بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ނިޝާންޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޚިދްމަތްތެރިން. މިރޭގެ މިއުފާވެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިންނާއި، މިޖަލްސާ ދުރާއި ގާތުން އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނާއި އަޚުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

އެއްވެސް ޝައްކެއްނެތްގޮތުގައި، މިރޭގެ މިއުފާވެރި ޙަފްލާއަކީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އަޅުގަނޑުމެން މުނާސަބު ކުރަމުންދާ އިޙްތިފާލު. މިރޭގެ މިއުފާވެރި ޙަފްލާގައި، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އަޅުގަނޑު ދަންނަވަން.

ޤައުމީ ދުވަސް ރަމްޒުކޮށްދެނީ، ދިވެހި ތާރީޚުގެ ވަރަށް މުހިންމު ޞަފްޙާއެއް. ޤައުމީ ދުވަހަކީ ދިވެހި ޤައުމަށްޓަކައި، ދިވެހިރާއްޖޭގެ ދީނަށްޓަކައި، ދިވެހިންނަށްޓަކައި ވަރަށް މަތިވެރި ޖިހާދެއް ކުރައްވައި، ޤުރްބާންވެވަޑައިގެންނެވި، އަޅުގަނޑުމެންގެ ފަޚްރުވެރި ބަޠަލު އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމްގެ މަތިން ހަނދާންކުރުމަށްޓަކައި އަޅުގަނޑުމެން ފާހަގަކުރަމުންދާ ޚާއްޞަ ދުވަހެއް. އާދެ! ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު، އަޅުގަނޑުމެން ހަނދާންކުރަނީ، ވަރަށްގިނަގުނަ ސަބަބުތަކަށްޓަކައި. މިއަދު ދިވެހިން ފަޚުރުވެރިކަމާއެކީގައި، މިނިވަން ޖައްވަކަށް ނޭވާލައި، އަޅުގަނޑުމެންގެ ސިޔާދަތާއި އިސްތިޤްލާލު މި ފާހަގަކުރަނީ، ފާއިތުވި ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އަބްޠާލުން މިޤައުމަށްޓަކައިވި މަތިވެރި ޤުރުބާނީތަކުގެ ސަބަބުން. މި މަތިވެރި ޤުރުބާނީތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އެއްވެސްޝައްކެއްނެތް ގޮތުގައި، ބޮޑުތަކުރުފާނު ދިވެހި ޤައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދު. އެހެންކަމުން، މިރޭ މި އިޙްތިފާލު ފާހަގަކުރަމުންދާއިރުގައި، ދިވެހި ޤައުމިއްޔަތަށްޓަކައި، ދިވެހިރާއްޖޭގައި އިސްލާމްދީން ދެމިއޮތުމަށްޓަކައި، ދިވެހިންގެ ޢިއްޒަތާއި ކަރާމާތަށްޓަކައި، ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ މަތިން ހަނދާންކޮށް، އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން.

މިރޭ އަޅުގަނޑުމެން ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރުގައި، ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް އުފާފާޅުކުރާނެ، އެންމެ މުހިންމު އެއް ސަބަބަކީ، މި އުފާވެރި މުނާސަބަތު އަޅުގަނޑުމެން ފާހަގަމިކުރަނީ، އުފާވެރި މައްސަރެއްގައި ކަމަށްވީތީ. މިއުފާވެރި މަހަކީ ކީރިތި ރަސޫލާގެ ޢީދުމީލާދީ އެމަހެއްގައި އަޅުގަނޑުމެންނަށް ލިބިފައިވާ މަސް ކަމަށްވާތީ. އެހެންކަމުން، މިރެއަކީ ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ރުކުންތަކެއް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ރެއެއް. ދިވެހި ޤައުމިއްޔަތާއި އިސްލާމްދީނާ ދެމެދުގައި އެޅިފައިވާ ފާލަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ރެއެއް. އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މިދުވަސް ފާހަގަކުރުމުގައި، އެންމެ އިސްކަމެއްދޭންޖެހޭ އެއްކަމަކީ، އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަކުރުމާއެކީގައި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލިބިފައިވާ ލޯތްބާއި ޤަދަރު މަތިކުރުމަށްޓަކައި އިތުރަށް މަސައްކަތް ކުރުން.

މިރޭ އަޅުގަނޑުމެން ފާހަގަކުރަމުންމިދާ އުފާވެރި އިޙްތިފާލުގައި ހަނދާންކޮށްލަންޖެހެނީ، ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު ރަމްޒުކޮށްދެނީ ކޮންކަމެއްގެ މައްޗަށްކަން. ބޮޑުތަކުރުފާނު މަސައްކަތްޕުޅު ކުރެއްވީ، ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ޙާލަތު ބަދަލުކުރެއްވުމަށް. ރައްޔިތުންގެ އުދާސްތަކަށް ނިމުމެއް ގެންނެވުމަށް. ރައްޔިތުންގެ ތެރޭގައި ހަމަޖެހުމާއި ޢަދާލަތު ޤާއިމު ކުރެއްވުމަށް. ރައްޔިތުން އެންމެ ބޭނުންވާގޮތަށް މުޖުތަމަޢުގެ އޮނިގަނޑު ޤާއިމުކުރެއްވުމަށް. އެކަން ބޮޑުތަކުރުފާނު ކާމިޔާބު ކުރެއްވީ، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާއެކީގައި، ޤައުމިއްޔަތުގެ ލާމަޘީލު ނަމޫނާ، އަޅުގަނޑުމެން އެންމެހައި ދިވެހި ރައްޔިތުންނަށް ދައްކަވަމުން.

ޤައުމީ ދުވަހަކީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ ގޮތުގައި، ދިވެހި ޤައުމީ ރޫޙު ބަދަހިކޮށް، ޤައުމިއްޔަތުގެ ލޯބި އަޅުގަނޑުމެން ވަރުގަދަކުރަންވީ ދުވަސް. އަދި މިކަން ކުރުމަށްޓަކައި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޤުރްބާންވެވަޑައިގެންނެވި މަތިވެރި އަބްޠާލުންގެ ޖިހާދުން ޢިބުރަތް ޙާޞިލުކުރަންޖެހޭ. އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އަޅުގަނޑުމެން އާކުރަންޖެހޭ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޙިމާޔަތްކޮށް، ރާއްޖޭގެ މިނިވަންކަމަށް އަދި އަމިއްލަވަންތަކަމަށް ކިލަނބުކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ޖާގަދީގެން ނުވާނެ.

ދިވެހިން، ޤައުމީ ދުވަސް ފާހަގަކުރަނީ، ޤައުމިއްޔަތު އާލާކުރަން. އެކަން މިއަދު ކުރެވޭނީ، އަޅުގަނޑު ދެކޭގޮތުގައި، ދިވެހިންގެ ޙާލަތު، ބޮޑުތަކުރުފާނު ބަދަލުކުރެއްވި ފަދައިން ބަދަލުކޮށްގެން. ދިވެހި ޤައުމިއްޔަތު މިއަދު އާލާކުރެވޭނީ، ދިވެހިންގެ އިޖުތިމާޢީ ޙާލަތު އަޅުގަނޑުމެން ބަދަލުކޮށްގެން. އެންމެންނަށްވެސް ޞުލްޙަވެރިކަމާއެކު އިޖުތިމާޢީ ހަމަޖެހުމެއްގެ ތެރޭގައި އުޅެވޭނެ މާޙައުލެއް ޤާއިމުކޮށްގެން. އެކަން ކުރުމަށްޓަކައި މިއަދު އެންމެހައި ފަރާތްތަކުން ގުޅެންޖެހޭ. އަދި އެކަމަށް އެންމެހައި ފަރާތްތަކުން ޖާގަދޭންޖެހޭ.

ޤައުމިއްޔަތު ދެމިއޮންނާނީ ފުދުންތެރިކަމާއި، އިޖުތިމާޢީ ގޮތުން ޢަދުލުވެރި މާޙައުލެއް ޤާއިމުވެގެންކަމާމެދުގައި މިއަދު އެއްވެސް ރައްޔިތަކު ޝައްކެއްނުކުރާނެ. ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ، ޞިއްޙަތާއި ތަޢުލީމީގޮތުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް މިއަދު ހަދައިގެން ނޫނީ އަޅުގަނޑުމެންނަށް ޤައުމިއްޔަތުގެ ޙަޤީޤީ ފޮނި މީރުކަމެއް ނުލިބޭނެ. މިއަދު ޤައުމިއްޔަތު ލާމެހިފައިވަނީ މިކަންތައްތައް ޙާޞިލު ކުރުމުގެ މައްޗަށްކަން ކަށަވަރު. އަދި އިރާދަކުރެއްވިއްޔާ، اللّـه سبحـانـه وتعـالىގެ މަދަދާ އެކީގައި، މިއަދުގެ ސަރުކާރުން ބޮޑުތަކުރުފާނު ކުރެއްވި ފަދައިން، ދިވެހިންގެ ޙާލަތު ބަދަލުކޮށް، ދިވެހިން އެދޭފަދަ މުޖްތަމަޢެއް ޤާއިމުކުރުމަށްޓަކައި މަސައްކަތް ކުރާނަން. އަދި އަޅުގަނޑުގެ އިލްތިމާސަކީ، މި މަސައްކަތުގައި ދިވެހި އެންމެހައި ރައްޔިތުންގެ އެއްބާރުލުން މިއަދުގެ ސަރުކާރަށާއި އަދި މިމަސައްކަތުގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދެއްވުން.

އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ އަމިއްލަ ޙާލަތު ބަދަލުކުރުމަކީ، އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއް. އަދި އަމިއްލަ ޙާލަތު ބަދަލުކުރުމުގެ ބާރު اللّـه سبحـانـه وتعـالى ވަނީ އަޅުގަނޑުމެން އެންމެހައި މުސްލިމުންނަށް ދެއްވާފައި. އެހެންކަމުން، ކީރިތި ގުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، "وَلَقَدْ مَكَّنَّاكُمْ فِي الْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَائِشَ قَلِيلاً مَّا تَشْكُرُونَ" މި އާޔަތުގެ މާނައަކީ، [ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި، ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. (އެހެންކަމަކު) ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށްވެސް މަދުންނެވެ.]

ޢިއްޒަތްތެރި ލޮބުވެތި ދިވެހި ރައްޔިތުން:

މިއަދު މި ޤައުމުގެ ޤައުމިއްޔަތަށް ލޯބިކުރާނަމަ، ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުނުކުރާނެ. ޤައުމުގެ އިޤްތިޞާދީ ބާރު، އެހެން ބައެއްގެ މައްޗަށް ދޫކޮށެއްނުލާނެ. ޤައުމުގެ އަބުރާއި ކަރާމާތަށް ބެލުމެއްނެތި، ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ ޝަޚުޞިއްޔަތު، އެހެން ޤައުމުތަކުގައި ވިއްކައެއްނުލާނެ. ޤައުމިއްޔަތަށް ބެލުމެއްނެތި، ކޮންމެ ކަމެއް ވަރިހަމަނުކުރާނެ. ޤައުމުގެ ކަންކަމުގައި އަމިއްލަ ބަސް ނުބުނެވޭ ހިސާބަށް ކަންތައްތައް ދޫކޮށްނުލާނެ. ޤައުމިއްޔަތަކީ އަމިއްލަ ބަސް ބުނުމާއި، އަމިއްލައަށް ޤައުމުގެ ކަންކަން ނިންމުމުގެ ބާރު ހިފެހެއްޓުން. މިއަދު ދިވެހި ޤައުމު ދަހިވެތިވާންވީ، ޤައުމުގެ އަބުރު ހިފެހެއްޓުމަށް. އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް. އަދި އެއްވެސް ހާލެއްގައި އޮޅުވާލުމެއްގައިވިޔަސް، ޤައުމެއްގެ ޝަޚްޞިއްޔަތު ދޫކޮށްނުލުމަށް.

ޢިއްޒަތްތެރި ލޮބުވެތި ދިވެހި ރައްޔިތުން:

މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ އިޙްތިފާލު ބާއްވަމުންދާއިރު، އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަންދޭންޖެހެނީ، ޤައުމިއްޔަތުގެ ރުކުން އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓުމުގެ މައްޗަށް ސަމާލުވުމަށް. އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހި ޤައުމިއްޔަތުގެ ރުކުނުގެ އެންމެ މުހިންމު އެއްބަޔަކީ ދިވެހިބަހާއި، ދިވެހިންގެ އާދަކާދައާއި ތާރީޚު ސަލާމަތްކުރުން. ދިވެހިންނަކީ ފަޚްރުވެރި ބަހެއް ލިބިފައިވާ އަދި މާދަރީ ބަހުގެ ތަނަވަސްކަމުގެ މަތިވެރި ނިޢުމަތް اللّـه سبحـانـه وتعـالى މިންވަރު ކުރައްވާފައިވާ ބައެއް. އެހެންކަމުން، މިރޭގެ މި އިޙްތިފާލު ފާހަގަކުރަމުންދާއިރު، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން އެއްބައިވެ، އެކަތިގަނޑަކަށްވެ، ދިވެހިންގެ ޤައުމިއްޔަތުގެ ރުކުން ކަމުގައިވާ އަދި އެ ރުކުނުގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ ދިވެހިބަސް ޙިމާޔަތްކޮށް، ރައްކާތެރިކޮށް، އެބަސް އާލާކޮށް، އެބަސް ދިވެހި ޤައުމުގެ ސްކޫލްތަކާއި، ދިވެހި ތުއްތު ކުދިންނަށް އުނގަންނައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

ހަމައެޔާއެކީގައި، ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން، މިރޭ އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ އަނެއް މުހިންމު ރުކުނަކީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމިއްޔަތެއް ބިނާވެގެންދާނީ، އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި ޤާއިމްވެފައި އޮންނަ އެކުވެރިކަމާއި އެއްބާރުލުމެއްގެ މައްޗަށް. މިރޭ އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ޚިޔާލުތަފާތުވުމާއި، ދެބަސްވުމާއި، ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ކުރާ މަސައްކަތުގެ ތެރެއިން ކަމުގައިވިޔަސް އަދި ޑިމޮކްރަސީގެ ރަހަމީރުކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކުރާ ބުރަ މަސައްކަތްތަކުގެ ތެރެއިން ކަމުގައިވިޔަސް، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުޚުއްވަތްތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަ ކަމަށް ބުރުލެއްއަރާފަދަ އެއްވެސް ކަމަކަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ އެއްވެސް ރައްޔިތަކު ޖާގަ ނުދިނުން. އަދި މިދެންނެވި ގޮތުގެ މަތިން ޢަމަލުކޮށް، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޖީލަށް، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް، ރާއްޖޭގެ ޤައުމިއްޔަތު ސަލާމަތްތެރިކަމާއެކީގައި ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި، އުޚުއްވަތްތެރިކަމާއި، އިޖްތިމާޢީ ރަނގަޅު ފޭރާން އަޅުގަނޑުމެން އާލާކޮށްގެންކަމާމެދުގައި އެއްވެސް ޝައްކެއްނެތް.

ޤައުމިއްޔަތުގެ މުހިންމު ރުކުންތައް އާލާކުރުމާއެކީގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން، މިރޭގެ މިއުފާވެރި ޙަފްލާއިން އަޅުގަނޑުމެން ލިބިގަންނަންޖެހޭ މުހިންމު އަނެއް ފިލާވަޅަކީ، މިއަދު އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގެ ޤައުމިއްޔަތުގެ ފަސޭހަކަމާއި އަދި ޤައުމިއްޔަތުގެ ސަބަބުން އައިސްފައިވާ މަތިވެރި ނިޢުމަތްތައް، އަޅުގަނޑުމެންނަށް ރަނގަޅުގޮތުގައި ހޭދަކުރެވޭނެގޮތް އަޅުގަނޑުމެން އަމިއްލައަށް ހޯދައި، އެކަންތައްތައް ކުރިއަށް ގެންދިޔުން. މިކަމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ލުއިފަސޭހަކަމާއެކު، އެ ޚިދުމަތެއް ލިބޭނެ މަގު އަޅުގަނޑުމެން، ޚިދްމަތްތަކުގައި ޤާއިމުވެތިބި އެންމެހައި ފަރާތްތަކުން ދިވެހި ލޮބުވެތި ރައްޔިތުންނަށްޓަކައި ފަހިކޮށްދިނުން. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތުގައި، ރާއްޖޭގެ ހުރިހާ ފަރާތްތަކާއި، ލޮބުވެތި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އަޅުގަނޑު މިރޭ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަން.

މާތްﷲ އަޅުގަނޑުމެންނަކީ ޤައުމިއްޔަތުގެ ރޫޙު ދިރުވައި، އަދި އެ ރޫޙު ދަމަހައްޓައި އާލާކުރާ ބަޔަކު ކަމުގައި ލައްވާށި! މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ހިފަހައްޓައި އަދި އެ ދީން އިތުރަށް ކުރިއަރުވަން މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާށި! ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާ އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި ބަރަކާތާއި ތައުފީޤު މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه