެއް ދަންނަވާ ކަމަށްވަންޏާ، ތަޢުލީމު. މީގެކުރިން ރާއްޖޭގައި، ސަރުކާރުގެ ޚަރަދުގައި ހިނގާ ހުރީ ހަމައެކަނި އެންމެ ތިން ސްކޫލް. އެއީ މާލޭގައި ހުރި ތިން ސްކޫލް. އެ ތިން ސްކޫލުން ކިޔެވުމުގެ ފައިދާ ހާސިލު ކުރެވެނީ ހަމައެކަނި މާލޭގެ ކުދިންނަށް. ނޫނީ ރާއްޖެތެރޭގެ މީހުންގެ ތެރެއިންވެސް މާލޭގައި ވަޒަންވެރިވެގެން ނުވަތަ މާލޭގައި ކުދިން ބައިތިއްބޭވަރުގެ ތަނަވަސްކަންހުރި މީހުންނަށް. އޭގެއިތުރުން ރާއްޖެތެރޭގައި އެއްވެސްކަހަލަ ސްކޫލެއް ސަރުކާރުގެ ފަރާތުން ހުޅުވައިފައެއް ނެތް. އަދި ހިންގަމުންވެސް ނުގެންދޭ. އެކަމަކު އެއީ އެކަން އޮންނަންވީ ގޮތެއް ނޫން. ތަޢުލީމަކީ އެންމެބޮޑު އަހަންމިއްޔަތެއް އަޅުގަނޑުމެން ދޭންޖެހޭނެ ކަންތައް. ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނޯންނާނެ. [ތަޢުލީމު] އެ ލަފުޒު އަޅުގަނޑުމެން ބޭނުންކުރަނީ އޭގެ އެންމެ ފުރިހަމަ ނުވަތަ އެންމެފުޅާ މާނައިގައި. ތަޢުލީމަކީ އުނގެނުން، ކަންތައްތައް ދަސްކުރުން، މަޢުލޫމާތު ހޯދުން. އަޅުގަނޑުމެން ދިރިއުޅެން ކުރާ މަސައްކަތްތަކާ ދޭތެރޭގައިވެސް ކޮންމެ ކަމަކާ ބެހިގެންވެސް، އެކަމާބެހޭ ފުރިހަމަ މަޢުލޫމާތު ލިބިގެން ނޫނީ، އެކަމެއް އެދެވޭ ގޮތަކަށް ކުރިޔަކަށް ނުގެންދެވޭނެ. އެހެންވީމާ، ތަޢުލީމު އެއީ ހަމައެކަނި މަދަރުސާތަކުން ކިޔަވައިދޭ އެއްޗެއް ނޫން. މަދަރުސާތަކުން ހާސިލުވާ އެއްޗެއް ނޫން. ތަޢުލީމަކީ ތިމާ ދިރިއުޅޭ ދިރިއުޅުމުގައި ތިމާއަށް ލިބޭ ހުރިހާ މަޢުލޫމާތާއި ތަޖުރިބާ، އޭގައި އެކުލެވިގެންވާ ގޮތަށް ބޭނުންކުރެވޭ ލަފުޒެއް.
 
އާދެ، ކޮންމެއަކަސް ތަޢުލީމުގެ ފެށުން އޮންނަނީ މަދަރުސާގައި. އެންމެ ފުރަތަމަ ކުދިން މަދަރުސާއަށް ގޮސްގެން، ލިޔަންކިޔަން ދަސްކޮށްގެން އަދި އެކިއެކި ޢިލްމުތަކާބެހޭ އެންމެ ފުރަތަމަ ލިބެންޖެހޭ މަޢުލޫމާތު، މަދަރުސާތަކުން ލިބިގެން އޭގެ މައްޗަށް ބިނާކޮށް ތަޢުލީމު ކުރިޔަށް ގެންދެވޭނީ. އެހެންވީމާ، ތަޢުލީމު އެއީ އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް މިހާރު ދޭންޖެހިފައިވާ ކަމެއް. ދުނިޔޭގެ އެއްވެސް ޤައުމެއް ތަރައްޤީވެފައެއް ނޯންނާނެ ތަޢުލީމާ ނުލައެއް. އެކަމުގެ ސަބަބުން އަޅުގަނޑުމެން ސަރުކާރުން މިހާރު ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް މިދެނީ. ރާއްޖެތެރޭގައި ސްކޫލްތައް އުފައްދައި، ސަރުކާރުގެ ޚަރަދުގައި ސްކޫލްތައް ހިންގަމުން މިގެންދަނީ. އޭގެ އެތައް މަޝްރޫޢެއް އެބަހުރި. ޕްރައިމަރީ ސްކޫލްތަކުގެ މަޝްރޫޢު އެއީ މިދެންނެވި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހިނގާ ކަމެއް. އޭގެއިތުރަށް ކޮމިއުނިޓީ ސްކޫލުގެ ނަމުން ނަން ދެވިފައިވާ މަދަރުސާތަކެއް، މިހާރު ރާއްޖެތެރޭގައި ހުޅުވެމުން އެބަދޭ. އޭގެ 6 މަދަރުސާ ރާއްޖޭގެ 6 އަތޮޅެއްގައި ހިނގަމުން އެބަދޭ. އަދި ކުރިއަށް އޮތް ތާނގައި އިތުރު ކޮމިއުނިޓީ ސްކޫލްތައްވެސް ހުޅުވޭނެ. ހަމައެފަދައިން ބޭރު އެހެން ޤައުމެއްގެ އެހީގައި، އިތުރު މަދަރުސާތަކެއް ރާއްޖެތެރޭގައި ހުޅުވޭނެ.
 
މިހުރިހާ ކަމެއްގެ އިތުރަށް ތިޔަބޭފުޅުން އައްސަވާނެ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ވާހަކަ. އެއީވެސް ވަރަށް މުހިންމު މަޝްރޫޢެއް. އޭގައި ހިމެނިގެން ވަނީ އަޅުގަނޑުމެންގެ ތެރެއިން ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުން، އަދި ދިރިއުޅުމަށް ބޭނުންވާ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ކިޔަވައިދިނުން. އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ މަޢުލޫމާތު. ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރަންޖެހެނީ ކޮންކޮން ކަންކަމެއްތޯ! ބަލިވެއްޖެނަމަ ހަދާނެގޮތް. އަޅުގަނޑުމެން މި އުފައްދާ ތަކެތީގެ ތެރެއިން ޞިއްޙަތަށް އެންމެ ރަނގަޅު ކާނާއަކީ ކޮބައިތޯ! ކޮންކަހަލަ އެއްޗިއްސެއް ކޭމާތޯ ހަށިގަނޑަށް ފައިދާކުރާނީ. ކޮންކަހަލަ އެއްޗިއްސެއްތޯ ނުކާންވީ. އަދި އަޅުގަނޑުމެންގެ ކުދިން ގެންގުޅެންވީ ކޮންކަހަލަ އުޞޫލެއްގެ މަތިންތޯ. ޞިއްޙީ ގޮތުން ބަލާއިރު ބަލިބަލިން ދިފާޢުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ! ބަލިވެއްޖިއްޔާ ހަދަންވީ ކިހިނެއްތޯ! މިކަހަލަ މަޢުލޫމާތު އެއީ ކޮންމެހެން ހަމަ ކޮންމެ މުޖުތަމަޢެއްގައިވެސް ބޭނުން މަޢުލޫމާތު. އޭގެއިތުރުން ހިސާބު. އެއްކޮށް، ކަނޑައި، ގުނަކޮށް، ގެއްލުން އެއީ ހަމަ އަޅުގަނޑުމެންގެ ޙަޔާތުގައި، އާދައިގެ ދިރިއުޅުމުގައި، ހަމަ ކޮންމެ ދުވަހަކުވެސް ބޭނުންވާ ކަމެއް. ފިހާރަޔަކަށް އެއްޗެއް ގަންނަންދިޔަޔަސް އެވަރަށް ހިސާބު އެނގެންޖެހޭނެ. އޭރުން އެނގޭނީ ތިމާ އެ ގަންނަ އެއްޗެއްގެ އަގުދިނީމާ ބާކީ ތިމާޔަށް ލިބެންވާ ފައިސާ އެ ލިބެނީ ބަރާބަރަށްތޯ ނޫނީ މަދުންތޯ. އަދި މިނޫންވެސް ކިތަންމެ ކަމެއްގައި، މިދެންނެވި ފެންވަރަށް ހިސާބު ބޭނުންވޭ. އަދި އެހުރިހާ ކަމެއްގެ އިތުރަށް އަދި އޭގެކުރިން އަޅުގަނޑުމެންގެ ދީނާބެހޭ މަޢުލޫމާތު އެނގެން އެބަޖެހޭ. ދީނުގައި އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވައިފައިވަނީ ކޮންކޮން ކަންކަމެއްތޯ! ނަމާދުކުރަންވީ ކިހިނެއްތޯ! ނަމާދު ކުރުމުގެ ބޭނުމަކީ ކޮބައިތޯ! ރޯދަހިފާނީ ކިހިނެއްތޯ! ޒަކާތްދޭނީ ކިހިނެއްތޯ! މިހެންގޮސް އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ކަންތައްތައް ދެނެގަތުމާއި، އެކަންތައްތަކާ ބެހޭގޮތުން ކޮންމެހެން އެނގެންޖެހޭ ކަންތައްތައް އެނގުން. އެއީވެސް އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެންވާ ކަމެއް.
 
އެހެންވީމާ، އެއީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދިނުމެއް ނޫން. އޭގެއިތުރުން، އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުންވާ، ވަރަށް މުހިންމު މަޢުލޫމާތުތަކެއް އޭގައި ހިމެނިފައިވޭ. އެ މަޝްރޫޢަށް ރާއްޖެތެރެއިން ވަރަށް ހޫނު ތަރުޙީބެއް ލިބެމުންދޭ. މާލެއަށްވުރެ ރާއްޖެތެރޭގައި އަސާސީ ތަޢުލީމުގެ ކްލާސްތައް ހިނގާލެއް ރަނގަޅު. އަދި ޚާއްޞަކޮށް ފާހަގަކުރެވެނީ އަންހެނުން އެކަމުގައި ވަރަށްބޮޑު އަހަންމިއްޔަތެއްދޭކަން. އެއީ ވަރަށް އުފާކުރުން އެކަށީގެންވާ ކަމެއް. ކޮންމެއަކަސް އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ އަޅުގަނޑުމެން އެންމެން ކޮންމެވެސް ފެންވަރަކަށް ތަޢުލީމު ހާސިލުކޮށްގެން. ކުޑަކުދިންނަށް މިހާރު މަކްތަބު އެހެރީ. މަކްތަބުން ކިޔަވައިދޭނެ، އެކުދިންނަށް ބޭނުންވާ މަޢުލޫމާތު. އަދި އޭގެ މައްޗަށް ދެވުނީމާ އިރާދަކުރެއްވިއްޔާ އެހެން މަގުތައްވެސް ފެންނާނެ، އެކުދިންނަށް. އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމުގެ ފުރުޞަތު ނުލިބި ތިބި މީހުން، ބޮޑެތި މީހުން، މިހާރު ބޮޑެތިވެފައި ތިބި މީހުން، އެމީހުންނަށް މީގެކުރިން މަދަރުސާއަކަށް ދިޔުމުގެ އެއްވެސް ފުރުޞަތެއް ނުލިބި ތިބި މީހުން، އެމީހުންނަށް މިހާރު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އެ ފުރުޞަތު ލިބެމުން އެދަނީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަޔަކީ މިހުރިހާ ކަމަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، މިކަންކަމުގައި ފިސާރި ޝައުޤުވެރިކަމާއެކު ބައިވެރިވާން ވެއްޖެޔޭ. ސަރުކާރުން އެކަންތައްތައް ރާވައިގެން ކުރިއަށް މިގެންދަނީ ސަރުކާރުގެ ފައިދާއަކަށް ނޫން. ހަމަ ތިޔަބޭފުޅުންގެ ފައިދާއަށް. ރައްޔިތުންގެ ފައިދާއަށް. އަސާސީ ތަޢުލީމުގައި ބައިވެރިވާ މީހަކަށް، އެ ބައިވެރިވުމުން ލިބޭ ފައިދާއެއް ލިބޭނީ. ސަރުކާރަކަށް ނޫން. އެހެންވީމާ، އެކަންކަމާ ދޭތެރޭގައި ވިސްނައިގެން، ފިސާރި ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދިޔުން އެއީ ބޭނުންތެރި ކަމެއް.
 
އާދެ، ދެން އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކޮށް، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާރުވަނީ ކުރަން ޖެހިފައި. އަޅުގަނޑުމެންގެ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ޤައުމެއް. ވަރަށް ފަޤީރު ޤައުމެއް. ވަރަށް މީސްކޮޅު މަދު ޤައުމެއް. އެކަމަކު އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މިނިވަން ޤައުމެއް. އަޅުގަނޑުމެންނަކީ އަމިއްލަ މިނިވަންކަމެއް އޮތް ޤައުމެއް. އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއް. އަޅުގަނޑުމެންގެ އަމިއްލަ ޘަޤާފަތެއް އެބައޮތް. އަމިއްލަ ތާރީޚެއް އެބައޮތް. އަމިއްލަ ބަހެއް އެބައޮތް. އެހެންވީމާ، މިހެން ތިބި ބަޔަކު ވާންޖެހޭނެ ކުރިއަރާ ބަޔަކަށްވާން. ތަރައްޤީވަމުންދާ ބަޔަކަށްވާން. އަޅުގަނޑުމެންގެ ދީން ގޮވައިލަނީވެސް ތަރައްޤީވަމުން ދިޔުމަށް. އިސްލާމްދީނަކީ އެއްވެސް ހާލެއްގައި މީހުން ފަހަތަށްޖެހިގެން ތިބުން، އެދީނުގެ އަހުލުވެރިން ތިބުން ރުހޭ ދީނެއް ނޫން. ކުރީ ޒަމާނުގައި މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން، އެދީނުގެ ކަންތައްތައް ރަނގަޅަށް ދަނެގެން ތިބެ، އެދީނުގެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔަ ޒަމާނުގައި މުސްލިމުން ތިބީ ދުނިޔޭގައި ތިބި އެންމެ ތަހުޒީބުވެފައި ތިބި މީހުންގެ ގޮތުގައި. އެންމެ ބާރުގަދަ، އެންމެ ޢިއްޒަތްތެރި، އެންމެ މުއްސަނދި މީހުންގެ ގޮތުގައި. އެދުވަސް އަޅުގަނޑުމެންނަށް އަދިވެސް ގެނެވިދާނެ، އަނބުރާ ގެނެވިދާނެ، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ފިސާރި ކެރިގެން މަސައްކަތް ކުރަމުންގެންދާ ކަމަށްވަންޏާ. އެހެންވީމާ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް، ކިތަންމެ ފަޤީރު ޤައުމަކަށްވިޔަސް، ކިތަންމެ މީސްކޮޅު މަދު ޤައުމަކަށްވިޔަސް، އަޅުގަނޑުމެންނަށް އެކަށީގެންވާ މަޤާމު ދުނިޔޭގައި ހޯދަންޖެހޭނެ. އެމަޤާމު ހޯދަންޖެހޭނީ ހަމަ އަޅުގަނޑުމެން އަމިއްލަޔަށް ކުރާ މަސައްކަތަކުން. އެހެންބަޔަކު އައިސް އަޅުގަނޑުމެން ކުރިޔަކަށް ގެންގޮހެއް ނުދޭނެ. އަޅުގަނޑުމެންނަށް ކާންބޯންދޭން ބޭރުން ބަޔަކު ނާންނާނެ. އަޅުގަނޑުމެން ކާންބޯންވެސް އަމިއްލައަށް މަސައްކަތް ކުރަންޖެހޭނީ. އެކުރާ މަސައްކަތް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުކޮށްގެން ނޫނީ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީވެސް އިތުރެއްނުވާނެ. އަޅުގަނޑުމެންގެ އިޤްތިޞާދީ ފެންވަރުވެސް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަކަށް ނުދާނެ. ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގުދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. މިކަން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެކަމުގެ އުނދަގޫ، އެކަމުގެ ބުރަ އަޅުގަނޑުމެން އެންމެން އުފުލަންޖެހިފައިވަނީ.
 
އެހެންވީމާ، އަޅުގަނޑުމެން މިހާރު މިތިބަ ފެންވަރުގައި ތިބެވޭނީވެސް މިހާރު މިކުރާ މަސައްކަތަކަށްވުރެ އިތުރު މަސައްކަތް ކޮށްގެން. އަދި މިހާރު މިތިބަ ފެންވަރުގައި ތިބޭކަށްވެސް އަޅުގަނޑުމެން ނުރުހެން. އެއަށްވުރެ ކުރިއަށް ޖެހިލަން އަޅުގަނޑުމެން ބޭނުންވަނީ. އެހެންވީމާ، މިހާރު މިކުރާ މަސައްކަތަށްވުރެ އިތުރު މަސައްކަތް ކުރަން ޖެހިއްޖެ. އެކުރާ މަސައްކަތަކީ ކޮންމެ ކަހަލަ މަސައްކަތެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ރާއްޖޭގެ ރައްޔިތުންގެ އެންމެ މުހިންމު، އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން ކުރިއަށް ގެންދިޔުން ހިމެނޭނީ ރާއްޖެ ތަރައްޤީ ކުރުމަށް އެޅޭ އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައި. މަސްވެރިކަމުގެ އިތުރަށް، ރާއްޖޭގެ މީހުން ކުރާ ތަފާތު އެކިއެކި މަސައްކަތް އެބަހުރި. މިރަށުގެ މީހުންވެސް އެމަސައްކަތްތައް ކުރަމުން ގެންދާކަން އަޅުގަނޑަށް އެބަ އެނގޭ. އެހެންވީމާ، ވާހަކަޔަކީ ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް، ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއް. އެމީހެއްގެ އަމިއްލަ ދިރިއުޅުން ތަނަވަސްވާނީ އޭރުން. އަދި އެމީހެއްގެ ސަބަބުން އެމީހާގެ ޢާއިލާއަށް، އިތުރު ތަނަވަސްކަމެއް ލިބުން، އެމީހާގެ މުޖުތަމަޢަށް އިތުރު ފައިދާތަކެއް ލިބުން. އެމީހާގެ ޤައުމު، އެމީހާގެ ރަށް ތަރައްޤީވަމުންދާނީ އިތުރަށް މަސައްކަތް ކޮށްގެން.
 
އާދެ، މިގޮތުން މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެން ފަހަރެއްގައިވެސް ހަނދާން ނައްތައިލައިގެން ނުވާނެ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން. އަޅުގަނޑުމެން އެންމެ ފުރަތަމަ ބޯލަނބަންޖެހެނީ ދީނަށް. އެންމެފުރަތަމަ ޙުރުމަތްތެރިކޮށްހިތަންޖެހެނީ ދީނުގެ އުސޫލުތަކަށް. ދީނުގެ އުސޫލުތަކުގެ ތެރެއިން އިޖުތިމާޢީ ގޮތުން ބަލާއިރު، އެންމެ މާތް، އެންމެ ވަރުގަދަ އުސޫލަކީ އުޚުއްވަތްތެރިކަމުގެ އުސޫލު. އެއްބަނޑުއެއްބަފާ ކަމުގެ އުސޫލު. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ މިދެންނެވި ކަހަލަ އުސޫލެއް. އަޅުގަނޑުމެން އެންމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވަނީ اللّـه سبحـانـه وتعـالى ލައްވައިފައި. އެހެންވީމާ، އެގޮތް ރަނގަޅަށް ދަނެގެން، އެގޮތް އިހުސާސްކޮށްގެން، ކޮންމެ މީހަކުވެސް އެމީހުންނާ ދޭތެރޭގައި ޢަމަލުކުރަންވާނީ، ތިމާ ތިމާގެ އަޚާޔާ ދޭތެރޭގައި ޢަމަލުކުރާގޮތަށް. އެއީ ތިމާގެ ބޭބެ ކަމަށް ނުވަތަ ކޮއްކޮ ކަމަށް ބަލައިގެން، ނުވަތަ ދައްތަ ކަމަށް ބަލައިގެން. އެހެންވީމާ، މިދެންނެވި ކަހަލަ އެހީތެރިކަމާއި، އޯގާތެރިކަމާއި، ލޯތްބާއި، އެކުވެރިކަމުގެ ގުޅުމެއް އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނޫނީ، އަޅުގަނޑުމެން ދިރިއުޅުން ތަރައްޤީ ކުރަން، އަޅުގަނޑުމެންގެ ޙަޔާތް މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ގެންދަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ.
 
އާދެ، އަޅުގަނޑު ވާހަކަ ފެށިއިރު ދެންނެވިން، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ވާހަކަ. އެ މަޝްރޫޢުގައި، އެކި ރަށްރަށަށް އެކިބާވަތުގެ ކަންތައްތައް ހަމަޖެހިފައިވާ ވާހަކަ. އާދެ، މިރަށަށް ވިސްނާއިރު، މިރަށަށްވެސް އެބައޮތް، އެ މަޝްރޫޢުގައި ކަމެއް ހަމަޖެހިފައި. އެއީ މިރަށުގައި އަލުން މިސްކިތެއް ޢިމާރާތް ކުރުން. މިރަށުގައި މިހާރު ހުރި މިސްކިތް އަޅުގަނޑު ދެންމެ ބަލައިލައިފިން. ހުރީ ވަރަށް ޒަމާންވީ ވަރަށް ކުޑަކުޑަ މިސްކިތެއް. ރަށުގެ ރައްޔިތުންނަށް ނުފުދޭވަރުގެ މިސްކިތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގެ ދަށުން އައު މިސްކިތް މާލަސްތަކެއްނުވެ މިރަށުގައި ޢިމާރާތް ކުރެވޭނެ.
 
އާދެ، އަދިވެސް އެބައޮތް އެހެން ކަމެއް މިރަށަށް ހަމަޖެހިފައި. އެއީ ރަށުގެ ފަޅުކޮނުން. ފަޅު އޮންނަލެއް ދަތިކަމުން ލަފައިފުރުމަށް ދަތިވާތީ، ފަޅުކޮނުން ހިމެނިފައިވޭ. ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި އެކަން އޮތީ އެހެން. ވަރަށްދަތި ގޮތަކަށް އޮންނަނީ ދޯނިފަހަރު ލެފުން އަދި ފުރައިގެން ދިޔުން. އަޅުގަނޑު މިދާ ދަތުރުތަކުންވެސް އެންމެ ބޮޑަށް އިހުސާސް ކުރެވޭ ދައްޗަކީ އެއީ. އެހެންވީމާ، އެކަންވެސް ހަމަޖެހިފައި އެބައޮތް. ސަރުކާރުން ޚަރަދު ދިނީމާ ރަށުގެ ރައްޔިތުން ކުރާ ގޮތަކަށް. ރާއްޖެތެރޭގެ އެހެން ރަށްރަށުގައިވެސް މިހާރު އެ މަސައްކަތް ކުރެވެމުން އެބަދޭ. ވަރަށްގިނަ ތަންތާނގައި ކޮށްފި. އެހެންވީމާ، މިއަތޮޅުގައިވެސް އަދި މިރަށުގައިވެސް އެ މަސައްކަތް ވީހާ އަވަހަށް ފެށުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. އާދެ، ހަމައެފަދައިން މިރަށުގެ މަކްތަބަށް ސަރުކާރުން މިހާރުދަނީ އެހީވަމުން. މީގެކުރިން އަޅުގަނޑު ދެންނެވި ފަދައިން، މެދުކެނޑުމެއްނެތި 10 އަހަރު ވެފައި ހުންނަ އަމިއްލަ މަކްތަބުތަކަށާއި، މަދަރުސާތަކަށް ސަރުކާރުން އެހީވާ އުސޫލު ހަމަޖެހިފައި އޮތުމުގެ ސަބަބުން އެ އުސޫލުގެ ދަށުން.
 
އާދެ، އެހެންވީމާ އަޅުގަނޑުގެ ވާހަކަޔަކީ އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތް އިތުރުކޮށްގެން، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދައިގެން ސަރުކާރުންނާއި ވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް އަންގާ އެންގުންތަކަށް ބޯލަނބައިގެން، އެންމެން އެކުވެރިވެގެން ކުރިއަށްދަމާ ހިންގަވާށޭ! އަޅުގަނޑުމެންގެ ރަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމާ ހިންގަވާށޭ! އަދި އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމާ ހިންގަވާށޭ!
 
އާދެ، ކުޑަފަރީއަކީ މިއަދު އަޅުގަނޑު މިއަތޮޅުން ދާ ހަތަރުވަނަ ރަށް. ވަރަށް ކުރިއްސުރެ ރަށްވެހިކަމުގެ ގޮތުން ވަރަށް ކުރިއަރައިފައިވާ ރަށެކޭ އަޅުގަނޑަށް ދެންނެވޭނީ. ރަށުގެ މަގުތަކަށާއި، ގޯތިގެދޮރަށް ބަލައިލުމުން، ވަރަށް ރީތިކޮށް ރޭވިފައި އޮތް ރަށެއް. ސާފުތާހިރު ރަށެއް. އަދި މިރަށުގައި ރަށްވެހިކަމުގެ ވަރަށްގިނަ މަސައްކަތްތައް ކުރެވިފައި އޮތް ކަމަށްވެސް ފެނޭ. އާދެ، މިރަށުގެ ވެރިޔަކަށް އެހުންނެވީ ވަރަށް ތަޖުރިބާކާރު، ވަރަށް ހަރުދަނާ ބޭކަލެއް. އޭނާއަކީ މިއަހަރު ރުއްގަސް އިންދުމުގެ ގޮތުން ސަރުކާރުން ދިން ވަރަށްމަތީ އިނާމެއްވެސް ލިބިލައްވައިފައިވާ ބޭކަލެއް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަޔަކީ އެހަލަ ވެރިން ތިއްބަވާ ރަށްރަށުގައި، އެ ވެރިންނާއި ރައްޔިތުންނާ އެކުވެރިވެގެން، އެއްބައިވެގެން ހުރިހާ ކަމެއްވެސް ހަމަޖެހޭ އުސޫލެއްގެ މަތިން ރަށުގެ ފައިދާއަށްޓަކައި ކުރިއަށް ގެންދެވުމަކީ ވަރަށް ބޭނުންތެރި ކަމެކޭ. ކޮންމެ މީހަކުވެސް އިސްކުރަންވީ ޖަމާޢަތުގެ ފައިދާ، އިސްކުރަންވީ ތިމާގެ ރަށުގެ ފައިދާ، ތިމާގެ ފައިދާއަށްވުރެ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތި، އަޅުގަނޑުމެން ދާނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިރަށުގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވަން. މިޝުކުރުގައި، ރަށުގެ ރައްޔިތުންނާއި ވެރިން ޝާމިލްކުރަން. އަދި ފިރިހެނުންނާއި އަންހެނުން، ކުޑަކުދިންނާއި މުސްކުޅިން، އެންމެންވެސް މި ޝުކުރުގައި ހިމަނަން.

                    والسّلام عليكم ورحمـة اللّـه وبركاته.