بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު މަލީޙު ޖަމާލް، ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ފަޒާދު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙުސައިން މަނިކު ދޮންމަނިކު، ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ މި އަތޮޅުގެ ޢިއްޒަތްތެރި ލޮބުވެތި ދެ މެންބަރުން ކަމަށްވާ އަލްފާޟިލް މުޙަންމަދު ރަފީޤު ޙަސަން އަދި ޢަބްދުﷲ މަސީޙު މުޙަންމަދު، އަޅުގަނޑުމެންގެ އަތޮޅު ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން އަދި މި ސްކޫލްގެ، އަޅުގަނޑުމެންގެ ރަށުގެ ސްކޫލްގެ ޢިއްޒަތްތެރި ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު، ކައުންސިލްތަކުގެ މެންބަރުން، އަޅުގަނޑުގެ ލޮބުވެތި އުޚުތުންނާއި އަޚުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިއަދު އަޅުގަނޑުމެންގެ މިއަތޮޅުގެ ކައުންސިލްގެ އިސްނެންގެވުމުގެ މަތިން މިފަދަ ފުރިހަމަ އިޙްތިފާލެއް އިންތިޒާމު ކުރައްވައި، ތިޔަބޭފުޅުން އަޅުގަނޑުމެންނަށްޓަކައި ތިޔަ ބެހެއްޓެވި މެހްމާންދާރީއާއި އަދި މަރްޙަބާ ދެންނެވުމަށްޓަކައި މިހާ ފުރިހަމަ ރަސްމިއްޔާތެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކީގައި، މިކަމުގައި ހިމެނިވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެއަށްފަހުގައި، މިރޭގެ މި ޙަފްލާގައި ވަރަށްގިނަ ބޭފުޅުން ވަރަށް އިޙްސާންތެރި ބަސްފުޅުތަކެއް އަޅުގަނޑާ ބެހޭގޮތުން ވިދާޅުވެއްޖެ. އެ ހުރިހާ ބޭފުޅުންނަށްވެސް އިޖުމާލީ ގޮތެއްގައި ހަމަ ވަރަށް ލޯތްބާ އެކީގައި ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިއަދު އަޅުގަނޑުމެންގެ މި ސަރުކާރު ވުޖޫދަށް އައިސްފައި މިވަނީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ވަރަށްގިނަ ބޭފުޅުންގެ ވަރަށްބުރަ މަސައްކަތާއެކީގައި. އަޅުގަނޑުމެންނަށް މިރަށުން ލިބުނު ތާއީދާއި އަދި އެއްބާރުލުމަކީ، އަޅުގަނޑު ދެކެނީ، މިއަދު ޕީ.ޕީ.އެމް.ގެ ސަރުކާރު ވުޖޫދަށް އައުމުގެ މައިގަނޑު އެއް އަސާސް ކަމަށް. އެކަމަށްޓަކައި މި މަސައްކަތުގައި ހިމެނިވަޑައިގެން ބުރަކޮށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް، ހަމަ ވާހަކަ ފެށުމުގެ ކުރިންވެސް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

މިއަދުގެ ސަރުކާރުން މި މަސައްކަތް ކުރަނީ، ރައްޔިތުންގެ ވިސްނުމުގެ މައްޗަށް. އެއްވެސް ޙާލެއްގައި ހަމައެކަނި ސަރުކާރަށް ފެންނަ ގޮތަކަށް ކަންތައްތައް ނިންމުމެއް ނޫން. އަޅުގަނޑުމެން މިއަދު ފަށާފައިވާ ކަންތައްތަކަކީ، އަޅުގަނޑުމެން މިމަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް، މިރަށަށް، ދެކުނުގެ އެހެން އަތޮޅުތަކަށް، ކުދިކުދި ރަށްތަކަށް، ރާއްޖޭގެ، މެދުރާއްޖެތެރެއަށް، އުތުރުގެ އެތައް ހިސާބަކަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ރީތި ރަށްތަކަށް ކުރި ޒިޔާރަތުގައި، އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންގެ ކަންފަތަށް އިއްވި އަޑުއަހައިގެން، އަޅުގަނޑުމެންގެ ޕޮލިސީސްތައް ޤާއިމްކޮށްފައިވަނީ. މިއަދު ސަރުކާރު ކުރިއަށްދާނީ، ދެންމެ މިތާނގައި ވާހަކަ ދައްކަވަމުން، އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ފަޒާދު އެ ވިދާޅުވިފަދައިން އަދި ހަމައެޔާއެކީގައި އަތޮޅު ކައުންސިލް މެންބަރު ޢަބްދުﷲ އިބްރާހީމް ދެންމެ ފާހަގަކުރެއްވި ފަދައިން، މިއަދުގެ ސަރުކާރު ކުރިއަށްދާނީ، އަޅުގަނޑުމެންނާ ހަމައަށް އެ ރައްޔިތުން އިއްވި އަޑު ޙަޤީޤަތަކަށް ހެދުމަށްޓަކައި. އަޅުގަނޑު ޝައްކެއްނުކުރަން، ﷲގެ ތަނަވަސް ރަޙްމަތާއެކީގައި، އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ކައުންސިލްތަކުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަޅުގަނޑުމެންގެ ރައްޔިތުން މިދެންނެވި އަޑުތައް، މިދެންނެވި ސިޔާސަތުތައް ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި މިއަދުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ އެންމެހާ ކެންޑިޑޭޓުންނަށް ފުރިހަމަ ތާއީދު ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އެކަމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ސަބަބަކީ އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުގެ ވިސްނުމަކީ، އެއްވެސް ޙާލެއްގައި، އެއްވެސް ރައްޔިތަކަށް ލިބެން އޮތް ފުރުޞަތެއް އަޅުގަނޑުމެން އެ ރައްޔިތަކު އެ ފުރުޞަތަކުން މަޙްރޫމް ނުކުރުން. އަޅުގަނޑުމެންނަށް އަޑުއިވުނު، ރާއްޖޭގެ އެކިކަންކޮޅުތަކަށް އަޅުގަނޑު ދަތުރުކުރިއިރުގައި، އެންމެ ބޮޑެތި އެއް އިޙްސާސްތަކެއްގެ ގޮތުގައި ރައްޔިތުންގެ ހުރީ ރައްޔިތުންގެ ޢާންމު ޚިދްމަތުގެ ވާހަކަ. އެ ޚިދްމަތްތަކުގެ ތެރޭގައި [އާސަންދަ] ހިމެނޭ. ވަރަށްގިނަ ރައްޔިތުން މިއަދުވެސް ހަމަ އެބަ މަސައްކަތް ކުރޭ، ބޭސްފަރުވާ ކުރާނެ ގޮތެއް ހޯދުމަށްޓަކައި. ރަށުން ލިބެން ނެތް ފަރުވާ ހޯދުމަށް މާލެއަށް ދިޔުމަށްޓަކައި ތަކުލީފު އެބަ އުފުލާ. މިކަމުގެ ވޭންއަޅާ ބަޔަކަށް، މިއީ ކިހާވަރެއްގެ ކަމެއްކަން އިޙްސާސް ކުރެވޭނީ. މާލެ ގޮސްފައި، މާލެއިން ލިބެން ނެތް ޚިދުމަތް ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދެން ދާނީ ކިހިނެއްތޯ، އެކަމުގެ ހިތްދަތިކަން އަޅުގަނޑުމެންގެ ރައްޔިތުން އިޙްސާސްކުރޭ. މިއަޑު އަޅުގަނޑުމެން އެހިން. އަޅުގަނޑުމެން ދެކޭގޮތުގައި، ސަރުކާރެއްގެ އެންމެބޮޑު އެއް މަސްއޫލިއްޔަތަކީ، ރައްޔިތުން މި އެދޭ އެދުންތައް ފުއްދޭނެގޮތް އަޅުގަނޑުމެން ހަމަޖައްސައިދިނުން. ކޮންމެ ކަމަކަށް، ކޮންމެ ވަގުތަކު އާދޭސްކުރާނެގޮތް ނިމުމަކަށް ގެނައުން. އެހެންވީމާ، މިރޭ އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން، ﷲގެ އިރާދަފުޅާއެކީގައި، މިމަހުން ފެށިގެން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އާސަންދަ ލިމިޓެއްނެތި، ޙުދޫދެއްނެތި، ހުސްވުމެއްނެތި އިރާދަކުރެއްވިއްޔާ ލިބުމުގެ އިންތިޒާމް މިހާރުވާނީ ހަމަޖެހިގެން ގޮސްފައި.

މިމަސައްކަތުގެ ތެރެއަށް އަޅުގަނޑުމެން މިގެނައީ އިތުރު ކަންތައްތަކެއް. އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން ދަތުރުކުރުމުގައި، ބަލިމީހުން އެއްރަށުން އަނެއް ރަށަށް އުފުލުމުގައި ވަރަށް ބޮޑެތި ތަކުލީފުތަކެއް އެބަހުރި. ޚާއްޞަ ގޮތެއްގައި، މިރަށުގައި އެއްފަސްގަނޑަކަށް އޮތް ކަމުގައިވީނަމަވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް، ކުދިރަށުން ދެން އަތޮޅު ހޮސްޕިޓަލާ ހަމައަށް ދަތުރުކުރުން. އިރާދަކުރެއްވިއްޔާމު، މިއަހަރު ނިމެންވާއިރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 26 އެމްބިއުލެންސް ލޯންޗް އަޅުގަނޑުމެން ތަޢާރުފް ކުރާނަން، ﷲގެ ރަޙްމަތާއެކީގައި. މި މަސައްކަތުގެ ތެރެއަށް، އަޅުގަނޑުމެން ކުރީގައިވެސް ވަޢުދުވީގޮތަށް، މަތިން ބަލިމީހުން އުފުލުމަށްޓަކައި އިތުރު އުޅަނދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައި އަދި އަޅުގަނޑުމެން ބަލިމީހުން އުފުލުމަށްޓަކައި މިހާރު މަތިންދާބޯޓުން މިދޭ ފުރްޞަތުތަކުގައި، ފަސޭހަކަމާއެކީގައި ބަލިމީހާއަށް ތަކުލީފު ނުލިބޭގޮތަށް، އާސަންދައިގެ ތެރެއިން އެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އެހެންވީމާ، އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް ލިބެންއޮތް ފުރުޞަތަކުން މަޙްރޫމެއް ނުކުރާނަމޭ. އަޅުގަނޑުމެންގެ ޚިދުމަތަކީ، އެއްވެސް ޙާލެއްގައި އެއްވެސް މީހަކަށް، ވަކިމީހަކަށް އެކަނި އޮތް ކަމެއް ނޫނޭ. ޚިޔާލު ތަފާތުވިޔަސް، އަޅުގަނޑުމެންނާ ބަޙުޘްކުރި ކަމުގައިވީނަމަވެސް، އަޅުގަނޑު ދެކެނީ، ރޭގައިވެސް ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން. ޚިޔާލު ތަފާތު އެވީވެސް، ޚިޔާލު ތަފާތުވި ބޭފުޅާވެސް ދެކޭގޮތުގައި، އޭގެ ސަބަބުންވެސް ރަނގަޅެއް ވެދާނެކަމަށޭ. ކޮންމެވެސް ކަހަލަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށޭ. މިއަދު އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންގެ ކުރިފުޅުމަތީގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ދެކޭގޮތުގައި، ދެން މިތާނގައި ވާހަކަ ދައްކަވަމުން، ހުރިހާ ބޭފުޅުންވެސް ވަރަށް ދީލަތި ގޮތެއްގައި، ވަރަށް ބަލާޣާތްތެރި ގޮތެއްގައި އަޅުގަނޑާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފި. އެކަމަކު އަޅުގަނޑު ނުދެކެން، ޙަޤީޤަތުގައި އެއަކީ އެއްވެސް ޙާލެއްގައި އަޅުގަނޑަށް ޙައްޤު ބަސްތަކެއްކަމަށް. އެފަދަ ބަސްތަކެއް އަޅުގަނޑަކަށް ޙައްޤެއް ނޫން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއަކީ އަޅުގަނޑަށް ޙައްޤު ބަސްތަކެއް ނޫން. އަޅުގަނޑު މިހާ ހިސާބަށް އައިއްސަ މިހިރީ ތިޔަބޭފުޅުންގެ މަސައްކަތުން. މިރަށުގެ ރައްޔިތުންގެ މަސައްކަތުން. މިރަށުގެ ފަސްގަނޑު މޮޅުކަމުން. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މުޅި މިރަށުގެ ރައްޔިތުންނަކީ، އަޅުގަނޑުގެ ޢާއިލާގެ މެންބަރުން. އެ ޚިދުމަތް، އަޅުގަނޑުގެ ފަރާތުން ލިބެން އޮތް ކޮންމެ ޚިދުމަތެއް، އެއްވެސް ރައްޔިތަކު އިސްތިސްނާވުމެއްނެތި، ހަމަ މިރަށާއި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޮތުގެ މަތިން ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.

އަޅުގަނޑުމެން މިއަދު ޞިއްޙީ ނިޒާމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ރަށުގެ ޞިއްޙީ ޙާލަތުގެ ވާހަކަވެސް އަޅުގަނޑާ ހަމައަށް އައިއްސަ އޮތީ. މިދާއިރާއަކީ ދެންމެ ޢަލީ ފަޒާދު ފާހަގަކުރެއްވި ފަދައިން، އަޅުގަނޑު ބަލަމުންދާ ދާއިރާއެއް. ބަލަހައްޓަމުންދާ ދާއިރާއެއް. އަތޮޅު ހޮސްޕިޓަލްގައި މިވަގުތު ހުރި ގޮންޖެހުންތައް އަޅުގަނޑަށް އެބަ އެނގޭ. އެހެން ނަމަވެސް، ބައެއްކަހަލަ މައްސަލަތަކަކީ، މިހާރުން މިހާރަށް ޙައްލުކުރެވޭ ޒާތުގެ މައްސަލަތަކެއް ނޫން. މީހުން ބިނާކުރުން، ޑޮކްޓަރުން ހޯދުން، މިއީ ވަގުތީގޮތުން ކުއްލިއަކަށް ޙައްލުވާ ޒާތުގެ މައްސަލަތަކެއް ނޫން. އެކަމަކު މިކަމަށްޓަކައިވެސް އަޅުގަނޑު ވިސްނުންތަކެއް އެބަ ގެންގުޅެން. އަދި އޭގެ ބޭރުން ދެން އޮތީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ހޯދުން. އަޅުގަނޑު ޔަޤީންކަން އަރުވަން، ޗައިނާ ސަރުކާރުން 8 މިލިއަން ޑޮލަރުގެ ގްރާންޓް ނުވަތަ ހިލޭ އެހީއާއި އަދި އޭގެ ބޭރުން މިދިޔަ އަހަރު ދިވެހި ސަރުކާރަށް ދޭން އެއްބަސްވެފައިވާ 25 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބައެއް އިރާދަކުރެއްވިއްޔާ، ޞިއްޙީ ދާއިރާއަށް ލިބިގެންދާއިރުގައި، އޭގެތެރޭގައި މިރަށުގެ ހޮސްޕިޓާ ހިމެނޭ ވާހަކަ އަޅުގަނޑު މިރޭ ދަންނަވާލަން.

އަޅުގަނޑުގެ ކުރިމަތީގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ، ކިހިނެއްތޯ ކުއްލިއަކަށް އަޅުގަނޑުމެންނަށް ބޭނުންވާ ކުޑަކުދިންގެ ޑޮކްޓަރު، އަންހެނުންގެ ޑޮކްޓަރު، ލެބޯރެޓަރީގައި މަސައްކަތް ކުރަން ބޭނުންވާ މީހުން ހޯދާނީ؟ މިއީ ވަރަށްބޮޑު ގޮންޖެހުމެއް. ކުއްލިއަކަށް މީހުން ބިނާއެއް ނުކުރެވޭނެ. އެހެން ނަމަވެސް، މިކަމަށް ވިސްނުންތަކެއް ވިސްނައި، ރާއްޖެއިން ބޭރުން ހިލޭ ކުރު މުއްދަތަށް މަސައްކަތް ކޮށްދޭނެ މީހުން ލިބޭތޯ، އޭގެ ބަދަލުގައި އަޅުގަނޑުމެން މެހްމާންދާރީ އަދާކުރުމާއި، ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރުމުގެ ފުރުޞަތުދީގެންނަމަވެސް، އެފަދަ ބަޔަކުވޭތޯ އަޅުގަނޑު ވަނީ މަސައްކަތްތަކެއް ފަށްޓާފައި. ހަމަ މިރޭ، މި ޖަލްސާއަށް އައުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، މިފަދަ މަސައްކަތަކަށް އަޅުގަނޑު އެދިފައިވާ ފަރާތަކުން އަޅުގަނޑަށް ޔަޤީންކަން ދިނީ، ޖަރުމަނުގެ ޑޮކްޓަރުންތަކެއް އެއްމަސް ދުވަހަށް އައިސްފައި، ރާއްޖޭގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ. އޭގެ ފުރަތަމަ ބެޗު، އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިރަށަށް ފޮނުވާނެ ވާހަކަ ދަންނަވާލަން.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން މި ސަރުކާރު މަސައްކަތް ކުރަނީ، ތިޔަބޭފުޅުންގެ އަޑުއަހައިގެންނޭ. ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަރަށް ބޮޑެތި އުފާވެރި ޚަބަރުތަކާއެކީގައި، އަޅުގަނޑުމެން ރަނގަޅު ކުރަން ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް ހުރިކަން އަޅުގަނޑު ދެނެހުރިން. ތަޢުލީމީ ދާއިރާގެ ވާހަކަ ދައްކަވަމުން، ދެންމެ ޢަލީ ފަޒާދު ފާހަގަކުރެއްވި ފަދައިން އަދި ޖަލްސާގައި ތަޢާރުފުގައި ވާހަކަ ދައްކަވަމުން، ފަޔާޒު ފާހަގަކުރެއްވި ފަދައިން، މިރަށަކީ ފަޚުރުވެރި ދަރިންތަކެއް އުފައްދާފައިވާ ރަށެއް. މި ފުރްޞަތުގައި، މި ސްކޫލްގެ މި ހޯލްތެރގައި ހުރެގެން ވާހަކަ ދައްކާއިރުގައި، އަޅުގަނޑު ހިތުން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ، މި ސްކޫލަށް ނިސްބަތްވާ މި ސްކޫލްގެ ފަޚުރުވެރި ދަރިޔަކު، ފުރަތަމަފަހަރަށް މިވަނީ މިނިސްޓަރު ކަމުގެ މަޤާމަށް ޢައްޔަނު ކުރެވިފައި. އާދެ! މުޙަންމަދު މަލީޙު ޖަމާލަކީ، މިރަށުގެ މިސްކޫލްގެ ފަޚުރުވެރި ދަރިޔަކަށްވާތީވެ، އެކަމަށްޓަކައި އަޅުގަނޑު މި ސްކޫލް ހިންގުމުގައި ޙަރަކާތްތެރިވި ބޭފުޅުންނާއި އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑުގެ އަޚު ޢަބްދުﷲ ރަޝީދަށް ޙައްޤު ޝުކުރު އަޅުގަނޑު އަދާކުރަން ބޭނުންވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިރަށުގެ ފަސްގަނޑުން ކިތަންމެހާވެސް ގިނަ ދަރިން އުފައްދައިފި. އެކަމަކު ދަންނަވަންތޯ، އެއީ އަޅުގަނޑުމެން އެކަމަށްޓަކައި ފަޚުރުވެރިވުމަށްވުރެ ބޮޑަށް، އެކަމަށް ހިތްތިރިކޮށް، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކުރަންޖެހޭ ކަމެއް. ޝުކުރު ކުރަންޖެހޭ ކަމެއް. އެއީ، މުޅި ރާއްޖޭގެ ރައްޔިތުންގެ ދުޢާ. އެއީ، އަޅުގަނޑުމެންނަކީ އެއްބަޔަކަށްވީތީ ވީކަމެއް. އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް އޮތީމަ ވީކަމެއް. އަޅުގަނޑު އުފާކުރަން، މިރޭ އަތޮޅު ކައުންސިލްގެ ރައީސް އަޅުގަނޑު ކައިރިން އެދިވަޑައިގެންނެވި ހަމައެކަނި ކަމަކީ އެއީ. މި ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދަމަހައްޓައި، އެކުވެރިކަމާއެކީގައި އަޅުގަނޑުމެންނަށް އުޅެވޭނެ މާޙައްލު ހަމަޖައްސައިދިނުމަށް އެދުނުކަން. އެއިންވެސް ދޭހަވަނީ، އަޅުގަނޑުމެންނަކީ މާއްދީ ތަރައްޤީ ބޭނުން ބައެއް ކަމުގައި އަޅުގަނޑުމެން އެންމެހާ އިންސާނުންވީ ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މިރަށުގެ ދަރިން އިސްކަންދެނީ، ރާއްޖޭގެ އިސްލާމީ ވަޙުދަތަށާއި އެއްބައިވަންތަ ކަމަށްކަން.

އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ، އިރާދަކުރެއްވިއްޔާ، މިރަށުގައި ޤާއިމުވެފައިވާ ކީރިތި ޤުރުއާނާބެހޭ މަރްކަޒުގެ ބައި އިތުރަށް ފުޅާކޮށް ހަރުދަނާ ކުރާނެކަމުގެ ޔަޤީންކަން މިރޭ އަޅުގަނޑަށް އިސްލާމިކް މިނިސްޓަރު ވަނީ ދެއްވާފައި. އެހެންވީމާ، އެކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެ ޚަބަރުވެސް މިރޭ ތިޔަބޭފުޅުންނަށް އަރުވަން ބޭނުންވޭ.

އަޅުގަނޑު އެޔާއެކީގައި ދެކެން ބޭނުންވޭ، ދެހާސް އެތަކެއް ކުދިންނެއް މިހާރުވެސް ކިޔަވަމުންދާ، ބާރަހާސް އެތަކެއް ރައްޔިތުން ދިރިއުޅޭ މިރަށުގައި، އަޅުގަނޑު ދެކޭގޮތުގައި، މިރަށުން ތަޢުލީމް ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް އަދި އިތުރު ފުރުޞަތުތަކެއް މިރަށުގައި ފަހިވެފައި އޮތުމަކީ އެއީ ހަމަ މުހިންމު ކަމެއް. މިވަގުތު މަތީ ތަޢުލީމީ މަޖިލީހުގެ ރައީސެއްގެ ޙައިޘިއްޔަތުންނާއި އަދި މި ޒިންމާ ސަރުކާރުގެ މަސައްކަތް ބެހިފައިވާއިރުގައި ޙަވާލުވެފައިވާ މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑުގެ ހުވަފެނެއް، އިރާދަކުރެއްވިއްޔާ މިރަށުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އެޅިގެން ދިޔުމަކީ. އެކަމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ މިރޭ މިފުރުޞަތުގައި ދަންނަވާލަން ބޭނުންވޭ.

މިމަސައްކަތް މިގޮތަށް އަޅުގަނޑުމެން މިކުރަނީ، އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، އެބަޖެހޭ ރާއްޖޭގެ ޒުވާނުން ތަރުބިއްޔަތުގެ ތެރެއިން އައިސް، އަޅުގަނޑުމެންގެ މައިންބަފައިން، އަޅުގަނޑުމެންގެ ބޭބެއިން، ބައްޕައިން، ދައްތައިންގެ ލޮލަށް ފިނިކަން ގެނެސްދޭ ބަޔަކަށް އެ ޒުވާނުންވާން. އެއީ މިއަދު އަޅުގަނޑުމެން މިތާ މިތިބި މަޤްޞަދަކީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ފުރަތަމަ ބަރި ފަހަނަޅައި، ދެވަނަ ބަރިއަށް މިހެން ބެލީމާ، އަޅުގަނޑަށް އެބަ ފެނޭ، ހަމަ ވަރަށް ޢިއްޒަތްތެރި ބޭފުޅުން. ބޭބެއިން، ބައްޕައިން. މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ކާމިޔާބީގެ ބަޠަލުންނަކީ. މިތިބަ ބުރުގާ އަޅުއްވާފައި ތިއްބެވި އަންހެން ބޭކަނބަލުން، ޙައްޤު ޝުކުރުގެ އަހުލުވެރިންނަކީ. އެކަމަކު ތިޔަ މަސައްކަތް ތިޔަބޭފުޅުން ތިޔަ ކުރައްވަނީ ސަބަބުތަކަށްޓަކައި. އެއީ، ދިރިއުޅުމުގެ ޙަޤީޤަތް. އެ ޙަޤީޤަތަކީ ކިޔަވަނީ ކޮންމެވެސް ބޭނުމަކު. އެއަށްފަހުގައި، އެއަށްވުރެ އުފާވެރި ދުވަސްތަކެއް ދެކެން ބޭނުންވާތީ. އެކުދިން ވަޒީފާއަށްދާތަން ދެކެން ބޭނުންވޭ. އެކުދިންގެ ފަރާތުން އާމްދަނީ ލިބޭތަން ދެކެން ބޭނުންވޭ. އެކަމަށްޓަކައި ޙަޤީޤަތުގައި އަޅުގަނޑުމެން މިހުރިހާ ބުރަ މަސައްކަތްތަކެއް މިކުރަނީ.

މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތް ފެށިގެންދާއިރުގައި، އަޅުގަނޑު އުފަލާއެކީގައި ފާހަގަކޮށްލަން ބޭނުންވޭ، ޒުވާނުންގެ މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ހަމަ ޚާއްޞަ ގޮތެއްގައި ޒުވާނުންގެ ދާއިރާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެވަޑއިގެންފައިވާ ވަޢުދު މިހާރުވެސްވަނީ ފުއްދާފައޭ. 360 މިލިއަން ރުފިޔާ ޒުވާނުންނަށް ހޭދަކުރުމަށްޓަކައި މިއަދު ވަނީ ޔޫތު މިނިސްޓަރާ ޙަވާލުކޮށްފައި. މިގޮތުގެ މަތިން މިދަތުރުގައި އިރާދަކުރެއްވިއްޔާ، މިރަށުގައި ތިން ސަރަޙައްދެއްގައި ޒުވާނުން މުނިފޫހިފިލުވުމާއި، ޒުވާނުންނަށް އެތެރެއާއި ބޭރުގައި ކުޅެވޭނެ ކުޅިވަރުތައް ޤާއިމުކުރުމުގެ ތިން މަރްކަޒެއް، މިރަށުގެ ތިން ސަރަޙައްދެއްގައި، ތިން ދާއިރާގައި ޤާއިމުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުން. އަދި މިމަސައްކަތުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށި، މިއަހަރު ނިމުމުގެ ކުރިން، މި މަރުކަޒު ވުޖޫދަށް އައުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް. އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން އެމަސައްކަތް ކުރިއަށް ގެންދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

ދެންމެ ޝާހް ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެ، ތިމަންނަމެން އެދެމޭ، މިރަށަށް ނައިބު ރައީސް ނިސްބަތްވުމާއެކީގައި، ދައުރު ފުރިހަމަވެގެންދާއިރުގައި، މިރަށަކީ ވަކިކަހަލަ ކުލައެއް ޖެހިފައިވާ ރަށަކަށްވުމަށް. އަޅުގަނޑަށް އެނގޭ، ވަރަށްބޮޑު އިޙްސާސްތަކެއް ހުންނާނެ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އެއްވެސް ރައްޔިތަކު މަޙްރޫމް ނުވާނެ. މިރަށް އެކަންޏެއް ނޫން، މިއަތޮޅު އެކަންޏެއް ނޫން. ﷲގެ އިރާދަފުޅާއެކީގައި، އައްޑުއަތޮޅާއި، ހުވަދުއަތޮޅާއި، ލ. އަތޮޅުން ފެށިގެން ގޮސް، ތ. އަތޮޅު ހިމެނޭގޮތަށް، ހަމަ ރާއްޖޭގެ އުތުރުގެ ހުރިހާ ހިސާބަކަށް ތަރައްޤީ އަންނާނެ. އެއީ އަޅުގަނޑުމެންގެ ވަޢުދު. އަޅުގަނޑުމެން އެއްވެސް ރައްޔިތަކު މަޙްރޫމް ނުކުރާނަން. އުތުރު، ވެގެންދާނެ، ރާއްޖޭގެ ޞިނާޢީ ވަރަށްބޮޑު ސަރަޙައްދަކަށް. އަޅުގަނޑުމެންނަށް މިއަދު އެމަސައްކަތުގެ ޢަމަލީ ބައެއް މަސައްކަތް ފަށާފައި މިވަނީ. މިރަށުގެ ރައްޔިތުންވެސް މަޙްރޫމްވެގެން ނުދާނެ. އެކަން ޤަބޫލުކުރައްވާ.

އަޅުގަނޑަށް އެނގޭ، ބާރަހާސް އެތަކެއް ރައްޔިތުން ދިރިއުޅޭ މިރަށުގެ ފެން ފަށަލަ މިހާރުވަނީ ތަޣައްޔަރުވެފައި. އަޅުގަނޑަށް އެނގޭ، ތުއްތުކުދިން ގޮވައިގެން ކިޔަވަންދާ މައިންބަފައިން ވަރަށްބޮޑު ތަކުލީފުތަކެއް އެބަ ތަޙައްމަލްކުރޭ. ޕްރީސްކޫލް، ކުނިކޮށްޓެއްގެ ކައިރީގައި ހުރީ. އޭގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފްތަކެއް ދިމާވާ އެތަކެއް މައިންބަފައިން އެބަ ތިއްބެވި. މިއަދު ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިރަށުގެ ނަރުދަމާއާއި ފެނުގެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު ހަމަ ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރަން، ރައްޔިތުންގެ މަޖިލީހުގައި މިރަށަށް ނިސްބަތްވާ ތިން މެންބަރުންނަށްވެސް، ޢަބްދުﷲ މަސީޙު، އަޅުގަނޑުމެންގެ އެންމެ ދުވަސްވީ އެއް މެންބަރު. މުޙަންމަދު ރަފީޤު، ވަރަށް ހީވާގިކަމާއެކީ މަސައްކަތް ކުރައްވާ އެއް މެންބަރު. އަދި ހަމަ އެޔާއެކީގައި ޝިފާޤް. މި ތިން ބޭފުޅުންގެ މަސައްކަތާއެކީގައި، މިރަށުގެ ނަރުދަމާއާއި، ފެނުގެ މި ޕްރޮޖެކްޓަކީ ވަރަށް ބިޔަ މަޝްރޫޢެއް. މި މަޝްރޫޢުގެ މިހާރު އެވަނީ ކުރިއަށް ދިޔުމަށްޓަކައި ބޭނުންވާ ހުރިހާ ގްރީން ސިގްނަލެއް ލިބި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ، ﷲގެ ރަޙްމަތާއެކީގައި. މިއީ އަޅުގަނޑުމެން ރައްޔިތުންގެ އަޑުއަހައިގެން، ރާއްޖޭގެ އެކި ހިސާބުތަކަށް ތަރައްޤީ ގެނައުމަށްޓަކައި ކުރާ މަސައްކަތް.

މި މަސައްކަތް މިގޮތަށް ކުރުމާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ކުދިންނަށް ތަރުބިއްޔަތުދީ، ތަޢުލީމުދީ، އެކަމުގެ ފޮނި މީރުކަން ލިބިގަންނަން ބޭނުންވާނެ. އަޅުގަނޑު ދެކެން ބޭނުންވޭ، ކޮންމެ ކުއްޖަކު މަސައްކަތުގައި އުޅޭތަން. އަޅުގަނޑު ދެކެން ބޭނުންވޭ، ކޮންމެ ކުއްޖަކު ގެޔަށް އައިއްސަ، މަންމައާއި ބައްޕައަށް، ލިބޭ މުސާރައިން އެއްޗެއް ދިއްކޮށްލާ މަންޒަރު ދެކެން އަޅުގަނޑު ބޭނުންވޭ. އެކަމަށްޓަކައި ތިޔަބޭފުޅުން އަޅުގަނޑު ކައިރީގައި ތަކުރާރުކޮށް އެވާހަކަ ވިދާޅުވާކަށެއް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަންނަ ޞިނާޢީ މަސައްކަތުގެ ތެރެއިން އެއްވެސް ޝައްކެއްނެތްގޮތުގައި، މިރަށުގެ ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވާނެ. މަސައްކަތްތައް ޤާއިމުވެގެންދާނެ. އެކަމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް، ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކާ ގުޅިގެން އަޅުގަނޑުމެން ތިޔަ ރައްޔިތުންގެ ޙައްޤުގައި ކުރާނެ ވާހަކަ މިރޭ ހަމަ ދަންނަވާލަން ބޭނުންވޭ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައިވާ ފަދައިން، "إن في هذا المال حقا سوى الزكاة" މި ޙަދީޘްފުޅުގެ މާނައަކީ، މުސްލިމުންދޭ ޒަކާތަކީ އެއީ ދޭންޖެހޭ އެއްޗެއް. ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟެއް ޒަކާތް ދިނުމަކީ. އެކަމަކު ޒަކާތް ފިޔަވައިވެސް މުސްލިމުންގެ މުދަލުން ޙައްޤެއްވާ ކަމަށް ކީރިތި ރަސޫލާގެ މި ޙަދީޘްފުޅުން މިވަނީ. އެއީ އަޅުގަނޑުމެން މި ސަރުކާރުގެ މޮޓޯއަކީ. އިރާދަކުރެއްވިއްޔާ، ޤަބޫލު ކުރައްވާ، ތިޔަބޭފުޅުންގެ ފަސްހާސް ރުފިޔާ، ލަސްތަކެއްނުވެ ތިޔަބޭފުޅުންނާ ހަމައަށް އަޅުގަނޑުމެން ގެނެސްދޭނަން ﷲގެ ރަޙްމަތާއެކީގައި.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު މިހާ ހިސާބަށް އަޅުގަނޑުމެން އެންމެންވެސް ވާސިލުވެފައި މިތިބީ، ވަރަށްބުރަ މަސައްކަތެއް ކޮށްފައި. މި ހޯލްގައި މިއަށްވުރެ ވަރަށްގިނަ ބޭކަލުންނާއި ބޭކަނބަލުން ތިއްބަވައިގެން، ބުރަ މަސައްކަތެއް ކުރެއްވި. މިރޭ ތަފާތު ސަބަބުތަކާހެދި ބައެއް ބޭފުޅުންނަށް ވަޑައިނުގެންނެވުނު ކަމުގައިވީނަމަވެސް، މިއަދު އަޅުގަނޑުމެން ހިތްހަމަޖެހިފައި މިތާ މިތިބީ ބުރަ މަސައްކަތަށްފަހުގައި. ވަރަށްބޮޑު ބިރުވެރިކަމެއް އަޅުގަނޑުމެންނާ ކުރިމަތިވުމަށްފަހުގައި. މި ދުވަސް ނައިނަމަހީ، މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ދީންތައް ތަޢާރުފުވެ، އަޅުގަނޑުމެން ހީނުކުރާވަރުގެ ހިތްދަތިކަން އަޅުގަނޑުމެންނަށް އައުމަކީ، ހަމަ ވަރަށް ކައިރީގައި އޮތް ކަމެއް. އެހެންވީމާ، އެންމެ ފުރަތަމަވެސް މިފަދަ މަތިވެރި ކާމިޔާބީއެއް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވީތީ، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޚުޝޫޢަތްތެރިކަމާއެކީގައި ޝުކުރު އަދާކުރަން.

ތެދެއްމެ، ވަރަށް ތަފާތު ބަސްފުޅުތަކެއް ތިޔަބޭފުޅުން ވިދާޅުވެއްޖެ. އެއްވާހަކައަކަށް ތަކުރާރުކޮށް ތިޔަބޭފުޅުން ފާހަގަކުރެއްވީ، މިރަށަށް ވެރިކަމުގެ އެއް ޙިއްޞާ ލިބުނުކަން. އަޅުގަނޑުގެ މައިފުށުގެ ބޮޑުދައިތައެއްގެ ބޭބެ، ޢަބްދުﷲ އިބްރާހީމް ފާހަގަކުރެއްވި ފަދައިން، އެކެއް ކިޔާފައި ދޭއް އަންނާނީ. ނޫނިއްޔާ، ދޭކަށްފަހު މައްޗަށް ބަލައިލިއްޔާ އެކެއް އޮންނާނީ. ވަރަށްބޮޑު ތެދެއް އެ ވިދާޅުވީ. ހަމަ ކޮންމެ އިންސާނަކުވެސް އުންމީދުތަކެއް ގެންގުޅޭނެ. އެހެންވީމާ، އެވާހަކައަށް ހަމަ ތާއީދުކުރުމާއެކީގައިވެސް ދަންނަވާލަން ބޭނުންވަނީ، މިފުރުޞަތު، ރަނގަޅު، ތިޔަބޭފުޅުންގެ މަސައްކަތުން ލިބުނީ. އެހެން ނަމަވެސް، މީގެ އެންމެބޮޑު އިޙްސާންތެރިޔަކީ މިފަދަ ކަމަކަށް، މިހާ ބުރަ މަސްއޫލިއްޔަތަކަށް ބިރެއްނެތި، އިތުބާރާއެކީގައި، މި އިތުބާރު ދެއްވައި، ރައީސް ޢަބްދުﷲ ޔާމީން އަޅުގަނޑަށް މި މަޤާމު ދެއްވާތީ. އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުން.

ހަމަ ޙިއްޞާކޮށްލަން ބޭނުންވޭ، ވަރަށް އިޙްސާންތެރި ބޭފުޅެއް. މިއަދުގެ ޙަޤީޤަތަކީ ރައީސް އޮފީހުގައި ބައެއް މަސައްކަތްތައް، ބޭފުޅުން ވަޑައިގަތީމާ، އިތުރަށް އައްސަވާވެސް ނުލައްވައި ވިދާޅުވަނީ، ނައިބު ރައީސާ ގޮސް މަޝްވަރާކޮށްގެން ތިކަން ނިންމާށޭ. ބޮޑެތި ކަންތައްތައް. ހަމައެކަނި ޙަވާލުވެފައިވާ ދާއިރާތަކެއް ނޫން. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް، މިރަށުގައިވެސް ކެމްޕެއިންގެ ތެރޭގައި ވަރަށް ތަފާތު ބަސްތައް، އެކިބޭފުޅުންނާ ބެހޭގޮތުން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މިއަދުގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނާ ބެހޭގޮތުން އިވެމުންދިޔަ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުގެ ސިޔާސީ ޙަޔާތް މިހާ ހިސާބަށް އައިއިރުގައި، އެއީ ކިތަންމެ ކުރު ޙަޔާތެއް ކަމުގައިވީނަމަވެސް، ވަރަށްގިނަ ބޭފުޅުންނާއެކީގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. ރައީސް މައުމޫންގެ ވަޒީރުންގެ މަޖިލީހުގައި އަޅުގަނޑު ހިމެނުނުއިރުގައި، އެމަޖިލީހުގެ ތެރޭގައި ތިއްބެވި ވަރަށް ދުވަސްވީ ބޭފުޅުން. އަޙްމަދު ޢަބްދުﷲ ހުންނެވި. ޖަލީލު ހުންނެވި. ޝައުޤީ ހުންނެވި. މިހެން ގޮސް ވަރަށްގިނަ ބޭފުޅުންގެ އަރިހުގައި މަސައްކަތް ކުރަން އަޅުގަނޑަށް ފުރުޞަތު ލިބުނު. އޭރުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި، މިހާރު ފަހުގެ އެދެމެދަށް އައި ބައެއް ޒުވާން ސިޔާސީ ބޭފުޅުން ހިމެނޭގޮތަށް، އަޅުގަނޑުމެންނަށް އަޑުއިވުނު، ބައެއް ބޭފުޅުން ދައްކާ ވާހަކައިގެ ތެރޭގައި، މިވެނި ބޭފުޅަކާއެކީގައި މަސައްކަތް ނުކުރެވޭނޭ، މިވެނިކަހަލަ މިޒާޖެކޭ.

މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ސިޔާސީ ހަޔާތް، މިހާ ހިސާބަށް އައިއިރުގައި، އަޅުގަނޑަށް ފެނުނު އެންމެ ދީލަތި، އެންމެ އަޑުއަހާ، އެންމެ މީހުންނަށް ކަމޭހިތާ އެއްބޭފުޅަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. އެހެންވީމާ، ވަރަށް އިޙްސާންތެރި ޝުކުރެއް އަޅުގަނޑު އެމަނިކުފާނަށް އަދާކުރަން.

ދެން އެއަށްފަހުގައި، މިރެޔަކީ މިފަދަ ރެޔަކަށްވާތީ، މި ލިސްޓުން އެއްވެސް މީހަކު އުނިވެއްޖެނަމަވެސް ހަމަ އަޅުގަނޑު މަޢާފަށް އެދެން. އެހެން ނަމަވެސް، ޖަލްސާ ތަޢާރުފް ކުރައްވަމުން، އަޅުގަނޑުގެ އަވަށްޓެރިޔާ، އަޅުގަނޑުގެ އަޚު ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުގެވެސް ފުރަތަމަ އެދުރަކީ އަޅުގަނޑުގެ މަންމައާއި ބައްޕަ. އެހެންވީމާ، އެންމެ ޚާއްޞަ ޝުކުރެއް، ކޮންމެ ދަރިޔަކުވެސް އަދާކުރަންޖެހޭނީ، ކިތަންމެ ނިކަމެތިނަމަވެސް، އެމީހެއްގެ މައިންބަފައިންނަށް. އެހެންވީމާ، ޚާއްޞަ ޝުކުރެއް އެދެމަފިރިންނަށް އަޅުގަނޑު އަދާކުރަން.

މިރޭގެ މިއުފާވެރި ޖަލްސާގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެއްކަމެއް އެބައޮތް. އެއީ، އިންސާނެއްގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ޝުކުރު އަދާކުރުން. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ] [ތިމަންﷲ ޝުކުރު އަދާކުރާ މީހުންގެ މައްޗަށް ނިޢުމަތްތައް އިތުރުކުރައްވަމޭ. އަދި ޝުކުރަށް ފުރަގަސްދޭ މީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއޭ.] މި ފުރުޞަތު އަޅުގަނޑު ލިބިގެން މިހާ ހިސާބަށް އައުމުގައި، ވަރަށްގިނަ ބޭފުޅުންގެ މަސައްކަތް ހިމެނޭ. އެހެން ނަމަވެސް، ދެންމެ ޢަލީ ފަޒާދު ފާހަގަކުރެއްވި ފަދައިން، އެއްބޭފުޅެއްގެ މަސައްކަތް އަޅުގަނޑު މިހެން ފާހަގަކޮށްފައި، މިއީ އެބޭފުޅަކަށޭ ދެންނެވުމަކީ، މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިޔާސީގޮތުން ތަންކޮޅެއް ޙައްސާސް ކަމަކަށްވެދާނެ. އެއީ ނައިބު ރައީސެއްގެ މަޤާމުގައި ހުރެގެން، އެފަދަ ގޮތަކަށް އަޅުގަނޑު ވާހަކަ ދެއްކީމަ. އެހެން ނަމަވެސް، އަޅުގަނޑުވެސް ބޭނުންވޭ، މަސައްކަތް ކޮށްފައި ގޮސް، ހަމަޖެހިގެން ރޭގަނޑުގެ ނިދި ނިދަން. އެ ނިދި ނިދޭނީ، އެމީހާ އަދާކުރަން އޮތް ބުރަ ކަމެއް، މަސްއޫލިއްޔަތުތައް އަދާކުރުމަށްފަހުގައި. ހޯމް މިނިސްޓްރީގައި އަޅުގަނޑު މިނިސްޓަރަކަށް ހުރި ހިސާބުން ފެށިގެން ބައްޕައެއްގެ ސިފައިގައި ބޭބެއެއްގެ ސިފައިގައި، ހެޔޮއެދޭ މީހެއްގެ ސިފައިގައި ތަކުރާރުކޮށް އަޅުގަނޑަށް ނަޞޭޙަތްތެރިވާ އެއް ބޭފުޅެއް އެބަ ހުންނެވި. ދެން ބައެއްފަހަރު ވިދާޅުވޭ، ޖަމީލުގެ ބުއްދި އަޅެ ރަނގަޅުބާއޭ. ކީއްވެގެންހެއްޔޭ، ތިމަންނާއަށް ލިބެން އޮތް ކަމަކުން ތިހާވަރަކަށް އެއްކިބާވާން ތިއުޅެނީ. ކުރެވޭނޭ ތިކަން. ތިކަން ކުރައްވާށޭ. ޢަލީ ފަޒާދު ފާހަގަކުރެއްވި ފަދައިން، މިރަށަށް ވަޑައިގެން ޢަލީ ފަޒާދާއެކީ މަސައްކަތް ކުރެއްވި. އެހެންވީމާ، އަޅުގަނޑުގެ ހިތުގެ ވަރަށްބޮޑު އިޙްތިރާމާއެކީގައި، ޙުސައިން މަނިކު ދޮންމަނިކަށް އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުން.

ދެން އަޅުގަނޑު މި ދެ ޢާއިލާއަކަށް ނިސްބަތްވާ ޢާއިލާއެއްގެ ޚާއްޞަ ސިފަތަކެއް ހުރޭ. މިފަދަ ޙަފްލާތަކުގައި ވާހަކަ ދެއްކުމަކީ އެއީ އުނދަގޫ ކަމަކަށް ވެދާނެ. އެކަން އިޙްސާސްވާނެ ޢަބްދުﷲ އިބްރާހީމަށް. އެހެންވީމާ، އަޅުގަނޑުމެންގެ މި ޢާއިލާއަކީ ތަންކޮޅެއް ހިތުގެ ގޮތުން ޖަޒުބާތުގެ ގޮތުން ތަންކޮޅެއް ވަރުބަލިކަމެއް ލިބިފައިވާ ބަޔަކަށްވާތީ، އެކަމުގެ އިޙްސާސްތައް ހުންނާނެ. އެހެން ނަމަވެސް، މިދެންނެވި ހުރިހާ ބޭފުޅުންގެ މަސައްކަތާއެކީގައި، އަޅުގަނޑު ހަނދާންހުރި، އަޅުގަނޑު 1996 ވަނަ އަހަރުގައި ކިޔަވައިގެން ރާއްޖެ އައިއްސަ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވަޒީފާއަކަށްވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީކަން. އަޅުގަނޑުގެ މުސާރައަކީ ފަނަރަސަތޭކަ ރުފިޔާ. ދެން އޭރު ހުންނެވީ ވަރަށް ވަރުގަދަ އެޓަރނީ ޖެނެރަލެއް. އެ ޞަފްޙާއަކަށް އަޅުގަނޑު ޒިޔާރަތްކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު މާސްޓަރޒް ހަދާފައި މާލެ އައުމުން، 2000 ވަނަ އަހަރުގައި ޖިނާއީ ކޯޓުގެ އިސް ޤާޒީ ކަމަށް އަޅުގަނޑު ދާން ފެށުމުން، އެކަމަށް ބޭފުޅަކު ހުރަސްއެޅުއްވި. އެހެން ނަމަވެސް، އަޅުގަނޑަށް އައީ ފޯންކޯލެއް، ހެނދުނު ދިހައެއްޖަހާ ކަންހާއިރު. ވަރަށް އަވަސްވެފައި، [ޖަމީލު ނިކަން އަވަހަށް ރައީސް އޮފީހަށް މިހާރު ދާށޭ. ކޯޓެއް އަތުގައި އޮތިއްޔާ، ހިފައިގެން ދާށޭ.] ދެން އަޅުގަނޑު ވަރަށް އަވަސްކޮށްފައި ކޯޓު ހިފައިގެން ރައީސް އޮފީހަށް ހިނގައްޖައިން. އޭރު ދެން ރައީސް އޮފީހަށް ދިޔުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. ދެން އިއްތިފާޤުން މިއަދު އެ ޝަރަފު އިތުރަށް އިތުރުވެގެން ގޮއްސަ މިއޮތީ. އެހެން ނަމަވެސް، އަޅުގަނޑު އެތަނަށް ދިޔައިރުގައި، މިރަށުގައި މިއަދުވެސް އަޅުގަނޑަށްޓަކައި، މިމަޤާމު ހޯދުމަށްޓަކައި އެންމެބުރަ އެއް މަސައްކަތެއް ކުރެއްވީ، އަޅުގަނޑުމެން އެންމެންގެ އުސްތާޛު މުޙަންމަދު ރަޝީދު އިބްރާހީމް ހުންނެވީ. މިއަދު މިމަޤާމަށް އަޅުގަނޑު އައުމުގައި އެމަނިކުފާނު ކޮށްދެއްވި ބުރަ މަސައްކަތް އިޙްސާސްކޮށް، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް، އެމަނިކުފާނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަޅުގަނޑު އަދާކުރަން.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާހަކަ، ދެންމެ ވާހަކަ ދައްކަވަމުން ޢަލީ ފަޒާދު ވިދާޅުވި. ދެކޮޅަށް ވާދަވެރިކަމެއް އޮތޭ. ކޮންމެ ކަމަކީވެސް ވާދަވެރިކަމެއް އޮންނާނެ ކަމެއް. މިއަދު އަދި ތިޔަބޭފުޅުން ކައުންސިލްގެ އިންތިޚާބުގައިވެސް ވަރަށް ވާދަވެރިކަމާއެކީގައި ތިޔަ ވަޑައިގަންނަވަނީ. އެހެން ނަމަވެސް، މި ވާދަވެރިކަމުގެ ތެރޭގައި، އަޅުގަނޑު ހަމަ ޚާއްޞަ ޝުކުރެއް އަދާކުރަން ބޭނުންވޭ، މިރަށުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރަށްބުރަ މަސައްކަތެއް ކުރެއްވި، މި މަޤާމު އަޅުގަނޑަށް ހޯއްދަވައި ދެއްވުމަށްޓަކައި. ޚާއްޞަ ގޮތެއްގައި، މިއަދު އަޅުގަނޑު ބޭނުންވޭ، ޢަބްދުﷲ މަސީޙަށާއި، މުޙަންމަދު ރަފީޤު، މިދެބޭފުޅުންގެ ނަން ފާހަގަކޮށް، އަދި ޝިފާޤުވެސް ހިމެނޭގޮތަށް، މި ތިން ބޭފުޅުންނަށް މިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރަން އަޅުގަނޑު ބޭނުންވޭ.

މިމަސައްކަތް ކުރެއްވީކީ ހަމައެކަނި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނޫން. މިމަސައްކަތް ކުރުމުގައި ވަރަށް ބުރަކޮށް، އިންޒާރާއެކީގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަޅުގަނޑުގެ އަޚު ފާރޫޤު ޙަސަން. އެހެންވީމާ، އެމަނިކުފާނަށް ވަރަށް އިޙްތިރާމާއެކީގައި، އަޅުގަނޑު ބޭނުންވޭ ޚާއްޞަ ޝުކުރެއް އަދާކޮށްލަން.

އަޅުގަނޑުމެންނަކީ ދެންމެ ފަޒާދު ވިދާޅުވިފަދައިން، އަޑުއަހާ މީހުން. ތެދެއްމެ، އަޅުގަނޑަށް އާދޭ ވަރަށްގިނަ މެސެޖުތައް. ޢަލީ ފަޒާދު ވަރަށްގިނަ މެސެޖު ފޮނުއްވާނެ. އެ މެސެޖުގެ އަދި މައްޗަށް އަޅުގަނޑުގެ އަޚު ބޮޑުބޭބެ ޢަބްދުﷲ އިބްރާހީމް އިތުރު ވަރަށް ވަރަށް އިންޒާރީ މެސެޖުތަކެއް ފޮނުއްވާނެ. ދެން މިވާހަކަ ދެންނެވުމާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ވަރަށް ކުޑައިރުއްސުރެ ފެށިގެންވެސް އަޅުގަނޑުގެ އަޚު ޢަބްދުﷲ އިބްރާހީމް ވަރަށް ކުރުކޮށް ދެއްވާ ނަޞޭޙަތްތަކެއް ހުރޭ އަޅުގަނޑާ ދޭތެރޭގައި. ތަންކޮޅެއް ސިޔާސަ، ކޮންމެ މީހެއްގެވެސް ޙަޔާތުގައި އަންނަ ޢުމުރުތަކުގައިވެސް ވިދާޅުވާނެ، ތި ހިސާބަކު ނޫނޭ ހުންނަން ޖެހެނީއަކީ. ތިނޫން އެހެން ގޮތަކަށް އެނބުރެންޖެހެޔޭ. މިއަދު މިހާ ހިސާބަށް އައުމުގައި، ޚާއްޞަ ގޮތެއްގައި، މި ޓިކެޓް ހޯދައިގެން ޕީ.ޕީ.އެމަށް، ޕީ.ޕީ.އެމް ފުވައްމުލަކުގައި މިކުރި މަސައްކަތުގެ ތެރޭގައި، އެއްބޭފުޅެއްގެ ނަން، މިހެން އިނގިލި ދިއްކޮށްފައި ފާހަގަކުރާ ކަމުގައިވާނަމަ، އެއްވެސް އެހެން ބޭފުޅަކުގެ ހިތްޕުޅަށް ބުރަކަމެއް ނާންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ޢަލީ ފަޒާދަށް އެކަމުގެ ޙައްޤު ޝުކުރު އަޅުގަނޑު ހަމަ އަދާކޮށްލަން ބޭނުންވޭ. މިހާހިސާބަށް އަޅުގަނޑު ގެނައުމުގައި، އެ ބުރަ މަސައްކަތްޕުޅު، އެ މަސައްކަތުގައި ހަމަ އެއްވަރަކަށް. އަޅުގަނޑުގެ އަޚުގެ ވާހަކަ އަޅުގަނޑު ދަންނަވާކަށް ނެތިން. އެއީ މާކުރިއްސުރެ މިކަމުގައި ހިމެނިވަޑައިގެން، ތަކުރާރުކޮށް ދަނޑިބުރިއެއް ހިއްޕަވައިގެން ކަހަލަ ގޮތަކަށް އަޅުގަނޑުގެ ފަހަތުން އުޅުއްވި ބޭފުޅެއް، ޢަބްދުﷲ އިބްރާހީމަކީ. ޢަބްދުﷲ އިބްރާހީމަށާއި، ޝާހަށާއި، ޢަބްދުﷲ އަށާއި އަދި ކައުންސިލްގައި ދެން ތިއްބެވި މެންބަރުންނަށް، ޖުމްލަ ގޮތެއްގައި އަޅުގަނޑު ތިޔަބޭފުޅުން ކޮށްދެއްވި މަސައްކަތަށް، އަޅުގަނޑަށް ދެވެން އޮތް އެންމެ އިޙްސާންތެރި ޝުކުރެއް ތިޔަބޭފުޅުންނަށް އަދާކުރަން.

އާދެ! މިވާހަކަ ނިންމާލަމުން، އަޅުގަނޑު މި ޝުކުރުގައި އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަންނަވާ ކަމުގައިވާނަމަ، ހިމަނަން. އެހެން ނަމަވެސް، ނިންމާލަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ ފަޔާޒް ވިދާޅުވިފަދައިން، އަޅުގަނޑު ޕީ.އެޗް.ޑީ ޙާޞިލުކުރީ 2005 ވަނަ އަހަރުގައި. އެއީވެސް ތިޔަބޭފުޅުންގެ ހެޔޮދުޢާއާ އެކީގައި. އެހެން ނޫންނަމަހީ އަޅުގަނޑުމެންނަށް މިހާ ހިސާބަށް ނާދެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުގެ ޕީ.އެޗް.ޑީ އަޅުގަނޑު ނުނިމެނީސް، ލިޔެ ނިމި ރަސްމީކޮށް އެ ޙަވާލުނުކުރަނީސް އަޅުގަނޑަށް އައީ ފޯންކޯލެއް. ލަންޑަނުގައި ހުއްޓައި، އަޅުގަނޑަށް އަންނަނީ ފޯންކޯލެއް. ވިދާޅުވަނީ ރައީސް މައުމޫން ބޭނުންފުޅުވެޔޭ، ޖަމީލާ ބައްދަލުކޮށްލައްވަން. އޭރު އަޅުގަނޑު ވަނީ ތީސީސް ލިޔެ ނިންމައި ޙަވާލުކޮށްފައި. ރަސްމީކޮށް އަދި އަޅުގަނޑަކަށް ނުއެއް ލިބޭ ޕީ.އެޗް.ޑީ. އަޅުގަނޑު މާލެ އައުމުން އަޅުގަނޑާ ރައީސް މައުމޫން ބައްދަލުކުރެއްވި. ވިދާޅުވި ތިމަން މަނިކުފާނު ބޭނުންވެޔޭ، ޖަމީލަށް ޖަސްޓިސް މިނިސްޓަރުކަން ދޭން. އެހާ ހިސާބުން ފެށިގެން މިއަދާ ހަމައަށް، އަޅުގަނޑު ދަންނަވާނީ، މި މަޤާމުވެސް އަޅުގަނޑަށް ލިބުމުގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް އެބޭފުޅަކަށް އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުންވާ ޙައްޤު ޝުކުރު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އަޅުގަނޑު އަދާކުރަން ބޭނުންވޭ.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ޙައްޤު ޝުކުރުގެ ލިސްޓްގައި، އެންމެ ޚާއްޞަ ބޭފުޅުންގެ ނަން ފާހަގަކުރަމުން. އާދެ! އެއީ މިއަދު މިހާ ރީތި ސްކޫލެއްގައި އަޅުގަނޑުމެން ތިބި ކަމުގައިވީނަމަވެސް، މިތާ އެބަތިބި އަޅުގަނޑުގެ ޢުމުރުގެ ބޭފުޅުންވެސް. އަޅުގަނޑުމެންނަކަށް މި ނަޞީބެއް ނުލިބުނު. އަޅުގަނޑުމެން ދިޔައީ މަކްތަބްތަކަށް. މަދްރަސާތަކަށް އަޅުގަނޑުމެން ދިޔައީ. އަޅުގަނޑުމެން ގްރޭޑްތަކެއް ނުދަންނަން. އަޅުގަނޑުމެން ދިޔައީ އެއްވަނަ ކްލާސް، ދެވަނަ ކްލާސް، ތިންވަނަ ކްލާހަށް. ތިންވަނަ ކްލާސް ނިމުނީމާ، އަނެއްކާ އަނެއް އަހަރުވެސް ތިންވަނަ ކްލާހުގައި ބައިތިއްބަނީ. އަޅުގަނޑުމެން ހެނދުނު ތެދުވިއިރަކު މައިލޯ ގިރާފައެއް ނެތް. ޕާންފޮއްޗެއް އަޅުގަނޑުމެން ލޮލަކުން ނުދެކެމު. އަޅުގަނޑުމެންނަށް ފަޓްލޫނެއް ފަހައިދޭންވެގެން، ބައްޕަމެން ޖެހުނު ގޭގެއަށް ދެމަސް، ތިންމަސް މަސައްކަތް ކޮށްދޭން. ތިންމަސް މަސައްކަތް ކުރީމަ، އޭގެ ބަދަލުގައި ފަޓްލޫނެއް ލިބުނީ. އެހެން ނަމަވެސް، މިއަދު ﷲގެ ތަނަވަސް ރަޙްމަތާއެކީގައި، އަޅުގަނޑުމެންގެ ކުދިން ވަރަށް އުފަލާއެކީގައި ދަނީ ސްކޫލަށް. ހެނދުނު ފުރިހަމައަށް ކާނާ ލިބިގެންދަނީ. ރީތި ޔުނީފޯމްގައި ދަނީ. މިއަދު ސްކޫލްތަކުގައި މި ދައްކަނީ މިޒަމާނުގެ އައި.ޓީ ބޭނުންކޮށްގެން މަސައްކަތްކުރާ ވާހަކަ. މިހާ ހިސާބަށް މިގެންދިޔައީ، އަޅުގަނޑުމެންނެއް ނޫން. މިމަސައްކަތް ކުރީ ތިޔަ ތިއްބެވި އަޅުގަނޑުމެންގެ ބައްޕައިން، މަންމައިން، ދައްތައިން. ތިޔަބޭފުޅުންގެ ބުރަ މަސައްކަތް މިއީ. ތިޔަބޭފުޅުން އިންދި ގަހުގެ މޭވާ މިއީ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، اللّـه سبحـانـه وتعـالىގެ ޙަޟުރަތުން ތިޔަބޭފުޅުންނަށް އެކަލާނގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުން. މިރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް، އަޅުގަނޑަށް މި މަޤާމް ދެއްވީތީ އަދާކުރަމުން.

اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ މި ރައްޔިތުންނަކީ، އެކުވެރިކަމާ އެކީގައި އުޅޭ ރައްޔިތެއް ކަމުގައި މިންވަރު ކުރައްވާށި! އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތަކަކީ، ރައްޔިތުންގެ މަޞްލަޙަތަށާއި ލާބައަށް ފަހި މަޝްރޫޢުތަކެއް ކަމުގައި މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ ރާއްޖޭގައި އަބަދުވެސް އިސްލާމްދީން ދަމަހައްޓަވާށި! އަދި އަޅުގަނޑުމެންގެ ތެރޭގައި ދެކޮޅުވެރިކަން ނިމުމަކަށް ގެންނަވައި، އަޅުގަނޑުމެންނަކީ އެކުވެރި ޞުލްޙަވެރި ރައްޔިތަކު ކަމުގައި اللّـه سبحـانـه وتعـالى ތައުފީޤު ކުރައްވާށި! އަދި އަޅުގަނޑުމެން އެންމެންނަކީވެސް ތަނަވަސްކަމުގައި ދިރިއުޅޭ، ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ ރައްޔިތެއް ކަމުގައި އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه