بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين،وعلى آلـه وصحبـه أجمعـين.
 
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އަލްފާޟިލާ މަރްޔަމް ޢަޒްރާ އަދި ކޮމިޝަންގެ ޢިއްޒަތްތެރި އެހެނިހެން މެންބަރުން، އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުޖުތާޒު މުޙްސިން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. އަދި މިރޭގެ މި އުފާވެރި ޖަލްސާ، ދުރާއި ގާތުން އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
ޝައްކެއްނެތް، މިރޭ އަޅުގަނޑުމެން ފާހަގަކުރަމުންމިދާ އުފާވެރި އިޙްތިފާލަކީ، އިންސާނީ ކަރާމަތަށާއި، ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނެ އުފާވެރި ޙަފްލާއެއް. އަދި މިފަދަ ޙަފްލާއަކީ، އިންސާނީ ކަރާމަތަށާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ފުންކޮށް ވިސްނުމަށާއި، އިތުރަށް ހިތްވަރު ދޭންޖެހޭކަމުގެ އިޙްސާސް އަޅުގަނޑުމެންނަށް ގެނެސްދޭ ޙަފްލާއެއް. އިންސާނީ ޙައްޤުތައް ހިފެހެއްޓުމަށް، އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް، އިންސާނީ ކަރާމާތަށް ޙުރްމަތްތެރިކޮށްހިތުމަށާއި، އިންސާނީ ކަރާމާތް ދިރުވުމަކީ، މުޅި އިންސާނިއްޔަތު ދިރުވުމަށްޓަކައި އެންމެން އެކީ ކުރަންޖެހޭ މަސައްކަތެއް ކަމަށްވާއިރު، މިއަދު އެމަސައްކަތުގައި، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. އަދި މިމަސައްކަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދެއްވާފައިވާ އިސްކަމާއި އަދި މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތާއި، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި، އެ ކޮމިޝަންގެ މުވައްޒަފުންނާއި އަދި ސަރުކާރާއި، ސަރުކާރު ނޫން އެހެނިހެން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، މިހުރިހާ ފަރާތްތަކަށް ޖުމްލަ ގޮތެއްގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، މިރޭގެ މި އުފާވެރި ޙަފްލާގައި ޝުކުރު އަދާކުރަން.
 
ދެންމެ ކުޑައިރުކޮޅެއްގެ ކުރިން އަޅުގަނޑުމެންނަށް އަޑުއިވިގެން ހިނގައްޖެ، ވަރަށް ތަފްޞީލީ ގޮތެއްގައި، ނިމިގެންދިޔަ އަހަރުގައި ކޮމިޝަންގެ ފަރާތުން ކުރެއްވި މަސައްކަތް. އަދި ހަމައެޔާއެކީ، ކޮމިޝަންގެ ރައީސާގެ ވާހަކަފުޅުގައި، ވަރަށް ތަފްޞީލުކޮށް އިތުރަށް ކުރައްވަމުން ގެންދަވާ ކަންތައްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންތައްތަކުގެ މައްޗަށް ބައްލަވައިލައްވައިފި.
 
އިންސާނީ މުޅި ޙަޟާރަތުގެ ތާރީޚު، އަޅުގަނޑުމެން ދިރާސާކޮށްފި ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް ފެންނަނީ އަބަދުވެސް އިންސާނުން، އެބައިމީހުންގެ ޙާލަތު ބަދަލުކުރުމަށް ކުރި މަސައްކަތޭ ދެންނެވިދާނެ. ދިރިއުޅެމުންދިޔަ މުޖްތަމަޢާއި، އިންސާނުން ނޭވާލާ މާޙައުލާއި، ދިރިއުޅުމަށް ކުރާ މަސައްކަތުގެ އިތުރުން، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ މުޢާމަލާތާއި، މިކަންތައްތަކުގައި ކަނޑައެޅިފައިވާ އިންޞާފުވެރިކަމާއި ހަމަހަމަކަން، އިންސާނުން ހޯދަން މަސައްކަތް ކުރީ ތަރައްޤީއަށް. މިއީ، މިދިޔަ ދުވަސްތަކުގައި އިންސާނުން ޙާލަތު ބަދަލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ޙަދުޘް، މިޞްރާބު. އިންސާނުން ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑި. ދުނިޔެ ދުށް ތަރައްޤީއާއި އަދި ދުނިޔެ ޙާޞިލުކުރި ތަރައްޤީއަކީ، އިންސާނުން އެކީގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް، އެމީހުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން ކުރި މަސައްކަތުގެ ނަތީޖާ. އަދި އެމަސައްކަތަކީ އިންސާނުން، ހީވާގިކަމާއި، މުރާލިކަމާއި، ޖިންސާއި ނަސްލާއި، ކުލަޔާއި، ބަހާއި ޤައުމިއްޔަތާއި ޘަޤާފަތުގެ ތަފާތު ނައްތާލައި، އެންމެންނަކީވެސް އެއް މިންވަރެއްގައި، އެއް ހަމައެއްގައި އުޅެވޭނެ ބައެއްކަން ގަބޫލުކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ.
 
ޖަލްސާއަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި އެންމެހާ ބޭފުޅުން، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން:
 
ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ގިނަ ކަންތައްތަކެއް ތަފާތުވެއްޖެ. ޝައްކެއްވެސްނެތް، ކުރީގައި ނުދެކޭ، އަޅުގަނޑުމެންނަށް ނުފެންނަ އެތަކެއް ކަމެއް، މިއަދު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ޤައުމުތަކަށާއި، އަޅުގަނޑުމެން ދިރިއުޅޭ މާޙައުލާއި އަދި ހަމައެއާއެކީގައި، އަޅުގަނޑުމެން ބޭނުންކުރި ތަކެއްޗާއި، ވަސީލަތާއި، ވަރަށްގިނަ ކަންތައްތަކެއް ބަދަލުވެގެން އެބަދޭ. އެކަމަކު މިއަދުވެސް އިންސާނުން އެދެނީ، ކުރިންވެސް ހަމަ އެދި މަސައްކަތް ކުރަމުންދިޔަ ކަންތައްތައް. މިއަދުވެސް އިންސާނުން އެދެނީ ޞުލްޙަވެރިކަމަށް. މިއަދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންސާނުން މަސައްކަތް ކުރަނީ އަދި ޖާނާއި މާލުން ޤުރްބާންވަމުންދަނީ، މީގެ އެތަކެއް އަހަރު ނުވަތަ އެތަކެއް ޤަރުނުގެ ކުރިންވެސް އިންސާނުން ހޯދަން މަސައްކަތްކުރި ކަންތައްތައް ޙާޞިލު ކުރުމަށް، ނުވަތަ ޙައްޤުތައް ލިބިގަތުމަށް. އެއީ، މިނިވަންކަމަށް، އަމިއްލަ ޤައުމިއްޔަތުގެ ދިފާޢުގައި، ތިމާގެ ގެދޮރުގެ ދިފާޢުގައި، ތިމާގެ ނަފްސާއި، ތިމާގެ ކުދިންނާއި، ތިމާގެ އަނބިދަރިންގެ ޙައްޤުގައި މަސައްކަތް ކުރުމުގައި. ތިމާގެ ގެދޮރުގެ ޙުރްމަތް ހޯދުމަށްޓަކައި. ތިމާގެ މުދަލާއި ޖާނު ޙިމާޔަތް ކުރުމުގައި. ތަނަވަސްކަން ހޯދުމުގައި ހަމަހަމަ ފުރްޞަތަށްޓަކައި. މިއީ މިއަދުވެސް، އިއްޔެވެސް އިންސާނުން ކުރި މަސައްކަތް. ތިމާމެންގެ ދަރިންނަށް ތަޢުލީމު ހޯދައިދިނުމާއި، ތަރައްޤީ ހޯދައިދިނުމާއި، އިޤްތިޞާދީ ފުދުންތެރިކަން، އެއްހަމައެއްގައި ހޯދައިދިނުމާއި، ކާނާއާއި ސާފު ބޯފެން ލިބިގަތުމާއި، ސާފު ވައިގައި ނޭވާލުމުގެ ޙައްޤު ހޯދުމާ، ތިމާމެންގެ ތެރޭގައި އަންހެނުންނަށާއި، ކުޑަކުދިންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅާލުމާއި، ކުލުނާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި. އަދި އަޅުގަނޑުމެންގެ ތެރޭގައި ޚާއްޞަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ ބަޔަކު ތިބިކަން ދަނެ، އެ ފަރާތްތަކުގެ އިޙްސާސްތައް ދެނެގަތުމުގައި. މިއީ އިއްޔެވެސް، މިއަދުވެސް އަދި މާދަމާވެސް ދުނިޔެ ވަރުބަލިކަމެއްނެތި ހޯދުމަށް މަސައްކަތްކުރާ، މަސައްކަތް ކުރަމުންދާ އަދި މަސައްކަތް ކުރާނެ ޙައްޤުތައް.
 
ޝައްކެއްނެތް، މިއީ އިންސާނިއްޔަތުކަން ކުރިއެރުމުގެ ލާމަސީލު ނަމޫނާ ބިނާވެފައިވާ މައިގަނޑު އަސާސްތައް. މިއަދު މި ޙައްޤުތަކަކީ އެއްވެސް ޝައްކެއްނެތްގޮތުގައި، ދުނިޔެއަށް އޮޅުވާލެވޭނެ ޙައްޤުތަކެއް ނޫން. މިއަދު އިންސާނީ ޙައްޤުތަކަކީ، ފޮރުވާލެވޭނެ ޙައްޤުތަކެއްވެސް ނޫން. މިއަދު އިންސާނީ ޙައްޤުތަކަކީ، ބަހަނާތަކުން ނިވާކުރެވޭނެ ޙައްޤުތަކެއްވެސް ނޫން. މިއީ، އިންސާނީ ޙަޟާރަތް. މިއީ، އިންސާނީ ކުރިއެރުން. މިއީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤުތަކެއް. މިއީ، އިސްލާމީ ޝަރީޢަތުގައި ބިންވަޅު ނެގިފައިވާ އަސާސް. ކީރިތި ޤުރްއާނުގައި މިކަން ވަރަށް ރަނގަޅަށް ހާމަކުރައްވައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًاމި އާޔަތުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، [ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.]
 
ޝައްކެއްނެތް، އިންސާނުންނަކީ، އެންމެ މަތިވެރި މަޚްލޫޤު. އިންސާނުންނަކީ، އެންމެ ފުރިހަމަ މަޚްލޫޤު. އިންސާނުންނަކީ، އެކަކު އަނެކަކު މެދުގައި ތަފާތުކުރުމެއްނެތި، އެންމެންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި اللّـه سبحـانـه وتعـالى އުފައްދަވާފައިވާ މަޚްލޫޤު. އިންސާނުންނަކީ، ކޮންމެ މީހަކަށްވެސް ފުރިހަމަ ޙައްޤުތަކެއް ލިބިފައިވާ ބައެއް. އިންސާނުންނަކީ، ކޮންމެ މީހެއްގެވެސް ޙައްޤުތަކަށް އިޙްތިރާމް ކުރަންޖެހޭ ބައެއްގެ ގޮތުގައި اللّـه سبحـانـه وتعـالى ލެއްވި ބައެއް. އިންސާނުންނަކީ، ދެންމެ މިތާނގައި އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ ފަދައިން، އެއްބަޔަކު އަނެއް ބައެއްގެ އިޙްސާސްތައް ދެނެގަނެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ބައެއްގެ ގޮތުގައި اللّـه سبحـانـه وتعـالى ލައްވާފައިވާ ބައެއް.
 
ޢިއްޒަތްތެރި ޖަލީސުން، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން:
 
އިންސާނީ ޙައްޤުތަކުގެ ބިންވަޅު ނެގި، އަސާސްތައް ޤާއިމުވެފައިވަނީ ވަރަށް ފުރިހަމަގޮތުގައި އިސްލާމްދީނުގައި. އިސްލާމީ ޝަރީޢަތުގައި، އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި. އިންސާނާގެ ނަފްސާއި، އޭނާގެ ދިރިހުރުމުގެ ޙައްޤަކީ، އިސްލާމްދީނުގައި ރައްކާތެރިކުރެވިފައިވާ ޙައްޤެއް. ދެންމެ މި ޖަލްސާ ފެށުމުގެ ގޮތުން ކިޔެވިދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން އެކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އަޑުއިވިގެން ހިނގައްޖެ. އިންސާނުންގެ މުދަލުގެ ރައްކާތެރިކަމަކީ، އިސްލާމްދީނުގައި ބިންވަޅު ނެގިފައިވާ ރައްކާތެރިކަމެއް. އަނިޔާވެރިކަމާއި، ޙައްޤު ނޫންގޮތުގައި މުޢާމަލާތް ކުރުމުން ނަހީކުރައްވާފައިވާ ދީނަކީ އިސްލާމްދީން. އިސްލާމްދީނަކީ، މީހާގެ ޢިއްޒަތާއި ނަފްސާއި، އެމީހާގެ ބުއްދިޔާއި އެމީހާގެ މުދަލާ، އެމީހާގެ ގޯތިގެދޮރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ މަތިވެރި ދީން. އަދި ހަމައެއާއެކީގައި، ކޮންމެ އިންސާނަކަށް ލިބިގެންވާ މިނިވަންކަމާއެކީގައި، އެ އިންސާނާގެ ޒިންމާ ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވާ މަތިވެރި ދީން.
 
ޢިއްޒަތްތެރި ހާޒިރީން:
 
އިންސާނީ ޙައްޤުތަކަކީ އެންމެ ބާރަށް ވާހަކަ ދެކެވޭ ޙައްޤުތައް. އިންސާނީ ޙައްޤުތަކަކީ، އެންމެ ބޮޑަށް އެ ޙައްޤުތަކެއް ހޯދަން އިންސާނުން އަބަދުވެސް މަސައްކަތްކުރާ ޙައްޤުތައް. ޝައްކެއްވެސްނެތް، އިންސާނުން ޙައްޤުތަކަށް މަސައްކަތް ކުރުމަކީ، އެންމެ ދުވަސްވީ ޙައްޤު. އެންމެ ދުވަސްވީ މަސައްކަތްވެސްމެ. އެކަމަކު މިއަދާ ހަމަޔަށް އައިއިރުވެސް އިންސާނީ ޙައްޤުތަކަކީ އެންމެބޮޑު ގޮންޖެހުންތައް ދިމާވެފައިވާ ޙައްޤުތެކޭވެސް ދެންނެވިދާނެ. އެ ޙައްޤުތައް ކާމިޔާބު ކުރުމުގައި، ބޮޑެތި ބިޔަ ހުރަސްތައް މެދުވެރިވާ ޙައްޤުތަކެއްވެސްމެ. އެ ޙައްޤުތައް ހޯދުމަށްފަހު، ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވާ ޙައްޤުތަކަކީވެސް އިންސާނީ ޙައްޤުތަކޭ ދެންނެވިދާނެ. އިންސާނީ ޙައްޤުތަކަކީ އިއްޔެވެސް، މިއަދުވެސް ތަކުރާރުކޮށް އިންސާނުންގެ ތެރެއިން އެކިއެކި ތަރުޖަމާތަކާއި، ޙުއްޖަތްތަކުގެ ޝިކާރަޔަކަށް ވެގެންދާ ޙައްޤުތަކެއް. މިހެން މިދެންނެވީ، މިކަމުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުންދާ ޤައުމުތަކާއި، ކުޑަ ޤައުމުތަކާއި، ބޮޑެތި ޤައުމުތަކުގެ މެދުގައިވެސް މިދެންނެވި އުޞޫލުން ޢަމަލުކުރުމުގައި، ތަފާތުތަކެއް އަޅުގަނޑަށް ނުފެންނާތީ.
 
މިރޭ އަޅުގަނޑުމެން އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކޮށް، އުފާފާޅުކުރަމުންދާއިރުގައި، ދެންމެ މިދެންނެވި ފަދައިން، އެންމެ ދުވަސްވީ ޙައްޤު، އެންމެ ގިނަ މަސައްކަތް ކުރެވޭ ޙައްޤު ކަމުގައިވީނަމަވެސް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ބައެއްފަހަރު ފެނިގެންދަނީ ހިތްދަތި މަންޒަރުތައް، ހިތާމަވެރި ވާހަކަތައް. ދާދި އިހަކަށްދުވަހު އެމެރިކާގެ ސެނެޓުން ނެރުނު ރިޕޯޓުގައި، އެތާނގައި ހައްޔަރުކޮށްގެން ގެންގުޅޭ 119 މީހަކާމެދު މުޢާމަލާތްކޮށްފައިވާ ހިތާމަވެރި، ލާއިންސާނީ ގޮތުގެ ވާހަކަ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަޑުއެހީ ވަރަށް އަސަރާއެކީގައި. ވަރަށް ހިތާމަޔާއެކީގައި. އަދި އެވާހަކަތައްވީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ޙައިރާންކަން ގެނެސްދިން ސިއްސުވާލި ވާހަކަތަކެއް ކަމުގައި. މިއަދު ތަހުޒީބަށް ލޯބިކުރާ ޤައުމުތަކުން މިފެންވަރުގެ ދަށު ދަރަޖައިގެ ޢަމަލުތައް ފެނިގެންދިޔަ ކަމަށްޓަކައި ހައްޔަރު ކުރެވުނު މީހުންގެ ގައިގައި ތަޅައި، މާރާމާރީ ހިންގައި، މީގެއިތުރުން، މިޒަމާނުގެ ހުރިހާ ތަހުޒީބީ އުޞޫލުތަކުގެ ތެރެއިން މަނާކުރެވިފައިވާ އަދަބުތައް، އެފަރާތްތަކަށް ދެވިފައިވީކަމީ، މިފަދަ ވަގުތެއްގައި ހިތާމަޔާއެކީގައި އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ ކަންތައްތަކެއް. 100 އަށްވުރެ ގިނަ ގަޑިއިރުގައި ނިދިން މަޙްރޫމްކޮށްފައި، މިޒަމާނުގެ ކުރިއަރާފައިވާ ޤައުމެއްގައި، ތަޙުޤީޤީ ބޭނުމަށްޓަކައި އެމީހުންނާ ދޭތެރޭގައި ސުވާލު ކުރެވިގެން، މުޢާމަލާތް ކުރެވިގެންދިޔަ ވާހަކަ އަޑުއިވިގެން ދިޔައީ ގަބޫލުކުރަން ދަތި ގޮތެއްގައި.
 
މިއަދު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިންސާނީ ޙައްޤުތައް ވާންޖެހެނީ ޢާލަމީ ޙައްޤަކަށް. އެ ޙައްޤުތައް ވާންޖެހެނީ، މުޅި ދުނިޔެ، އެއްހަމަޔަކުން ގަބޫލުކުރާ ޙައްޤުތަކަކަށް. އަދި އިންސާނީ ޙައްޤު ލިބެންޖެހެނީ ވަކިބަޔަކަށް ކަމަށް ނުހެދުމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި ދުނިޔެއިން ޢަޒުމް ކަނޑައަޅަންޖެހޭ. މީހެއްގެ ކުލައަށް، މީހެއްގެ ނަސްލަށް، އެމީހަކީ ވަކި ދީނަކަށް ނިސްބަތްވާ، ވަކި ބަހަކުން ވާހަކަ ދައްކާ ނުވަތަ ވަކި ހިސާބަކަށް ނިސްބަތްވާ މީހަކަށްވީތީ، އެމީހަކާ ދޭތެރޭގައި ތަފާތުކުރެވިގެން ނުވާނެ. ދުނިޔޭގެ ތަހުޒީބަކީ، އެންމެންގެ ޙައްޤަކަށް ހަދަން އެބަޖެހޭ. ދުނިޔޭގެ ތަހުޒީބަކީ، އެންމެންގެ ޙައްޤަކަށް ހަދަންޖެހޭ. ސަބަބަކީ އެއީ، އެންމެންނަށް އެއް ހަމަޔަކުން މުޢާމަލާތް ކުރުމުގެ ޙައްޤު ލިބިގެންވާތީ. ތުހުމަތު ކުރެވޭ މީހަކީ މުސްލިމަކަށްވީތީ ނުވަތަ ތުހުމަތު ކުރެވޭ މީހަކީ މުސްލިމަކަށް ވެއްޖެ ޙާލަތެއްގައި، އެމީހަކަށް ކޮންމެފަދަ އަނިޔާއެއްދީ، ޢަދުލުގެ ނިޒާމުން ބޭރުން ގެންގުޅެ، އޭނާގެ ނަފްސުގެ ކަރާމާތަށްއަރައި އަދި އޭނާއަށް ލިބިގެންވާ އިންސާނީ ޙައްޤުތަކުން މަޙްރޫމް ކުރުމަކީ، މައްސަލައެއް ނެތް ކަމަށް ދެކޭ ފަރާތްތަކަކީ، އެހެން މީހުންގެ ޙައްޤުތަކަށް ފަރުވާބަހައްޓާނެ ފަރާތްތަކެއް ކަމަށް ގަބޫލުކުރަން ދަތި. ތިމާގެ ވަޒަނުގައި ދިރިއުޅުމާއި، ގޯތިގެދޮރުގެ ޙައްޤު ހޯދުމާއި، ތިމާގެ ކުޑަ ތުއްތު ކުއްޖާއަށް ސާފު ވަޔަށް ނޭވާލުމުގެ ޙައްޤާއި، އެކުއްޖާގެ ޅަޢުމުރުގައި، އެކުއްޖާއަށް ލިބިގެންވާ ޙައްޤުތަކުން މަޙްރޫމް ކުރުމާއި، ތިމާމެންގެ އަނބިދަރިންނާއި، ގޯތިގެދޮރާއި، ވަޒަނުގެ ދިފާޢުގައި މަސައްކަތްކުރާ ރައްޔިތުންނަކީ، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށްވީތީ، އެއީ މައްސަލައަކަށް ނުވާ ދުނިޔެއެއްގައި ނުވަތަ މައްސަލައަކަށްނުވާ ބައެއް އުޅޭ ކަމުގައިވާނަމަ، އެފަދަ ބައެއްގެ ފަރާތުން އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް މަސައްކަތްކުރާ ކަމަށް ގަބޫލުކުރަންދަތި. އަދި އެފަދަ ބަޔަކު، އެހެން ބަޔަކަށް އިންސާނީ ޙައްޤުތައް ހޯދައިދީ އަދި އިންސާނީ ޙައްޤުތައް ފުރިހަމަގޮތުގައި ރައްކާތެރިކޮށްދީފާނެ ކަމަށް ގަބޫލުކުރަން ދަތި. ސަބަބަކީ ކުރިންވެސް މިދެންނެވި ފަދައިން، އިންސާނީ ޙައްޤުތަކަކީ ޔުނިވަރސަލް ޙައްޤުތަކަކަށްވާތީ. އިންސާނީ ޙައްޤުތަކަކީ ޢާލަމީ ޙައްޤެއް. އިންސާނީ ޙައްޤުތަކަކީ، އެންމެންނަށްވެސް އެއް ހަމައަކުން ލިބިގެންވާ ޙައްޤުތަކެއް. ކޮންމެ ޤައުމަކުންވެސް އަހަރުގެ ކޮންމެ ދުވަހަކީ، އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތާ ދުވަހަކަށް ހެދުމަށް ގޮވާލާ. އަދި ކޮންމެ ރައްޔިތަކުވެސް، އެމީހެއްގެ ސަރުކާރު ޒިންމާ ކުރުމަށް ގޮވާލާ. މިއީ ބަންކީމޫން، މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރެއްވި އިލްތިޖާއެއް. ހިތާމަޔަކީ މިއަދު މިގޮތަށް މިކަން ފެނިގެން ނުދާކަން.
 
ޢިއްޒަތްތެރި ހާޒިރީން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން:
 
މިއަދު އިންސާނީ ޙައްޤުތަކުގެ ދުވަސް މި ފާހަގަކުރަނީ، މުހިންމު ސަބަބުތަކެއް އޮތުމާ އެއްކޮށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. މިފަދަ ދުވަހެއްގައި، އިންސާނީ ޙައްޤުތަކުގެ މަތިން ހަނދާންކޮށް، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމާއެކު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ގުޅިގެން އެކީގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކޮމިޝަނާއި، ސަރުކާރުގެ އިދާރާތަކާއި، އެހެނިހެން ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަކީ، މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ސަރުކާރުންވަނީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަދި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ފަށާފައި. ރާއްޖޭގައި ޓްރީޓީ ރިޕޯޓިންގ ކޮމިޓީއެއް ސަރުކާރުގެ ފަރާތުން ވަނީ އެކުލަވާލައްވާފައި. ދެންމެ ކޮމިޝަންގެ ރައީސާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، އިންސާނީ ޙައްޤުތައް ހިމެނޭގޮތަށް ރައްކާތެރިކުރުމަށްޓަކައި މުހިންމު ޤާނޫނުތަކެއް އެކުލަވައިލެވި، މުހިންމު ޤާނޫނުތަކެއް، ރައްޔިތުންގެ މަޖިލީހަށް، ކުރިއަށް އޮތް ދައުރަށްވެސް ހުށަހެޅިގެންދާނެ. އަދި ހަމައެއާއެކީގައި، ސަރުކާރުގެ އެކި އިދާރާތަކުގެ ތެރޭގައި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ވަކި ފޯކަލް ޕޮއިންޓްތަކެއް ޤާއިމުކުރެވި، އެ މަސައްކަތްވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ހަރުދަނާ ކުރެވިގެންދާނެ.
 
މިއާއެކީގައި، ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެން މިޞްރާބު ޖަހަންވީ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ޙާލަތު އިތުރަށް ހަރުދަނާ ކުރުމަށް. އަޅުގަނޑުމެން އެންމެން އުޅެންވީ، ސަރުކާރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގައި އެހީތެރިވެދިނުމަށް. އަޅުގަނޑުމެން ސާބިތުވެ ތިބެންވީ، ދިވެހިންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ނެގެހެއްޓުމަށް. އަޅުގަނޑުމެންގެ ދުވާލާއި ރޭގަނޑު ހޭދަކުރަންވީ، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ ޙާލަތު، އުފާވެރި ހަމަހަމަ ޙާލަތަކަށް ގެނައުމުގެ މަސައްކަތުގައި. އަޅުގަނޑުމެން ފިކުރުކުރަންވީ، ދިވެހިންގެ ތެރޭގައި އިޤްތިޞާދީ ފުދުންތެރިކަމާއި އަދި ދިވެހިންގެ ތެރޭގައި އިޖްތިމާޢީ ހަމަހަމަކަން ގެނެސްދެވޭތޯ. އަޅުގަނޑުމެން އަޑުއަހަންވީ، ދިވެހިންގެ އަސާސީ ޟަރޫރަތްތަކަކީ ކޮބައިތޯ އަދި އެ ޟަރޫރަތްތައް ފުއްދޭނެ ގޮތަކީ ކޮބައިތޯ. އަޅުގަނޑުމެންނަށް ފެންނަންވީ، ދިވެހިންގެ ގެދޮރުގެ ދަތިކަމާއި، ގިނަ ރައްޔިތުންތަކެއް ސާފު ފެން ލިބުމުން މަޙްރޫމްވެފައިވާކަމާއި އަދި ސާފު ފެން ލިބުމުގައި ދަތިތައް ހުރިކަމާއި، އަޅުގަނޑުމެން ބާރުއަޅަންވީ އިޤްތިޞާދީ ފުރްޞަތު ފުޅާކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަން ގެނެސްދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް. މިއީ މިފަދަ ޙަފްލާއެއް ފާހަގަކުރެވިގެންދާއިރު، އަޅުގަނޑުގެ އިލްތިމާސް. މިއީ އަޅުގަނޑު އެދޭގޮތް. މިއީ، މިފަދަ ދުވަހެއްގައި، ދިވެހި ޤައުމުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑު ކުރާ އާދޭސް. މިގޮތަށް މިޞްރާބު ކުރެވިއްޖެނަމަ، އެއްވެސް ޝައްކެއްނެތް، އިންސާނީ ޙައްޤުތަކުގެ މަގުގައި، ރާއްޖެ ޙާޞިލުކުރާނީ ވަރަށް މަތިވެރި ކާމިޔާބުތަކެއް.
 
އާދެ، މިކަން މީގެކުރީގައި ނޯބެލް ޕީސް ޕްރައިޒް ޙާޞިލުކޮށްފައިވާ އެމެރިކާގެ ޑޮކްޓަރ ޝީރީން ޢިބާދީ، ވިދާޅުވެފައިވާ ބަސްފުޅެއްގައި ވަރަށް ސާފުކޮށް ފާހަގަކުރައްވާފައިވޭ. ވިދާޅުވެފައިވަނީ،
Human Rights is a universal standard. It is a component of every Religion and every Civilization
 
ޝައްކެއްނެތް، ސާފުކޮށް މިއޮތީ އެނގެން. އެންމެންވެސް ގަބޫލުކުރާ ހަމަތައް. މިއީ، އަޅުގަނޑުމެންގެ މުޖްތަމަޢުން އަޅުގަނޑުމެންގެ އެންމެން ހޯދަންވީ ކުރިއެރުން. އިޖްތިމާޢީ ކުރިއެރުމާއި، އިޤްތިޞާދީ ފުދުންތެރިކަމަކީ، އެ ޤައުމުތަކުން އިންސާނީ ޙައްޤުތައް ކުރިއަރުވަން މަސައްކަތް ކޮށްފައިވާ ޤައުމުތަކުން ހޯދާފައިވާ ކާމިޔާބު. ކޮންމެ ޤައުމެއްވެސް ކުރިއަރައިދިޔަ ނަމަވެސް، އިންސާނީ ޙައްޤެއްގެ ގޮތުގައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދޭންޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެއްވެސްޝައްކެއްނެތް، ޤައުމެއްގެ ރައްޔިތެއްގެ އިޖްތިމާޢީ ޙާލަތު ރަނގަޅުވެ، ގެދޮރުގެ ދަތިކަން ފިލައިގޮސް، ސާފު ބޯފެނާއި، ނޭވާލާނެ ރަނގަޅު މާޙައުލާއި، އިޤްތިޞާދީ ފުދުންތެރިކަން ހަމަހަމަޔަށް ލިބިއްޖެ ކަމުގައިވާނަމަ، އެފަދަ ޤައުމެއްގައި، އިންސާނީ ޙައްގުތައް ކުރިއަރާނެ، ކާމިޔާބުވާނެ، ފަލާޙު ލިބޭނެ. އެއީ، ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ނަމުގައި ބޮޑެތި ކާމިޔާބީތައް ޙާޞިލުކޮށްފައިވާ ޤައުމުތަކުން ޢަމަލުކޮށްފައިވާ ގޮތް.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް ފަހިކަމާއި، ފާގަތިކަމާއި، ކުރިއެރުން ގެނެސްދޭނެފަދަ ޤައުމެއް ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަދި ރާއްޖޭގައި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުމާއި ޙިމާޔަތް ކުރުމުގައި ސަރުކާރާއި ކޮމިޝަނާއި، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން ކުރަމުންގެންދާ މަސައްކަތުގައި، اللّـه سبحـانـه وتعـالى ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه