‏ ‏‎ ‎بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى ‏آلـه وصحبـه أجمعـين.‏

‏ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ރަޝީދު، މިނިސްޓަރ ‏‏އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމް، މިނިސްޓްރީގެ ސްޓޭޓް ‏‏މިނިސްޓަރ އަލްފާޟިލް ޢަބްދުލްމަތީން، މިއަތޮޅުގެ އިސްވެރިން، ލޮބުވެތި ރައްޔިތުން. ‏

السّــلام عليــكم ورحـمــة اللّـه وبـركاتـه

‏މިއަދުގެ އެންމެބޮޑު އުފަލަކީ، މިރަށުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެންގެ ‏‏ސަރުކާރުން ފަށްޓާފައިމިވާ މުހިންމު މަޝްރޫޢު ފެށުމުގެ މި އުފާވެރި ރަސްމިއްޔާތަށް، ތިޔަ ހުރިހާ ‏‏ބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ‏‏ޝުކުރު އަދާކުރަން. ‏

‏އާދެ! މިރަށުގެ ނުވަތަ ހަނިމާދޫގެ ނަރުދަމާގެ ނިޒާމު މިހާހިސާބަށް މިގެންދެވުނީ، ‏‏ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތާ އެކީގައި. ޚާއްޞަ ގޮތެއްގައި، އެނގިވަޑައިގަންނަވާނޭ ‏‏ފަދައިން، ސަރުކާރުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ އެކި ‏‏ހިސާބުތަކުގައި، އެކިކަންކޮޅުތަކުގައި، މިފަދަ ޚިދްމަތްތަކަކަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި، ‏‏ކޮންމެ ސަރަޙައްދަކުންވެސް، ކޮންމެ އަތޮޅަކުންވެސް އަދި ކޮންމެ ރަށަކުންވެސް އެންމެ އަވަހަށް، ‏‏އެރަށަކަށް ނުވަތަ އެރަށެއްގެ މަސައްކަތް ފެށްޓުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ މި ‏‏ފުރްޞަތުގައި، އަޅުގަނޑު ދެކޭގޮތުގައި ހަނިމާދޫގައި މިއަދު މި މަސައްކަތް ފެށިގެން މިދަނީ، ‏‏މިކަމުގައި ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތްވާތީ. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ ‏‏މި މިނިސްޓްރީ ހިންގުމާ ޙަވާލުވެހުރި މިނިސްޓަރ އާދެ! މިނިސްޓަރ ޠާރިޤު އިބްރާހީމް މިއަދު މި ‏‏މަސައްކަތް މިހާ ހިސާބަށް ގެންދެވުމުގައި ވަރަށްބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަން ‏‏ފާހަގަކޮށް، އަޅުގަނޑު، އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް މިނިސްޓަރަށް ވަރަށް ޚާއްޞަ ‏‏ޝުކުރެއް، ތިޔަ ރައްޔިތުންގެ ނަންފުޅުގައި އަރުވަން. ‏

‏ހަމައެޔާއެކީގައި، މުޅި މިއަތޮޅުގެ ތަރައްޤީއަށްޓަކައި‏‎ ‎‏އެނގިވަޑައިގަންނަވާނޭ ‏‏ފަދައިން، ދެންމެވެސް ވާހަކަފުޅު ދައްކަވަމުން ޙުސައިން ރަޝީދު ވަރަށް ސާފުކޮށް ޞަރީޙަކޮށް ‏‏އަތޮޅުގެ ރައްޔިތުންގެ އިޙްސާސްތަކުގެ ވާހަކަ އަޅުގަނޑުމެންނާ ހަމައަށް އަޑުއިއްވަވައިފި. އަދި ‏‏މިދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގެ ތެރެއިން އެމަނިކުފާނު ވަނީ އެ އަޑު ‏‏އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައި. އެހެންވީމާ، މިއަދު މިރަށުގެ މި މަސައްކަތް ފެށިގެން ‏‏ދިޔުމުގައި، އަޅުގަނޑު ފާހަގަކުރަން، މިއަތޮޅު ކައުންސިލްގެ ބުރަ މަސައްކަތްވާކަމާއި އަދި ‏‏މިހާހިސާބަށް މިމަސައްކަތް ގެންދިޔުމުގައި، ވަރުބަލިކަމެއްނެތި އަތޮޅު ކައުންސިލުން ކުރައްވާފައިވާ ‏‏މަސައްކަތް ފާހަގަކޮށް، ޖުމްލަ ގޮތެއްގައި އަތޮޅު ކައުންސިލަށް އަދި ޚާއްޞަކޮށް، އަތޮޅު ‏‏ކައުންސިލްގެ ރައީސަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.‏

‏މިފަދަ މަސައްކަތެއް ކުރިއަށްދާއިރުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ‏‏އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، ޤައުމުގެ ތަރައްޤީއަށާއި، ޤައުމުގެ ހަމަޖެހުމާއި، ‏‏ޞުލްޙަމަޞްލަސް ކަމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ‏‏އެނގިވަޑައިގަންނަވާނޭ ފަދައިން މިމަސައްކަތްޕުޅުގައި އެއްވެސް ޝައްކެއްނެތްގޮތުގައި، ޤައުމުގެ ‏‏ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ނަޒަރެއް ހިމެނިފައިވާ ކަމެއް. އެހެންކަމުން، މިއަދު ރާއްޖޭގެ ‏‏އެކިކަންކޮޅުތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި، ޚާއްޞަ އިސްކަމެއް ދެއްވައިގެން، ‏‏ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ ‏‏މަސައްކަތްޕުޅު ފާހަގަކޮށް، އެމަނިކުފާނަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ނަންފުޅުގައި އަޅުގަނޑު ‏‏ޚާއްޞަ ޝުކުރެއް އަދާކުރަން.‏

‏މިއަދު މިމަސައްކަތް މިރަށުގައި ފެށިގެން ދިޔުމަކީ، އެއްވެސް ‏‏ޝައްކެއްނެތްގޮތުގައި، މިރަށުގެ ވަރަށްގިނަ ރައްޔިތުންތަކެއް މިހާހިސާބަށް ކުރަމުން އައި ‏‏އުންމީދުގައި ޙަޤީޤީ ކުލަ ޖެހިގެންދާ ދުވަހެއް. އަޅުގަނޑަށް ވަރަށް ބޮޑަށް މިއުފާވެރިކަން އެބަ ‏‏އިޙްސާސްވޭ. މިއަދު ޢަމަލީ މަސައްކަތް ފެށިގެން އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް، މުޅި ‏‏މަސައްކަތް ނިމި، މިރަށުގެ ރައްޔިތުންނަށް މިހާހިސާބަށް ދިމާވެފައިވާ ވަރަށްބޮޑު ދަތިކަމަކަށް ‏‏ޙައްލެއް ލިބިގެންދާނެ. ރަށުގެ ވަރަށްގިނަ ރައްޔިތުންތަކަކަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ‏‏ލިބިގެންދާނެ. އަދި ހަނިމާދުއަކީ އިރާދަކުރެއްވިއްޔާ، މުޅި ރާއްޖެއަށް ބެލިކަމުގައިވީނަމަވެސް، ‏‏ތަރައްޤީގެ ވަރަށް ރީތި މަންޒަރެއް އަޅުގަނޑުމެންނަށް ކުރިމަގުގައި ފެންނަން އޮތް ރަށެއް. އަދި ‏‏މުޅި މިއަތޮޅަކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ދެންމެ އަތޮޅު ކައުންސިލްގެ ރައީސްގެ ‏‏ވާހަކައަށް ޖަވާބުދާރީވުމަށްޓަކައި ދަންނަވާލަން ބޭނުންވޭ، މުޅި ހދ. އަތޮޅަކީ އިރާދަކުރެއްވިއްޔާމު، ‏‏ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތަޞައްވުރުގައި، ކުރިއަށް މިއޮތް ފަސް ‏‏އަހަރުދުވަހުގައި ޚާއްޞަ އަހަންމިއްޔަތެއްދީގެން، ތަރައްޤީގެ ޚާއްޞަ މަރްކަޒަކަށް ވެގެން މުޅި ‏‏މިއަތޮޅު ހިމެނިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ‏

‏އެގޮތުން، މިއަތޮޅުގެ ހިމެނިގެންދާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ‏‏އިރާދަކުރެއްވިއްޔާ، މިއަތޮޅަށް ގެނެވޭ ހައުސިންގ ސްކީމްތަކާއި އަދި އޭގެއިތުރުން މިއަތޮޅުގެ އެކި ‏‏ހިސާބުތަކުގައި ޤާއިމްވެގެންދާ ތަރައްޤީގެ މަޝްރޫޢުގެ އިތުރުން، އިރާދަކުރެއްވިއްޔާމު، ‏‏ކުޅުދުއްފުށިވެސް ވެގެންދާނީ މުހިންމު މަރްކަޒެއްގެ ގޮތުގައި. އަދި މިއަތޮޅު ހިމެނިގެންދާނީ، ‏‏ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ‏‏މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ފެށިގެން، އޭގެ ރާޙަތު މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ‏‏މުހިންމު ޢުމްރާނީ މަރްކަޒަކަށް ވެގެންދާނެ މިއަތޮޅު. ‏

‏މިއަދު ސަރުކާރުން ފަށްޓާފައިވާ މި މަޝްރޫޢުތަކުގެ ތެރެއިން ނަރުދަމާގެ ނިޒާމަކީ ‏‏އިރާދަކުރެއްވިއްޔާ، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ މައްސަލަތަކަށް ‏‏ޙައްލު ގެނައުމަށްޓަކައި ޚާއްޞަ އަހަންމިއްޔަތެއްދީގެން ކުރިއަށް ގެންދާނެ މަޝްރޫޢުތަކެއް. މިއަދު ‏‏މިރަށުން މި މަޝްރޫޢު ފެށިގެންދާއިރުގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ‏‏ވިސްނުންފުޅުގައި އޮތީ، މި ފަސްއަހަރު އިރާދަކުރެއްވިއްޔާ ވެގެންދާނީ، މިއިން ދުވަހަކު ރާއްޖޭގައި ‏‏ދުވަހަކު ނުދެކޭފަދަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަކަށް، ހުރިހާ އަތޮޅުތަކަކަށް ‏‏އަމާޒުކޮށްގެން، ޚާއްޞަ ގޮތެއްގައި ނަރުދަމާގެ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ‏‏ހޯދައިދިނުމަށްޓަކައި ޚާއްޞަ މަސައްކަތެއް ކުރެވިގެންދާނެ ފަސް އަހަރަކަށް. ‏

‏މިގޮތުން އަޅުގަނޑު ފާހަގަކުރަން، މިއަދު މިރަށުގައި މި މަސައްކަތް ‏‏ފެށިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ، މި ފަސްއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ‏‏ރާއްޖޭގެ އެކި ހިސާބުތަކުގައި އެތަކެއް މަޝްރޫޢެއް ކުރިއަށް ގެންދެވޭއިރުގައި، މިއަހަރު އެކަނިވެސް ‏ﷲގެ ރަޙުމަތާއެކީގައި ރާއްޖޭގެ އެކިހިސާބުތަކުގައި މަދުވެގެން މިފަދަ 20 މަޝްރޫޢު ‏‏އިރާދަކުރެއްވިއްޔާމު، އަޅުގަނޑުމެން ފަށްޓާނެ ވާހަކަވެސް މި ފުރްޞަތުގައި ދަންނަވާލަން ‏‏ބޭނުންވޭ.‏

‏އެހެންކަމަށްވާނަމަ، ކުރިއަށް މިއޮތް ފަސް އަހަރު ނިމިގެންދާއިރުގައި އަޅުގަނޑަށް ‏‏މި އުންމީދު ކުރެވެނީ، ރާއްޖޭގެ ހުރިހާ ރަށްތަކެއްހެން، ހުރިހާ އަތޮޅުތަކެއްހެން ‏‏އިރާދަކުރެއްވިއްޔާމު، ބޮޑު ބަޔަކަށް ނަރުދަމާ އަދި ފެނުގެ މައްސަލަ، ހަމައެޔާއެކީގައި މަގު ހެދުމުގެ ‏‏މައްސަލައަށް ދިމާވެފައިވާ ގިނަ ކަންތައްތަކަށް އަޅުގަނޑުމެންނަށް ޙައްލެއް ލިބިގެންދާނެ ކަމަށް. ‏‏މިރަށަށް ޚާއްޞަ ގޮތެއްގައި ކަނޑައެޅިފައިވާ މަޝްރޫޢުތަކެއް އެބަހުރި. އެހެން ނަމަވެސް، މިއަދުގެ ‏‏ހަވީރުގެ އަދި ވަގުތެއްގައި، އެހެން ވަގުތެއްގައި މިރަށުގެ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރުމުގެ ‏‏ވަގުތު ކަނޑައެޅިފައި އޮތުމާއެކީގައި، އެވާހަކަތައް، އެ ޙަފްލާގައި ދެއްކުމަށްޓަކައި އަޅުގަނޑު ‏‏ބާއްވާފައި، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. ‏

‏އަޅުގަނޑު އުންމީދުކުރަނީ، އިރާދަކުރެއްވިއްޔާމު، ރާއްޖޭގެ ތަރައްޤީއަށްޓަކައި ‏‏މިއަދުގެ ސަރުކާރުން ފަށްޓާފައިމިވާ މަސައްކަތުގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، ‏‏މިއަތޮޅުގެ ރައްޔިތުންވެސް އަދި މިރަށުގެ ރައްޔިތުންގެވެސް އެއްބާރުލުން މިއަދުގެ ސަރުކާރަށް ‏‏ލިބިގެންދާނެ ކަމަށް. ދެންމެ އަތޮޅު ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަންތައްތަކަށްވެސް ‏‏ތިޔަބޭފުޅުން ސަމާލުކަން ދެއްވާނެ ކަމަށް. ‏

‏އާދެ! މިފަދަ ކޮންމެ ކަމެއް ކުރިއަށްދާއިރުގައި، މިފަދަ ކޮންމެ ކަމެއް ‏‏އަޅުގަނޑުމެން ބަލައިގަންނަންވާނީ، ހެޔޮހިތުން ޝުކުރުވެރިކަމާއެކީގައިކަން އެއީ ‏‏އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުން އަޅުގަނޑުމެންނަށް ލިބިގެންވާ ‏‏މަތިވެރި އިރުޝާދު. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، لَئِن شَكَرْتُمْ ‏لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ. ތިޔަބައިމީހުން، މުސްލިމުންނަށް މި އާޔަތުގައި ﷲ ‏‏ވަޙީކުރައްވާފައިވަނީ، ނިޢުމަތްތަކަށް ޝުކުރުވެރިވާ ކަމުގައިވާނަމަ، اللّـه سبحـانـه وتعـالى އެ ‏‏ނިޢުމަތްތައް އިތުރަށް އިތުރުކުރައްވާނެއޭ. އަދި ނިޢުމަތްތަކަށް ފުރަގަސްދިނުމަކީ އެއީ ކުފުރުގެ ‏‏ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ކަމަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، މިރަށުގެ ‏‏ރައްޔިތުން ހެޔޮހިތުން ޝުކުރުވެރިކަމާއެކީގައި މިފަދަ ކޮންމެ ކަމެއްވެސް ބަލައިގަނެ، މި ‏‏މަސައްކަތްކުރާ ވެރިންނަށާއި އަދި ސަރުކާރަށް ތިޔަބޭފުޅުންގެ އެއްބާރުލުން ދެއްވާނެ ކަމަށް.‏

اللّـه سبحـانـه وتعـالى އަޅުގަނޑުމެން ކުރާ މިފަދަ ކޮންމެ މަސައްކަތެއްގެ ތެރެއިން ‏‏އަޅުގަނޑުމެންގެ ރައްޔިތުންނަށް ހެޔޮގޮތްތައް މިންވަރުކުރައްވައި، އަޅުގަނޑުމެންނަކީ ޞުލްޙަވެރި، ‏‏ރައްކާތެރި، އަމާން އަދި އެކުވެރި މުޖްތަމަޢެއްގައި އުޅޭ ރައްޔިތެއް ކަމުގައި މިންވަރު ކުރައްވާށި! ‏‏އާމީން. ‏
‏ ‏
‏ ‏‎ ‎‏ ‏‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ ‏
‏ _____________________________‏