بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشـرف الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ފަނޑިޔާރުން އަދި ދައުލަތުގެ މުއައްސަސާތަކުގެ ޢިއްޒަތްތެރި އިސްވެރިން، މިރޭގެ މި ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިރޭ އަޅުގަނޑުމެންނަށް ހުށަހެޅިގެން މިދިޔަ އަދި ދެންމެ އަޑުއިވިގެންދިޔަ ފަދައިން، މިރޭ އިފްތިތާޙު ކުރެވުނު، ކުރިއަށް އޮތް 5 އަހަރު ދުވަހަށް ދިވެހި ދައުލަތުގެ ލެޖިސްލޭޓިވް އެޖެންޑާއާއި އަދި ބަންޑާރަ ނައިބުގެ ސްޓްރެޓީޖިކް ޕްލޭން މިހާ ފުރިހަމަ ގޮތެއްގައި ހުށަހަޅުއްވައިދެއްވައި އަދި ވަރަށް ސާފުގޮތެއްގައި، ކުރިއަށް އޮތް 5 އަހަރު ދުވަހަށް، ދިވެހިރާއްޖެ ޤާނޫނީގޮތުން ކުރިއަށްދާނެ މަގު ހާމަކޮށްދެއްވީތީ، ދިވެހި ދައުލަތުގެ ޢިއްޒަތްތެރި ބަންޑާރަ ނައިބަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދެންނެވުން. އަދި ހަމައެޔާއެކީގައި، މި މުހިންމު ފުރްޞަތުގައި، ދައުލަތުގެ ވަޒީރުންނަށް، ނިމިގެން މިދިޔަ 100 ދުވަހުގެ ތެރޭގައި ކުރަން މުހިންމު މަސައްކަތްތަކެއް ޙަވާލުކުރައްވައި އަދި އެމަސައްކަތުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަދި ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރައްޔިތުންނަށް ހުށަހަޅާފައިވާ ސިޔާސަތުތަކުގައި ހިމެނިފައިވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށްޓަކައި، ޓާގެޓުތަކެއް ކަނޑައަޅުއްވައިދެއްވައި، އެ އަމާޒަށް ވާސިލުވުމަށްޓަކައި އެކިއެކި ވަޒީރުންނަށް، ތަފާތު ޙަޛުފުތައް ކަނޑައަޅުއްވައި ދެއްވައި، އެގޮތުގެ މަތިން ޢިއްޒަތްތެރި ބަންޑާރަ ނައިބުވެސް ކުރިއަށް އޮތް 5 އަހަރު ދުވަހަށް ވަރަށް ތަފްޞީލީ ގޮތެއްގައި ކުރައްވަން ޤަޞްދު ކުރައްވާ ކަންތައްތަކެއް މިއަދު ހާމަކުރެއްވީ. މިކަންތައްތައް މިގޮތަށް ވަޒީރުންނާ ޙަވާލުކުރައްވައި އަދި ބަންޑާރަ ނައިބާވެސް މިފަދަ މުހިންމު ލަނޑުދަނޑިތަކެއް ޙަވާލުކުރެއްވީތީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް، މި ފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިރޭ އަޅުގަނޑުމެންނަށް މި ފެށޭ މަސައްކަތަކީ، ރާއްޖޭގެ ޒުވާނުންނަށާއި، ރާއްޖޭގެ އިޤްތިޞާދަށާއި އަދި ހަމައެޔާއެކީގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރުން އަދި މިއަދު ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަނުން ކަނޑައަޅާފައިވާ ސިޔާސަތުތައް ޙާޞިލު ކުރުމަށްޓަކައި އަދި އެ ސިޔާސަތުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދިނުމުގައި އެހީތެރިވެދޭނެ ވަރަށް މުހިންމު ލެޖިސްލޭޓިވް އެޖެންޑާއެއް. އަދި ހަމައެޔާއެކީގައި، މިރޭ މި ހުށަހެޅިގެންދިޔަ ލެޖިސްލޭޓިވް އެޖެންޑާއާ އެކީގައި، 2008ގެ ޤާނޫނުއަސާސީ ވުޖޫދަށް އައުމާއެކީގައި، އެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި އަދި މަންފާ، ފުރިހަމަގޮތުގައި އަޅުގަނޑު ދެކޭގޮތުގައި، މި ލެޖިސްލޭޓިވް އެޖެންޑާ ތަޢާރުފުވުމާއެކީގައި، ރައްޔިތުންނަށް ލިބިގެންދާނެ.

އެހެންކަމުން، މި މުހިންމު މަސައްކަތުގެ އަގު ވަޒަންކުރުމާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ސަރުކާރުން އެންމެ އިސްކަމެއް، ކުރިއަށް މިއޮތް ދުވަސްކޮޅުގައި ދޭނީ، މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށޭ. އެވާހަކަތައް ދެންމެ އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރެއްވީ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ލެޖިސްލޭޓިވް އެޖެންޑާއާއި އަދި ހަމައެޔާއެކީގައި ސްޓްރެޓީޖިކް ޕްލޭނުންވެސް ހާމަވެގެން އެދިޔައީ. ބަންޑާރަ ނައިބުގެ ވާހަކަފުޅުގައިވެސް އެކަމަށް ވަރަށް ތަފްޞީލު ގޮތެއްގައި އަލިއަޅުއްވައިދެއްވައިފި.

އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް، އެންމެ އިސް އަމާޒަކަށް ވެގެންދާނީ، ސަރުކާރުން ހާމަކޮށްފައިވާ ސިޔާސަތުތައް ހާސިލުކުރުމަށްޓަކައި، އެކަމާ ގުޅުންހުރި ޤާނޫނުތައް ވުޖޫދަށް ގެނައުން. މައިގަނޑު ގޮތެއްގައި އިޤްތިޞާދީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާ. މި ދާއިރާއަށް ބެލިކަމުގައިވީނަމަވެސް، ސަރުކާރުން ޙާޞިލުކުރަން ބޭނުންވާ ކަންތައްތައް، ޙާޞިލު ކުރުމުގައި ބޭނުންވާ މުހިންމު ޤާނޫނުތަކެއް ހުރިކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. ރާއްޖެއަކީ ބޭރުން އިންވެސްޓުކުރަން އަންނަ މީހުންނަށް، ފަސޭހަކަމާއެކު ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ މުޅި ދާއިރާތަކަށް އިޞްލާޙު އަންނަން އެބަޖެހޭ. ހަމައެޔާއެކީގައި، ރާއްޖެއަކީ ފަސޭހަކަމާއެކީގައި ބޭރުގެ މީހުންނަށް ވިޔަފާރި ކުރެވޭ ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ އިޢުލާނުކޮށްފައި. މިހާރު ރާއްޖޭގެ ވަކި ސަރަޙައްދުތަކަކީ އެއީ، މިނިވަންގޮތެއްގައި އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުމަށްޓަކައި ހުޅުވާލާނެ ސަރަޙައްދުތައްކަމަށް. އެކަމަށްޓަކައިވެސް ބޭނުންވާ މުހިންމު ޤާނޫނުތަކެއް ވުޖޫދަށް އަންނަން އެބަޖެހޭ.

މި ޤާނޫނުތައް ވުޖޫދަށް އައުމާއެކީގައި، ވިޔަފާރިތައް ފުޅާކުރުމަށްޓަކައި އަދި ވިޔަފާރީގެ އިތުބާރު ޤާއިމުކުރުމަށްޓަކައި އެބަ ބޭނުންވޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑާއި، ޝަރުޢީ އޮނިގަނޑު، ފަސޭހަކަމާއި އަދި އެކަށީގެންވާ ހަލުވި މިނެއްގައި ޙަރަކާތްތެރިވުމަށްޓަކައި ކޮންމެހެން ތަޢާރުފް ކުރަންޖެހޭ ޤާނޫނުތަކާއި އުޞޫލުތައް ވުޖޫދަށް ގެންނަން. އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަނީ، މިކަން ކުރުމުގެ ނިޔަތް، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ކިބައިގައިވެސް އެބަހުރިކަން. ބަންޑާރަ ނައިބު އެމަސައްކަތް ވަރަށް ހީވާގިކަމާއެކީގައި ކުރައްވާއިރުގައި، އަޅުގަނޑު މިރޭ ފާހަގަކުރަން، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުންވެސް ހަމަ ވަރަށްބުރަ މަސައްކަތްތަކެއް، ދިވެހިރާއްޖޭގެ 2008ގެ ޤާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހުގައިވެސް ކުރަމުން އެބަގެންދަވާ. ރަނގަޅު ވާހަކައެއް، އެންމެން ހިތްހަމަޖެހޭ މިނެއްގައި، އެންމެން ހިތްހަމަޖެހޭހާ ގޮތެއްގައި، ފަހަރެއްގައި ހުރިހާ ކަމެއް، ހުރިހާ ފަރާތްތަކަށް ނުވެދާނެ. އެހެން ނަމަވެސް، ތަފާތު ގޮންޖެހުންތަކާ އެކީގައިވެސް ރާއްޖޭގެ ޤާނޫނީ އެކިއެކި މުއައްސަސާތަކުންނާއި، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ފާހަގަކޮށް، އެ ފަރާތްތަކަށްވެސް ޙައްޤު ޝުކުރު އަދާކުރަން.

މިކަން މިގޮތަށް ކުރިއަށްދާއިރުގައި، އެޔާއެކީގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދެންމެ މިދެންނެވި ފަދައިން، ވިޔަފާރީގެ މާޙައުލު، ރާއްޖޭގައި ފަސޭހަކަމާއެކު ފުޅާކުރުމަށްޓަކައި އަދި ވިޔަފާރި ކުރެވޭނެގޮތް ފަސޭހަކަމާއެކު ހަމަޖެއްސުމަށްޓަކައި ބޭނުންވާ ޤާނޫނީ އިންތިޒާމުތައް ހަމަޖެއްސުމުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ސަރުކާރަށް އެބަ ބޭނުންވޭ. ހަމަ މި އެއްބާރުލުން މިގޮތަށް ލިބިގަތުމުގައި، އަޅުގަނޑު މިރޭ އިލްތިމާސްކުރަން، ރާއްޖޭގެ ޝަރްޢީ ކޯޓުތަކަށާއި އަދި ޤާނޫނީ އެންމެހާ މުއައްސަސާތަކުންވެސް އެ އެއްބާރުލުން ސަރުކާރަށް ދެއްވުމަށް. އެކަން އެގޮތަށް ކުރުމުގައި، އަޅުގަނޑުމެންގެ އުޞޫލަކީ، ޝަރުޢީ ކޯޓުތަކަށާއި، ޤާނޫނީ މުއައްސަސާތަކަށް ފާޑުކިޔުމެއް ނޫން. އަޅުގަނޑުމެން ޤަބޫލުކުރާ ހަމައަކީ، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުންނާއި، ޤާނޫނީ މުއައްސަސާތަކުން އެބޭފުޅުން ބޭނުންވާ އިޞްލާޙުތަކާއި، އެބޭފުޅުން އެ ދާއިރާއަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނައުމުގައި، ސަރުކާރުން އެބޭފުޅުންނާއެކީގައި، މަސައްކަތްކޮށް، އެބޭފުޅުންނަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުން އެއީ، ސަރުކާރުން އިސްކުރާނެ އުޞޫލު.

މިރޭ ދެންމެ ބަންޑާރަ ނައިބު އެ ފާޅުކުރެއްވީ އެ ޝުޢޫރު. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދެންނެވި މަސައްކަތް، ޝަރުޢީ ދާއިރާއާ ގުޅިގެން އަދި ރާއްޖޭގެ ޤާނޫނީ ދާއިރާއާ ގުޅިގެން އެބޭފުޅުންނަށް ކޮށްދިނުމުގައި، ސަރުކާރުން ފޯރުކޮށްދޭން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން.

މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި މުހިންމު މަސައްކަތް، ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަދައިން، މިކަން ކުރުމުގައި އަޅުގަނޑު ޤަބޫލުކުރަން، ބަންޑާރަ ނައިބު އެ ފާޅުކުރެއްވި ޝުޢޫރުތަކަކީ، ހަމަ ވަރަށް ޞައްޙަ ޝުޢޫރުތަކެއް. ބަންޑާރަ ނައިބުގެ އޮފީސް، މިދިޔަ ދުވަސްތަކުގައި، ތަފާތު މަރުޙަލާތަކުގައި، ތަފާތު މަސައްކަތްތަކެއްގެ ތެރޭގައި ހޭދަކުރަންޖެހުނު އިޙްސާސްތަކެއްގެ ސަބަބުން މިއަދު އެ އޮފީހަށް ހީނަރުކަން އައިސްފައިވާކަން، ދެންމެ ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ﷲގެ އިރާދަފުޅާއެކީގައި، އެ ވިދާޅުވި ކަންތައްތަކަށް އަޅުގަނޑުމެން، ސަރުކާރުން އިރާދަކުރެއްވިއްޔާ މަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދީ، ޙައްލު ފޯރުކޮށްދޭނަމޭ. އަދި އަޅުގަނޑު ޤަބޫލުކުރާ އުޞޫލަކީ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުރައްވާ މަސައްކަތާއި، ބަންޑާރަ ނައިބު ކުރައްވާ މަސައްކަތަކީ، ރާއްޖޭގެ ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، އެންމެ މުހިންމު މަސައްކަތްކުރާ ދެ މުއައްސަސާ ކަމަށްވާއިރުގައި، މި ދެ މުއައްސަސާގައިވެސް އެއް ހަމައަކުން މުސާރައާއި ޢިނާޔަތާއި، މަސައްކަތުގެ އޮނިގަނޑު ހަމަޖެހިފައި އޮންނަންޖެހޭކަމީ، އެއީ އަޅުގަނޑުމެން މިއަދު ސަރުކާރު ޤަބޫލުކުރާ ހަމައަށްވާތީ، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަން އެގޮތަށް ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ ވާހަކަވެސް މިރޭ ބަންޑާރަ ނައިބަށް ދަންނަވާލަން ބޭނުން.

އާދެ! އަޅުގަނޑުމެންނަށް އަޑުއިވިގެން މިރޭ މިދިޔައީ، މިއަހަރު އިރާދަކުރެއްވިއްޔާ، 65 ނުވަތަ 64 ވަރަކަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާނެ ވާހަކަ. އާދެ! ޖުމްލަ 206 ބިލެއް ސަރުކާރުން 5 އަހަރު ދުވަހުގެ ތެރޭގައި ހުށަހަޅުއްވާނެ ވާހަކަ. މި މުހިންމު މަސައްކަތް މިކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ސިޔާސަތުތަކާއި އަދި ހަމައެޔާއެކީގައި މުޅި ދައުލަތަށް އަންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި އަޅުގަނޑުމެން ޤާއިމުކުރަންޖެހޭ ޤާނޫނުތައް ވުޖޫދަށް ގެނައުމަށް.

އެކަމަކު މިޔާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް މިރޭ އެބައޮތް. އެއީ، ޤާނޫނުއަސާސީގެ ދަށުން އާ ޤާނޫނުއަސާސީ ޚާއްޞަ ގޮތެއްގައި، 2008ގެ ޤާނޫނުއަސާސީ ވުޖޫދަށް އައުމުން، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން އުންމީދުކުރި، މިހާ ހިސާބުން ރާއްޖޭގެ ޤާނޫނުގެ ޙުކުމް، ވަރަށް ފުރިހަމަ ގޮތެއްގައި ހިނގަން ފަށާނެ ކަމަށް. އަދި ﷲގެ ރަޙްމަތާއެކީގައި، ވަރަށްގިނަ މަސައްކަތްތަކެއް މިރޮނގުން ކުރެވިގެންވެސް ހިނގައްޖެ. އާދެ! ދެންމެ އަޅުގަނޑު ފާހަގަކުރި ފަދައިން، ޝަރްޢީ ކޯޓުތަކުންވެސް އެ މަސައްކަތް އެބަ ކުރަމުންދޭ. އެހެން ނަމަވެސް، ޤާނޫނުއަސާސީގެ ދަށުން ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް، ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް، މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދޭއިރުގައި، ކޮންމެ މީހަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ މީހެއްކަން އަދި މި އުޞޫލު ތަފާތުކުރުމެއްނެތި ދެމެހެއްޓުމަކީ، އަޅުގަނޑު ދެކޭގޮތުގައި، މިހާރު އަޅުގަނޑުމެން ޢަމަލުކުރަމުންމިދާ ޤާނޫނުއަސާސީއިން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ހާމަކުރާ އެއް ޝުޢޫރު.

މިކަން މިގޮތަށް ކުރިއަށްދާ ކަމަށް ޢާންމު ރައްޔިތުންނަށް ޤަބޫލުކުރެވޭނެ އަސާސްތަކެއްވެސް ޤާއިމުވެގެންދާންޖެހޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި، މިރޭގެ މި ޢިއްޒަތްތެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް ހަމަ ޤަބޫލުކުރައްވާނެ ކަންތައްތަކެއް. ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ، ހަމަ މަގަށް އަޅުވައި، އިޞްލާޙު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަޅުގަނޑު ހަމަ ހިތާމައާ އެކީގައި ފާހަގަކުރަން. އަޅުގަނޑުމެންނަށް އިވިގެން ދަނީ، ވަރަށްގިނަ ފަހަރަށް އަމިއްލަ މަޞްލަޙަތާއި، އަމިއްލަ އެދުމަށްޓަކައި ވަރަށް ފާޅުކަންބޮޑުގޮތެއްގައި، މީޑިއާތަކަށް ބޭބޭފުޅުން ނިކުމެވަޑައިގެން، ޝަރްޢީ ދާއިރާއަށް ޖޯކު ޖައްސަވައި، ހަޖޫ ޖައްސަވައި، އެ ދާއިރާގެ އަގު ވައްޓާލުމަށްޓަކައި މަސައްކަތް ކުރައްވާ ތަން. އަދި ހަމައެޔާއެކު، އެކަން ކުރުމުގައި އެންމެ އަޑުގަދަކޮށް އުޅުއްވާތީ މި ފެންނަނީވެސް ހަމަ ޝަރުޢީ ދާއިރާ ވަރުގަދަކުރުމަށް ކަމަށް ވިދާޅުވާ ބޭފުޅުން ކަމަށްވުމީވެސް އަޅުގަނޑު ވަރަށް ހިތާމައާ އެކީގައި މިރޭ ފާހަގަކުރާ ކަމެއް.

މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެއްކަމެއްގެ މައްޗަށް އިއްތިފާޤުވާ ކަމެއްވާ ކަމުގައިވާނަމަ، އެކަމެއް ވެގެންދާނީ، ކޮންމެ މީހެއްގެ މައްޗަށްވެސް ޤާނޫނު ފުރިހަމައަށް ހިނގާކަމުގެ ޔަޤީންކަން ލިބިގަތުން. ޤާނޫނު ހިންގުމުގައި، އެއްވެސް މީހެއްގެ މައްޗަށް ތަފާތުނުކުރުން. އަދި މިކަން ޤާއިމުވެގެންދާކަން ރައްޔިތުންނަށް ޤަބޫލުކުރެވޭނީ، މިއަދު ވަރަށް ބައިވަރު ޤާނޫނުތައް ވުޖޫދަށް އަންނައިރުގައި، އެންމެ ފުރަތަމަ އަސާސީ ސުވާލުތަކަށް ޖަވާބު ލިބިގެން. އެ ސުވާލަކީ، ރައްޔިތުންގެ ތެރެއިން، ރައްޔިތުންގެ މުދަލަށާއި، ރައްޔިތުންގެ ފައިސާއަށާއި އަދި ޚާއްޞަ ގޮތެއްގައި، ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި ދެމިތިބޭ ފަރާތްތަކުން ޢަމަލުކުރާ ގޮތަކުންނާއި އަދި އެ ފަރާތުން ހޯދާ ތަނަވަސްކަން ހޯދާ ގޮތެއްގެ މައްޗަށް ބިނާކޮށް، ޤާނޫނު ހިންގަމުންދޭތޯ ކަށަވަރުކުރުން. މިއަދު ރާއްޖޭގެ އެފަދަ ކަންތައްތައް ނުބެލިދާ ކަމަށް، ނުވަތަ އެކަށީގެންވާ މިންގަނޑެއްގައި އެފަދަ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅިގެންދާ ކަމަށް ޤަބޫލުކުރާ ފަރާތްތައް ވަރަށްމަދު. މިއަދު މިފަދަ ކަންތައްތައް ޢާންމުވުމުގެ ނަތީޖާއެއްގެ ގޮތުން، މުޖުތަމަޢުގައި ޢާންމު ފަރުދުންނަށް، ޤާނޫނުގެ ބާރުވެރިކަން ނުވަތަ ޤާނޫނުގެ ޙުކުމްފަދަ ހަމަތަކާއި އުޞޫލުތައް ޤާއިމުވާކަން ނުވަތަ ހިފެހެއްޓޭނެކަމާމެދު ޝައްކުކުރޭ.

ރައްޔިތުންނަށް ޤާނޫނުގެ ރައްކާތެރިކަން އޮންނަކަން ޤަބޫލުކުރެވޭނީ، ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކަން ހިނގާގޮތަށް ޤާނޫނު ހިނގާ ތަން ފެނިގެން. ފަސާދައިގެ ޢަމަލުތަކަށް އެންމެންވެސް މިއަދު ކަންބޮޑުވުން ފާޅުކުރޭ. ރާއްޖޭގައި މިއަދު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަންތައްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭކަމަށް ޤަބޫލުކުރަން، ރާއްޖޭގެ ޢާންމު ރައްޔިތުންނަށް މިއަދު ދަތިވޭ. ރާއްޖެއަށް އަލަށް ތަޢާރުފު ކުރެވުނު ޤާނޫނުއަސާސީއަށާއި އަދި ޤާނޫނުއަސާސީގެ އިތުރުން އެކުލެވިފައިވާ އެތަކެއް ޤާނޫނުތަކުން ކޮރަޕްޝަންގެ ޢަމަލުތަކަށް ޙައްލު ހޯދަން ނުވަތަ ޙައްލު ހޯދާނެގޮތް ބަޔާންކޮށްފައިވޭ. އެހެން ނަމަވެސް، މި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މިކަމަށް ޙައްލު ލިބިދާނެ ކަމަށް ޤަބޫލުކުރި އެތަކެއް ރައްޔިތުންނަށް މިއަދު ވަނީ އަޅުގަނޑު ފާހަގަކުރަން، މާޔޫސްކަން ލިބިފައި.

ދައުލަތުގެ މުދަލަކީ ކޮންމެ ރައްޔިތެއްގެ މުދާ ކަމަށްވާއިރު، މިއަދު މާލިއްޔަތާބެހޭ ޤާނޫނުތަކުންނާއި، މިނިވަން އޮޑިޓަރ ޖެނެރަލްގެ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ މުދަލުން ފަސާދައިގެ ޢަމަލު ހިންގާ މިންވަރު ހުއްޓުނުވަރާއި އަދި އެފަދަ ޢަމަލު ހިންގި ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ޤާނޫނުގެ ޙުކުމް ތަންފީޛުވިތަން ފެނިފައިވާކަމާމެދު މިއަދު ގިނަބަޔަކު ޝައްކުކުރޭ. މިއަދު ފެންނަނީ، ބިރެއްނެތި ރައްޔިތުންގެ މުދަލަށް ޖާމިނުވާ ފަރާތްތަކުން ފަސާދައިގެ ޢަމަލުތައް ހިންގުމަށްފަހު ތަނަވަސްކަން ހޯދާ ތަން. ރައްޔިތުންގެ މުދަލަށާއި، ފައިސާއަށާއި، ބިންބިމަށާއި، ފަޅުރަށްތަކާއި، ފަޅުތަކާއި ގިރިތަކަށް ޤާނޫނު އެއްކިބާކުރުމަށްފަހު، އެތަކެއް މުޢާމަލާތްތަކެއް ކުރެވި، ފަސާދައިގެ ޢަމަލު ހިންގާކަމުގެ ތުހުމަތުތަކާއި ތަޙުޤީޤުތައް ފެނޭ. އެހެނަސް، ޤާނޫނުގެ ޙުކުމަށް ވާސިލުވެ، ރައްކާތެރިކަން ޤާއިމުވާތަނެއް ފެނިގެންނުދޭ.

މިއަދު ފެނިގެން ދަނީ، ފަސާދައިގެ ޢަމަލުތައް ހިންގުމާ ޙަވާލުވެފައިވާ މުއައްސަސާތަކުގެ ދައުރާމެދު ގިނަބަޔަކު ސުވާލުކުރާ ތަން. ދައުލަތަށް ބޮޑެތި ގެއްލުން ލިބިގެންދިޔަ މުޢާމަލާތުތަކުގައި، ސާބިތުކަމާއެކު އެކަންތަކުގައި ހިމެނުނު ފަރާތްތަކުގެ ދައުރު ބެލިފައިވާ ކަމަށް، ރައްޔިތުންނަށް ޤަބޫލުކުރަން ދަތިވާ މަންޒަރު. ދައުލަތުގެ ކޮންމެ ކަމެއްގައި ފާރަވެރިކަމާއެކު ބަލަން ޖެހިފައިވާއިރު، މިފަދަ މުއައްސަސާތަކުން އެކިފަހަރު އެކިގޮތްގޮތަށް ފިޔަވަޅު އެޅުމާއި، މިކަންތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ޢަމަލުކުރާގޮތުން ނަޒާޙަތްތެރިކަމާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފެދިގެން ދިޔުމަކީވެސް މިއަދު އަޅުގަނޑު ދެކޭގޮތުގައި، ފަސާދައިގެ މައްސަލަތަކުގައި، ޤާނޫނުގެ ޙުކުމް ޤާއިމުކުރުމުގައި ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް.

އެހެންކަމުން، ޤާނޫނުގެ ރައްކާތެރިކަން އިޙްސާސްވެގެންދާނީ، ރައްޔިތުންގެ ހިތަށް އެންމެ ތުރާވާ ކަންތައްތަކަށް ފަރުވާ ފޯރުކޮށްދެވޭ ހިސާބަށްކަން ކަށަވަރު. ފަސާދައިގެ ޢަމަލުތަކެއް ހިންގުމަށްފަހު އަދި އެކަންތައްތަކަކީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގެ އިތުރުން، ފަސާދައިގެ ޢަމަލުތަކުގެ ގޮތުގައި ތަޙުޤީޤު ކުރެވިފައިވާ ކަންތައްތައް ކަމުގައިވާއިރު، އެފަދަ ކަންތައްތަކަށް ފިޔަވަޅު އެޅުމަކީ މިއަދު އާ ޤާނޫނުތަކެއް ވުޖޫދަށް އައުމަށްވުރެ، މުހިންމު ކަމެއް ކަމަށް ޤަބޫލުކުރާނެ އެތަކެއް ރައްޔިތުން ތިބޭނެކަން ކަށަވަރު.

ޤާނޫނުގެ ޙިފާޡަތްތެރިންގެ ގޮތުގައި ބެލެވޭ ފަރާތްތަކުންނާއި، ޤާނޫނު ނަގަހައްޓަން ހުވާކޮށްފައިވާ ފަރާތްތަކުން ޤާނޫނަށާއި ޤާނޫނީ މަޙްކަމާތަކަށް ގޮންޖަހައި ކުރަމުންދާ ޢަމަލުތައް ގިނަވުމަކީވެސް މުޖުތަމަޢުގައި ޤާނޫނު ހިންގަން ދިމާވަމުންދާ ބޮޑު ގޮންޖެހުމެއްކަން އަޅުގަނޑު ފާހަގަކުރަން. މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ، ޤައުމެއްގައި ޤާނޫނުގެ ޙުކުމް ހިންގުމަށް ބާރު ލިބިގެންދާނެ ކަމެއްކަން ކަށަވަރު. މި ސަރުކާރުން ޝަރުޢީ ދާއިރާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ޤާއިމުކުރުމުގެ މުހިންމު މަސައްކަތް ކުރާނެކަން، ދެންމެ ބަންޑާރަ ނައިބު އެ ފާހަގަކުރެއްވީ. އަދި ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް، މި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން، ދެންމެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުންވެސް އެ އިވިގެން ދިޔައީ.

އަޅުގަނޑު، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންނަށް 2008 ގައި ވުޖޫދަށް އައި ޤާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހުގައި، [ޤާނޫނުގެ ޙުކުމް] މި ބަހަށްވުރެ ގިނައިން އިވިގެންދިޔަ އަޑެއް، މި މުޖުތަމަޢުގައެއް ނޯންނާނެ. މިބަހުގެ އަޞްލު މަފްޙޫމް އެނގިވަޑައިނުގަންނަވާ އެތަކެއް ބޭފުޅުންނަށްވެސް މި ބަސް ދަސްވެއްޖެ. އެހެން ނަމަވެސް، މިއިން ކުރި ރާޙަތަކީ ކޮބައިތޯ ބަލާއިރުގައި، ފަސާދައާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތައް، އެފަރާތްތަކާމެދުގައި އެޅިގެންދިޔަ ފިޔަވަޅެއް، އެއްވެސް ރައްޔިތަކަށް މިއަދާ ހަމައަށް އަދި ފެނިގެނެއް ނުދޭ. ދައުލަތުގެ މުދަލަށް ލިބުނު ގެއްލުންތަކަށް، އެ ގެއްލުންތަކުން ރައްޔިތުންނަށް ލިބުނު ނުރައްކާ އަނިޔާއިން ރައްކާތެރިކަން ލިބިގެންދިޔަތަނެއް ފެނިގެނެއް ނުދިޔަ.

އަޅުގަނޑުމެންނަށް އެއާ ޚިލާފަށް، ތަކުރާރުކޮށް ޤާނޫނުގެ ޙުކުމް ޤާއިމުކުރާ ވާހަކަ އަޑު އިވިގެން އެބަދޭ. ލެޖިސްލޭޓިވް އެޖެންޑާ، މިރޭ ހާމަވެގެންދިޔައިރުގައި، މިޤާނޫނުތައް ނުވަތަ މިބިލްތައް ދާނީ ރައްޔިތުންގެ މަޖިލީހަށް. މަޖިލީހުގެ ވިސްނުން ހުރިގޮތްވެސް ޤާނޫނީ ޙުކުމާމެދުގައި ކަންބޮޑުވާންޖެހޭ. ޤާނޫނީ ބޭބޭފުޅުން އެބަ ތިއްބެވި މިތާނގައި. ފަނޑިޔާރުންނާއި ވަކީލުން އެބަތިއްބެވި. މަޝްހޫރު ޤާނޫނީ ފިލޯސަފަރެއް އައި.ސީ ހަނދާން ހުންނާނެ. ޤާނޫނީ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ކޮންސްޓިޓިއުޝަނަލް، ޤާނޫނު ކިޔަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. 1885 ވަނަ އަހަރުގައި ލިޔުއްވި ފޮތުގައި، ޤާނޫނުގެ ޙުކުމް މާނަކުރައްވާފައިވޭ. އެބޭފުޅާ ވިދާޅުވަނީ، [ޤާނޫނުގެ ޙުކުމް ޤާއިމުވުމަކީ، މީހެއްގެ މައްޗަށް އަދަބެއް ކަނޑައެޅޭއިރުގައި، އެ އަދަބު ކަނޑައެޅެނީ، ކޮން ޤާނޫނަކުންތޯ ފުރަތަމަ އެނގެންވާނެއޭ. އަދި ޙުކުމް ކަނޑައެޅޭ ކަމަކީ ކޮބައިކަންވެސް އެނގެންވާނެއޭ.] މާނައަކީ އެއްވެސް މީހެއްގެ މައްޗަށް، އެމީހަކު، ބަޔަކު ބޭނުންހާ ގޮތަކަށް، ބޭނުން ތަނެއްގައި ޙުކުމެއް ނުއިއްވޭނެ. ދެވަނަ ކަމަކަށް ފާހަގަކުރައްވާފައިވަނީ، ވަރަށް މުހިންމު ނުކުތާއެއް. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، [ކޮންމެ މީހެއްގެ މައްޗަށްވެސް ޤާނޫނު ހިނގަންވާނެއޭ.] އެއްވެސް މީހަކީ ޤާނޫނުގެ މަތީގައިވާ މީހެއް ނޫނޭ. އެއީ އަންހެނެއް ކަމުގައިވީނަމަވެސް، ފިރިހެނެއް ކަމުގައިވީނަމަވެސް، އޭނަގެ މައްޗަށް ޤާނޫނީ އެއްހަމައަކުން ހިނގަންވާނެ. އެއީ ކިތަންމެ ބާރުގަދަ މަޤާމުތަކެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އޭނަވެސް ޤާނޫނު ހިންގަން ޖެހިއްޖެ ހިނދެއްގައި، އޭނަގެ މައްޗަށްވެސް އެއްހަމައަކުން ޤާނޫނު ހިނގަންވާނެ.

ރިޔާސީ ބަޔާން އަޑުއަހަން އަޅުގަނޑުމެން އެންމެން ތިބީމު އިހަކަށް ދުވަހަކު. ލެޖިސްލޭޓިވް އެޖެންޑާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ވާސިލުވާނެ. އެކަމަކު ކަންބޮޑުވުމާއެކީގައި އަޅުގަނޑު ފާހަގަކުރަން. އެތާނގައި އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ. މަޖިލީހުގެ ރައީސްވެސް ވިދާޅުވި. މިހާރު މަޖިލީހުގެ މެންބަރަކު މިއަދުވެސް ޖަލްސާއަށް ޙާޒިރުނުވެވޭގޮތަށް ހުރިކަމީ، ތިމަން މަނިކުފާނު ހިތާމަ ކުރައްވާ ކަމެކޭ. އަޅުގަނޑުމެން އެންމެން އެވާހަކަ އަޑުއެހިން. 1939 ވަނަ އަހަރު އިނގިރޭސިވިލާތުގައި ނިމިގެންދިޔަ މައްސަލައެއްގައި، ކެޕްޓަން ރެމްސީ ކިޔާ މީހެއްގެ މައްޗަށް ކުރެވުނު ޙުކުމެއް ތަންފީޛު ކުރީމަ، އޭނަ އެ މައްސަލައިގައި ކުރި ދަޢުވާއާ ގުޅިގެން، ކޯޓުން ނިންމީ، ޖިނާއީ މައްސަލައެއްގައި މީހަކު ހިފާ ހައްޔަރުކުރެވޭ ޙާލަތުގަޔާއި، ޖިނާއީ މައްސަލައެއްގައި ޙުކުމް ތަންފީޛުވެގެންދާ ހިނދުގައި، ޕާލިމެންޓްރީ ޕްރިވިލެޖޭ ކިޔާ އެއްޗެއް ނޯވެޔޭ.

އެހެންވީމާ، މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރޫލް އޮފް ލޯ ނުވަތަ ޤާނޫނުގެ ޙުކުމް، މިހާ ހިސާބަށް ތަޣައްޔަރުވެއްޖެ ކަމުގައިވާނަމަ، މަޖިލީހާ ހިސާބުން އެ މާނަ، މަފްހޫމް ތަޣައްޔަރުވަމުންދާ ކަމަށްވާނަމަ، ދެން ފަސާދައާއި، ކޮރަޕްޝަނާއި، ޢާންމު މަޞްލަޙަތުގެ ވާހަކަ، ވަރަށް މާޔޫސްކަމާއެކީގައި ރައްޔިތުން އަޑުއަހާނީ.

އަޅުގަނޑު އުންމީދު ކުރަނީ، اللّـه سبحـانـه وتعـالىގެ ބަރަކާތާއި ތައުފީޤާ އެކީގައި، މިރޭ އެޓަރނީ ޖެނެރަލް މި ހުށަހެޅުއްވި ލެޖިސްލޭޓިވް އެޖެންޑާ އަދި ސްޓްރެޓީޖިކް ޕްލޭނުން ދިވެހި ޤައުމަށް ލާބައާއި މަންފާ ލިބިގެންދާނެ ކަމަށް. ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް، މި ޤާނޫނުތަކުން އިރާދަކުރެއްވިއްޔާމު، ހެޔޮމަގު ފެނިގެންދާނެ ކަމަށް. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ރާއްޖެއަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه