بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، ދައުލަތުގެ ވަޒީރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ސްކޫލްތަކުގެ އިސްވެރިން، ބެލެނިވެރިން، ލޮބުވެތި ދަރިވަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، މިއަދަކީ ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް ވަރަށް ފުން އިޙްސާސްތަކަކާއި، އުފާވެރި ޝުޢޫރުތަކެއް ލިބިގެންދާނެ ދުވަހެއް. އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި، މިއަދާ ހަމައަށް ދެމިގެން އައިސްފައިވާކަމީ، އެއީ އަޅުގަނޑުމެންނަށް، މި ރާއްޖޭގެ ރައްޔިތުންނަށް، މި ލޮބުވެތި ޤައުމަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތް. އެ ނިޢުމަތް މަތީގައި އަޅުގަނޑުމެން ދެމިތިބުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަކަން، މިދިޔަ ދުވަސްތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެން ކުރި މަސައްކަތުގައި، ރައްޔިތުން ވަނީ އެ ވާހަކަ އެގޮތަށް ވިދާޅުވެފައި.

މިއަދަކީ ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނާ މުނާސަބު ގޮތެއްގައި މިއަހަރު ބައްދަލުކުރެވޭ ފުރަތަމަފަހަރު ކަމަށްވާތީ، އެންމެ ފުރަތަމަ ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށް ހީވާގިކަމާއެކީގައި މަސައްކަތްކުރާ، ވަރަށްގިނަ ވަގުތު މި މަސައްކަތުގައި ހޭދަކުރާ ރާއްޖޭގެ ހީވާގި މުދައްރިސުންތަކެއް އެބަވެޔޭ. ދުވާލުގެ އެތައް ގަޑިއިރެއް، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ތަރުބިއްޔަތުގައި، ބުރަކަމާއި އަދި ހަމައެޔާއެކީގައި އަންނަ ގިނަ ގޮންޖެހުންތަކުގެ ތެރޭގައި، އަމިއްލަ އެތަކެއް މާއްދީ ކުރިއެރުންތަކެއް ދޫކޮށްފައި، މި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރާ ހީވާގި މުދައްރިސުންތަކެއްވާކަން އަޅުގަނޑު ފާހަގަކުރަން. ހަމައެޔާއެކީގައި، ރާއްޖެއަށާއި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ދަރިންނަށް، ތުއްތު ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ހޯދައިދީ، ތިމާއަށް ނުލިބުނު މަޤާމު، ތިމާގެ ދަރިންނަށް ހޯދައިދިނުމަށްޓަކައި އަމިއްލަ ޖާނާއި މާލުން ޤުރްބާންވާ ރާއްޖޭގެ ބުރަ މަސައްކަތްކުރާ މައިންބަފައިންވާކަން އަޅުގަނޑު ފާހަގަކުރަން.

މިދެންނެވި ދެފަރާތުގެ މަސައްކަތުންނާއި، ހީވާގިކަމާއި މުރާލިކަމާއެކީގައި ދުނިޔެއަށް މިއަންނަ ބަދަލުތަކާއެކީގައި، ދިވެހިރާއްޖެ މިހާރު އޮތް މަޤާމުން، މިއަށްވުރެ މަތީ މަންޒިލަކަށް ގެންގޮސްދިނުމަށްޓަކައި ކަނޑައަޅާ ވަރުގަދަ ޢަޒުމެއްގެ މަތީގައި ދެމިތިބި ރާއްޖޭގެ ހީވާގި ދަރިވަރުން ކުރި މަސައްކަތުން މިއަހަރު ހޯދާފައިވާ މަތިވެރި ކާމިޔާބީއަށްޓަކައި، އޯ ލެވެލް އިމްތިޙާނުގައި ހޯދާފައިވާ މަތިވެރި ކާމިޔާބީއަށްޓަކައި އަދި މިމަސައްކަތް މިހާ ހިސާބަށް ގެންދެވުމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، ތިޔަ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ރާއްޖޭގެ މަދަރުސާތަކުގައި، ސްކޫލްތަކުގައި ޢަރަބިބަސް ކިޔަވައިދިނުން މިއަދު ފެށިގެން މިދަނީ، އަޅުގަނޑު ދެކޭގޮތުގައި މުހިންމު ސަބަބަކަށްޓަކައި. ރާއްޖޭގެ ކާމިޔާބާއި، ރާއްޖޭގެ މުޖުތަމަޢުގެ ހަމަޖެހުމާއި، ދިވެހިރާއްޖޭގެ ޞުލްޙަމަސަލަސްކަން ޤާއިމުވުން ބިނާވެފައިވަނީ، ރާއްޖެއަކީ ރަނގަޅު ތަރުބިއްޔަތެއްގެ ތެރޭގައި، ރަނގަޅު އަޚްލާޤެއްގެ ތެރޭގައި ދިރިއުޅޭ ވެށްޓަކަށް ރާއްޖެވެގެން. އެކަން އެގޮތަށް ހެދުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އަޅުގަނޑުމެން އިތުރު ވިސްނުންތަކެއް ތަޢާރުފްކުރަން ޖެހިފައިވާކަން، ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލުކުރޭ.

ދެންމެ ޖަލްސާ ތަޢާރުފް ކުރައްވަމުން، އާދަމް ޝަރީފް ފާހަގަކުރެއްވި ފަދައިން، މިއަދު ރާއްޖޭގެ ގިނަ ބެލެނިވެރިންވަނީ އެ އަޑު އަޅުގަނޑުމެންނާ ހަމައަށް އިއްވާފައި. ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި އިންތިޚާބުތަކުގަޔާއި، ރާއްޖޭގެ ހިންގުމުގެ ދާއިރާގައި، އެކި ތަންތަނަށް ކުރި ޒިޔާރަތުގައި، ރާއްޖޭގެ އެކި ރައްޔިތުންނާ އަޅުގަނޑުމެން ބައްދަލުކުރިކުރުމުގައި، އެންމެގިނަ ވާހަކައަކަށް ތަކުރާރުކޮށް އެއްކަމަކަށް އަޅުގަނޑުމެންގެ ކަންފަތަށް، ރާއްޖޭގެ ރައްޔިތުން އިއްވި އަޑަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ހެޔޮ ބަދަލުތަކެއް އަންނަން އެބަޖެހެޔޭ. އެންމެ މުހިންމު ބަދަލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އައިސްފައިވާ އިލްތިމާސަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ މިޞްރާބު ބައްޓަންވެގެންވާންވާނީ އަދި އެ މިޞްރާބު ހިފަންވާނީ، އިސްލާމީ ތަރުބަވީ ތަޢުލީމުގެ ތެރެއިން، އިސްލާމީ އަޚްލާޤިއްޔާތެއްގެ މައްޗަށް ބިނާކުރެވޭ ތަޢުލީމީ ނިޒާމަކަށޭ. އެކަމުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއްދޭން ބޭނުންވި. އަދި މި އަޑު އަޅުގަނޑުމެންނާ ހަމައަށް އިވިފައިވާކަމުން، މިއަދުގެ ސަރުކާރުން، މިއަދުގެ ސަރުކާރުގެ އެންމެ އިސް މަސައްކަތްތަކުގެ ތެރޭގައި، ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ ތަޢުލީމާއި އަޚްލާޤިއްޔާތު ތަޢާރުފް ކުރުން، އަޅުގަނޑުމެން މިވަނީ އިސްކަމެއްގެ ގޮތުގައި ފަށާފައި.

އެހެންކަމުން، ސަރުކާރުގެ 100 ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި، ތަޢުލީމީ ނިޒާމުގެ ތެރެއަށް، ރާއްޖޭގެ ތަޢުލީމާއި ތަރުބަވީ ތަޢުލީމުގެ ތެރެއިން ކުރިއަށްދާ ޕްރޮގްރާމްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ޚާއްޞަ ގޮތެއްގައި ދީފައިވާ ސަމާލުކަން އަޅުގަނޑު ފާހަގަކުރަން. މިއަދު އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން ބޭނުންވޭ، 100 ދުވަހުގެ މި ޕްރޮގްރާމްތަކުގެ ތެރޭގައި، އަޅުގަނޑުމެން މިވަނީ މާތްﷲގެ ހެޔޮ ރަޙްމަތާއެކީގައި، ރާއްޖޭގެ މުޖުތަމަޢަކީ، ރީތި އަޚްލާޤެއްގެ މައްޗަށް، ދީނަށް ލޯބިކުރާ ދަރިންތަކެއް، އިސްލާމީ ޢަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްފައިވާ ބަޔަކަށް ހެދުމަށްޓަކައި ކީރިތި ޤުރްއާނުގެ ތަޢުލީމު ޢާންމު ކުރުމަށް އަޅުގަނޑުމެން ކުރި ވަޢުދު ފުއްދުމަށްޓަކައި ﷲގެ އިރާދަފުޅާއެކީގައި، ގާތްގަނޑަކަށްހެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކީރިތި ޤުރްއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް މިވަނީ ފެށިފައި. ހުރިހާ ސްކޫލަކަށްހެން މުދައްރިސުންވަނީ އަޅުގަނޑުމެން ހަމަކޮށްދީފައި، ﷲގެ ރަޙްމަތާއެކީގައި. އެކަން އެގޮތަށް ފާހަގަކޮށް، އެކަމަށްޓަކައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން ބޭނުންވޭ.

ހަމައެޔާއެކީގައި، ކީރިތި ޤުރްއާނުގެ ތަޢުލީމު އިތުރަށް ފުޅާކުރުމަށްޓަކައި މިއަދު އަޅުގަނޑުމެން މިވަނީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއަށް އިސްލާމީ އަޚްލާޤިއްޔާތާއި އަދި ހަމައެޔާއެކީގައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް، ތަޢުލީމު ފުޅާކުރުމުގެ ޕްރޮގްރާމްވެސް ފަށާފައި. މިހާރު އަޅުގަނޑު ފާހަގަކުރަން، އަޅުގަނޑުމެންގެ އެޑިޔުކޭޝަން މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން، އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންގެ އިސްނެންގެވުމުގެ މަތިން، ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިވަނީ ކުރިއަށް މިއޮތް އަހަރުގައި، މި ފެށިގެންދާ އަހަރުގައި، ދިރާސީ އަހަރުގެ ތެރޭގައި، ސްކޫލްތަކުގެ ތެރޭގައި ހިންގޭ ޕްރޮގްރާމްގައި ރާއްޖޭގައި ތަޢުލީމާއި އަޚްލާޤިއްޔާތު ތަޢާރުފް ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރުމުގެ ޙަރަކާތްތަކެއް ހިންގަން ނިންމާފައި. އުފަލާއެކީގައި އަޅުގަނޑު ފާހަގަކުރަން، ވަރަށްގިނަ ސްކޫލްތަކުގައި މިހާރު އެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ.

މިއަދަކީ އެގޮތުން، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި އުފާފާޅުކުރާ ދުވަހެއް. ދިވެހިރާއްޖޭގެ ޢާންމު ސްކޫލްތަކުގެ ތެރޭގައި، ޢަރަބި މީޑިއަމަށް ކިޔަވައިނުދޭ ސްކޫލްތަކުގެ ތެރޭގައި، ޢަރަބިބަސް ތަޢާރުފްވެގެން ދިޔުމަކީ އެއީ، ރާއްޖޭގެ މުޖުތަމަޢަށާއި، ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަ އުފަލެއް ލިބޭނެ ކަމެއް. ރާއްޖޭގެ ޢަޤީދާ ވަރުގަދަވެގެންދާނެ ކަމެއް. ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ރީތި އަޚްލާޤު ތަޢާރުފުވެގެންދާނެ ކަމެއް. މިއަދު މި ފެށޭ ޕްރޮގްރާމަކީ، ﷲގެ ރަޙްމަތާއެކީގައި، އަޅުގަނޑުމެންގެ ޢަޒުމް މިގޮތަށް ސާބިތުކަމާއެކީގައި ކުރިއަށްދާ ކަމުގައިވާނަމަ، އިރާދަކުރެއްވިއްޔާ، މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަޅުގަނޑުމެން މި ޕްރޮގްރާމް ފުޅާކޮށްގެން ގެންދާނެ ވާހަކަވެސް މިއަދު ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

ސަރުކާރުގެ ނިޔަތް އޮތީ ކޮންމެ ދަރިވަރަކީވެސް ރީތި އަޚްލާޤެއްގެ ތެރެއިން ތަރުބިއްޔަތުވެގެން ނުކުންނަ ދަރިވަރަކަށް ހެދުން. މިއަދުގެ ސަރުކާރަކީ، ﷲގެ ރަޙްމަތާއެކީގައި ބެލެނިވެރިންގެ އަޑުއަހާނެ ސަރުކާރެއް. މިއަދުގެ ސަރުކާރަކީ އިސްލާމީ ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއްދޭނެ ސަރުކާރެއް. މިއަދުގެ ސަރުކާރަކީ، ކީރިތި ޤުރްއާނުގެ ތަޢުލީމު، މުޅި ރާއްޖޭގައި ޢާންމު ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ސަރުކާރެއް. މިއަދުގެ ސަރުކާރަކީ، އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީގައި ރާއްޖޭގައި ޢަރަބި ތަޢުލީމް ޢާންމުކުރާނެ ސަރުކާރެއް. އަދި މިމަސައްކަތް ކުރުމުގައި، މާތްﷲގެ ޙަޟުރަތުން ވާގިއެދުމާއެކީގައި، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އަޅުގަނޑުމެން އިސްލާމީ އަޚްލާޤިއްޔާތާއި، އިސްލާމްދީނުގައި އައިސްފައިވާ މަތިވެރި އަދަބުތައް އިރާދަކުރެއްވިއްޔާ، ފުޅާކޮށްގެން، އެ މަތިވެރި ތަޢުލީމު ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ވާހަކަވެސް ހަމަ މި ފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

މިއަދު މި ފުރްޞަތު ލިބުމާއެކީގައި، އިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެންގެ މުދައްރިސުންނާއި، ހީވާގިކަމާއެކީގައި މިކަމުގައި ޙަރަކާތްތެރިވާ ޓީޗަރުންގެ ފަރާތުން ވަރަށްގިނަ ވާހަކަތައް އަޅުގަނޑުމެންނަށް އައިސްފައިވެއޭ. ތެދެއްމެ، މިދިޔަ ދުވަސްތަކުގެ ތެރޭގައި، ވަރަށްބުރަ މަސައްކަތްތަކެއް ތަކުރާރުކޮށް ކުރަމުން އަންނަ އެއްބަޔަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ މުދައްރިސުން. ހީވާގިކަމާއި ވަރުބަލިވުމެއްނެތި އަޅުގަނޑުމެންގެ މުޖުތަމަޢު ބިނާކުރުމުގައި، އެބޭފުޅުންގެ މަސައްކަތް އަޅުގަނޑުމެން މިއަދު ބަލައިގަންނަންޖެހޭ. މިމަސައްކަތް އެބޭފުޅުން ކޮށްފައިވަނީ ޝަކުވާއެއްނެތި. މިމަސައްކަތް އެބޭފުޅުން ކޮށްފައިވަނީ އިޙްތިޖާޖެއްނެތި. މިމަސައްކަތް އެބޭފުޅުން ކޮށްފައިވަނީ ވަރަށް ލޯތްބާއި ކުލުނާއެކީގައި. މި މުޖުތަމަޢުގެ ޙާލަތު ވަޒަންކޮށް، އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރި މިންވަރަށްވެސް ވިސްނައިގެން.

މި ސަރުކާރު އައިތާ އަދި މާގިނަ ދުވަހެއްނުވޭ. އަޅުގަނޑުމެން މިއަދު އެންމެ ފުރަތަމަ ކަމަކަށް މި ބެލީވެސް ރާއްޖޭގައި އަޅުގަނޑުމެން ހިންގަން ޤަޞްދުކޮށްފައިވާ އިޖްތިމާޢީ މައްސަލަތަކުގެ ތެރެއަށް އަޅުގަނޑުމެން އަމާޒުހިފައި، އެ މައްސަލަތައް ޙައްލުކުރަން ބަލާއިރުގައި، އެންމެ ފުރަތަމަ ކަމަކަށް އޮތީ، ރާއްޖޭގައި އެކަން ޙައްލުކުރުމަށްޓަކައި އެކަށީގެންވާ މިންވަރެއްގެ އާމްދަނީއެއް އެބައޮތްތޯ ނުވަތަ ނޫންތޯ. ރާއްޖޭގެ ހުރިހާ ރައްޔިތުން ހެކިވާނެ. މިއަދު މިހާހިސާބަށް ސަރުކާރު އައިއިރުގައި، ސަރުކާރުގެ އެންމެ ދެތިންމަސް ތެރޭގައި އަޅުގަނޑުމެން މިވަނީ ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައި. ބަޖެޓް ފާސްކުރެވިފައި މިވަނީ. ތަރައްޤީގެ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މިވަނީ އިޢުލާނު ކުރެވިފައި. ރާއްޖޭގެ މުދައްރިސުންނަށާއި އަދި އެހެނިހެން ދާއިރާތަކުގައި ތިއްބެވި ހީވާގިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށްވެސް އަމާޒުކޮށްގެން، ބޯހިޔާވަހިކަމުގެ މަޝްރޫޢު، ﷲގެ އިރާދަފުޅާއެކީގައި ހަމަ މިމަހުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ. އެކަމަކު މިއިން ކޮންމެ ކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ، ކެތްތެރިކަން. އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ވަގުތު. އަޅުގަނޑުމެން އެބަ ބޭނުންވޭ، މިކަންތައްތަކާއިގެން ކުރިއަށް ދިޔުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ޙައްލެއް ހޯދަން. އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގެ އިޖުތިމާޢީ ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަންދޭނެ ކަންތައްތަކަށް އަޅުގަނޑުމެން އެންމެ ފުރަތަމަ އެކަންތައްތަކަށް އިޖާބަ ދިނުން.

އެހެންވީމާ، މިއަދު އިޖުތިމާޢީ ދާއިރާގައި، ޢުމުރުން ދުވަސްވީ ބޭފުޅުންނަށާއި އަދި ހަމަ އެޔާއެކީގައި ޓީޗަރުންނަށާއި އަދި އޭގެއިތުރުން ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގައި މިހާރުން މިހާރަށް ކުރެވެންހުރި މަސައްކަތް ސަރުކާރުން މިވަނީ ފަށާފައި. ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ތަޢުލީމީ މަންހަޖުގެ ތެރެއަށް ތަޢާރުފް ކުރަން ވަޢުދުވީ ކަންތައްތަކުގެ ތެރެއިން އަޅުގަނޑު ހަމަ ފާހަގަކުރަނީ، ގާތްގަނޑަކަށްހެން މިވަނީ 70 ޕަސެންޓަށްވުރެ މަތީ ދަރަޖައަކަށް އަޅުގަނޑުމެންނަށް އެ މިންވަރު ޙާޞިލު ކުރެވިފައި މިވަނީ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ އިޙްސާސް ކުރަން، މިޔާއެކީގައި އަވަސް ކަމެއްގެ ގޮތުގައި، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަށް ރަނގަޅު މުދައްރިސުން ގެނައުމަށްޓަކައި އަދި މިހާރު ތިއްބެވި ހީވާގި މުދައްރިސުން، އެ ނިޒާމުގައި ހިފެހެއްޓުމަށްޓަކައި އަޅުގަނޑު ޤަބޫލުކުރަން، އެބަޖެހޭކަން މިއަދު އަޅުގަނޑުމެން އެ މުދައްރިސުންނަށްދޭ މުސާރައާއި ޢިނާޔަތްތައް، އަޅުގަނޑުމެން އެކަންތައްތަކަށް އަލުން އިޢާދަކުރަން ނުވަތަ އެކަންތައްތަކަށް އަޅުގަނޑުމެން އެނބުރި ބަލަން އެބަޖެހޭކަން. އެހެންވީމާ، ސަރުކާރުން އަޅުގަނޑު ފާހަގަކުރަން، މިމަހުގެ ތެރޭގައި ރާއްޖޭގެ މުދައްރިސުންގެ ތެރެއިން މަތީ ތަޢުލީމް ޙާޞިލްކުރަން ބޭނުންވާ މުދައްރިސުންނަށް، ޕޭ ލީވްގައި ނުވަތަ މުސާރަ ލިބޭގޮތަށް މަތީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި ދެވޭނެ މަގު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ފަހިކޮށްދީފައި.

އޭގެއިތުރުން، ސަރުކާރުން މިހާރު މިވަނީ މުޅި ޖުމްލަވީ ގޮތެއްގައި، ރާއްޖޭގެ ހީވާގިކަމާއެކު މަސައްކަތްކުރާ ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މިހާރު މިވަނީ އިރާދަކުރެއްވިއްޔާ ރިވައިޒް ކުރުމުގެ މަސައްކަތް ފަށާފައި. އެ މަސައްކަތް ނިމުމާއެކީގައި އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ﷲގެ އިރާދަފުޅާއެކީގައި މުދައްރިސުންގެ މުސާރައާއި ޢިނާޔަތުގެ މައްޗަށްވެސް އަލުން ބަލައިލެވި، އާ ގޮތްތަކެއް އިރާދަކުރެއްވިއްޔާ، ހެޔޮގޮތްތަކެއް ތިޔަބޭފުޅުންނާ ހަމައަށް ގެނެސްދެވޭނެ ކަމަށް ﷲގެ ހެޔޮ ރަޙްމަތާއެކީގައި.އަޅުގަނޑު ޤަބޫލުކުރާހިތްވަނީ، އަޅުގަނޑުމެން މިފަދަ ކޮންމެ ކަމެއް ޙައްލުކުރަންވާނީ، މިއަދު މުދައްރިސުންނާއި މުޢައްލިމުން އެންމެ ކުރިއަށް ނެރޭ ފަލްސަފާގެ ތެރެއިން ކަމަށް. އެއީ ރީތި ގޮތްތަކާއި އަޚްލާޤިއްޔާތާއި އަދި އަޅުގަނޑުމެން ޤަބޫލުކުރާ މަޝްވަރާގެ މަތިވެރި އުޞޫލުތަކުގެ ތެރެއިންކަން އަޅުގަނޑު ޤަބޫލުކުރަނީ، މިފަދަ ކޮންމެ ކަމަކަށް އަޅުގަނޑުމެން މުދައްރިސުން، އަޅުގަނޑުމެންގެ ޓީޗަރުން އެމައްސަލަތަކަށް ޙައްލު ހޯދާނީ.

އެޔާއެކީގައި އަޅުގަނޑު ފާހަގަކުރަން، މިއަދު މި ފެށޭ ޕްރޮގްރާމް، ﷲގެ ރަޙުމަތާ އެކީގައި ވެގެންދާނީ، ކާމިޔާބު ޕްރޮގްރާމަކަށް. އެއްވެސް ޝައްކެއްނެތްގޮތުގައި، ދެންމެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ފާހަގަކުރެއްވި ފަދައިން، ޢަރަބި ބަސް އަޅުގަނޑުމެން މި ތަޢާރުފް ކުރަނީ ކީއްވެތޯ؟ ކީއްވެގެންތޯ، ދިވެހިރާއްޖޭގެ ރައްޔިތުން ޢަރަބި ބަސް ބޭނުންވަނީ. ކީއްވެގެންތޯ، ދިވެހިރާއްޖޭގެ ބެލެނިވެރިން ބެލެނިވެރިންގެ ކުދިންނަށް ޢަރަބިބަސް ފޯރުކޮށްދޭން ބޭނުންވަނީ؟ މިސުވާލު އަޅުގަނޑުމެން ކުރަން އެބަޖެހޭ. ދެންމެ މި ޖަލްސާ ފަށަމުން، ވަރަށް ރީއްޗަށް ކީރިތި ޤުރްއާން ވިދާޅުވެދެއްވި ދަރިވަރަކު، އަޅުގަނޑު ވަރަށް ބޮޑަށް މުބާރަކްބާދު ދަންނަވަން އެ ދަރިވަރަށްވެސް. އެކަމަކު ވިސްނާލައްވާ، މިތާނގައި އަޅުގަނޑުމެންނަށް މި ސްކްރީނުން ކީރިތި ޤުރްއާނުގެ ތަރުޖަމާ، އެޔާއެކީގައި ފެނިގެންދިޔައިރުގައި، ހިތަށް ވަރަށް ފިނި އަސަރުތަކެއް ކުރި. ވަރަށް ފުން އިޙްސާސްތަކެއް ކުރި. އަޅުގަނޑުމެންނަށް އަސަރުކުރި. އެއީ ކީއްވެތޯ؟ އެ ސަބަބާހެދި މިއަދު އަޅުގަނޑުމެން ޢަރަބިބަސް ކިޔަވަން މި ފަށަނީ. ސަބަބަކީ އަޅުގަނޑުމެން ކިޔާ އެއްޗެއްގެ މާނަ އަޅުގަނޑުމެންނަށް އެނގުނީމަ، އޭގެ ތަފާތު އަޅުގަނޑުމެންނަށް އެނގިގެންދޭ. އެ އިޙްސާސް ތަފާތުވެގެންދޭ. އަދި އަޅުގަނޑުމެންގެ ހިތަށް ލިބިގެންދާ ދަރުސް، ފިލާވަޅު މުޅިން ތަފާތުވެގެންދޭ. ޢަރަބިބަހަކީ މި ދުނިޔެ ދުށް އެންމެ މަތިވެރި އަޚްލާޤިއްޔާތު. އެންމެ މަތިވެރި ތަޢުލީމު، އެބަހަކުން ބާވައިލެއްވުނު ބަސް. ކީރިތި ޤުރްއާން އެ ބަހުން ބާވައިލެއްވުނީ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ވާރިދުވެފައި ހުރީ އެ ބަހުން. ޢަރަބި ބަހަކީ ތަރައްޤީއާއި ޙަޟާރަތުގެ ބަހެއް. ދުނިޔެ ދުށް އެންމެ ވަރުގަދަ ތަހުޒީބު، އެންމެ ވަރުގަދަ ސިވިލައިޒޭޝަން އައިސްފައިވަނީ ޢަރަބި ބަހުގެ ތެރެއިން. މިއަދު ހުޅަނގާއި އެހެން ފަރާތްތަކުން ތަރައްޤީއާއި ސިވިލައިޒޭޝަނަކީ، ވަކިބައެއްގެ ތަރިކައެއް ކަމަށް މާނަކުރަން އުޅުނު ކަމުގައިވީނަމަވެސް، ފޮރުވެން ނެތް ޙަޤީޤަތަކީ ދުނިޔެއަށް ގެނައި އެންމެ ވަރުގަދަ ތަރައްޤީ، އެންމެ ވަރުގަދަ ކުރިއެރުން، އިންސާނީ ޙައްޤުތައް އެންމެ ބޮޑަށް ކުރިއަރައިދިޔައީ އެއްވެސް ޝައްކެއްނެތްގޮތުގައި، އިސްލާމްދީނުގެ ތެރެއިން، ޢަރަބިބަހުގެ ތެރެއިން.

އެހެންވީމާ، މިއަދު ﷲގެ އިރާދަފުޅާއެކީގައި، ޢަރަބިބަސް އެނގުނީމާ، އެ ބަސް އެނގޭ ދަރިވަރުންގެ އަޚްލާޤު ތަފާތުވެގެންދާނެ. ޢަރަބި ބަސް އެނގުމުގެ ނަތީޖާއަކަށް ވެގެންދާނީ، ކީރިތި ޤުރްއާނަށް ލޯބިޖެހުން. ކީރިތި ރަސޫލާގެ ޙަދީޘްފުޅު ފަހުމްވުން. މާނަ އެނގިގެން ދިޔުން. އޭގެ ނަތީޖާއަކަށް ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ތިޔަ ބެލެނިވެރިން އުންމީދުކުރާފަދަ ހެޔޮލަފާ ޞާލިޙު ދަރިންތަކެއް އިރާދަކުރެއްވިއްޔާމު، މި މުޖްތަމަޢަށް އުފަންވެގެންދިޔުން. އެއީ ކޮންމެ މަޔަކާއި ބައްޕައެއްގެ އުންމީދު. ހިތުގެ އިޙްސާސްތައް، ހިތުގެ ގޮވެލި. އެއްވެސް ޝައްކެއްނެތްގޮތުގައި، ﷲގެ ރަޙްމަތާ އެކީގައި، އެކަލާނގެ ތައުފީޤާއި ބަރަކާތާ އެކީގައި މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތުން މިދެންނެވިފަދަ އަގުހުރި މުޖުތަމަޢެއް، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އުފަންވެގެންދާނެ. އެކަމަށްޓަކައި ﷲގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ބެލެނިވެރިންގެ ފަރާތުންނާއި އަދި މި ކްލާސްތަކުގައި ބައިވެރިވާ ތުއްތު ދަރިވަރުންގެ ފަރާތުންވެސް އަދި ދަރިވަރުންގެ ފަރާތުންވެސް ޝައުޤުވެރިކަމާއެކީގައި މިމަސައްކަތުގައި ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް. މިއީ، ވަރަށް ބުރަ މަސައްކަތެއް. މިއީ، ސަރުކާރުން ނެންގެވި ވަރަށް މުހިންމު ފިޔަވަޅެއް. ވަރަށް މުހިންމު ނިންމުމެއް. މިކަމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް. އަދި އިރާދަކުރެއްވިއްޔާ، މުޅި ރާއްޖޭގެ ރައްޔިތުންނަށް މިކަން ފުޅާކުރުމުގެ ނިޔަތް، ސަރުކާރުގެ އެބައޮތް. އެކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން. އަޅުގަނޑު އެދެނީ، އިނގިރޭސި ބަހެކޭ އެއްފަދައިން، އިނގިރޭސި ބަސް ދަސްކުރުމުގައި ދަރިވަރުންގެ ޝައުޤު ހުންނަ މިންވަރަށް ބަލާއިރުގައި، އެއްވެސް ޝައްކެއްނެތްގޮތުގައި، ހަމަ ޢަރަބިބަސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދަރިވަރުން އެއަށްވުރެ ފަރިތަކަމާއެކީގައި ދަސްކުރާނެ. އޭގެ ސަބަބުތަކެއް އެބަހުރި. ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، އަޅުގަނޑުމެން ދިވެހިބަހުގެ ތެރޭގައިވެސް ގާތްގަނޑަކަށް ހަސަތޭކައަށްވުރެ ގިނަ ޢަރަބިބަސް އަޅުގަނޑުމެން އެބަ ބޭނުންކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދަރިވަރުންނަށް، މާ އުނދަގޫތަކެއް ދިމާނުވެ، ޢަރަބިބަސް ދަސްވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ޢަރަބިބަހާ ބެހޭގޮތުން ޢަރަބި ޝާޢިރަކު ވިދާޅުވެފައިވަނީ،

وَسِعْتُ كِتابَ اللَهِ لَفظاً وَغايَةً
وَما ضِقْتُ عَن آيٍ بِهِ وَعِظاتِ
فَكَيفَ أَضيقُ اليَومَ عَن وَصفِ آلَةٍ
وَتَنسيقِ أَسْماءٍ لِمُختَرَعاتِ
أَنا البَحرُ في أَحشائِهِ الدُرُّ كامِنٌ
فَهَل سَأَلوا الغَوّاصَ عَن صَدَفاتي

މި ޅެމުގެ މާނަ، ޢަރަބިބަހުގެ މުހިންމުކަން އަޅުގަނޑުމެންނަށް ހާމަކޮށްދޭނެ. އާދެ! މިޅެމުގެ މާނައަކީ، ﷲގެ ފޮތުގެ ފުން މާނަތައް ލަފްޒީ ގޮތުންނާއި، މަޢުނަވީ ގޮތުން އަހަރެންނަށް އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންވެޔޭ. އެފޮތުގައިވާ އާޔަތެއްވިޔަސް އަދި ނަޞޭޙަތުގެ ބަހެއްވިޔަސް އަދާކުރުމަށް އަހަރެން ނުކުޅެދިއެއްނުގަންނާނަމޭ. ވީމާ، އަލަށް އުފަންވާ މެޝިނެއް ނުވަތަ އާލަތެއްގެ ނަން އުފެއްދުމަށް އަހަރެން ނުކުޅެދޭނީ ކޮންފަދައަކުން ހެއްޔެވެ. އަހަންނަކީ އޭގެ ބަނޑުގައި ރަންމުތްތައް ވަންހަނާވެފައިވާ ކަނޑެކޭ. އަހަރެންގެ އިތާތަކުގެ ތެރޭގައި ފޮރުވިފައިވާ ރަންމުތްތަކުގެ ވާހަކައިން މުޢުތިޤަރުންނާ ސުވާލުކުރީމު ހެއްޔެވެ. އޭގެ މާނައަކީ ޢަރަބިބަހުގެ މޮޅުކަން އެނގޭނީ، އެ ބަސް އެނގޭ މީހުންނަށެވެ.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى މިއަދު އަޅުގަނޑުމެން މިފަށާ މަސައްކަތުގައި، އެކަލާނގެ ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ އަދި ދަރިވަރުންނަކީ، އިސްލާމްދީނަށް ލޯބިކުރާ، ޢަރަބިބަހަށް ލޯބިކުރާ، އެ ބަސް ދަސްކުރުމުގެ ޝައުޤު ލިބިގެންވާ ދަރިވަރުންނާއި އަދި ބެލެނިވެރިން ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެކަލާނގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه