بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ދިވެހި ދައުލަތަށް ވަރަށްގިނަ ދުވަސް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވައި، ދިވެހިރާއްޖޭގައި އިސްލާމްދީނާއި ކީރިތި ޤުރްއާނުގެ ތަޢުލީމު ޢާންމު ކުރެއްވުމަށްޓަކައި ބުރަ މަސައްކަތްޕުޅެއް ކުރައްވައި، ރާއްޖޭގެ ޖަސްޓިސް މިނިސްޓަރު ކަމާއި އަދި އުއްތަމަ ފަނޑިޔާރުކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސްކަމާއި އަދި މިހާރުގެ ސަރުކާރުގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޚާއްޞަ މުޝީރެއްގެ ގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވާ އަޅުގަނޑުމެންގެ އުސްތާޛު ފަޟީލަތުއްޝައިޚް އުސްތާޛު މުޙަންމަދު ރަޝީދު އިބްރާހީމް، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، ނައިބުންނާއި، އިސްވެރިން، ޖަލްސާއަށް ވަޑައިގެން ތިއްބެވި ދިވެހި ދައުލަތުގެ އެހެނިހެން އިސްވެރިންނާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރ އައްޝައިޚު ޢަބްދުލްޢަޒީޒު ޙުސައިން އަދި މި ޖަލްސާގެ އެންމެ ޚާއްޞަ ބައިވެރިން ކަމުގައިވާ މިއަދު މި އިނާމު ޙާޞިލު ކުރެއްވި ހުރިހާ ބޭފުޅުންނާއި، ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މިދިޔަ އަހަރު ހިންގެވި އެކި ކޯސްތަކުން ދަސްވެނިވި ހުރިހާ ދަރިވަރުންނަށް އަދި ހަމައެޔާއެކީގައި 500 ޙާފިޡުން ތަމްރީނު ކުރުމަށްޓަކައި ފަށްޓަވާފައިވާ ޕްރޮގްރާމްގައި އެކިއެކި ވަނަތައް ޙާޞިލު ކުރެއްވި ހުރިހާ ދަރިވަރުންނަށް، ތަފާތު ވަނަތައް ޙާޞިލު ކުރައްވައިގެން އިނާމު ހޯއްދެވި ހުރިހާ ފަރާތްތަކަށް މިއަދުގެ މި އުފާވެރި ޙަފްލާގައި، އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އެހުރިހާ ބޭފުޅުން މިއަދު ހޯދި އެ މަތިވެރި މަޤާމަށްޓަކައި އެހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ވަރަށް ލޯތްބާއެކީގައި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން.

ހަމައެޔާއެކީގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ކީރިތި ޤުރްއާނުގެ މަތީ ތަޢުލީމް އުނގަންނައިދިނުމަށްޓަކައި ބުރަ މަސައްކަތްޕުޅެއް ކުރައްވާ އަޅުގަނޑުމެންގެ އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށާއި، ހަމައެޔާއެކީގައި މި ވުޒާރާގެ އިސްވެރިންނަށާއި، އަދި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިނަށާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އެންމެހާ އުސްތާޛުންނަށާއި މުދައްރިސުންނަށް، އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އިޚްލާޞްތެރި ޝުކުރެއް އެބޭފުޅުންނަށްވެސް އަޅުގަނޑު އަރިސްކުރަން.

އާދެ! މިފަދަ އުފާވެރި ޙަފްލާއެއްގައި ވަރަށްގިނަ ވަގުތު ހޭދަވެގެންދިޔަ ކަމުގައިވީނަމަވެސް، ޙަޤީޤަތުގައި ވަރަށް ފުން އިޙްސާސްތަކެއް ވެގެންދިޔަ. އެންމެ ފުރަތަމަ މިއަދު މިފަދަ ފުރުޞަތެއް އަޅުގަނޑުމެންގެ މިހާގިނަ އުޚުތުންތަކަކާއި އަޚުންތަކަށް އަދި ދަރިވަރުންތަކަކަށް ލިބިގެންދިޔަ ގޮތުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އަދި އަޅުގަނޑުމެން މުސްލިމުންގެ ޙައިޘިއްޔަތުން މިފަދަ ފުރުޞަތެއްގައި މިފަދަ ގޮތަކަށް މިކަން ފަހިވެގެންދިޔަ ގޮތުގެ މައްޗަށް ބަލައި، އެކަމަށް ޝުކުރު އަދާކުރަންޖެހޭ.

اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޝުކުރު އަދާކުރުމާއެކީގައި، 1421 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ 27 ވިލޭރޭ، ކީރިތި ޤުރްއާނާބެހޭ މަރުކަޒު ވުޖޫދަށް ގެންނަވައި، ރާއްޖޭގެ ގިނަ ރައްޔިތުންތަކަކަށް މިއަދު އެ މަރުކަޒުން މިހާގިނަ ފައިދާތަކެއް ލިބިގެން ދިޔުމަށް މެދުވެރިވީ އޭރުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ބުރަ މަސައްކަތްޕުޅުން ކަމަށްވާތީ، މިއަދުގެ މި އުފާވެރި ޙަފްލާގައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން. ހަމައެޔާއެކީގައި، ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް މަތީގައި ދެމިތިބުމަށާއި، ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ޢާންމު ކުރުމަށާއި، ކީރިތި ޤުރްއާނުގެ ތަޢުލީމާއި އަޚްލާޤިއްޔާތު އެއީ ރާއްޖޭގެ މުސްތަޤްބަލް ކަމާއި، ރާއްޖޭގެ ވެށި ބިނާކުރުމަށްޓަކައި އެންމެ މުހިންމު މަސްދަރު ކަމަށް ގަބޫލުކުރައްވައި، މިއަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ކީރިތި ޤުރްއާން، މަޖުބޫރު މާއްދާއަކަށް ހެއްދެވުމާއެކީގައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށްހެން މިއަދު ޤުރްއާން މުދައްރިސުން ފަހިކޮށްދެއްވައި، އަދި ހަމައެޔާއެކީގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ މެދުގަޔާއި، ތުއްތު ދަރިވަރުންނާއި، ރާއްޖޭގެ އެންމެހާ ދަރިވަރުންގެ ތެރޭގައި އިސްލާމްދީނާއި ކީރިތި ޤުރްއާނުގެ ތަޢުލީމް ޢާންމު ކުރުމަށްޓަކައި ޢަރަބިބަސް ރާއްޖޭގެ ސްކޫލްތަކުގައި ތަޢާރުފް ކުރުމުގެ މަސައްކަތް ފަށްޓަވައި، މިކަން މިއަދުގެ ސިޔާސަތުގެ ތެރެއަށް ގެންނެވި ކަމަށްޓަކައި ރާއްޖޭގެ މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މި ފުރުޞަތުގައި އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި އަދި މި މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަޅުގަނޑުގެ އަޚު ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް، މި ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ނަންފުޅުގައި އެމަނިކުފާނަށްވެސް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު އަދާކުރަން.

އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދު މިތާނގައި މިވަގުތުކޮޅު ހޭދަކުރިއިރުގައި، ދެންމެ އިސްލާމިކް މިނިސްޓަރ ދެއްވި އަގުހުރި ނަޞޭޙަތުގެ ބަސްފުޅުގައި، ވަރަށްގިނަ ޢިބްރަތްތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. ހަމައެޔާއެކީގައި، ވަރަށްގިނަ ކަންތައްތަކެއްގެ މައްޗަށް އަޅުގަނޑުމެން އެންމެންގެ ލޯ ހުޅުވުމަށް އެމަނިކުފާނުގެ އެ ޚިޠާބުގައި އަޅުގަނޑުމެންނަށް އިރުޝާދު ލިބިގެންދިޔަ. އެޔާއެކީގައި، އަޅުގަނޑު މިވަގުތު ހޭދަކުރިއިރުގައި، ހިތަށް ވަރަށް ފުން އިޙްސާސްތަކެއް ވެގެންދިޔަ. ވަރަށްގިނަ ބޭފުޅުންގެ ޝައުޤުވެރިކަން ކީރިތި ޤުރްއާން ދަސްކުރުމަށް ހުރިކަން އެނގުމުން، އެއީ އަޅުގަނޑުމެންގެ ހިތަށް ވަރަށް ފިނިކަމެއް ލިބިގެންދިޔަ ކަމެއް. ވަރަށް ތުއްތުކުދިން ކީރިތި ޤުރްއާން ދަސްކޮށްގެން، އިނާމު ޙާޞިލުކޮށްގެން އެނބުރި ސްޓޭޖުން ވަޑައިގަންނަވާ ވަގުތު ފެނުނީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އިރާދަކުރެއްވިއްޔާ ދިރުން އެބައޮތްކަން. އެކަމަކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. މިއުފާވެރި މަންޒަރު، މި އުފާވެރި ޙަފްލާ ނިމިގެންދިޔައީމާ، ގެއަށް އެނބުރި ވަޑައިގަންނަވާއިރުގައި، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޅުގަނޑުމެންގެ ހިތުގައި އެއްޗެއް ހިފައިގެން ގެޔަށް ދާންވާނީ. އެންމެ މުހިންމު ކަމަކީ، ކޮބައިތޯ ކީރިތި ޤުރްއާން އަޅުގަނޑުމެން ދަސްކުރުމުގެ މާނައަކީ، ކޮބައިތޯ ބޭނުމަކީ. ކޮބައިތޯ ކީރިތި ޤުރްއާނުގެ މަފްހޫމަކީ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެން މިއަދު ގެޔަށް އެނބުރި އަޅުގަނޑުމެން އެންމެންވެސް ހަނދާންކުރަންޖެހޭ ކަމެއް.

އެއްވެސް ޝައްކެއްނެތްގޮތުގައި، ކީރިތި ޤުރްއާނަކީ، އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި މަސްދަރު. ކީރިތި ޤުރްއާން ގޮވާލާފައިވަނީ، ދުނިޔޭގެ ކާމިޔާބީއަށާއި، އާޚިރަތުގެ ފަލާޙަށް. މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް. ތިމާގެ އަވަށްޓެރިންނަށް ކަމޭހިތުމަށް. ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތުމަށާއި، ހަމައެޔާއެކީގައި، ނިކަމެތިންނަށް އަޅާލުމަށާއި، ޔަތީމުންނަށް ކަމޭހިތުމަކީ އެއީ، ކީރިތި ޤުރްއާނުން އައިސްފައިވާ މަތިވެރި ދަރުސް. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންނަށް ހަމައެކަނި އަޅުގަނޑުމެން ގޭގައި ތިބެގެން ކިޔާފައި، އަޅުގަނޑުމެން ދޫކުރާ ފޮތެއް ނޫން. ކީރިތި ޤުރްއާނުގެ މަތިވެރި އިރުޝާދުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ދުނިޔަވީ ކަންތައްތަކާއި، އުޚުރަވީ ކަންތައްތަކުގެ ފުރިހަމަ އިރުޝާދު އަޅުގަނޑުމެންނަށް އައިސްފައިވޭ. اللّـه سبحـانـه وتعـالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ، [إنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا] [ހަމަކަށަވަރުން މި ޤުރްއާން އެންމެ ސީދާ މަގަށް މަގު ދައްކައެވެ. އަދި ހަމަކަށަވަރުން ޞާލިޙު ޢަމަލުކުރާ މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުރިކަމުގެ އުފާވެރި ޚަބަރު މި ޤުރްއާން ދެއެވެ.]

ކީރިތި ޤުރްއާނުގެ މަތިވެރި އިރުޝާދުތައް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެތުރިގެން ހިނގައްޖެ ކަމުގައިވާނަމަ، މިއަދު އަޅުގަނޑުމެން އިޞްލާޙުކުރަން މި މަސައްކަތްކުރާ ތަޢުލީމީ ނިޒާމުގައި ހުރި މައްސަލަތަކާއި، މިއަދު އަޅުގަނޑުމެން އެ މައްސަލަތަކަކާ ދޭތެރޭގައި ކަންބޮޑުވެފައިވާ މުޖުތަމަޢުގެ ޢާންމު އަޚްލާޤީ މިންގަނޑުތަކާއި، އެންމެންވެސް ގޮވާލަމުންދާ އަލުން އިޢާދަކުރަން ބޭނުންވާ މުޖުތަމަޢުގެ ފޭރާމުގެ ވާހަކައާ، މިހުރިހާ ކަމަކަށް ޙައްލު ލިބިގެންދާނެކަމީ، އެއީ ޔަޤީން ކަށަވަރު ކަމެއް. އަޅުގަނޑުމެން މުސްލިމުން ކަމުގައިވާނަމަ އަދި އިސްލާމީ ޢަޤީދާގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކުރާ ކަމުގައިވާނަމަ، ޝައްކެއްނެތްގޮތުގައި، ކީރިތި ޤުރްއާނުގެ ބަސްފުޅުތަކަށް އަޅުގަނޑުމެން ފުރިހަމައަށް ޔަޤީންކުރަންވާނެ.

އާދެ! ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، [وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ] [ހަމަކަށަވަރުން ތިމަން ﷲ ކީރިތި ޤުރްއާނަކީ ހިތުދަސްކުރަން ފަސޭހަ އެއްޗެއް ކަމުގައި ލެއްވީމެވެ. ފަހެ އެ ޤުރްއާނާމެދު ވިސްނައި، އެއިން ޢިބްރަތް ލިބިގަންނަ މީހަކު ކަމުގައި ނުވޭހެއްޔެވެ.] ދެންމެ އަޅުގަނޑުމެންނަށް އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުންވެސް ސާފުކޮށް އެނގިގެންދިޔައީ މިދެންނެވި ވާހަކަތައް. ކީރިތި ޤުރްއާނަކީ ހަމައެކަނި އަޅުގަނޑުމެންގެ ޢިބާދަތުގެ ވާހަތަކާއި، އުޚުރަވީ ޙަޔާތުގެ ވާހަކަތައް އައިސްފައިވާ ފޮތެއް ނޫންކަން، އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ. ކީރިތި ޤުރްއާނަކީ މުސްލިމުންގެ އެންމެ މަތިވެރި ދުސްތޫރު. ކީރިތި ޤުރްއާނަކީ އެފޮތުގައި، އަޅުގަނޑުމެން މުސްލިމުން އުޅެންވާގޮތް ފުރިހަމައަށް ބަޔާންކުރައްވާފައިވާ މަތިވެރި ފޮތް. މުސްލިމުންގެ އަގުހުރި ޤާނޫނަކީ ކީރިތި ޤުރްއާން. އިންސާނާއަށް ދުނިޔަވީ އެންމެހާ މުޢާމަލާތުތައް ހިންގަންވީގޮތާއި އަދި ހަމައެޔާއެކީގައި، އުޚުރަވީ ޙަޔާތުގެ ކާމިޔާބު ހޯދަންވީގޮތް ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް އައިސްފައިވޭ.

މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ކީރިތި ޤުރްއާން ޢާންމުވެގެން ދިޔުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. އެކަމަކު އެޔާއެކީގައި، އަޅުގަނޑުމެން ހިތުގެ އަޑިން ޤަބޫލުކުރަންވާ އެންމެބޮޑު ޙަޤީޤަތަކީ، އެހެން އެއްވެސް ފޮތެއްގައި، އެހެން އެއްވެސް ޤާނޫނެއްގައި އަޅުގަނޑުމެންނަށް މުސްލިމުންނަށް އުޅެންވީގޮތެއް ބަޔާންކޮށްފައެއްނުވޭ، ކީރިތި ޤުރްއާން ފިޔަވައި. ކީރިތި ޤުރްއާނުގައިވާ ގޮތުގެ މަތިން، މި މުސްލިމުންގެ ހުރިހާ ކަންތައްތަކެއް ބައްޓަންކޮށްފި ކަމުގައިވާނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މިއަދު ހޯދަން އުޅޭ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ. ކީރިތި ޤުރްއާނުގައި 114 ސޫރަތެއްވޭ. 6235 އާޔަތް ކީރިތި ޤުރްއާނުގައި ބާވައިލައްވާފައިވޭ. އެންމެ ކުރު ސޫރަތުގައިވެސް 4 އާޔަތްވާއިރުގައި، އެންމެ ދިގު ސޫރަތުގައި 286 އާޔަތް ހިމެނިފައިވޭ. ޤުރްއާނުގެ 85 ސޫރަތަކީ މައްކީ ސޫރަތް. އަދި 29 މަދަނީ ސޫރަތް ހިމެނިގެންވޭ. މިފަދަ މާތް ފޮތުގައި 350 އާޔަތް މުސްލިމުންގެ ޤާނޫނީ ކަންތައްތަކާ ބެހޭގޮތުން ބާވައިލައްވާފައިވާ ކަމަށް ޢިލްމުވެރިން ވިދާޅުވޭ. މީގެތެރެއިން 140 އާޔަތުގައި އަޅުކަމުގެ ވާހަކަ ބަޔާންކުރެވިފައިވޭ. 70 އާޔަތުގައި ކައިވެންޏާއި ވަރީގެ ވާހަކަ ބަޔާންވެގެންވޭ. އަދި ހަމައެޔާއެކީގައި 70 އާޔަތުގައި މުޢާމަލާތް ކުރުމުގެ، އަޅުގަނޑުމެން ޓްރާންސްސެކްޝަން، ނޫނިއްޔާ ވިޔަފާރި ކަންތައްތައް ހިންގުމުގެ ވާހަކަ ވާރިދުވެފައިވޭ. 30 އާޔަތުގައި، ކުށްތަކާއި ޢުޤޫބާތުގެ ވާހަކަ ބަޔާންކުރެވިފައިވޭ. އަދި ތިރީހަކަށް އާޔަތުގައި، ޢަދުލު އިންޞާފުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަމުގައި ޢިލްމުވެރިން ވިދާޅުވޭ.

އާދެ! އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދު މި ޙަފްލާގެ ތެރެއިން ފެނިގެން މިދިޔަ އުފާވެރި މަންޒަރުން ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ. ކީރިތި ޤުރްއާން އުނގެނިގެން އަދި އުނގަންނައިދިނުމުގެ މަސައްކަތުގައި އުޅުއްވާ ވަރަށްގިނަ ބޭފުޅުން މިއަދު މި ފެނިގެން ދަނީ މި ހޯލުގެ ތެރެއިން. މިއީ ވަރަށް މަތިވެރި ޘަވާބަކާއި ދަރުމަ ލިބިގެންވާ މަސައްކަތެއް. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ މަސައްކަތްޕުޅުތަކުން މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށް. އުސްތާޛުންނާއި އުސްތާޛާއިން ފެނިގެން ހިނގައްޖެ. މުދައްރިސުންނާއި މުދައްރިސާއިން ފެނިގެން ހިނގައްޖެ. ޙާފިޡުންނާއި ޙާފިޡާއިން ފެނިގެން ހިނގައްޖެ. މިއަދު މި ޙަފްލާ ނިމިގެން ތިޔަބޭފުޅުން އެނބުރި ވަޑައިގަތުމުން، އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށްޓަކައި ތިޔަބޭފުޅުން މި ފިލާވަޅުތައް ޢާންމުކުރައްވާނެ ކަމަށް.

ތިޔަބޭފުޅުންގެ މަސައްކަތާއެކީގައި މެނުވީ، ސަރުކާރުން ފަށްޓާފައިވާ ޕްރޮގްރާމްތަކެއް ކާމިޔާބުވެގެން ނުދާނެ. ރާއްޖޭގެ ސްކޫލްތަކުގައި ޤުރްއާން ކިޔެވުމުގެ މަސައްކަތް ފެށިފައި މިވަނީ. ޢަރަބިބަސް ދަސްކޮށްދިނުމުގެ މަސައްކަތް ފެށިފައި މިވަނީ. އެހެން ނަމަވެސް، މިއިން ކޮންމެ މަސައްކަތެއްގެ ކާމިޔާބު ބިނާވެފައިވަނީ ތިޔަބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތަކުގެ މައްޗަށް. އެންމެ ބޮޑަށް މިއަދު އަޅުގަނޑަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ، މި އުފާވެރި ޙަފްލާގައި ގިނައީ އަންހެން ބޭކަނބަލުން ކަމުގައިވާތީ. އަދި އެއީ އަޅުގަނޑުމެން އެންމެންވެސް ދަންނަ އެންމެބޮޑު އެއް ޙަޤީޤަތް. އާދެ! ކޮންމެ ކުއްޖެއްގެ ފުރަތަމަ މަދްރަސާއަކީ އެކުއްޖާގެ މަންމަ. އެހެންވީމާ، މިއަދު ތިޔަ އުޚުތުން ކީރިތި ޤުރްއާނަށްޓަކައި ތިޔަ ބަހައްޓަވާ ޝައުޤު އަޅުގަނޑު އުންމީދު ކުރަނީ، އޭގެ ހެޔޮ މޭވާ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ލިބިގެންދާނެކަމަށް. އޭގެ އަސަރު، ކުދިންގެ ކިބައިން ފެނިގެންދާނެކަމަށް. އޭގެ ރީތި ނަމޫނާ، އެކުދިންގެ އަޚްލާޤުން ފެނިގެންދާނެ ކަމަށް. އޭގެ ހެޔޮ ލާބަ، ދިވެހި މުޖުތަމަޢަށް ލިބިގެންދާނެ ކަމަށް. އަދި އޭގެ ސަބަބުން ރާއްޖޭގެ މުސްތަޤްބަލް އުޖާލާވެގެންދާނެ ކަމަށް.

ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި اللّـه سبحـانـه وتعـالىގެ ވަރަށް މަތިވެރި ނިޢުމަތެއް، އަޅުގަނޑުމެން މި މުސްލިމް ޤައުމަށް ލިބިފައިވާ. މިފަދަ ޙަފްލާއެއްގައި މި ފުރުޞަތު ލިބުނީމާ ހަމަ މިވާހަކަ ދަންނަވާލުމަކީ، އަޅުގަނޑު ދެކޭގޮތުގައި މުނާސަބު ކަމެއް. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ޝަރުޢުގެ ހުރިހާ ކަންތައްތަކެއް، އެފޮތުގައި ވާރިދުވެފައިވާ ފޮތް ކަމުގައިވާހިނދުގައި، މި އުފާވެރި ޙަފްލާގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑުމެން ދެކެނީ، އިސްލާމްދީނަކީ ރާއްޖޭގެ އައިޑެންޓިޓީ ކަމަށް ހަދައި، އެ އައިޑެންޓިޓީ ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތްކުރުން. އަދި އެކަމަށްޓަކައި ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުމަށާއި، އެ އައިޑެންޓިޓީ ހިފެހެއްޓުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ އެއީ މިއަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު. ޤައުމު ތަރައްޤީ ކުރުމުގެ ނަމުގައިވިޔަސް، ޤައުމު، އިޤްތިޞާދީ ގޮތުން އެކިއެކި ކުރިއެރުން ހޯދުން ކަމުގައިވީނަމަވެސް، މިއަދު އަޅުގަނޑުމެން ހޯދަން ބޭނުންވާ އެކިއެކި ކާމިޔާބުތައް ހޯދަން ބޭނުން ކަމުގައިވީނަމަވެސް، އެކަންތައްތަކުގެ ނަމުގައި، ކާމިޔާބު ހޯދުމުގެ ނަމުގައި، ތަރައްޤީ ނުވަތަ ޕްރޮސްޕެރިޓީ ހޯދުމުގެ ނަމުގައި، އިޤްތިޞާދީ ނުވަތަ އިކޮނޮމިކް ކުރިއެރުންތައް ހޯދުމުގެ ނަމުގައި ޤައުމުގެ އައިޑެންޓިޓީ ދޫކޮށްލުމަކީ، ސަރުކާރަކުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އެފަދަ ކަމެއް ކޮށްފި ކަމުގައިވާނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އެ ޤައުމަކަށް ނާމާންކަން އަންނާނެ. އެބަޔަކަށް ނާކާމިޔާބު ލިބޭނެ. އެއީ ވަރަށްބޮޑު ބަދުނަޞީބަކަށް ވެގެންދާނެ. އަދި އަޅުގަނޑު ދެކޭގޮތުގައި، އެފަދަ ޢަމަލެއް ކުރުމަކީ، ސަރުކާރަކުން، މުސްލިމް ޤައުމަކުން، ޢަމުދުން ސައްތައިންސައްތަ މުސްލިމް ޤައުމަކުން ކުރާނެ އެންމެ ޒިންމާދާރުކަން ކުޑަ ޢަމަލު.

މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހި ސަރުކާރު ދެކޭގޮތުގައި، މިއަދުގެ ސަރުކާރުން ދެކޭގޮތުގައި އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤިޔާދަތުގެ އެންމެ މުހިންމު އެއް އަމާޒަކީ، ރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމާއި، އަމާންކަން ބިނާވެފައިވަނީ އަދި އަބަދުވެސް ބިނާވެފައި އޮންނާނީ، ރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި ޙިމާޔަތްކޮށް ރައްކާތެރިކުރެވުނު މިންވަރެއްގެ މައްޗަށޭ. އެހެންކަމާއެކީގައި، އެކަން ރައްކާތެރިކުރެވޭނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘް، އެ ޙަދީޘުން ހަމަ ލިބެންހުރި ތަޢުލީމްތައް ރާއްޖޭގައި ޢާންމު ކުރުންކަން، މި ސަރުކާރުން ގަބޫލުކުރޭ. އެހެންވީމާ، އެކަން ފެތުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން.

ކީރިތި ޤުރްއާނަށާއި، ސުންނަތަށް ހަޖޫ ޖެހުމަކުން ޤައުމުގެ ކަރާމާތްތައް ކުރިއަށް ނުދާނެ. އާދެ! ކީރިތި ޤުރްއާނާއި ސުންނަތުގައި ނެތްގޮތެއް ހޯދައިގެން، އަޅުގަނޑުމެންނަކަށް މޮޅެއް ނުލިބޭނެ. ކަމެއްގެ ޙައްލު ހޯދުމަށް ނުވަތަ ކުރިއެރުވުމަށް ނުވަތަ ބައެއްގެ ކުރިމަތީގައި ޖާހަތާއި ކަރާމާތް ބޮޑުކުރުމަށްޓަކައި ކީރިތި ޤުރްއާނުގައި ނެތް، ކީރިތި ޤުރްއާނާއި ސުންނަތުން ނޫން ގޮތަކަށް އިތުރު ގޮތްތަކެއް ހޯދަން މަސައްކަތް ކޮށްފި ކަމުގައިވާނަމަ، ނުވަތަ މަސައްކަތް ކުރުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، އިސްލާމީ ދައުލަތަކަށް، އިސްލާމީ ވެރިޔަކަށް ކުރުން އެކަށީގެންވާ ކަމެއް ނޫން. އެފަދަ ކަމެއް ކޮށްފި ކަމުގައިވާނަމަ، އެފަދަ ކަންތައްތައް ކުރާ ބަޔަކަށް ދިމާވާނީ ނިކަމެތިކަމާއި ނާކާމިޔާބު. اللّـه سبحـانـه وتعـالىގެ ވާގިފުޅާއެކީގައި، މިއަދުގެ ސަރުކާރަކީ، ކީރިތި ޤުރްއާނާއި އިސްލާމްދީނުގެ ތަޢުލީމު، ރާއްޖޭގައި ކުރިއަށް ނެރޭނެ ސަރުކާރެއް. މިއަދުގެ ސަރުކާރަކީ، ބޭރު ބަޔަކު ރުއްސުމަށްޓަކައި ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގައިވާ ކަންކަން ދޫކޮށް، އާ ގޮތްތައް ހޯދަންވެއްޖެ ކަމަށް ގޮވާލާނެ ސަރުކާރެއް ނޫން. މިއަދުގެ ސަރުކާރު އަބަދުވެސް ބަލާނީ އަދި ކަށަވަރު ކުރާނީ ކީރިތި ޤުރްއާނުގެ ދަރުސްތައް ފަތުރަން. އެ ދަރުސްތަކުގެ އަލީގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް.

އަޅުގަނޑު މިވާހަކަ ނިންމާލާނީ، ތިޔަބޭފުޅުންނަށް އެންމެފަހުގެ ހަމަ ނަޞޭޙަތެއްގެ ގޮތުގައި ކުޑަ ވާހަކައެއް ދަންނަވާލަމުން. އަޅުގަނޑަށް ވަރަށް ގިނައިން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރެވިއްޖެ. ވަރަށްގިނަ މީހުންނާ ބައްދަލުކުރެވިއްޖެ. ވަރަށްގިނަ ފަރާތްތަކާ ސަލާން ކުރެވިއްޖެ. ރާއްޖޭގެ މުޖްތަމަޢަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ. އުފާވެރިކަން ލިބޭ، ރާއްޖޭގެ ވެށިން އިސްލާމީ ޘަޤާފަތާއި މަންޒަރުތައް ޢާންމުވަމުންދާ ކަންތައްތައް ފެނުމުން. ތުއްތު ކުދިންގެ ކިބައިން ރީތި އާދަތައް ފެނުމުންވެސް އުފާވޭ. އެކަމަކު ހަމަ އެޔާއެކީގައި، ހިތަށް ވަރަށް އަސަރުކުރާ މަންޒަރުތައް ފެނިގެންދޭ. ކީރިތި ޤުރްއާން ކިޔަވަން ވަޑައިގަންނަވާ ހަމަ ލޮބުވެތި އުޚުތުން، ދައްތައިން، މަންމައިން އެނބުރި ހަމަ އެ މަރްކަޒު ދޫކޮށްފައިދާއިރުގައިވެސް ދުލުން ކޮންމެ އެއްޗެއް ބުނެލުމަކަށް ފަހެއްނުޖެހޭ. ތިމާގެ ތުއްތު ދަރިފުޅު ނަފްރަތާއި ޙަސަދައިގެ ތެރެއަށް ދޫކޮށްލާކަށް ފަހެއްނުޖެހޭ. ތިމާގެ ދުލުގެ ކޮންޓްރޯލް ދޫކޮށްލާކަށް ފަހެއްނުޖެހޭ. ތިމާ ބޭނުން އެއްޗެއް، ތިމާގެ އަނެއް އުޚުތު ނުވަތަ އަޚާއާ ދިމާއަށް ބުނެލާކަށް ފަހެއްނުޖެހޭ. އެހެން ކަމުގައިވާނަމަ، އެއީ މިއަދު އަޅުގަނޑުމެން މި މަސައްކަތްކުރާ ތަޢުލީމު ކިހާވަރަކަށް އަޅުގަނޑުމެންނަށް ލިބިއްޖެތޯ، އަޅުގަނޑުމެންގެ ނަފްސާ ސުވާލުކުރަންޖެހޭ ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ، ތިޔަބޭފުޅުން ހެޔޮހިތުން ކީރިތި ޤުރްއާނުގެ ތަޢުލީމް އުނގެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް. އަދި ހެޔޮހިތުން އެ ފޮތުގައިވާ ދަރުސްތައް ގަބޫލުކުރައްވާނެ ކަމަށް. އެއްވެސް ޝައްކެއްނެތް، އެގޮތަށް ގަބޫލުކޮށްފި ކަމަށްވާނަމަ، އަޅުގަނޑުމެން އެންމެންނަށްވެސް އޮންނާނީ، ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު.

އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް އަދިވެސް އެއްފަހަރު ކީރިތި ޤުރްއާން ދަސްކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ހިތުގެ އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރަން. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ [خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ] ‏އާދެ! އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ބަޔަކީ، ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައިދޭ މީހުންނާއި، އެ ޢިލްމު އުނގެނުމަށް މަސައްކަތްކުރާ މީހުން. އަދި މި ފުރްޞަތުގައި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންގެ އަގު ސަރުކާރުން ވަޒަން ކުރައްވާ ވާހަކަ ދަންނަވަމުން، އެބޭފުޅާއަށް އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىގެ ހެޔޮ ތައުފީޤާއެކީގައި، އެމަނިކުފާނު ފަށްޓަވާފައިވާ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ، ކާމިޔާބު ޕްރޮގްރާމަކަށްވެ، ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން މަންފާ ލިބިގެން ދިޔުން. އަދި މިއަދު މި ޙަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނަށާއި، ރާއްޖޭގެ އެންމެހާ މުސްލިމުންނަށް، އަޅުގަނޑުމެންނަށް ކީރިތި ޤުރްއާން ދަސްކުރުމުގައި އަދި ކީރިތި ޤުރްއާނުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ހެޔޮ ތައުފީޤާއި ބަރަކާތް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه