بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، وَعلـى آلـه وأصـحابه أجمـعـين.
 
ވަރަށްދަތި އުނދަގޫ ދުވަސްކޮޅެއްގައި ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ޞުލްޙަވެރިކަން ހޯދައިދިނުމުގެ ބުރަ މަސައްކަތް ކޮނޑުގައި އެޅިފައިވާ މުއައްސަސާގެ ވެރިޔާ، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު، އެ މުއައްސަސާއެއްގެ ތެރޭގައި މަތީ މަޤާމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތުގައި ހުންނަވައި، މުއައްސަސާގެ ތެރޭގައި އުފާވެރިކަމާއި، ހިތްގައިމުކަމާއި، މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ އެތަކެއް ހަނދާންތަކަކާ ގުޅިފައިވާ އަޅުގަނޑުމެންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙަންމަދު ޞާދިޤު، ދިވެހިރާއްޖޭގެ ލޮބުވެތި ފުލުހުން، ހޫނުގަދަ މޫސުމެއްގެ ވަރުބަލިކަމާއެކީގައި، ގަސްތަކެއްގެ މަތީގައި ރީއްޗަށް އިށީނދެގެން ތިބެ، ރީތި ރާގުތަކަކަށް ގޮވަމުންދާ ދޫނިތަކެއް ފަދައިން، ކިޔަމަންތެރިކަމާއެކީގައި މި ޖަލްސާގައި އަޑުއަހަން ތިއްބެވި ލޮބުވެތި ކިޔަމަންތެރި ދަރިވަރުން، ޖަލްސާގެ އެންމެހާ ޙާޟިރީން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
ޝައްކެއްނެތް، ފުލުހުންގެ ޚިދްމަތަކީ ވަރަށް މުހިންމު ޚިދްމަތެއް. ފުލުހުން އަދާކުރާ ދައުރަކީ ވަރަށް މުހިންމު ދައުރެއް. މިރޭ މި ޖަލްސާގެ ތެރޭގައި އަޅުގަނޑުމެންނަށް ފުލުހުންގެ ވާހަކަ އަޑުއިވިގެން ހިނގައްޖެ. އެކިއެކި ކުދިން، ތަފާތު އެތަކެއް މަސައްކަތެއް ކޮށް ނިންމުމަށްފަހުގައި، ކުލަތައް ޙާޞިލުކޮށްފި. މިއީ، ކިތަންމެ ހޫނުގަދަ ވަގުތުކޮޅެއް ކަމުގައިވީނަމަވެސް، އަޅުގަނޑު ހިތުން މިއީ މުހިންމު ވަގުތުކޮޅެއް. ސަބަބަކީ މިބޭބޭފުޅުން އަދާކުރައްވާ މަސްއޫލިއްޔަތަކީ، ޙަޤީޤަތުގައި ޤައުމީ މަސްއޫލިއްޔަތެއް ކަމަށްވާތީ. މި މަސްއޫލިއްޔަތަކީ ޤައުމީ ވާޖިބެއް ކަމަށްވާތީ. ވަރަށްގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކެއް އޮވެދާނެ. ޚާއްޞަ ގޮތެއްގައި، ކިޔަވާކުދިން، ވަރަށް ލާނެތްގޮތެއްގައި ޖަލްސާގެ ފަހަތުގައި ތިބޭއިރުގައި، ހިތަށްއަރާފާނެ، މި އެކިކަހަލަ ތަފާތު މެޑެލްތައް ޔުނީފޯމުގައި ހަރުކޮށްފައި ތިބި ފުލުހުން މި އަދާކުރަނީ ކޮންކަމެއްބާވައޭ؟ ފުލުހުންގެ ޚިދްމަތަކީ ޙަޤީޤަތުގައި މުޖުތަމަޢުގެ ކޮންމެ މީހަކާ ގުޅިފައިވާ ޚިދްމަތެއް. ފުލުހުންނަކީ މުޖުތަމަޢާ ވަރަށް ގުޅިގެން މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެން ގޭގައި ނިދާފައި ތިބުމާއި، މަގުމަތީގައި ހިނގާފައި ދިޔުމާއި، ދުއްވާފައި ދިޔުމާއި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ކޮންމެ ކަމެއްގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކީ، ރާއްޖޭގެ އަމަން ބެލެހެއްޓުމުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ ފުލުހުން. އެހެންކަމުން، ފުލުހުންގެ ޚިދްމަތް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވަނީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މުޖްތަމަޢާއި، އަޅުގަނޑުމެން ދިރިއުޅޭ ވެށްޓާއި، ރައްޔިތުންގެ އިޖްތިމާޢީ ޙާލަތާއި، އިޖްތިމާޢީ ފޭރާން ވަރުގަދަކުރުމަށްޓަކައި ފުލުހުން އަދާކުރަމުން މިދާ މަސައްކަތް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންޖެހޭ. އަދި އިތުރުކުރަމުން ދަނީވެސް.
 
ކޮންމެ ރައްޔިތަކަށްވެސް އެނގޭ ޙަޤީޤަތެއް އެބައޮވޭ. އެއީ، ފުލުހުންގެ އެންމެ މުހިންމު މަސައްކަތަކީ، މުޖުތަމަޢެއްގެ ތެރޭގައި ކުށް މަދުކުރުން. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އަމާންކަމާއެކީގައި އުޅެވެނީ. އޭގެ ސަބަބުން މުޖުތަމަޢުތައް ހިނގަނީ. އޭގެ ސަބަބުން ސްކޫލަށްދާ ކުދިންނަށް އަމާންކަމާއެކީގައި ގެއިން ނިކުމެގެން ސްކޫލަށް ގޮއްސަ، ސްކޫލް ނިމިގެން ގެޔާ ހަމަޔަށް އަނބުރާ އާދެވެނީ. ކުށްކުރާ މީހުން ހޯދައި، ކުށުގެ ތަޙުޤީޤުކޮށް، އެފަރާތްތަކާމެދު ދަޢުވާކުރެވޭ މިންވަރަށް ހެކިތައް ހޯދުމަކީ، ޙަޤީޤަތުގައި ފުލުހުންގެ އެންމެބުރަ އެއް މަސައްކަތް.
 
މިރޭ މި ޖަލްސާގައި އިށީނދެގެން ތިބިއިރުގައި، މިއީ ކިތަންމެ ހޫނުގަދަ ވަގުތުކޮޅެއް ކަމުގައިވީނަމަވެސް، ޙަޤީޤަތުގައި ހިތަށް ވަރަށް ފިނިކަން ލިބިގެންދިޔަ. ވަރަށް ފިނިކަން ލިބިގެންދިޔަ. އެއީ، މިއަތޮޅު ކައުންސިލްގެ ޢިއްޒަތްތެރި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، ފުލުހުންގެ ޚިދްމަތަށް ޙަޤީޤަތުގައި މުޖުތަމަޢު ވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، މި ފަސްގަނޑަކީ ވަރަށް ފަޚުރުވެރި އަބްޠާލުން އުފަންކުރި ފަސްގަނޑެއް. މި ފަސްގަނޑަކީ އިއްޔެވެސް، މިއަދުވެސް، މާދަމާވެސް ދިވެހި ޤައުމު ފަޚުރުވެރިކަމާއެކީގައި ދެކޭނެ ފަސްގަނޑެއް. ބޮޑު ތިލަދުންމަތި. އެކަމަކު ހަމައެޔާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިރޭގެ މި ޖަލްސާގެ ތެރެއިން ފާހަގަވެގެންދިޔަ، އެތަކެއް ޒުވާން ފުލުހުން ތަފާތު ކާމިޔާބީތައް ޙާޞިލުކުރި މަންޒަރު. އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެންގެ ފުލުހުންގެ މުޅި މުއައްސަސާއަކީ، ވަރަށްގިނަ ޒުވާނުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެއް.
 
މިއަދު މި މަޤާމުގައި ފާހަގަކުރަންޖެހޭ އުފަލާއެކީގައި. ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، ރާއްޖޭގެ ރައްޔިތުންނަށް، ރައްޔިތުންގެ ޙާލަތު ބަދަލުކޮށްލުމަށްޓަކައި، ރައްޔިތުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދިނުމަށްޓަކައި، ޒުވާނުންނަށް ޚާއްޞަކޮށްގެން ވަޢުދުތަކެއް ވެވަޑައިގެން، މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޒުވާނުންނަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ޙަޤީޤަތުގައި ކޮށްދެއްވާ އަދި ކުރައްވަމުން ގެންދަވަނީ މިހާރުވެސް. އެގޮތުގެ މަތިން، އަޅުގަނޑު ފާހަގަކުރަން، ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާގައި ޙަރަކާތްތެރިވާ ތިޔަ ޒުވާނުންނަށްޓަކައިވެސް، ޒުވާނުންގެ ޙާލަތު ބަދަލުކުރުމަށްޓަކައި ތިޔަ ފަޚްރުވެރި ފުލުހުންގެ ޙާލަތު މިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި، ދިރިއުޅުމަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި، މަސައްކަތުގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކަށް ފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަގުނަ ކަންތައްތަކެއް ހަމަޖައްސަވައި ދެއްވަމުން ގެންދަވަނީ. ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ފުލުހުންގެ މުއައްސަސާއަށް، އެކަމުގެ އުފާވެރިކަން ދަނީ ލިބެމުން. ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތަކާއި ފަސޭހަތައް ފޯރުކޮށްދިނުމުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް، މިހުރިހާ ކަމަކަށްޓަކައި ލޮބުވެތި ރައީސަށް، ތިޔަ ހުރިހާ ފުލުހުންގެ ނަމުގަޔާއި އަދި އަޅުގަނޑުގެ ނަމުގައި ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު އަދާކުރަން.
 
އާދެ، މިޒަމާނުގެ ފުލުހުންގެ މަސައްކަތް ބައްޓަންވެފައިވަނީ ވަރަށް މުހިންމު އަސާސްތަކެއްގެ މައްޗަށް. 1829 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސަރ ރޮބަޓް ޕީލް، މިޒަމާނުގެ ފުލުހުންގެ ޚިދްމަތް ތަޢާރުފް ކުރެއްވި. އެއަށްފަހު، އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް ދުނިޔެ މި ދެކުނު ރާސްތާގައި، ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ފުލުހުންވަނީ ޙާޞިލްކޮށްފައި. ދުނިޔޭގެ އެކިކަންކޮޅުގައި ފުލުހުންވަނީ އެ ކާމިޔާބީތައް ޙާޞިލު ކުރަމުން ގޮސްފައި. އަޅުގަނޑު މިރޭ މިޖަލްސާގައި ހުރިއިރުގައި، ޙަޤީޤަތުގައި ހިތަށް ވަރަށްބޮޑު ތަސައްލީއެއް ލިބިގެންދިޔަ. ވަރަށްބޮޑު ފިނިކަމެއް ލިބިގެންދިޔަ. އެއީ ކޮންކަމަކާތޯ ޙަޤީޤަތުގައި ތިޔަ ހުރިހާ ބޭފުޅުންގެ ހިތުގައިވެސް ސުވާލު އުފެދޭނެ. ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައިވެސް ވަރަށް ސާފުކޮށް ވިދާޅުވި.
 
ފުލުހުންގެ މުއައްސަސާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ދުސްތޫރުގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ރައްޔިތުންނަށް ޞުލްޙަވެރިކަން ހޯދައިދިނުން، އަމާންކަން ހޯދައިދިނުން. މި ޖަލްސާ މި ބޭއްވެނީ ބޮޑުތިލަދުންމަތީގައި. މިދިޔަ އަހަރު އައްޑުއަތޮޅުގައި ބޭއްވުނީ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރި. އެއީ، އަޅުގަނޑުމެންނަކީ ކުދިކުދި ޖަޒީރާތަކަށް ބެހިފައިވާ ޤައުމެއް، ރައްޔިތެއް. ވަރަށްގިނަ ރައްޔިތުން ދިރިމިއުޅެނީ އަޅުގަނޑުމެންގެ ރަށްތަކުގައި، އަތޮޅުތަކުގައި. ޔުނީފޯމެއް ފެނުމަކީ އެއީ އުންމީދެއް. ސިފައިންވިޔަސް، ފުލުހުންވިޔަސް. އަޅުގަނޑުމެން ހަނދާންހުރޭ، ޚާއްޞަ ގޮތެއްގައި، ތުއްތު ކުދިންގެ ހުވަފެނަކަށްވޭ، މިހެން ކުޅޭހެން، އެކިކަހަލަ ހަތިޔާރު ދެއްކީމަ، އެކުދިންގެ މޫނުމައްޗަށް އުފާވެރިކަން ގެނޭ. ތުއްތު ކުއްޖާގެ ހުވަފެނަކަށް ވެގެންދޭ، ފުލުހުންގެ ޔުނީފޯމްގައި އުޅެލުން. ނޫނިއްޔާ ސިފައިންގެ ޔުނީފޯމްގައި އުޅެލުން. މިއަދު ތިޔަބޭފުޅުންގެ ހިތްޕުޅަށް އަރާނެ، އެއީ ކީއްވެގެންތޯ؟ އޭގެ ވަރަށްބޮޑު ސިއްރެއްވޭ. ވަރަށްބޮޑު ސަބަބުތަކެއްވޭ. އެ ސަބަބުތަކަކީ ޙަޤީޤަތުގައި، މި ކުދި ރަށްތަކާއި، ޖަޒީރާތަކާއި، މި އަތޮޅުތަކުގައި ފުލުހުންގެ މުއައްސަސާތައް، ފުލުހުންގެ ޚިދްމަތްތައް ފުޅާވެގެން ދިޔުމަކީ، ރައްޔިތުންނަށް ޝައްކެއްނެތް، އުފާވެރިކަން ގެނެސްދޭނެކަމެއް. ސަބަބަކީ ކޮބައިތޯ؟ ސަބަބަކީ ފުލުހުން ތަމްސީލު ކުރަނީ ޤާނޫނު. ފުލުހުން ތަމްސީލުކޮށްދެނީ، ދިރިދިރި އޮތް ރާއްޖޭގެ ޤާނޫނުއަސާސީ. ފުލުހުން ތަމްސީލުކޮށްދެނީ، ދިވެހި ރައްޔިތުން ބަލައިގެންފައިވާ ހަމަތަކާއި، އުޞޫލުތަކާއި، ޑިމޮކްރެޓިކް ނިޒާމު. ފުލުހުން ތަމްސީލުކޮށްދެނީ ހަމަ. ފުލުހުން ތަމްސީލުކޮށްދެނީ ޤާނޫނު. ފުލުހުން ތަމްސީލުކޮށްދެނީ ޤާނޫނުގެ ޙުކުމް. އެހެންވީމާ، ދުނިޔޭގެ އެއްވެސް ތަނެއްގައި، ފުލުހުންނަކީ އެންމެ ފުރަތަމަ ޤާނޫނު ތަމްސީލުކުރާ ފަރާތްތަކަށް ވެގެން ގޮސްފައި ވަނީ.
 
މިއަދު ރާއްޖޭގައިވެސް އެގޮތުގެ މަތިން އެކަންތައް ހިނގަމުން މިދަނީ. ފުލުހުންގެ ފަރާތުން ތަމްސީލުވާނީ ރާއްޖޭގެ ޤާނޫނު. އެއީ ހަމައެކަނި މިޒަމާނުގެ ޤާނޫނުގައި އޮތް އުޞޫލުތަކެއް ނޫން. އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާ ހަމަތަކާއި، އުޞޫލުތައް ޢަމަލީ ގޮތުން ދައްކައިދިނުމުގެ އެންމެބޮޑު ޒިންމާ، ކޮނޑުގައި އެޅިފައިވާ ބަޔަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ފުލުހުންކަން، ސިފައިންކަން، ޤާނޫނު ދަމަހައްޓާ ފަރާތްތައްކަން. ކުދިކުދި ރަށްތަކުގައި، އަތޮޅުތެރޭގައި ފުލުހުން ޙަރަކާތްތެރިވާއިރުގައި، ރައްޔިތުންގެ ވަރަށްބޮޑު އުންމީދެއް އޮންނާނެ. ވަރަށް ޒުވާން ބޭބޭފުޅުން މި ތިއްބެވީ. އެކަމަކު ކިތަންމެ ޒުވާން ކަމުގައިވީނަމަވެސް، އެއްކަލަ ޢާންމު ފަރުދުން، ރައްޔިތުން އުންމީދު ކުރާނީ،  އެ ފުލުހުންގެ ފަރާތުން ޔުނީފޯމްގައި ހުންނަވާ ވަގުތާއި، ޔުނީފޯމްގައި ނުހުންނަވާ ވަގުތުގައިވެސް އެބޭފުޅާ ތަމްސީލު ކުރައްވާނީ ޤާނޫނުކަން. އެބޭފުޅާ ނަގަހައްޓަވާނީ ޤާނޫނުކަން. އެއީ، ވަރަށްބޮޑު މަސްއޫލިއްޔަތެއް.
 
އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރޭ، ތިމާ އުފުލާ ކޮންމެ ޒިންމާއަކާއި ވާޖިބަކާ ބެހޭގޮތުން ހަމައެކަނި ރައްޔިތުންނަކަށް ނޫން، އަޅުގަނޑުމެން ޖަވާބުދާރީވާންޖެހެނީކީ. ހަމައެކަނި ޤާނޫނުއަސާސީއަކަށް ނޫން، އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހެނީކީ. ހަމައެކަނި ޤާނޫނުތަކަކަށް ނޫން، އަޅުގަނޑުމެން ޖަވާބުދާރީވާންޖެހެނީއެއް. ހަމައެކަނި މުއައްސަސާތަކަކަށް ނޫން، އަޅުގަނޑުމެން ޖަވާބުދާރީވާންޖެހެނީ. ހަމައެކަނި ކޯޓުތަކަކަށް ނޫން. ނޫނިއްޔާ ރައްޔިތުންގެ މަޖިލީހަކަށްވެސް ނޫން. އެއަށްވުރެ މާ ބޮޑު މަސްއޫލިއްޔަތެއް، އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވޭ. އެއީ އިސްލާމްދީން އަޅުގަނޑުމެންގެ ކޮނޑުގައި އަޅުއްވާފައިވާ މަސްއޫލިއްޔަތު.
 
ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ، كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْؤُلٌ عَنْ رَعِيَّتِهِ، وَالأَمِيْرُ رَاعٍ  މި ޙަދީޘްފުޅުގެ މާނައަކީ، [ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ، އެމީހަކު ބަލަހައްޓާ ބަޔަކާމެދު ޝައްކެއްނެތްގޮތުގައި ސުވާލުކުރެވޭނެ ބައެކެވެ. އަދި މީސްތަކުންގެ ވެރިމީހާޔަކީ ބެލެހެއްޓުންތެރިޔެކެވެ.]
 
ޢިއްޒަތްތެރި ޙާޟިރީން؛
 
ފުލުހުން އެންމެ ބޮޑަށް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު މިދެންނެވި މަސްއޫލިއްޔަތަކީ، އަޅުގަނޑުމެން ކޮންމެ މީހަކު އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަން. މި މަސްއޫލިއްޔަތާ ބެހޭގޮތުން އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެކަން. މަސްއޫލިއްޔަތު އަދާކުރި ގޮތާ ބެހޭގޮތުން އަޅުގަނޑުމެން ޖަވާބުދާރީވާންޖެހޭނެކަން. އެއީ، އަޅުގަނޑުމެން ވެރިންގެ ޙައިޘިއްޔަތުންނާއި، މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަޤާމުގައި ހުރި ކޮންމެ މީހެއްގެ ޙައިޘިއްޔަތުން اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ޤިޔާމަތް ދުވަހުން އަޅުގަނޑުމެން އަދާކުރަންޖެހޭ ވަރަށްބޮޑު ޒިންމާއެއް.
 
ކޮމިޝަނަރ އޮފް ޕޮލިސް، ޢިއްޒަތްތެރި ޙާޟިރީން؛  
 
މިއަދު ފުލުހުންގެ މުއައްސަސާގެ ޚިދްމަތް މިވަނީ ވަރަށްބޮޑުތައް ފުޅާވެގެން ގޮސްފައި. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފުލުހުންގެ އެންމެބޮޑު އެއް އިސް ވާޖިބެއް ކަމަށް ވެފައި އޮންނަނީ، ޤާނޫނު ތަންފީޛު ކުރުމުގެ ދާއިރާގެ ތެރެއިން ފުރާނަ ސަލާމަތްކުރުން. އެއްވެސް ޝައްކެއްނެތްގޮތުގައި، މި ދުނިޔެމަތީގައި اللّـه سبحـانـه وتعـالى ލެއްވި އެންމެ އަގުބޮޑު އެއްޗަކީ އިންސާނާގެ ފުރާނަ. އިންސާނާގެ ނަފްސު. އެހެންކަމުން، އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަކީ، ފުލުހުންގެ ތެރެއިން ފުލުހުންގެ ވާޖިބުތަކުގެ ތެރެއިން އެންމެ އިސް ވާޖިބު ކަމުގައިވަނީ ވެގެން ގޮސްފައި. މިއަށްވުރެ އިސް އެއްވެސް އެހެން ވާޖިބެއް ނޯންނާނެ. މިއަށްވުރެ އަގުބޮޑު އެހެން އެއްވެސް އެއްޗެއް ނޯންނާނެ. މިއަށްވުރެ މުހިންމު އެހެން މަސައްކަތެއްވެސް ނޯންނާނެ.
 
މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، މިހާރުވެސް މަސައްކަތް އެތުރިގެން ކުރިއަށްދާ އުޞޫލުން ފުލުހުންގެ މަސައްކަތުގެ އޯގަނައިޒޭޝަންގައި އެންމެ އިސްކަމެއް، ރާއްޖޭގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ދިނުން. ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެކަށައެޅިފައިވާ އިންސާނީ ވަސީލަތްތަކާއި، އެހެނިހެން ވަސީލަތްތަކާއި ފަސޭހަތައް، ޚާއްޞަ ގޮތެއްގައި އިންތިޒާމު ކުރެވިގެން ރާއްޖޭގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ހިތްވަރެއް އަޅުގަނޑުމެން ކުރަން. ސަބަބަކީ މި ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމުގައިވާނަމަ، މުޅި މުޖުތަމަޢަށް އެކަމުގެ ސަބަބުން ފިނިކަން ލިބިގެންދާނެ. މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކައި، ފުލުހުންގެ ޚިދްމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް، އަޅުގަނޑުމެންނަށް ލިބެންހުރި ވަސީލަތްތަކުގެ ތެރެއިން ގިނަ ވަސީލަތްތަކެއް ޤާނޫނު ތަންފީޛު ކުރުމަށްޓަކައި ހޭދަކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި މީހުން މެރުން ގިނަވެ، އަދި މި ހިތާމަވެރި ކުށުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ހިމެނިގެން ގޮސް، މުޅި މުޖުތަމަޢަށް މިކަމުގެ ސަބަބުންވަނީ ޙަޤީޤަތުގައި ވަރަށްބޮޑު ހިތްދަތިކަމަކާއި މޮޅިވެރިކަމެއް އައިސްފައި. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ ރައްޔިތަކު، ކޮންމެ މީހަކު ވިސްނަން މަޖުބޫރުވެފައިވާ ކަމެއް. ސަބަބަކީ މިއީ އެންމެބޮޑު ކުށް ކަމުގައިވާތީ. މިކަމަކީ މިކަން ދެމިގެން ހިނގައްޖެ ކަމުގައިވާނަމަ، އެކަމުގެ ހިތްދަތިކަން މި މުޖްތަމަޢަށް ފެތުރިގެންދާނެ ކަމަކަށްވާތީ. މިކަމަކީ މިކަން ނުހުއްޓިއްޖެ ކަމުގައިވާނަމަ، މުޅި މުޖުތަމަޢު ނާމާންކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމަކަށްވާތީ.
 
އަޅުގަނޑު މި ފުރްޞަތުގައިވެސް ހިތްވަރާއި ކެރުމާއެކީގައި، ރާއްޖޭގައި މީހުން މަރާ، އެ ކުށް ސާބިތުވާ މީހުންގެ މައްޗަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިއްޕަވާނެ ކަމަށް ވިދާޅުވެ، ޤަވާޢިދު އެކުލަވައިލައްވައި، އެކަން ތަންފީޛު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވީތީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.
 
އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަނީ، ބިންމަތީގައި ހިނގާ ކުށްތަކުގެ ތެރެއިން އެންމެބޮޑު ކުށަކީ މީހުން މެރުންކަން. މީހަކު މަރުވުމަކީ މުޖްތަމަޢަށް ލިބޭނެ އެންމެބޮޑު ގެއްލުން. މީހަކު މެރުމަކީ މުޅި މުޖުތަމަޢު މެރުންފަދަ ކަމެއް. އަދި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ، މުޅި މުޖުތަމަޢު ދިރުވުން ކަހަލަ ކަމެއް. سورة المائدة ގައި اللّـه سبحـانـه وتعـالىވަޙީކުރައްވާފައިވަނީ، مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا  وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ މި އާޔަތުގެ މާނައަކީ، [އެކަމަށްޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި  އެ ނަފްސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ ރަސޫލުން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި އިސްރާފުކޮށް އުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، ކާފަރު ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.)]
 
މި އާޔަތާ ގުޅިގެން ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވޭ، لَنْ يَزَالَ الْمُؤمِنُ فِي فُسْحَةٍ مِنْ دِينِهِ مَالَمْ يُصِبْ دَماً حَراماً މި ޙަދީޘްފުޅުގެ މާނައަކީ، [ޙަރާމްގޮތުގައި މީހެއްގެ ލެއިގެ މައްޗަށް އަރައިގަތުމުގެ ކުރީގައި (އެބަހީ: ޙައްޤަކާނުލައި މީހެއްގެ ލެއިގެ މައްޗަށް އަރައިގަތުމުގެ ކުރީގައި) މުއުމިނު އަޅާ ވާހުށީ އޭނާގެ ދީނުގައިވާ ތަނަވަސްކަމުގެ ރަޙްމަތުގެ ތެރޭގައެވެ. (އެބަހީ: ކުށްފާފަތަކަށް ތައުބާލެއްވުމުގެ ތަނަވަސް ރަޙްމަތުގެ ތެރޭގައެވެ).] ޙަދީޘްފުޅުގެ މާނައަކީ، މީހަކު ނުޙައްޤުން މަރައިފި މީހަކަށް، اللّـه تعـالىގެ ފުއްސެވުން ލިބިގެނެއް ނުވެއެވެ.
 
އާދެ، އަޅުގަނޑުގެ ނަޞޭޙަތަކީ، ރާއްޖޭގެ ފުލުހުން މިއަދު ކުރައްވަމުން ގެންދަވާ ހީވާގި ބުރަ މަސައްކަތުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި، ސާބިތުކަމާއެކީގައި ތިއްބެވުން. ހަމައެޔާއެކީގައި، ދިވެހި ފުލުހުންނަކީ، ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ ކަންތައްތަކުގެ ތެރެއިން ޚާއްޞަކޮށް، އެންމެ ބޮޑެތި ކުށްތަކަށް ފަރުވާ ހޯދުމަށްޓަކައި ބުރަކޮށް މަސައްކަތްކުރާ ބަޔަކަށްވުމަށް. އަދި އިޖްތިމާޢީ އެކި މަސައްކަތްތަކުގައި، އެކި ރައްޔިތުންނަށް ކުރިމަތިވާ މުހިންމު ކަންތައްތަކުގައި، ރައްޔިތުންނާ ގުޅިގެން އެކީގައި މަސައްކަތްކުރާ ބަޔަކަށްވުމަށް. އަޅުގަނޑުމެން މި ފާހަގަކުރަނީ، ފުލުހުންގެ ޚިދްމަތަށް ވަރަށްގިނަ ދުވަސްވީ ވަގުތުކޮޅެއް. މިއީ ރަސްމީ ގޮތެއްގައި ތާރީޚުގެ ތެރެއިން އެނގެން އޮތް 82 އަހަރު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ދިވެހިރާއްޖޭގައި ވެރިކަން ނުވަތަ ރަސްކަމުގެ ނިޒާމެއް ހިނގަން ފެށީއްސުރެވެސް މި ޚިދްމަތް އޮންނާނެ ކަމަށް. މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މި މުއައްސަސާވަނީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީ، މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ އެތަކެއް ފަޚްރުވެރި ކާމިޔާބީތަކެއް ޙާޞިލްކޮށްފައި. މި ކާމިޔާބީތައް މިހާ ހިސާބަށް ޙާޞިލް ކުރުމުގައި ހީވާގިކަމާއެކީގައި މަސައްކަތް ކުރެއްވި އެތަކެއް ފަރާތްތަކެއްވާކަން ކަށަވަރު.
 
އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالىފުލުހުންގެ މުއައްސަސާއަށް އަބަދުވެސް ކާމިޔާބާއި ފަލާޙު މިންވަރު ކުރެއްވުން. އަދި ދިވެހިރާއްޖެއަކީ ޞުލްޙަވެރި، އަމާން ވެށްޓެއް ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ރައްޔިތުންނަކީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ މުޖުތަމަޢެއް ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން.
 
         والســّلام عليــكم ورحـمــة اللّـه وبـركاتـه