بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى ‏آلـه وصحبـه أجمـعـين. ‏
‏މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ‏‏މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިނިސްޓްރީ އޮފް އިސްލާމިކް ‏‏އެފެއާޒްގެ އެންމެހާ އިސްވެރިން، ކީރިތި ޤުރްއާނާބެހޭ މަރްކަޒު ހިންގުމާ ޙަވާލުވެ ތިއްބެވި ‏‏އިސްވެރިން، މިއަދުގެ މިއުފާވެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ އަޅުގަނޑުމެންގެ ލޮބުވެތި ‏‏އެންމެހާ ދަރިވަރުންނާއި އަދި އެ ދަރިވަރުންގެ އެންމެހާ ބެލެނިވެރިން، މި ޖަލްސާ، ދުރާއި ގާތުން ‏‏އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން.‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏އާދެ! ދުވަހުގެ މިފަދަ ވަގުތަކީ، މި ހިސާބަށް އަންނައިރުގައި، ވަރަށް ‏‏ވަރުބަލިކަން އިޙްސާސްވާ ވަގުތަކަށްވުމާއެކީގައި، ޖަލްސާގެ މި މާލަމުގެ ތެރެއިންވެސް ތަންކޮޅެއް ‏‏ރޫޙު މަޑުކޮށް އަޅުގަނޑުމެންނަށް ފެނިގެންދަނީ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ‏‏ބޭނުންވަނީ، ޤުރްއާން ކިޔެވުމުގެ 29 ވަނަ ޤައުމީ މުބާރާތް މިއަދު ބޭއްވިގެންދާއިރުގައި، ރާއްޖޭގެ ‏‏ރައްޔިތުންނަށް ވަރަށްގިނަ ގޮތްގޮތުން ވަރަށް ޚާއްޞަ މުބާރާތަކަށް މި މުބާރާތްވެގެން ގޮސްފައިއޮތީ. ‏‏ޚާއްޞަ ގޮތެއްގައި، މިއަދު ފެށިގެން މިދާ މުބާރާތަކީ، 826 ވަރަކަށް ދަރިވަރުން، އެކިއެކި ‏‏ބައިތަކުން ބައިވެރިވެވަޑައިގެން، ކުރިއަށްދާ މުބާރާތަކަށްވާހިނދުގައި، ބަލައިގެންނާއި އަދި ހިތުން ‏‏ކިޔަވާ އެކިއެކި ބައިތަކަށް ބަހައިގެން ކުރިއަށްދާއިރުގައި، މި މުބާރާތް ވެގެންގޮސްފައި މިވަނީ، ‏‏ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު މުބާރާތަކަށް. އެއީ މުބާރާތް ނިމިގެންދާއިރުގައި، ‏‏ވަރަށްގިނަ ކުދިން، ވަރަށްގިނަ ތުއްތު ކުދިންވެސް އެބަ ފެނޭ. އަޅުގަނޑު މި ޖަލްސާކުރާ މި ‏‏މާލަމަށް ވަދެގެން އައިއިރުގައި، ބެލެނިވެރިން ވަރަށް ކެތްތެރިކަމާ އެކީގައި، ވަރަށް ތުއްތު ކުދިން ‏‏ކޮންޓްރޯލް ކުރުމުގެ މަސައްކަތްވެސް ކުރަމުންދިޔަތަން ފެނިގެންދޭ. މިހާރުވެސް ވަރަށް ‏‏ބަސްއަހައިގެން، މަޑުމައިތިރިކަމާއެކީގައި، ވަރަށްގިނަ ކުދިން މި ތިއްބެވީ އިށީނދެގެން. މި މުބާރާތް ‏‏ނިމިގެންދާއިރުގައި، މީގެތެރެއިން ގާތްގަނޑަކަށް 192 ވަރަކަށް ވަނައެއް ހޮވިގެންދޭ. އަޅުގަނޑު ‏‏ދެކޭގޮތުގައި، އެއީ ވަރަށް ޚާއްޞަ ކަމެއް، މި މުބާރާތަށް ލިބިގެންވާ. އަދި ހަމައެޔާއެކީގައި، މި ‏‏މުބާރާތުގައި، ނިމިގެންދާއިރުގައި ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ކުދިންގެ ތެރެއިން 5 ވަނައެއް، ‏‏އެކުދިން ހިމެނޭ ކެޓަގަރީއިންވެސް ހޮވިގެންދާކަމީ، ޙަޤީޤަތުގައި، ޙަޤީޤީ މާނައިގައި، ޤައުމީ ‏‏މުބާރާތަކަށް މި މުބާރާތް ވެގެންދާ ކަމެއް ކަމަށް އަޅުގަނޑު ދެކެން.‏

‏ޢިއްޒަތްތެރި ބައިވެރިން:‏

‏މިއަދު ދެންމެ އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، ‏‏ކީރިތި ޤުރްއާން ދަސްކުރުމަށް، ދިވެހިންގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައި މިވަނީ. ‏‏އަޅުގަނޑު ދެކޭގޮތުގައި، މިއަދު މި މުބާރާތާ އެކީގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ‏‏ކަމެއް އެބައޮތް. އެއީ، ދިވެހި ޤައުމުގެ އެންމެ މުހިންމު ތަރިކައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ‏‏ދިވެހިންގެ ދީނީ ޢަޤީދާ ކަމަށްވާހިނދު، ދިވެހިންނަކީ އަދި ދިވެހި ޤައުމަކީ ސައްތައިންސައްތަ ‏‏މުސްލިމް ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިގެން އައުމުގެ އެންމެބޮޑު ސިއްރަކީ އަދި ‏‏އެންމެބޮޑު އަސާސަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހި އެއްވެސް ރައްޔިތަކު ދެބަސްނުވާނެ ‏‏ގޮތުގެ މަތިން، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ޤާއިމުވެފައި އޮތުން. މިއަދު ‏‏ފަޚްރުވެރިކަމާއެކީގައި، އަޅުގަނޑުމެން ދިވެހިންނަކީ އެއްބައެއްކަމާއި އަދި ދިވެހިންގެ ތެރޭގައި ‏‏ޤާއިމުވެފައިވާ ވަޙުދަތާއި، އެކުވެރިކަމަކީ މިއަދުވެސް ދިވެހިންގެ ޙަޤީޤީ ޝަޚްޞިއްޔަތު އަންގައިދޭ ‏‏ކަމެއް ކަމަށް ވާހަކަ ދައްކާއިރުގައި، އެކަން ހިފެހެއްޓުމުގެ އެންމެ މުހިންމު އަސާސަކަށްވެގެން ‏‏ގޮސްފައި މިއޮތީ، ދިވެހިންނަށް ލިބިފައިވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ. ‏

‏މިއަދު މި ބޭއްވޭ އިޙްތިފާލުންވެސް، އަޅުގަނޑުމެންނަށް ސާފުކޮށް އެނގިގެން ‏‏މިދަނީ، ރާއްޖޭގެ ރައްޔިތުންނަކީ ޚާއްޞަ ގޮތެއްގައި، އިސްލާމްދީނަށް ވަރަށް ބޮޑަށް ލޯބިކުރާ ‏‏ރައްޔިތެއްކަން. ވަކިން ޚާއްޞަކޮށް، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު ‏‏އިސްކަމެއްދީ، ގަދައަޅައި މަސައްކަތްކުރާ އަދި އަޅުގަނޑުމެންނަށް ފެންނަ ދުނިޔޭގެ އެހެން ހުރިހާ ‏‏ޤައުމުތަކާ ޚިލާފަށްވެސް ކުދިންނަށްޓަކައި ވަރަށް ބޮޑަށް ހޭދަކުރާ މައިންބަފައިންތަކެއް ދިރިއުޅޭ ‏‏ޤައުމެއް، ދިވެހިރާއްޖެއަކީ. އަދި މިކަން މިއަދު މި ބޭއްވިގެންދާ މުބާރާތަށް ބެލުމުންވެސް، ‏‏އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. ރާއްޖޭގެ އެކިކަންކޮޅުތަކުން ވަރަށް ބޮޑެތި ހޭދަކޮށްފައި، މި ‏‏މާލެއަށް ދަތުރުކޮށްގެން، މި މުބާރާތުގައި ރާއްޖޭގެ އެކިއެކި ހިސާބުތަކުން ކުދިން ބައިވެރި މިވަނީ، ‏‏މައިންބަފައިން ވަރަށްބޮޑު ހޭދައެއްކުރުމާ އެކީގައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއްދީގެން. ‏

‏މައިންބަފައިންގެ ފަރާތުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ‏‏ކަންތައްތަކުގެ މައްޗަށް ތަކުރާރުކޮށް ވާހަކަ ދައްކަމުންދާކަމީވެސް، ރާއްޖޭގެ ދަރިން ހެޔޮގޮތުގައި ‏‏ތަރުބިއްޔަތު ކުރުމަށް، ރާއްޖޭގެ މައިންބަފައިން ދޭ ޚާއްޞަ ސަމާލުކަމެއްކަން އަޅުގަނޑު ‏‏ފާހަގަކުރަން. މިވާހަކަތައް، އެކިއެކި ގޮތްގޮތުން ދެއްކުމުގެ އިތުރުން، ޕީ.ޓީ.އޭ މެދުވެރިކޮށްވެސް ‏‏މައިންބަފައިން، ސިޔާސީ ފަރާތްތަކާ ހަމައަށް އަދި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، ރާއްޖޭގެ ‏‏އެކިއެކި ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި، ތަކުރާރުކޮށް، ތަޢުލީމީ ނިޒާމުގެ ތެރެއަށް ‏‏ހެޔޮބަދަލުތައް ގެނައުމަށް ވަކާލާތު ކުރުމުގެ ނަތީޖާއަކީ، އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބުގެ ‏‏މެނިފެސްޓޯގައި، މައިންބަފައިން ބޭނުންވާ ބަދަލު ގެނައުމަށްޓަކައި، މެނިފެސްޓޯގެ ތެރެއަށް ގިނަގުނަ ‏‏ކަންތައްތަކެއް ތަޢާރުފް ކުރުން. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މައިންބަފައިން ބޭނުންވި، ‏‏ރާއްޖޭގެ ސްކޫލްތަކުގައި، މަދްރަސާތަކުގައި ކީރިތި ޤުރްއާން ކިޔަވައިދެވޭނެގޮތް ހަމަޖައްސައިދިނުމަށް. ‏‏އަދި އެގޮތަށް، އެކިފަރާތްތަކުން އެދުމުގެ ނަތީޖާއެއްގެ ގޮތުން، މިއަދުގެ ސަރުކާރު ވުޖޫދަށް އައިތާ ‏‏100 ދުވަސްވެސް ހަމަނުވަނީސް، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ދެންމެ އަޅުގަނޑުމެންގެ ‏‏އަޚު، އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވި ފަދައިން، ޚާއްޞަ ގޮތެއްގައި، މިނިސްޓަރ އޮފް ‏‏އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމްގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ‏‏ކީރިތި ޤުރްއާން ކިޔަވައިދެވޭނެގޮތް ހަމަޖެއްސުން ވެގެންދިޔައީ، އަޅުގަނޑު ދެކޭގޮތުގައި، މިދެންނެވި ‏‏މައިންބަފައިން ވަކާލާތު ކުރަމުންދިޔަ މަސައްކަތަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއަކަށް. ‏

‏ކީރިތި ޤުރްއާނުގެ ތަޢުލީމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ސަބަބަކަށްޓަކައި ‏‏އަޅުގަނޑުމެން ފަތުރައި އަދި އުނގަންނައިދޭ ތަޢުލީމެއް. އެއީ، ކީރިތި ޤުރްއާނުގެ ތަޢުލީމަކީ، ‏‏ކޮންމެ އިންސާނެއްގެ ތަރުބިއްޔަތާއި އަދި ތިމާގެ ދީނީ ޢަޤީދާ ހަރުދަނާ ކުރުމަށާއި، ހެޔޮގޮތްތައް ‏‏ހޯދުމަށާއި އަދި އިތުބާރު ލިބިގެންވާ ރަނގަޅު މަގުން ހިނގާ މީހަކަށް، ތިމާގެ އަންނަން އޮތް ޖީލު، ‏‏ތިމާގެ ދަރިން ހެދުމަށްޓަކައި ކޮންމެހެން މުހިންމު ޢިލްމަކަށްވާތީ، ކީރިތި ޤުރްއާން ދަސްކޮށްދިނުމަށް ‏‏އަޅުގަނޑުމެން އެހާ ބާރު މި އަޅަނީ. ‏

‏އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދިޔައިރުގައި، ދެވަނަ ކަމަކަށް ‏‏އަޅުގަނޑުމެންނާ ހަމައަށް އައީ، ޢަރަބި ބަސް ރާއްޖޭގެ އެކި ސްކޫލްތަކުގައި ކިޔަވައިދިނުމަށްޓަކައި، ‏‏ރާއްޖޭގެ ބެލެނިވެރިން އަޅުގަނޑުމެންނާ ހަމައަށް، އެބޭފުޅުން އިއްވި އަޑު. ސަރުކާރު ވުޖޫދަށް އައިތާ ‏‏100 ދުވަހުގެ ތެރޭގައި، ހިންގަން ފެށި ޕްރޮގްރާމްގެ ދަށުން އަޅުގަނޑު ފާހަގަކުރަން އުފަލާއެކީގައި، ‏‏މިއަދު މިހާރު ރަސްމީކޮށް ޢަރަބި ތަޢުލީމް ކިޔަވައިދޭ މަދްރަސާތަކުގެ އިތުރުން، ޢާންމު ސްކޫލްތަކުގެ ‏‏ތެރެއިން 19 ވަރަކަށް ސްކޫލްގައި މިހާރުވަނީ ރަސްމީކޮށް، ޢަރަބި ބަސް އެއީ، ވަކި ބަހެއްގެ ‏‏ގޮތުގައި ކިޔަވައިދިނުމުގެ ޕްރޮގްރާމް ތަޢާރުފްވެ، ﷲގެ ރަޙްމަތާއެކީގައި، ކާމިޔާބުކަމާއެކީގައި ‏‏އެމަސައްކަތް މިހާރު މިދަނީ ކުރިއަށް. ޢަރަބި ބަސް، އަޅުގަނޑުމެން ކިޔަވައި މިދެނީ މުހިންމު ‏‏ސަބަބަކަށްޓަކައި. އެންމެ މުހިންމު ސަބަބަކީ އެއީ، އެ ބަހަކުން މިއަދު އަޅުގަނޑުމެން ‏‏ފާހަގަކުރަމުންމިދާ އިޙްތިފާލު، ކީރިތި ޤުރްއާނުގެ މި ބޮޑު މުބާރާތް މި ބޭއްވޭހިނދުގައިވެސް، ކީރިތި ‏‏ޤުރްއާން އެ ބަހަކުން ބާވައިލެއްވުނީ، ޢަރަބި ބަސް ކަމަށްވާތީ. ހަމައެޔާއެކީގައި، ޢަރަބި ބަސް ‏‏ކިޔެވުމުން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކުދިންނަށް ޢަރަބި ޤައުމުތަކުން މަތީ ތަޢުލީމް ‏‏ހޯދުމަށް އޮތް ފުރްޞަތުވެސް އިތުރަށް ފުޅާވެގެންދާނެތީއާވެސް އެކީގައި. ‏

‏މިއާއެކީގައި، ރާއްޖޭގެ އެތަކެއް ބެލެނިވެރިން، މި ސަރުކާރު ވުޖޫދަށް ‏‏އައިއިރުގައި، ތަކުރާރުކޮށް ދައްކަމުންދިޔަ އެއް ވާހަކައަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ހެޔޮ ‏‏ބަދަލުތަކެއް ގެނައުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ މަންހަޖު އިޞްލާޙު ކުރުން. މިކަމަކީ ދިގުދެމިގެން ‏‏ގޮސްފައި އޮތް ކަމެއް. އަދި މައިންބަފައިން އެދުނީ، ދިވެހިންގެ ތަޢުލީމީ ނިޒާމުގެ މި މަންހަޖު، ‏‏ދިވެހި މުޖްތަމަޢުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތްވާ ގޮތަށް އެކުލަވައިލުމާއެކު، ދިވެހިންގެ ދީނީ ‏‏ޢަޤީދާ ކަމަށްވާ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ހިފެހެއްޓޭ ގޮތެއްގެ މަތިން، ‏‏މިދެންނެވި މަންހަޖު ހަމަޖެހިފައި އޮތުން. މިކަން އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ 100 ދުވަހުގެ ‏‏ތެރޭގައި ހަމަޖައްސައި، މަންހަޖު މިހާރުވަނީ މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ފާސްކުރެވި، ‏‏އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، އެ މަންހަޖު ރާއްޖޭގެ ސްކޫލްތަކުގައި ‏‏ތަންފީޛު ކުރެވެން ފަށާނެ.‏

‏މިއަދު މި މުބާރާތް މި ބޭއްވިގެންދާއިރުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ‏‏ރައްޔިތެއްގެ ހިތަށް، ދެންމެ އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވި ފަދައިން، ވަރަށް ފުން ‏‏އިޙްސާސްތަކެއް ވަދެގެންދޭ. ބެލެނިވެރިން ވަރަށް ބޮޑަށް އުފާކުރޭ. އެކަމަކު އެޔާއެކީގައި، އެންމެ ‏‏ބޮޑަށް އަޅުގަނޑުމެން މި މަސައްކަތްކުރި ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ބެލެނިވެރިންގެ އެއް ‏‏ޝަކުވާއަކަށް އޮތީ، ރާއްޖޭގެ ކުދިންގެ އަޚްލާޤު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކޮށްދިނުން، ‏‏ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން. އެކަމަށްޓަކައި ރާއްޖޭގެ ދަރިވަރުންގެ ތެރޭގައި އަޚްލާޤީ ރީތި ‏‏މިންގަނޑެއް ތަޢާރުފް ކުރުމަށް، މުޅި ދިރިއުޅުމުގައި، މުޅި ދިރިއުޅުމުގައި އިސްލާމީ ރީތި ގޮތްތައް ‏‏ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ ވިސްނުމުގެ ތެރެއިން އަޚްލާޤީ ރީތި މިންގަނޑުތައް ތަޢާރުފް ‏‏ކުރުމުގެ ގޮތުން، މަދަނީ ތަޢުލީމު ނުވަތަ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލެވޭ ‏‏ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ތަޢާރުފް ކުރުމުގެ ‏‏މަސައްކަތް މިހާރު ނިމި، އެމަސައްކަތަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރެވި، އިރާދަކުރެއްވިއްޔާ ‏‏ދެވަނަ ޓަރމް، ސްކޫލްތަކުގައި ފެށޭއިރުގައި، މިދެންނެވި ޕްރޮގްރާމް، ރާއްޖޭގެ ސްކޫލްތަކުގެ ‏‏ތެރެއިން ތަޢާރުފްވެ ހިނގައިގެންދާނެ.‏

‏މިއާއެކީގައި، ކުރިއަށް މިއޮތް ދުވަސްތަކުގައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ‏‏ދީނީ ކަންތައްތައް ހަރުދަނާ ކުރުމާއި، ދީނަކީ މުޅި ދިރިއުޅުމާ ލާމެހިފައިވާ ކަމެއްކަމަށްވީހިނދު، ‏‏ރާއްޖޭގެ ރައްޔިތުންނަށް، އަޅުކަން ކުރުމަށް، ދީނުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ‏‏ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަކީ، މިއަދުގެ ސަރުކާރުން އެންމެ މުހިންމު އިސްކަމެއްދޭނެ ‏‏އެއްކަމެއް. އަޅުގަނޑުމެން މިއަދު ސަރުކާރުގެ ޕްރޮގްރާމްތަކާއެކު ކުރިއަށްދާހިނދުގައި، ރާއްޖޭގެ ‏‏އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން، މިސްކިތްތައް މަރާމާތު ކުރުމާއި އަދި އަލަށް ‏‏މިސްކިތްތައް ތަޢުމީރު ކުރުމަށްޓަކައި އަޅުގަނޑުމެންނާ ހަމައަށް ތަފާތު އެކި ފަރާތްތަކުން މި ‏‏އިލްތިމާސް އެބަ އާދޭ. މިއަދު އަޅުގަނޑު ފާހަގަކުރަން، އަޅުގަނޑުމެންގެ ސަރުކާރުގައި ‏‏މިކަމަށްޓަކައި ޚާއްޞަ އިސްކަމެއްދީގެން އަދި ސަރުކާރަށް ލިބޭ ހިލޭ އެހީގެ ޕްރޮގްރާމްތަކުގެ ‏‏ތެރެއިންވެސް މިސްކިތްތައް މަރާމާތު ކުރުމާއި، މިސްކިތްތައް ތަޢުމީރު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ‏‏ގެންދިޔުމަށްޓަކައި، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވަން ވަޢުދުވެފައިވާ 10 މިސްކިތުގެ ‏‏އިތުރުން، މިހާރު ޔޫ.އޭ.އީ. ސަރުކާރުގެ ފަރާތުން މިހާރު މިވަނީ މިއަދު އަޅުގަނޑުމެން މި އިޙްތިފާލު ‏‏ފާހަގަކުރަމުން މިގެންދާ އިސްލާމީ މަރްކަޒު، މި މިސްކިތް، މިމިސްކިތަށް ބޭނުންވާ މަރާމާތު، އެކި ‏‏ފިޔަވައްސަށް ބަހައިގެން، އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިންވެސް، ބައެއް މަސައްކަތް ‏‏ކުރިއަށް ގެންދިޔުމަށް، ޔޫ.އޭ.އީ. ސަރުކާރުން މިހާރު މިވަނީ އެއްބަސްވެ، އެކަމުގެ ހުރިހާ ޚަރަދެއް، ‏‏އެ ސަރުކާރުން ބަލަހައްޓާގޮތަށް، ރާއްޖޭގެ ރައްޔިތުންނަށް އެއުފާވެރި ކަމުގެ ޚަބަރުވެސް ދީފައި ‏‏މިވަނީ. ‏

‏ޢިއްޒަތްތެރި ބެލެނިވެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން އަދި ‏‏އަޅުގަނޑުގެ ލޮބުވެތި ދަރިވަރުން:‏

‏މިއަދު ދިވެހިންގެ ތެރޭގައި އުފެދެމުންދާ އިޖްތިމާޢީ މައްސަލަތައް ގިނަކަމާއި، ‏‏އެކަންތައްތަކުގެ ތެރޭގައި އެންމެބޮޑު އަސަރެއް ކުރަމުންދާ ބަޔަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ‏‏އަޅުގަނޑުމެންގެ ޒުވާން އާބާދީ ކަމަށްވާއިރުގައި، ޒުވާން ޖީލު ކަމަށްވާހިނދު، އެކަމަށް އޮތް ޙައްލަކީ ‏‏ކޮބައިތޯ މިއަދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އެކަމަށް އޮތް އެންމެބޮޑު ޙައްލަކީ، ‏‏އަޅުގަނޑުމެންގެ މަތިވެރިވެގެންވާ ދީނުގެ ތަޢުލީމަކީ، އަޅުގަނޑުމެންގެ ދިރިއުޅުން ކަމުގައި ހެދުން ‏‏ކަމަށް އަޅުގަނޑު ޝައްކެއްނުކުރަން. ތިމާމެންގެ ދިރިއުޅުމުގެ ތެރެއިން، ދީނަށް އުޅުމަކީ ވަކި ‏‏ވަގުތެއްގައި ނުވަތަ ވަކި ސާޢަތެއްގައި ނުވަތަ ވަކި މަހެއްގައި، ވަކި ދުވަސްތަކެއްގައި ކުރާ ‏‏ކަމަކަށްވުރެ ބޮޑަށް، ދީނަކީ ޢާންމު ދިރިއުޅުން ކަމުގައި ހެދިއްޖެނަމަ، އެއްވެސް ‏‏ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ‏‏އަޅުގަނޑު ޔަޤީންކުރަން. ‏

‏އަޅުގަނޑު އުފާވޭ، މިއަދު މިހާގިނަ ބައިވެރިންތަކެއް، މިހާގިނަ ‏‏ބެލެނިވެރިންތަކެއް، ޝައުޤުވެރިކަމާއެކީގައި، ޤުރްއާން ކިޔެވުމުގެ 29 ވަނަ ޤައުމީ މުބާރާތުގައި ‏‏ބައިވެރިވުމަށްޓަކައި އަދި އަޅުގަނޑުމެންގެ މި ވާހަކަތައް އަޑުއެހުމަށްޓަކައި މިތަނަށް ވަޑައިގެން ‏‏ތިއްބެވީތީ. މިކަމުން ރަމްޒުކޮށްދެނީ، ހެޔޮގޮތްތައް ހޯދައި، ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ‏‏ކުރަން މައިންބަފައިން ބޭނުންވާކަން. އެކަމަކު އަޅުގަނޑުގެ ނަޞޭޙަތަކީ، ދީނަށް އުޅުމަކީ ހަމައެކަނި ‏‏ވަކިކަމެއް ކުރުމުން ފުދޭކަމަކަށްވުރެ ބޮޑަށް، ދީނަކީ ތިމާގެ ދިރިއުޅުމުގެ އަޚްލާޤާއި، ތިމާ އެކަކު ‏‏އަނެކަކާ މުޢާމަލާތުކުރާ ގޮތާއި، އިޖްތިމާޢީ އަދަބުތައް، ތިމާ ހިފަހައްޓާ ގޮތްތަކުގެ ތެރެއިން ‏‏ފެންނަންޖެހޭ ކަމަކަށް ހެދިއްޖެނަމަ، ދީނުގެ މަތިވެރި މަޤްޞަދުގެ ތެރޭގައި، މި މުޖްތަމަޢަށް ‏‏އުޅެވޭނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. ‏

‏މިއަދު ތިޔަ ލޮބުވެތި ބެލެނިވެރިން، މައިންބަފައިން އެތަކެއް ވަގުތު، ކުދިންނަށް ‏‏ކީރިތި ޤުރްއާން ރީއްޗަށް ކިޔަވައިދޭން ހޭދަކުރާކަމީ، އެކަމާމެދު އަޅުގަނޑު، ސަރުކާރުން، ‏‏ސަރުކާރުގެ ވަޒީރުން، ތަޢުލީމާބެހޭ ވަޒީރު، އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް. ދިވެހި ޤައުމު ‏‏އެކަމަށް އުފާކުރޭ. އަދި އެކަމަށްޓަކައި ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ޙައްޤު ‏‏ތަޢުރީފާއި ސާބަސް އަޅުގަނޑު ރައްދުކުރަން. ޚާއްޞަ ގޮތެއްގައި، އަތޮޅުތަކުން ދަތުރުކުރައްވައި، ‏‏މިހާ ހިސާބަށް މި މުބާރާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދަތުރުކުރެއްވި ‏‏ބެލެނިވެރިންނަށް ޙައްޤު ތަޢުރީފް، އަޅުގަނޑު އަދާކުރަން. އެކަމަކު މި މަސައްކަތަކީ ކޮން ‏‏މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި، ކީއްކުރަން ކުރާ ކަމެއްތޯ، އަމިއްލަ ނަފްސާ މިއަދު ތިޔަ ހުރިހާ ‏‏ބެލެނިވެރިންވެސް ސުވާލުކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެއީ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ‏‏ކުރުމަށްޓަކައ ކުރާ ކަމެއްތޯ ނުވަތަ އެއީ ކުއްޖާއަށާއި، ތިމާއަށާއި، ތިމާގެ ޢާއިލާއަށާއި، ނިސްބަތްވާ ‏‏ރަށަށާއި، އަތޮޅަށް ހަމައެކަނި ރީތި ނަމެއް ހޯދުމަށްޓަކައި ކުރާ ކަމެއްތޯ، އަމިއްލަ ނަފްސާ ‏‏ސުވާލުކުރަންޖެހޭ. ނުވަތަ އެއީ ތަޢުލީމީ ނިޒާމުގެ ތެރެއިން ލިބެން އޮތް ފުރްޞަތެއްގެ ބޭނުން ‏‏ހިފުމަށްޓަކައި ކުރާ ކަމެއްތޯ، އަމިއްލަ ނަފްސާ ސުވާލު ކުރައްވަންޖެހޭ. ނުވަތަ މިފަދަ މުބާރާތުގައި، ‏‏ތުއްތު ކުދިން އަތުގައި ހިއްޕަވައިގެން ތިޔަ ވަޑައިގަންނަވަނީ، ހުރިހާ މާނައެއްގައިވެސް، ހުރިހާ ‏‏މާނައެއްގައިވެސް އެކުއްޖާގެ ތަރުބިއްޔަތުގެ ތެރެއިން އިސްލާމީ އަޚްލާޤިއްޔާތު އަށަގަންނުވައި، މުޅި ‏‏ދިރިއުޅުމަކީ، ކުއްޖާގެ މުޅި ދިރިއުޅުމަކީ، އިސްލާމީ އަޚްލާޤުގެ ތެރެއިން ކުރިއަށް ގެންދެވޭ ‏‏ދިރިއުޅުމަކަށް ހެދުމަށްޓަކައި ކުރާ ޚާލިޞް މަސައްކަތެއްތޯ، ސުވާލު ކުރައްވަން އެބަޖެހޭ. ‏

‏މިވާހަކަ މިގޮތަށް ދައްކަން މިޖެހެނީ، އެއްކޮޅުން ތުއްތު ކުއްޖާ އަތުގައި ‏‏ހިއްޕަވައިގެން، ކީރިތި ޤުރްއާނުގެ މުބާރާތުގައި ބައިވެރިވުމަށްޓަކައި ވަޑައިގަންނަވާހިނދު، އަދި ‏‏ޤުރްއާން ދަސްކޮށްދިނުމަށްޓަކައި ކްލާސްތަކަށް ގެންދަވާހިނދު، އަނެއްކޮޅުން މަގުމަތިންދާ މީހާއާ ‏‏ދިމާއަށް، ތިމާއަށް ފެންނަ އެއްޗެއް ބުނަމުން، ގޭތެރޭގައި އެކުދިންނަށް އަޑުއިވޭ ހިސާބުގައި ފާޅުކުރާ ‏‏ޚިޔާލުތަކުގައި، އަނެކާގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަ ދައްކައި، ޣީބަ ބުނުމާއި، އަނެއް އަޚާއަށް ‏‏ނިސްބަތްކޮށް، ހިތަށްއެރި ގޮތަކަށް ވާހަކަ ދެއްކުމަށްފަހުވެސް، ތިމާގެ ދަރިފުޅުގެ އަޚްލާޤާއި ސުލޫކު ‏‏އަދި ވިސްނުން، އިސްލާމްދީނުގެ އޯގާތެރިކަމާއި، ސަމާޙަތްތެރިކަމާއި، އިސްލާމްދީނުގެ އިޖްތިމާޢީ ‏‏މިންގަނޑުގެ ތެރޭގައި ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރުމަކީ، ހަމަޖެހޭ ކަމަކަށް ނުވާނެކަން މިއަދު ‏‏ދިވެހި މުޖްތަމަޢުގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކަންތައްތަކަށް ބެލުމުން، އަޅުގަނޑުމެންނަށް ‏‏އެނގި ކަށަވަރުވެގެންދޭ. ‏

‏އިސްލާމްދީނަކީ މުސްލިމް މުޖްތަމަޢެއްގެ މުޅި ދިރިއުޅުން. ކީރިތި ޤުރްއާން ‏‏ކިޔެވުމާއި، އުނގެނުމާއި، އަޅުކަން ކުރުމަކީވެސް މުޅި އިޖްތިމާޢީ މަޞްލަޙަތާއި، އިޖްތިމާޢީ ‏‏އަޚްލާޤިއްޔާތު އަދި އެ އަޚްލާޤިއްޔާތާ ގުޅިލާމެހިފައިވާ ކަމެއްކަން، ކީރިތި ޤުރްއާނުން ‏‏އަޅުގަނޑުމެންނަށް އެނގޭ. ޤުރްއާން ކިޔެވުމަކީ ވަކި ޢަމަލަކަށްވެފައި، މުބާރާތްތަކުގައި ‏‏ބައިވެރިވުމަކީ އަދި އެހެން ވަކިކަމަކަށްވެފައި، ޤުރްއާން ދަސްކުރުމަކީ މުޅިން ވަކިން ކުރާ ‏‏ކަމަކަށްވެފައި، ތިމާގެ މުޅި ދިރިއުޅުމާއި، ތިމާ އެކަކު އަނެކަކާ މުޢާމަލާތްކުރާ ގޮތާއި، ވާހަކަ ދައްކާ ‏‏ގޮތާއި، ކުއްޖާގެ ކަންފަތަށް ފޯރުކޮށްދޭ ބަސްތަކާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ގޮތާ، ‏‏މިކަންތައްތަކަކީ މުޅިން ތަފާތު ދެކަމަކަށް ހަދައިފިނަމަ، ކީރިތި ޤުރްއާނުން އަޅުގަނޑުމެން ޢިބްރަތް ‏‏ޙާޞިލްކުރާ މިންވަރާމެދު ސުވާލުކުރަންޖެހޭ. ‏

‏ސޫރަތުލް ޢަންކަބޫތުގެ 45 ވަނަ އާޔަތުގައި، اللّـه سبحـانـه وتعـالى ‏‏ވަޙީކުރައްވަނީ، [اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ ‏وَالْمُنكَرِ وَلَذِكْرُ اللَّـهِ أَكْبَرُ وَاللَّـهُ يَعْلَمُ مَا تَصْنَعُونَ.] [ފޮތުން ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ‏‏ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނު ނަމާދު ޤާއިމު ކުރައްވާށެވެ. ހަމަކަށަވަރުން ނަމާދަކީ ‏‏ހުތުރުކަންބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ‏‏ހަނދުމަކުޅައުމަކީ، އެންމެބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތައް ﷲ ‏‏ދެނެވޮޑިގެންވެތެވެ.] ނަމާދަކީ ތިމާގެ ހަށިގަނޑާއި ސިކުނޑިއަށް ލިބިގެންދާ އެންމެ ވަރުގަދަ އަދި ‏‏އެންމެ ފުރިހަމަ ޓްރޭނިންގ ކަމަށްވާއިރު، އަޅުކަން ކުރުމުގެ ބޭނުމަކީ، އެއްވެސް ‏‏ޝައްކެއްނެތްގޮތުގައި، ތިމާގެ ހިތާއި ސިކުނޑި ސާފުކުރުމާއެކު، މުޖްތަމަޢުގެ ފަރުދުންނާއި އަދި ‏‏މުޖްތަމަޢުގެ އެންމެހާ ފަރާތްތަކާ ގުޅިގެން އުޅެން ދަސްކޮށްދިނުން. ނަމާދުގެ މިސާލު، އަޅުކަމުގެ ‏‏ތެރެއިން، އެންމެ މިސާލެއްގެ ގޮތުގައި ނެގިކަމުގައިވީ ނަމަވެސް، ނަމާދު އަޅުގަނޑުމެންނަށް ‏‏ދަސްކޮށްދެނީ، އެކުވެރިކަމާއެކު އުޅުމަށް. ނަމާދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އިޖްތިމާޢީ ‏‏ގޮތުން، އެއްބަޔަކު އަނެއްބަޔަކާ މެދުގައި އޮންނަންޖެހޭ ގާތް ގުޅުން. ނަމާދު އަޅުގަނޑުމެންނަށް ‏‏ދަސްކޮށްދެނީ، އަޅުގަނޑުމެން މީސްމީހުންނަށް ތަކުލީފު ދިނުންފަދަ އެންމެހާ ކަންތައްތަކުން ‏‏އެއްކިބާވުމަށް. އަދި ހަމައެޔާއެކީގައި، ފުރިހަމަ ސަމާލުކަމުގައި، ނަމާދުގެ ވަގުތުގައި، ޤިބްލައަށް ‏‏ކުރިމަތިލައި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު، އިތުރު ޙަރަކާތްތަކުން އެއްކިބާވެ ތިބެ ‏‏އަދާކުރާ އަޅުކަމަކަށްވުމުންވެސް، މި އަޅުކަމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، މިއީ ކޮންމެ ‏‏މީހެއްގެ ނަފްސު ކޮންޓްރޯލް ކުރުމުގެ މުހިންމުކަން ދަސްކޮށްދޭ ފިލާވަޅެއްކަން. އަދި އެ ފިލާވަޅުން ‏‏އަޅުގަނޑުމެން ދަސްކުރަންޖެހެނީ، މުސްލިމް މުޖްތަމަޢެއްގެ ގޮތުގައި ޙަރަކާތްތެރިވާއިރު، ކޮންމެ ‏‏ފަރުދެއްގެ، ކޮންމެ އަޚެއްގެ، އުޚުތެއްގެ ޙައްޤަށް ތިމާ ރައްކާތެރިވާންޖެހޭ މިންވަރު. އެހެންކަމުން، ‏‏އަޅުގަނޑު އެދެނީ، މިއަދުގެ މި އުފާވެރި އިޙްތިފާލުގައި، މުސްލިމް މުޖްތަމަޢެއްގެ ދަރިން ‏‏ތަރުބިއްޔަތު ކުރުމަށް، މުޖްތަމަޢުގެ މަޞްލަޙަތަށް ރައްކާތެރިވުމަށާއި، އެކަކު އަނެކަކާމެދު ‏‏ބަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑާއި ހިތްހެޔޮކަމަކީ، އިސްލާމްދީނުގެ މަޤްޞަދުގެ ތެރޭގައި އެންމެ ‏‏މުހިންމު ކަމެއް ކަމަށް، ބައެއް ޢިލްމުވެރިން ވިދާޅުވާ ވިދާޅުވުމަށް، ތިޔަބޭފުޅުން ‏‏ސަމާލުވެވަޑައިގަތުން. އަލްމުވާފިޤަތު ފީ އުޞޫލުއްޝަރްޢިއްޔާގައި، އައްޝާތިބީ ‏‏ބަޔާންކުރާގޮތުން، މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި، މުޖްތަމަޢުގެ އެކުވެރިކަމަށްޓަކައި، ޕަބްލިކް ‏‏އިންޓްރެސްޓަށްޓަކައި، އެކަކު އަނެކަކު ބަހައްޓަންޖެހޭ އަޚްލާޤީ މުހިންމު މިންގަނޑު ދެމެހެއްޓުމަކީ، ‏‏އިސްލާމްދީނުގެ މަޤާސިދުއް ޝަރްޢިއްޔާގެ ތެރޭގައި އެންމެ މުހިންމު އެއް މަޤްޞަދު ކަމަށް ‏‏ވެގެންގޮސްފައި ވަނީ. ‏

‏އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ މައިންބަފައިންގެ ފަރާތުން ތަރުބިއްޔަތުގެ ‏‏ތެރެއިން އިސްލާމީ އަޚްލާޤިއްޔާތު ފެނިގެން ދިޔުން. އަޅުގަނޑު އެދެނީ، ހަމައެކަނި ފެންނަ ފެނުމަށް ‏‏ކުރާ ކަންތައްތަކަށް ކުރާ ބަޔަކަށް އަޅުގަނޑުމެން ނުވުން. އަޅުގަނޑު އެދެނީ، ދީނަކީ ތިމާމެންގެ ‏‏މުޅި ދިރިއުޅުން ކަމުގައި އަޅުގަނޑުމެން ހެދުމާއެކު، ދީނަށް އުޅުމަކީ ތިމާމެންގެ ދިރިއުޅުމުގެ ކޮންމެ ‏‏ކަމެއްގެ ތެރެއިން ފެނިގެންދާ ކަމަކަށް އަޅުގަނޑުމެން ހެދުން. ‏

‏އަޅުގަނޑުގެ ދުޢާއަކީ، ދިވެހި މުޖްތަމަޢަކީ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ، ‏‏އެކަކު އަނެކަކުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ބަޔަކަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ‏‏އަޅުގަނޑުމެންގެ މުޖްތަމަޢަކީ، ފުރިހަމަ މާނައިގައި އިސްލާމީ އަޚްލާޤުގެ މިންގަނޑުގެ ތެރޭގައި ‏‏ޙަރަކާތްތެރިވާ ބައެއް ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރައްވައި، ކީރިތި ޤުރްއާނަށާއި، ‏‏އިސްލާމްދީނަށް ލޯބިކުރާ ބައެއް ކަމުގައި އަޅުގަނޑުމެން އެންމެން ލައްވައި، މި ޤައުމަކީ ތާއަބަދަށް ‏‏ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން. ‏

‎ ‎‏ ‏‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ _____________________________‏