ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1969 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ފުންނާބުއުސް ޤާނޫނީ ވަކީލެއްގެ އިތުރުން، ޑޮކްޓަރ ޖަމީލް ފާހަގަވެގެން ގޮސްފައިވަނީ، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙުތައް ގެނައުމަށް މަސައްކަތްޕުޅު ކުރެއްވި ޚާއްޞަ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެހެންމެ، ޑޮކްޓަރ ޖަމީލަކީ، ވިދިވިދިގެން ތިން ރައީސުންގެ ވަޒީރުންގެ މަޖިލީހުގައިވެސް މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެކެވެ.
ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން، ޑޮކްޓަރ ޖަމީލް ވަނީ، ޖިނާއީ ކޯޓުގެ އިސް ޤާޒީގެ މަޤާމު ފުރުއްވާފައެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ.) އާއި، ދިވެހި ޤައުމީ ޕާޓީގެ (ޑީ.ކިޔު.ޕީ.) އުފެއްދެވުމުގައިވެސް ވަރަށް އިސްދައުރެއް ޑޮކްޓަރ ޖަމީލް އަދާކުރެއްވިއެވެ. އަދި އޭގެފަހުން 2013 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.) އާ ގުޅިވަޑައިގެންނެވިއެވެ. ރާއްޖޭގެ 4 ވަނަ ނައިބު ރައީސްގެ މަޤާމަށް އެމަނިކުފާނު ހޮވިވަޑައިގެންނެވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓުގެ ގޮތުގައި ޕީ.ޕީ.އެމް.ގެ ޓިކެޓްގައެވެ. ވަރަށް ވާދަވެރި ރިޔާސީ ރޭހަކަށްފަހު، އެމް.ޑީ.ޕީ.ގެ ޓިކެޓްގައި ނުކުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި ޑޮކްޓަރ މުސްޠަފާ ލުޠްފީ ބަލިކުރެއްވުމަށްފަހު، ޕީ.ޕީ.އެމް.ގެ ޔާމީނާއި ޖަމީލުގެ ޓީކެޓް ކާމިޔާބު ކުރެއްވީ %51.4 ންނެވެ.
ފުވައްމުލަކުގެ އާދައިގެ ޢާއިލާއަކަށް އުފަން މުޙަންމަދު ޖަމީލް އަޙްމަދުގެ އަލިގަދަ ތަޢުލީމީ ކެރިއަރ ފެށުނީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެތަނުން 1996ވަނަ އަހަރު ބެޗްލަރ އޮފް ލޯ ޙާޞިލް ކުރެއްވުމަށްފަހު، ހަމަ އެޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ ޑިގްރީ އިން އިސްލާމިކް އެންޑް ސިވިލް ލޯ ޙާޞިލް ކުރެއްވިއެވެ.
މެލޭޝިއާގައި މާސްޓަރޒް ޑިގްރީ ޙާޞިލް ކުރެއްވުމަށްފަހު، އެނބުރި ޤައުމަށް ވަޑައިގެން ޤައުމަށް ޚިދްމަތް ކުރެއްވުމުގައި ސަރުކާރުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.
ކޮމަންވެލްތް ސްކޮލަރޝިޕެއްގެ ދަށުން ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް އިން ކްރިމިނަލް ލޯގެ ދާއިރާއިން ޕީ.އެޗް.ޑީ. ޙާޞިލްކުރެއްވިއެވެ. އެމަނިކުފާނުގެ ޕީ.އެޗް.ޑީ.ގެ ތީސީސް ލިޔުއްވީ، ކްރިމިނަލް ލޯގެ މައްޗަށެވެ. އަދި، މިއަދު އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ މި ދާއިރާގެ ތެރެއިން، ކެމްޕެއިން މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރެއްވުމަށެވެ.
ޖަމީލްވަނީ ރާއްޖޭގެ އެކިއެކި ތަޢުލީމީ މުއައްސަސާތަކުގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތްޕުޅު ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ހޭދަކުރެއްވި ތަޢުލީމަށް ޚިދްމަތް ކުރެއްވުމުގެ 13 އަހަރުގެ ދިގު ތާރީޚުގައި ޖަމީލްވަނީ، އޭނާގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައެވެ.
ރަސްމީ މައިދާނުގެ އިތުރުން، ޢާންމުންގެ ތެރޭގައި އުޅުއްވާއިރުވެސް ދައްކަވާފައިވާ ހިތްވަރާއި ޢަޒުމުގެ މަތިވެރިކަމުގެ ސަބަބުން އެތައް ބައެއްގެ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޑޮކްޓަރ ޖަމީލަކީ ބަލާޣާތްތެރި، ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.
ޑޮކްޓަރ ޖަމީލްގެ ސިޔާސީ ޙަޔާތްޕުޅު ފެށުނީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހު މިނިސްޓަރ އޮފް ޖަސްޓިސްގެ މަޤާމަށް ޢައްޔަން ކުރެވުނު ހިސާބުންނެވެ. އޭގެކުރިން، އެމަނިކުފާނު ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ ކަމާއި، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އެގްޒެކެޓިވް ޑިރެކްޓަރކަންވެސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުށަހެޅުއްވި، އިޞްލާޙީ އެޖެންޑާގެ ދަށުން އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހުގައި ޑޮކްޓަރ ޖަމީލަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އިޞްލާޙީ އެޖެންޑާ ކުރިއެރުވުމުގައި ކެބިނެޓްގެ ތެރެއިން މަސައްކަތް ކުރެއްވި "ނިއު މޯލްޑިވްސް" ޓީމްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއާއި ބައިނަލްއަޤްވާމީ މައިދާނުގެ މަޤްބޫލުކަން ހޯއްދެވިއެވެ.
2005ން 2007 އަށް ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ގޮތުން އެކުލަވައިލެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޑޮކްޓަރ ޖަމީލްވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ.
ޑޮކްޓަރ ޖަމީލް ވަޒީރު ކަމަށް އިސްކުރެވުނު ދުވަސްވަރަކީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގުމަށް ހުއްދަދެވި، ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރުވެސް މެއެވެ. އަދި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ)ގެ މެންބަރެއްގެ ހައިސިއްޔަތުން، ޕާޓީގެ ފުރަތަމަ ކޮންފަރެންސްގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެން، ޕާޓީގެ ހިންގާ ކޮމިޓީއަށް ޖަމީލް ހޮވިވަޑައިގެންނެވިއެވެ.
2007 ވަނަ އަހަރު ޑީ.އާރ.ޕީ ދޫކުރެއްވުމަށްފަހު، ޖަމީލް ދިވެހި ޤައުމީ ޕާޓީއާ ގުޅިވިޑައިގެންނެވިއެވެ. ޖަމީލަކީ ދިވެހި ޤައުމީ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އެމް.ޑީ.ޕީ. ކޯލިޝަންގެ މެންބަރެއްގެ ގޮތުން، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަޤާމަށް 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ޑޮކްޓަރ ޖަމީލް އަނެއްކާވެސް ރާއްޖޭގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެވުނެވެ. އެހެންނަމަވެސް، ރައީސް މުޙަންމަދު ނަޝީދު ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކާއި، ޤާނޫނުއަސާސީއާ ޚިލާފަށް ޢަދުލު އިންޞާފުގެ ނިޒާމަށް އަތްގަދަކުރުމުގެ އުސޫލުތަކުގެ ސަބަބުން، އޭރު ސަރުކާރުގައި ތިއްބެވި އިޞްލާޙަށް ލޯބިކުރައްވާ ބޭފުޅުން އެކަހެރިވެގެންދިޔައިރު، އޭގެތެރޭގައި ޑޮކްޓަރ ޖަމީލްވެސް ހިމެނިވަޑައިގެންނެވިއެވެ.
އެދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިޢުފާ ދެއްވަންދެން ޑޮކްޓަރ ޖަމީލް ހުންނެވީ، ސަރުކާރާ އިދިކޮޅު ފަރާތްތަކާއެކު އެންމެ އިސް ސަފުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ނަޝީދުގެ ހަރުކަށި ގޮތްތަކާމެދު ފާޑުކިޔާ މީހުންނަށް ބިރުދެއްކުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، އެއް ހަފްތާގެ ތެރޭގައި މަދުވެގެން ފަސް ފަހަރު އެއްވެސް ސަބަބެއްނެތި ޑޮކްޓަރ ޖަމީލް ހައްޔަރު ކުރެވުނެވެ. އޭރު ޑޮކްޓަރ ޖަމީލް ހުންނެވީ ދިވެހި ޤައުމީ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައެވެ.
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމަށްފަހު އައީ، އޭރުގެ ނައިބު ރައީސް އިސްކޮށް ހުންނަވައިގެން އެކުލަވައިލެއްވި ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ކޯލިޝަން ސަރުކާރެކެވެ. މި ކޯލިޝަން ސަރުކާރުގައި ޑޮކްޓަރ ޖަމީލް ޢައްޔަން ކުރެވުނީ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށެވެ. އެ މަޤާމުން އެމަނިކުފާނު ވަކިކުރެވުނީ، ޕީ.ޕީ.އެމް.އާ ގުޅިވަޑައިގެން، ޕީ.ޕީ.އެމް.ގެ ކައުންސިލް އަޣްލަބިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޢަބްޑުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓުގެ ގޮތުގައި ހޮވިވަޑައިގެންނެވުމުންނެވެ.
ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހޭދަކުރެއްވި ކުރު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ، ކުރިއަށްވުރެ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެއްދެވުމަށް ޑޮކްޓަރ ޖަމީލް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރެއްވުމަށާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތް ރަނގަޅު ކުރެއްވުމަށްވެސް ޑޮކްޓަރ ޖަމީލް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހަށް ތިންވަނަފަހަރަށް ޢައްޔަން ކުރެއްވުމާ ގުޅިގެން، ޑޮކްޓަރ ޖަމީލް ވަނީ، އެރޮނގުން ރާއްޖޭގެ ތާރީޚުގެ ތެރެއަށްވެސް ވެދެވަޑައިގެންފައެވެ. ޑޮކްޓަރ ޖަމީލަކީ ވިދިވިދިގެން ތިން ރައީސުންގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި އަދި ތަފާތު ތިން މަޤާމު ފުރުއްވި ހަމައެކަނި ބޭފުޅާއެވެ. ޑޮކްޓަރ ޖަމީލް މިހާރު މަސައްކަތްޕުޅު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޔާމީންގެ ނައިބު ރައީސްގެ ހައިސިއްޔަތުން ހަތަރުވަނަ ވަޒީރުންގެ މަޖިލީހުގައެވެ.
ގާތްގަނޑަކަށް ހުރިހާ އަތޮޅަކަށްހެން ދަތުރުފުޅު ކުރައްވައި، ވަރަށް ކާމިޔާބު ކެމްޕޭނެއް ކުރެއްވުމަށްފަހު، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ހުވާކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހުއެވެ.