މިލަދުންމަޑުލު ދެކުނުބުރީ ވިހަފަރުގައި، އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، އެ އަތޮޅު މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިޤްތިޞާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިނގާނޭ އަތޮޅެއްގެ ގޮތުން، މި ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހޮޅުދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ހޮޅުމީދޫ ބޭނުންކުރަން ފަށަން ފުރިހަމަކުރަންޖެހޭ އަސާސީ ޢުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ފެއްޓުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރައްވާފައެވެ. މީގެ އިތުރުން، ނިއު ޕޮލިސީ އިނީޝިއެޓިވްސްގެ ތެރޭގައި ހިމެނިގެން، އެ ރަށުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރާ ބެޗުގައި ހިމަނުއްވާނޭ މަސައްކަތްތައްވެސް ހާމަކުރައްވާފައެވެ. އެ ގޮތުން، ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ހިއްކެން އޮތް މިންވަރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި، ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި، ފުޓްސަލް އަދި ހޭންޑްބޯލް ދަނޑުގެ މަސައްކަތްތައް ކުރުމަށް، އެ ބެޗުގައި ސޮއިކުރެވޭނޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮޅުދޫ މަގު ހެދުމުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ރިންގް ރޯޑްގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި، އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިންމޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމުގައިވާ، ހޮޅުދޫ މޭނާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި، ތަޢުލީމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު، ސޮއިކުރައްވާފައެވެ.