بســم اللّـه الرّحمـن الرّحيــم

الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه وَعلـى آلـه وَصَحْبِـهِ أجمـعـين.

ނިލަންދޫ ކައުންސިލްގެ ޢިއްޒަތްތެރި ރައީސް، ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ގއ. ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިން، ކޫއްޑޫ ފިޝަރީޒްގެ އެންމެހައި ބޭފުޅުން، މިއަދުގެ މި ކުޑަ އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ ލޮބުވެތި އެންމެހައި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه
އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، އެނގިވަޑައިގަންނަވާނޭ ފަދައިން، މިދަތުރު، އަޅުގަނޑުމެން މިއަތޮޅާ ހަމައަށް މިކުރިއިރުގައި، މިރަށުން އާދަޔާ ޚިލާފު ހޫނު މަރްޙަބާއެއް އަޅުގަނޑުމެންނަށް، މިއަތޮޅުގެ ކައުންސިލްގެ ފަރާތުންނާއި އަދި މިރަށުގެ ކައުންސިލުން ޚާއްޞަކޮށް ދެއްވާފައިވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ތިޔަ ދެއްވި މެހްމާންދާރީއާއި އަދި ދެއްވި މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިރަށަށް މިފަހަރު ޒިޔާރަތް ކުރުމުގެ ކުރިން، އަޅުގަނޑަކަށް އެނގިފައެއް ނެތް، މިރަށަކީ މިހާ ޝާޢިރީ މާޙައުލެއް ކަމެއް. އެހެން ނަމަވެސް، އަޅުގަނޑަށް ވަރަށް ބޮޑަށް އެނގިގެން ހިނގައްޖެ، މިރަށަކީ އާދަޔާ ޚިލާފަށް ޝާޢިރީ، ވަރަށް ޖާދުވީ މާޙައުލެއްކަން. އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ، އުފާވެރި މާޙައުލެއްގައި ދިރިއުޅޭ، އެހެން މީހުންނަށް އެމީހުންގެ ކިބައިން އުފާ ފޯރުކޮށްދޭފަދަ ބާރެއް ލިބިގެންވާ ވަރަށް ލޯބި ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށްވާތީ، އެކަން އަޅުގަނޑު ފާހަގަކޮށް، އެކަމަށްޓަކައި ތިޔަ ރައްޔިތުންނަށް ސާބަހާއި ޝުކުރާއި ތަޢުރީފު އަދާކުރަން.
އަޅުގަނޑުމެން މިހާ ހިސާބަށް މި ދަތުރު، މިއަތޮޅުގައި މީގެ ދެބުރެއްގެ މަތިން އަޅުގަނޑު ކޮށްފިން. ކުރީފަހަރު ދަތުރުނުކުރެވި ހުރި ރަށްތަކަށް މިފަހަރު މި ދަތުރުކުރަނީ. މީގެ ބޭނުމަކީ، ސަރުކާރު ވުޖޫދަށް އައުމަށްފަހުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ސަރުކާރުން ކޮށްދޭން ވަޢުދުވެފައިވާ ކަންތައްތައް ހިނގަމުންދާގޮތާއި އަދި ރައްޔިތުންނާ ހަމައަށް ވާސިލުވެ، ހާލުއަހުވާލު ރައީސްގެ ފަރާތްޕުޅުން އަޅުގަނޑުމެން މިކަންތައްތައް ބެލުން. ދެން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރު ވުޖޫދަށް އައީ ވަރަށްގިނަ ބައެއްގެ ވަރަށްބޮޑު މަސައްކަތްތަކުން. އަޅުގަނޑު ހަނދާން އެބަހުރި، މިރަށުގެ ލޮބުވެތި އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ މެންބަރުންނާއި، ޚާއްޞަ ގޮތެއްގައި، ޕީ.ޕީ.އެމް.ގެ ޒުވާނުން މިރަށުގައި ވަރަށް ވަރުގަދަ ޖިހާދެއް ކުރެއްވި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި. އަދި ރައްޔިތުންގެ މަޖިލީހުގެވެސް ވަރަށްބޮޑު މަސައްކަތްތަކެއް މިރަށުގެ، އަޅުގަނޑުމެންގެ ސިޔާސީ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅުންނާއި، އަޅުގަނޑުމެންނަށް ވާގިދެއްވި ބޭފުޅުން ވަރަށްބޮޑު މަސައްކަތްތަކެއް ކުރެއްވި. އެމަސައްކަތުގެ އިތުރުން، އަޅުގަނޑުމެންނާ ޚިޔާލުތަފާތުވި ބޭފުޅުންވެސް އަޅުގަނޑުމެންނަށް ހަމަ ފަހު ވަގުތުގައި ވަރަށްބޮޑު ތާއީދެއް މިއަތޮޅުތަކުން ކުރެއްވި. އެހެންވީމާ، އަދި އެބޭފުޅުން ތަފާތު ޚިޔާލުގައި މަސައްކަތް ކުރެއްވި ކަމުގައިވީނަމަވެސް، އެބޭފުޅުންވެސް އެކަންތައްތައް އެކުރެއްވީ އަޅުގަނޑު ދެކޭގޮތުގައި، ޤައުމަށާއި ރައްޔިތުންނަށް ރަނގަޅެއްވާނެ ކަމަށް ގަބޫލުކޮށްގެން. އެހެންވީމާ، ނިމިގެންދިޔަ މި އިންތިޚާބުތަކުގައި، ތިޔަ ހުރިހާ ރައްޔިތުން ކޮށްދެއްވި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގަޔާއި، އަޅުގަނޑުގެ ނަމުގައި ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް ލޯތްބާ އެކީގައި ޝުކުރު އަދާކުރަން.
އަޅުގަނޑަށްވެސް އެނގޭ، ހަމައެކަނި މިވާހަކަ ދެއްކުމަކުން ތިޔަބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާނެކަން. ތިޔަބޭފުޅުންގެ ޝަކުވާ އޮންނާނެ. ތިމަންނަމެންގެ ވާޖިބު އަދާކޮށްފީމޭ. އެހެންވީމާ، ކޮބައިހެއްޔޭ ތިޔަފަރާތުން މިހާރު އަދާކުރަންޖެހޭ ކަންތައް. އެވާހަކަ ދެންމެ ކައުންސިލްގެ ރައީސް ނާޒިމް އިބްރާހީމްވެސް އެ ވިދާޅުވީ. ޢަރަބި ހަރުބަހެއްގައިވެސް އޮވޭ، تهادوا تحابوا ހަދިޔާދޭށޭ، ލޯބި އިތުރުވާނޭ. އެހެންވީމާ، އަޅުގަނޑުމެންނަށްވެސް އެނގޭ، ގިނަ ކަންތައްތަކެއް ސަރަޙައްދަށާއި ރަށަށް ކޮށްދެވުމުން، އިތުރަށް އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ހިތުގައި ޖާގަ ހޯދޭނެ. މިހާރަށްވުރެ ގިނަ ޅެންތައް، ދެން އަންނަ ފަހަރަކުންވެސް އަޑުއިވިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި ސަރުކާރުގައި، ރައީސް ޔާމީން ސަރުކާރުގައި، އިޖްތިމާޢީ ކަންތައްތަކުގައި ހުރި ވަރަށްގިނަ ވާހަކަތަކެއް މިރަށުގެ ރައްޔިތުން ޙިއްޞާކޮށްފި.  އެކަމަކު އެޔާއެކީގައި ޚާއްޞަ ނަޒަރެއް، އިޤްތިޞާދީ ދާއިރާއަށް އެބައޮތް. ކުރިއަށް މިއޮތް ދުވަސްތަކުގައި، ތިޔަބޭފުޅުންނަށް ﷲގެ ރަޙްމަތާއެކީގައި، އެ މަސައްކަތް ފެނިގެންދާނެ. މިއަތޮޅު، ހުވަދުއަތޮޅު، މި ބޮޑު ބިޔަ އަތޮޅު، އިރާދަކުރެއްވިއްޔާ މިއީ، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ވަރަށްބޮޑު ފަޚްރެއް ދެވިފައިވާ އަތޮޅެއް. އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ. ސަބަބު ވަރަށްގިނަ. މި އަތޮޅަކީ މުއްސަނދި އަތޮޅެއް. އަތޮޅުގެ ހައިސިއްޔަތުން ވަރަށްބޮޑު އަތޮޅެއް. ދުނިޔޭގައި އޮތް އެންމެބޮޑު އަތޮޅު މިއީ. އޭގެއިތުރުން، ވަރަށް މަސައްކަތްތެރި، ހީވާގި ރައްޔިތުންތަކެއް، ޒަމާނުއްސުރެ މަޝްހޫރު، މިއަތޮޅުތަކުގައި ދިރިއުޅޭ. ވަރަށް ހީވާގި، މަސްވެރިކަމުން ކަމުގައި ބެލިނަމަވެސް. އަޅުގަނޑުމެން މާލޭގައި މިއަދު ތިބެންޖެހޭތީ މި ތިބެނީ. އެހެން ނަމަވެސް، މާލެއަށް ބެލިކަމުގައިވީނަމަވެސް، ބުރަކޮށް މަސައްކަތްކުރާ މި އަތޮޅުގައި، މިއަތޮޅުގެ ވަރަށްގިނަ ދަރިން ވަރަށްމަތީ މަޤާމުތައް އެބަ އަދާކުރޭ. ވަރަށްމަތީ މަޤާމުތަކުގައި. ފަނޑިޔާރުން، ޑޮކްޓަރުން، އިންޖިނިއަރުން، މިހެން ގޮސް ތަފާތު މަޤާމުތަކާ ހަމައިން ވާސިލުވެއްޖެ. އަޅުގަނޑު ދެކޭގޮތުގައި މިއަދު އެކަމުގެ ޙައްޤު ތަޢުރީފު ތިޔަބޭފުޅުންނަށް، އަޅުގަނޑުމެން އަދާކުރަންޖެހޭނެ. މި ތިއްބެވި ބޭފުޅުންނަށް، ޢުމުރުން ދުވަސްވީ ބޭފުޅުންނަށް، އަޅުގަނޑުމެންގެ މަންމައިން، ދައްތައިން، އަޅުގަނޑުމެން މިއަދު ޝުކުރު އަދާކުރުން ޙައްޤު. އެއީ، ތިޔަބޭފުޅުން އެ ނަމޫނާ ނުދެއްކެވިނަމަހީ، މިއަދު މިތިބަ ޒުވާން ކައުންސިލަރުންނާއި، އަޅުގަނޑުމެންފަދަ މީހުންނަށް، މިހާ ހިސާބަކަށް ނާދެވޭނެ. އެއީ ހަމަ ޙަޤީޤަތުގައިވެސް މިއަތޮޅުގެ ރައްޔިތުން، ޚާއްޞަކޮށް، ރާއްޖޭގެ އެހެން އަތޮޅުތަކުންވެސް މިމަސައްކަތް ކުރި ކަމުގައިވީނަމަވެސް، މިއަތޮޅުގެ ރައްޔިތުން ވަރަށް ޚާއްޞަކޮށް، ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރަންޖެހޭނެ. ތަޢުލީމީ ގޮތުން މިއަތޮޅު ހޯދަމުންދާ ކާމިޔާބީއަކީ ފާހަގަކުރަންޖެހޭ ކަމެއް.
ދެންމެ މިރަށަށް ޒިޔާރަތް ކުރުމަށްފަހުގައި މިވީ ވަގުތުކޮޅުގައި، މިރަށުގެ ސްކޫލްގެ ތެރޭގައި އަޅުގަނޑު މަޑުކޮށްލީމަ، މިރަށުން މިރަށުގެ ޕްރިންސިޕަލް ދެއްކެވި ވާހަކައަކީވެސް ވަރަށް އުންމީދުން ފުރިގެންވާ ވާހަކަކޮޅެއް. ވިދާޅުވި، މިރަށުގައި ވަރަށް ރަނގަޅޭ ހުރިހާ ކަންތައްތަކެއް. ތަޢުލީމީ ކަންތައްތައް ރަނގަޅޭ. އެހެން ނަމަވެސް، ބައެއް ކަހަލަ ދަތިތަކެއް އެބަހުއްޓޭ. އެ ދަތިތަކަކީ އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި 4 ކްލާސްރޫމެއް، މިހާރުން މިހާރަށް ބޭނުންވާ ވާހަކަ. އަދި މުޅިން އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި އިތުރު 5 ކްލާސްރޫމެއް ބޭނުންވާ ވާހަކަ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ. މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކުގެ އިތުރަށް، ކުރިއަށް އޮތް ދުވަސްތަކުގައި، ދެންމެ ކައުންސިލްގެ ރައީސްގެ އިޝާރާތާވެސް އެކީގައި އަދި ސްކޫލްގެ ފަރާތުން އެ އެދުނު ކަންތައްތަކަކީ، މުޅި ރައްޔިތުންގެ މަޞްލަޙަތު ހުރި ކަންތައްތަކަށްވާތީ، އިރާދަކުރެއްވިއްޔާ، އިސްކަމެއްދީގެން އެކަން ކުރިއަށް އޮތް ދުވަސްތަކުގައި، ތަރައްޤީގެ ޕްލޭންގައި އެކުލަވައިލާނެ ކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.  އަދި ލަސްތަކެއްނުވެ، އެކަން ފުރިހަމަކޮށްދެވޭތޯ ބެލުމަކީ، އަޅުގަނޑުވެސް ދެކެން ބޭނުންވާ ކަންތައްތަކެއް. އެއީ، މުޅި މިއަތޮޅަކީ ޙަޤީޤަތުގައި އަޅުގަނޑަށްވެސް ވަރަށް ޚާއްޞަ އަތޮޅެއް. ދެންމެ އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، މިއަތޮޅުގެ ބޭފުޅެކޭ. ދެން އަޅުގަނޑަކީ މުޅިން މިއަތޮޅުގެ މީހެއް ނޫން. އަޅުގަނޑަކީ ފުވައްމުލަކު މީހެއް. އެހެން ނަމަވެސް، ޙަޤީޤަތަކީ މިއަތޮޅަކީ އަޅުގަނޑުގެ އަތޮޅެއް. މި ބޮޑު ހުވަދުއަތޮޅަކީ ހަމަ އަޅުގަނޑުމެންގެ އަތޮޅެއް. މި ރަށަކީވެސް އަޅުގަނޑުގެ މައިފުށުގެ ހަމަ ވަރަށް ގާތް ބޮޑުދައިތައިންނާއި، ބޮޑުބޭބޭއިން ހިސާބުން ދިރިއުޅޭ ރަށެއް. އެހެންވީމާ، އަޅުގަނޑަށް ވަރަށް ޚާއްޞަ ހިތްހަމަޖެހުމެއް، އުފަލެއް ލިބިގެންދޭ، އަޅުގަނޑު ހުވަދުއަތޮޅަށް ކޮންމެ ޒިޔާރަތެއްގައި. ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ލިބިގެންދޭ. އެހެން ނަމަވެސް، ތިމާގެ ގާތް މީހުންނާ ހަމައަށް ވާސިލުވުމުން ލިބޭ ޚާއްޞަ އުފަލެއް އޮވޭ.
އެޔާއެކީގައި އަޅުގަނޑު ހަމަ ދެކެން ބޭނުންވާ ދުވަހެއް އެބައޮތް. އެދުވަހަކީ އަޅުގަނޑުމެން މިހާރަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ޤައުމު ބިނާކުރުމުގައި، އެކަތިގަނޑަކަށްވެގެން ދަތުރުކުރާތަން އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. މިވާހަކަ އަޅުގަނޑު މިދަންނަވާލީ، ދެންމެ އަޅުގަނޑުމެން މިހިސާބަށް ދަތުރުކުރިއިރުގައިވެސް، ތަކުރާރުކޮށް އައި ވާހަކަތަކުގެ ތެރޭގައި، ތަރައްޤީގެ ވާހަކަ އަތުވެއްޖެ. ރައީސް ޔާމީންގެ ވަޢުދުގެ މަތިން، ރާއްޖެ ކުރިއަށް އިޤްތިޞާދީ ގޮތުން ގެންދިޔުމުގައި، ޚާއްޞަ ގޮތެއްގައި، ދެ ދާއިރާއަކަށް އިސްކަމެއް އެބަ ދެއްވާ. އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާ. މިއަތޮޅަކީ މަސްވެރިކަމުގެ ޚާއްޞަ މަޤާމެއް ހޯދާފައިވާ އަތޮޅެއް. ކޫއްޑޫގެ ބޭފުޅުން މިތާ އެބަތިއްބެވި. އެބޭފުޅުން ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ މިހާރުވެސް. އަޅުގަނޑު ދެކެން ބޭނުންވަނީ، މި މަސްވެރިކަމުގެ އިތުރު ކުރިއެރުންތަކެއް އަންނާނެ ދުވަސް. ވަޒީފާތަކެއް މިހާރުވެސް މި ދާއިރާއިން ލިބިފައިވަނީ، މި ކުންފުނީގެ ތެރެއިން. އެކަމަކު އެޔާއެކީގައި، އެންމެ ބޮޑަށް، ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ، ފަތުރުވެރިކަން މިއަތޮޅުގައި ކުރިއަށްދާނެ. މިހާރުވެސް ރޭވިފައި ހުރި މަޝްރޫޢުތައް، ކުރިއަށް އޮތް އަހަރެއް، ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ނިމިގެންދާއިރުގައި، މިހާރު އަންދާޒާ ކުރަނީ، އިރާދަކުރެއްވިއްޔާ، މިއަތޮޅުން ވަޒީފާ ފުރިގެން ގޮސް އެހެން ހިސާބުން މީހުންނަށް ވަޒީފާއަށް މިއަތޮޅަށް އާދެވޭނެވަރުވާނެ. މާތްﷲގެ ރަޙްމަތުން އެއީ މާ ދުރު ހުވަފެނެއް ނޫން. އެކަންތައްތައް ފުރިހަމަކުރުމަށްޓަކައި، ރައީސް ޔާމީން ވަޢުދުވެވަޑައިގެންފައިވާ ކަންތައްތަކުގެ ތެރެއިން ރިޒޯޓްތައް ފުރިހަމަކުރުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް މިހާރުދަނީ ހަމަޖެހެމުން. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އެދުވަސް.

އަޅުގަނޑު، އަޅުގަނޑުމެންގެ މިދަތުރުގައި އެކިހިސާބުތަކަށް ދިމާވެފައި ހުރި ދަތިތައް ބަލައިފިން. ސުނާމީގެ ގެތަކުގެ ވާހަކަ، ހަމަ އެބަހުރި ހުރިހާ ދިމާއެއްގައިވެސް. އެއީ ވަރަށް ހިތަށް އުނދަގޫވާ ވާހަކައެއް. އެއީ ސަބަބަކީ ވަގުތީހިޔާއެއްގައި ދިރިއުޅެމުންދާތާ ވަރަށްގިނަ ދުވަސްވީ ރައްޔިތުންތަކެއް އެބަތިއްބެވި. މިއީކީ ފަސޭހަ ކަންތައްތަކެއް ނޫން. މިތަންތާނގެ ކުދިން ބޮޑުވެ، މީހުންނާ ކައިވެނިކޮށްފި މިހާރު. އެތައް ދުވަސްތަކެއް ވެގެން މިދިޔައީ. ގަބޫލުކުރަން ދަތި، ޙަޤީޤަތުގައި މިހާ ގިނަ ދުވަސްތަކެއް މި މަސައްކަތް ނުނިމިދާތީ. އެކަމަކު ތިޔަބޭފުޅުން ގަބޫލުކުރައްވަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެން އައީ އިހަކަށްދުވަހު. އަޅުގަނޑުމެން އައިއިރުވެސް، މި މަސައްކަތަށް އިހުމާލުވީ ފަރާތްތަކެއް އެބަ ތިއްބެވި. އަޅުގަނޑު މިހާރު ދަންނަވައިފިން. އަޅުގަނޑާ އެކީގައި ރައީސް އޮފީހުގެ ބޭފުޅުން އެބަ ތިއްބެވި. މުޅި މި މަޝްރޫޢު ހިނގައިދިޔަގޮތް، މުޅި ރާއްޖޭގައި އަދި މިއަތޮޅުގައިވެސް ހިނގައިދިޔަގޮތް، އަޅުގަނޑުމެން އެނބުރި ގޮއްސަ އިރާދަކުރެއްވިއްޔާ، މިކަންކަން ބަލާނަން. އަދި މިހާރު ހުއްޓިފައިވާ ސަބަބުތައް އިރާދަކުރެއްވިއްޔާ ނައްތާލައި، ލަސްތަކެއްނުވެ މިގެތައް، މިހާރު މިރަށުގައިވެސް ހުރި ގެތަކުގެ ތެރޭގައި، ގާތްގަނޑަކަށް 72 ޕަސެންޓްވަރު. މިއީ ދެން ހަމަ ހުރިހާ ހިސާބެއްގައިވެސް އެގޮތަށް މިހިރީ. 80، 70 ޕަސެންޓް ނިމިފައި، މިގެތައް ނުނިމި މިހިރީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ އިރާދަކުރެއްވިއްޔާ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހަމަ ވަޢުދުވަން، މި މަސައްކަތް ބަލައި، ލަސްތަކެއްނުވެ މިކަން ނިންމުމުގެ އިންތިޒާމު ހަމަޖައްސައި، ކައުންސިލާ ގުޅިގެން އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! ޞިއްޙީ ދާއިރާގެ ބޭފުޅުން އަޅުގަނޑު ގެނައީ ސަބަބަކަށްޓަކައި. އެއީ އަޅުގަނޑުމެން ޙަވާލުވިއިރުވެސް ވަރަށް ބޮޑެތި މައްސަލަތައް ހުރި ޞިއްޙީ ދާއިރާގައި. ގޮންޖެހުންތަކެއް ހުރި. އެހެން ނަމަވެސް، ތިޔަބޭފުޅުންވެސް ގަބޫލު ކުރައްވާނެ، މިއީ ވަރަށްބޮޑު މަސައްކަތްތަކެއް. އަޅުގަނޑުމެން މި މަސައްކަތާ ޙަވާލުވިފަހުން އައި ކުރިއެރުންތަކެއްވެސް އެބަހުރި. އަތޮޅު ހޮސްޕިޓަލް، މިއަތޮޅުގައި ދެފަޅީގައި. ގދ. އާއި ގއ. އަށް ބެލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް މަސައްކަތް ކުރެވުނު ދެ ހޮސްޕިޓަލް މިއީ، އަތޮޅު ހޮސްޕިޓަލްގެ ގޮތުގައި. ތިނަދޫ ހޮސްޕިޓަލްވެސް، ވިލިނގިލީ ހޮސްޕިޓަލްވެސް. އަޅުގަނޑު ދަތުރުކުރިއިރުގައި، ވިލިނގިލީގައި އެންމެ ފުރަތަމަވެސް ހަމަ ވަރަށް ބައިވަރު ކަންތައްތަކެއް ފެނިގެންދިޔަ. ބޮޑު ޢިމާރާތެއް ހުރި. ޢިމާރާތުގެ ލިފްޓެއްވެސް ނެތް. މިއިން ދުވަހަކު، އެކަމަކަށް މަސައްކަތް ކޮށްފައެއްވެސް ނެތް. އަޅުގަނޑު އެކަންވެސް ނިންމައިދީފައި، މިހާރު ލިފްޓެއް ބެހެއްޓުމަށްޓަކައިވެސް އެވަނީ އިޢުލާނު ކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ހޮސްޕިޓަލްތައް، އަޅުގަނޑުމެންގެ އަމާޒަކީ، މިއަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް މިއީ އެބޭފުޅުންނަށް ޞިއްޙީ ނިޒާމުގެ ފަރުވާ ފޯރުކޮށްދޭ މައި މަރްކަޒުތަކަށް ބަދަލުވެގެންދާނެ. ދެން މިހިރަ، ރަށްރަށުގައި ހުރި ސެންޓަރުތައް ވެގެންދާނީ، އެއަށް ވާގިވެރިވެދޭ ތަންތަނަށޭ. އެހެންވީމާ، އެމޭރުމުން އެކަންތައްތައް އިޞްލާޙު ވެގެންދާނެ.
މިއަދުގެ އެންމެބޮޑު ހިތްހަމަޖެހުމަކީ، ބޮޑު ބައްޔެއްވެގެން، ކުރީގައި އޮތް ގޮތަށް އާދޭސްކުރަންދާކަށް އިރާދަކުރެއްވިއްޔާ ދާކަށްނުޖެހޭ. ވަރަށްބޮޑު ހިތްހަމަޖެހުމެއް އެއީ. ގަބޫލުކުރަން އެބަޖެހޭ ދޮއެއްތޯ. ވަރަށްބޮޑު ޚަރަދުތަކެއް އެއީ. ރާއްޖެއާއި ރާއްޖެއިން ބޭރަށް އަޅުގަނޑުމެން މީހުން މި އުފުލައިދެނީ މުޅިން ހިލޭ. ހަމަ [ހުސްނުވާ އާސަންދަ] ރައީސް ޔާމީން ވަޢުދުވެވަޑައިގެން ގޮތުގެ މަތިން، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން މިދަނީ. އިރާދަކުރެއްވިއްޔާ، އެކަން އެއޮތީ ހަމަޖެހިގެން ގޮއްސަ.
އެޔާއެކީގައި، މިއަދު މިހާ ހިސާބުން ދެން އަޅުގަނޑުމެން ތަރައްޤީއާ ހަމައަށް ކުރިއަށްދާއިރުގައި، އަޅުގަނޑު އެދެނީ، އަޅުގަނޑު ކުރިންވެސް މި ދެންނެވި ފަދައިން، އަޅުގަނޑުމެން އެންމެން، މިހާރުގެ މިއޮތް މާޙައުލުގެ ތެރޭގައި، ހިނގާށޭ ބަލަމާ ރާއްޖެއަށްޓަކައި އެންމެން އެކުވެރިވާން. މި މުޖްތަމަޢަށްޓަކައި އެންމެން އެކީގައި ގުޅިގެން ކުރިއަށް ދާން. މި ހިތްދަތިކަމުން އަޅުގަނޑުމެން އަރައިގަންނަން އެބަޖެހޭ. ވަރަށްގިނަ ޒަމާންވެއްޖެ. ފަސްވަރަކަށް އަހަރުވެއްޖެ، ދިހަވަރަކަށް އަހަރުވެއްޖެ، މޫނު ދިމާނުވާތާ. މިއީ ވަރަށްބޮޑު މައްސަލައެއް. އަޅުގަނޑު ހަނދާން އެބަހުރި، ރިޔާސީ އިންތިޚާބުގައި މިރަށަށް އަޅުގަނޑު ދަތުރުކުރިން. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ދަތުރުކޮށްފިން. މިދެންނެވިހެން މިއީ ވަރަށް ގާތް އުޚުތުންނާއި އަޚުންތަކެއް ދިރިއުޅޭ ތަނެއް. އަދި ކޮންމެހެން ލޭގެ ގުޅުން ނެތަސް، މިއީ އަޅުގަނޑުމެންނަކީ އެއްބައެއް. މުޅި ރާއްޖޭގައި މިތިބީ އަޚުންނާއި އުޚުތުން. މީގެ ސަބަބަކީ އަޅުގަނޑުމެންނަކީ އެއް ދީނެއްގައި ތިބުމުގެ، މާތްﷲ މަތިވެރި ނިޢުމަތް ދެއްވާފައިވާ، ވަރަށްބޮޑު ނިޢުމަތެއް ލިބިގެންވާ ރައްޔިތުންތަކަކަށްވާތީ. އެކަމަކު އަޅުގަނޑަށް ފެނިގެންދިޔަ އިނގޭތޯ. ހަމަ ތެދަށް މިދަންނަވަނީ، މިރަށަށް އައިއިރުވެސް، ހަމަ އަޅުގަނޑުމެންނާވެސް އަޚުންގެ ގޮތުގައި ތިބި މީހުންނާވެސް މުޅިން ރަނގަޅަކަށް މޫނު ދިމާނުވޭ އަޅުގަނޑުމެންނަކާ. އެއީ، ވަރަށްދެރަ ކަމެއް. މިއީ، ވަރަށް ހިތާމަހުރި ކަމެއް. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް އެކަން އޮތީ ހަމަ އެހެން. އަދި ސިޔާސީ ފިކުރުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް ދިމާވި. މިއަދު އަޅުގަނޑުމެން އެކަން ނައްތާލަން އެބަޖެހޭ. 10 އަހަރުވެއްޖެ، މި ނުތަނަވަސްކަމުގެ ތެރޭ. އަތޮޅު ކައުންސިލްގެ ރައީސް، އަޅުގަނޑާ އެކީގައި މިދަތުރުގައި އެ ހުންނެވީ. މިރަށު ކައުންސިލްގެ ރައީސްވެސް އެހުންނެވީ، ހަމަ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބޭފުޅާވެސް ކަންތައް އެބަ ކުރައްވާ. އަޅުގަނޑުމެންނާ ސިޔާސީ ފިކުރެއް ދިމައެއްނުވޭ. އެކަމަކު ދެންމެވެސް ހަމަ ވާހަކައިގައިވެސް އެ ވިދާޅުވިފަދައިން، މިއަދު އެބަޖެހޭ ދެން އެކީގައި ހިނގައިގަންނަން. އަޅުގަނޑުމެންނަށް މި ތަރައްޤީ ގެނެވޭނީ، މަސައްކަތް އެގޮތަށް ކޮށްގެން. އެއީ އަޅުގަނޑުމެން، މުސްލިމުންގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުމެން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭ ނަޞޭޙަތަކީ، ހިނގާށޭ މިގޮތް އަޅުގަނޑުމެން ގަބޫލުކުރަމާ. އެކީގައި ދަތުރުކުރެވޭނެ މަގު ހޯދަމާ. އަޅުގަނޑުމެން ހަނދާން ކުރަން އެބަޖެހޭ، މުސްލިމުންގެ ހައިސިއްޔަތުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަން. އެކަން އެގޮތަށް ކޮށްފިނަމަ، ދެންހުރި ކަންތައްތައް ފަސޭހަވެގެންދާނެ އަޅުގަނޑުމެންނަށް.

އަޅުގަނޑުމެންގެ ޞިއްޙީ ޙާލަތުވެސް، އަޅުގަނޑުމެންގެ އެހެން ކަންތައްތައްވެސް އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ. އެއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىއެގޮތަށް ވަޙީކުރައްވާފައިވަނީ. އެކަލާނގެ ވަޙީކުރައްވަނީ، فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ، وَصَدَّقَ بِالْحُسْنَىٰ، فَسَنُيَسِّرُهُ لِلْيُسْرَىٰ. فَأَمَّا مَنْ أَعْطَىٰ ތިޔަބައިމީހުންގެ ތެރެއިން މީސްމީހުންނަށް ހޭދަކުރާ މީހާ، ތިންކަމެއް މި އާޔަތުގައި މިވަނީ، މިސޫރަތުގައި.  ތިންކަމެއް ކޮށްފި މީހާއަށް، ތިމަން ﷲ ކަންތައްތައް ފަސޭހަކުރައްވާނަމޭ. فَأَمَّا مَنْ أَعْطَىٰ އެމީހުންނަކީ އެކަކު އަނެކަކަށް އެހީތެރިވާ މީހުންނޭ. ދެން އެކަންތައް ދޮއެއްތޯ އަޅުގަނޑުމެން މިއަދު މިކުރަނީ. އަޅުގަނޑުމެންގެ މުސްލިމް އަޚުން، ދުނިޔޭގެ އެހެން ތަންތާނގައި ވަރަށް ހާލުގައި ތިއްބެވީ. ވަރަށް ނިކަމެތި. މިއަދު މިގޮތަށް އަޅުގަނޑުމެން ތިބިއިރުވެސް، އަޅުގަނޑުމެންގެ އަޚުން ހަމަ އަނިޔާވެރިކަމުގެ ތެރޭގައި ހޭދަކުރަނީ. އެހީތެރިވާށޭ. فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ބިރުވެތިވާށޭ.

މިވާހަކަ މިހެން ދައްކަން މިޖެހެނީ، އަޅުގަނޑުމެން ހިނގާފައިދާއިރުގައި، އެއްވެސްކަހަލަ ވިސްނުމެއް ފިކުރެއްނެތި، އެމީހެއްގެ ދުލަށް އައި އެއްޗެއް އަނެކާއަށް ދިމާއަށް އެބަ ބުނެލާ ދޮއެއްތޯ. މިހާރު އަޅުގަނޑާ ދިމާއަށްވެސް އަދި އެހެން މީހުންނާ ދިމާއަށްވެސް ބުނެލުމަކީ، ބައެއް ޒުވާނުން ދެކޭގޮތުގައި އެއީ އުފަލެއް. ވަރަށް މޮޅު ކަމެއްވީ. ޖަމީލަށްވެސް، އެހެން މީހަކަށްވެސް އެއްޗެއް ބުނެލެވުނީމަ. ކޮންމެވެސް ވަނަމަކުން ގޮވާލެވުނީމަ. ކޮންމެވެސް އެއްޗެއް ބުނެލީމަ، ދެން ގެޔަށް ގޮސް ހޭންތިބޭނީ، ވަރަށްމޮޅު ކަމެއް ވެއްޖެކަމަށް ހީކޮށް. އެކަމަކު ޤުރްއާން އަޅުގަނޑުމެންނަށް ބުނަނީ އެހެން ވާހަކައެއް. وَاتَّقَىٰ ދެވަނަ ކަމަކަށް، ތިޔަބައިމީހުން ތަޤްވާވެރިވާށޭ. ތަޤްވާވެރިވުމަކީ މިފަދަ ކަންތައްތަކަށް ބިރުގަތުން. ސަބަބަކީ ކޮބައިތޯ؟ ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ، المسلم من سلم المسلمون من لسانه ويده. މުސްލިމަކަށްނުވޭ، މުޙަންމަދު، އިބްރާހީމް، ޢާއިޝާ، ޙައްވާ ކިޔުމަކުންނެއް. އެ ނަން ކިއިދާނެ، ޚިތާނު ކުރެވިދާނެ، ޕާޓީ ބޭއްވިދާނެ. ކައިވެނި ޕާޓީވެސް ބޭއްވިދާނެ. މުސްލިމަކަށް ވަނީ، المسلم من سلم المسلمون من لسانه ويده. ކަންކަށިމަތީގައި ޖެހުމެއް ނޫން ހަމައެކަނި. ޖަހައިގެންވެސް ނުވާނެ. އެކަމަކު އޭނަގެ ދުލުންވެސް އަނެއް މުސްލިމާއަށް ރައްކާތެރިކަން ފޯރުކޮށްދޭންވާނެ. وَاتَّقَىٰގެ މާނައަކީ އެއީ. فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ބިރުވެތިވާށޭ ﷲ އަށް. އެއީ ﷲ އެންގެވި ގޮތް. އެގޮތަށް އަރައިނުގަންނާށޭ. އެކަލާނގެ ވަޙީކުރައްވާފައިވަނީ، ރަސޫލާ މެދުވެރިކުރައްވައި، ތިޔަބައިމީހުން އެކަކު އަނެކަކަށް، އަތުންވެސް ދުލުންވެސް އަނިޔާނުދޭށޭ. وَاتَّقَىٰ ބިރުވެތިވާށޭ. ކީރިތި ޤުރްއާނުގައި. وَصَدَّقَ بِالْحُسْنَىٰ، ތިންވަނަ ކަމަކަށް، ރަނގަޅު ގޮތްތައް ގަބޫލުކުރާށޭ. ރަނގަޅު ގޮތްތައް. ކޮންމެ ބަޔަކު އަޔަސް، ކޮންމެ ސަރުކާރެއް އަޔަސް، ކޮންމެ މީހަކު އަޔަސް، އެގޮތް ގަބޫލުކޮށްގެން ކުރިއަށްދާށޭ. فَسَنُيَسِّرُهُ لِلْيُسْرَىٰ މި ތިން ކަން ފުރިހަމަކޮށްފި މުޖްތަމަޢެއް، ބަޔަކަށް، ތިމަން  اللّـه،اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، فَسَنُيَسِّرُهُ لِلْيُسْرَىٰ ތިމަން ﷲ، އެ ބައެއްގެ ކަންތައްތައް ފަސޭހަކުރައްވާނަމޭ.
ވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އެންމެން ގުޅިގެން ހިނގާށޭ އެކުވެރިކަމާއެކީގައި ކުރިއަށްދަމާ. އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ، މިހާ ހިސާބަށް ރާއްޖެ މިއައީ މި ބުރަ މަސައްކަތުގެ ތެރެއިންކަން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ވެފައިވާ ވަޢުދުގެ މަތިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށްވެސް، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމުގެ ތައުފީޤު اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންގެ މުޅި މުޖްތަމަޢަކީ، އެންމެންވެސް ހިތްހެޔޮކަމާ އެކީގައި ދިރިއުޅޭ މުޖްތަމަޢެއް ކަމަށް އެކަލާނގެ މިންވަރު ކުރެއްވުން. ތަރައްޤީއާއި ފާގަތިކަން، އަޅުގަނޑުމެން ރައްޔިތުންނަށް اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه