1. ދިވެހިބަހާއި އަދަބާއި، ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާތަކާއި ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
2. ދިވެހިބަހާއި އަދަބާއި، ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާތަކާއި ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހަދައި ހިންގުން.
3. ދިވެހިރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައަޅައި ހިންގުން.
4. ދިވެހިބަހާއި އަދަބާއި، ތާރީޚާއި، ސަޤާފީ ތަރިކައާއި، އާދަކާދައާއި ފަންނުވެރިކަން ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނޭ މަގުތައް ފަހިކޮށްދިނުން.
5. ދިވެހިބަހާއި އަދަބާއި ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާދަތަކާއި ފަންނުވެރިކަމާއި ފޮތްތެރިކަމުގެ ޢިލްމު ފެތުރުން.
6. ޢިލްމީ ގޮތުން ހޭލުންތެރި ފޮތްތެރި މުޖުތަމަޢެއް ބިނާކުރުން.
7. ދިވެހިބަހާއި އަދަބާއި، ދިވެހި ފަންނުވެރިކަމާއި، މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްޤީކުރުން.
8. ދިވެހިބަހާއި، އަދަބާއި، ތާރީޚާ ސަޤާފީ ތަރިކައާއި، އާދަކާދައައި ފަންނުވެރިކަން ފަދަ ދާއިރާއިން އެކި ފަރާތްތަކުން އުފައްދާ ފިކުރީ އުފެއްދުންތަކާއި ފަންނުވެރި އުފެއްދުންތައް އާންމުކުރުމުގެ ކުރިން ގިންތިކޮށް ތަސްނީފުކުރުމުގެ މިންގަނޑުތައް އެކުލަވައި ތަންފީޒުކުރުން.
9. ރާއްޖެއަށް އެތެރެކުރުން މަނާ ފިކުރީ އުފެއްދުންތަކާއި ފަންނުވެރި އުފެއްދުންތައް ކަނޑައެޅުމުގެ މިންގަނޑުތައް އެކުލަވައި ތަންފީޒުކުރާނޭ އޮނިގަނޑެއް ގާއިމުކުރުން.
10. ދިވެހިބަހާއި ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާދަތަކާއި ފަންނުތަކާއި ފަންނީ ޢިލްމީ އުފެއްދުންތަކާއި މަސައްކަތްތެރިކަން ތަރައްގީކޮށް ކުރިއެރުވުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން މާލީ އެހީއާއި ފަންނީ ހޯދުން.
11. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
12. ރާއްޖެއިން ބޭރުގައި އޮންނަ ބައްދަލުވުންތަކާއި، އެއްވުންތަކާއި، ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ދައުލަތުގެ އިސްވެރިން ދިވެހިބަހުން ނޫން ބަހަކުން ދޭ ތަޤުރީރުތަކުގެ ތެރެއިން ދިވެހީންގެ ޢާންމު މަޞްލަޙަތާގުޅޭ ތަޤުރީރުތައް، ދިވެހިބަހުން ތަރުޖަމާކޮށް، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި ނުވަތަ ޤައުމީ ކުތުބާޚާނާގައި ރައްކާކުރުމަށްޓަކައި އެތަނަކާ ޙަވާލުކުރުން.
13. ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށްޓަކައި ލިޔެބަލަހައްޓަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
14. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުންނެވެ.
1. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
o ޤައުމީ ދާރުލް އާސާރު
2. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
o ނޭޝަނަލް އާޓް ގެލެރީ
3. ޤައުމީ ކުތުބުޚާނާ
4. ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން
5. ދިވެހިބަހުގެ އެކެޑަމީ
6. ޤައުމީ އަރުޝީފު
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތައް
ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ 15 ވަނަ މާއްދާއިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ.
1. ސަގާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަނޑައަޅައި ޢާންމުކުރުން.
2. ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުން.
3. ޤައުމީ ތަރިކައިގެ ޙާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކަށް އިރުޝާދު ދިނުން.
4. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަފިލުވައި، އެފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ޤާއިމުކުރުން.
5. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެނޫންވެސް ކަމާބެހޭ އިދާރާތަކަށް ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިރުޝާދު ދިނުން.
6. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުން.
7. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތައް ތަންފީޛުކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާދިނުން.
8. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރކުރުން.
9. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޛުކުރުން.
10. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
11. ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބެލުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން.
12. ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެމަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުން.
13. ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްކުރެވޭ މަޢުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން.
14. ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން.
15. މަރުކަޒުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކިއެކި ކޮމިޓީތައް ހެދުން.
16. ދިވެހިރާއްޖޭގެ ތަރިކައާ ގުޅޭގޮތުންނާއި ދިވެހިންގެ އާދަކާދައާ ގުޅޭގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މަޢުލޫމާތު ޢާންމުކުރުން.
17. ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން.
18. ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ކަންކަމުގައި ޢާންމުންގެ މަޝްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ހިންގުން.
19. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަޙައްދުތައް ޢާންމުންނަށް ހުޅުވާލުމާ ގުޅޭ ކަންކަން ހަމަޖެއްސުން.
20. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
ޤައުމީ ދާރުލްއާސާރުގެ މަސައްކަތްތައް
1. ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރި ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ހަދައި އެ ކެޓަލޮގް ބެލެހެއްޓުން.
2. އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ގުދަންކޮށްފައި ހުރި ތަކެތި ބެހެއްޓިފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތައްތޯ ކަށަވަރުކުރުން.
3. ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، ހުރި ތަކެތީގެ ފޮޓޯނަގައި، ގިނަދުވަހު ހުންނާނޭހެން ފަރުވާދިނުމާއި އެތަކެއްޗަށް ގެއްލުން ނުވާނޭ ގޮތަށް ބެލެހެއްޓުން.
4. ދާރުލްއާސާރުގެ ޑިސްޕްލޭގައި ހިމެނޭ ތަކެއްޗާއިބެހޭ މަޢުލޫމާތު އާންމުކުރުން.
5. ދާއިމީ އެގްޒިބިޝަންތަކާއި ޚާއްޞަ އެގްޒިބިޝަންތަކާބެހޭ އިންޓަރޕްރިޓޭޝަން ތައްޔާރުކޮށް މަޢުލޫމާތު ދިނުމާއި، ލުއިފޮތާއި ބްރޯޝާ ފަދަ ތަކެތި ތައްޔާރުކުރުމާއި، އެތަކެތި ޢާންމުކޮށް ހިލޭ ނުވަތަ ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
6. އަމިއްލަފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގުކޮށް ފޮޓޯނަގާ ޑޭޓާބޭސްއެއް ގާއިމްކޮށްގެން ބަލަހައްޓާނެގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
7. އާސާރީ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި ތަކެތީގެ މަޢުލޫމާތު މުއްސަނދި ކުރުމަށް މަޢުލޫމާތު ހުރި ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކޮށް، ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
8. ސަރަހައްދީ ދާރުލްއާސާރުތައް ބެލެހެއްޓުން.
9. އަމިއްލަފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗާއިބެހޭ ދިރާސާތައް ކުރާނެގޮތާއި މަޢުލޫމާތު މުއްސަނދިކުރުމަށް މަސައްކަތް ކުރާނެގޮތާއި މަޢުލޫމާތު ދޭނެގޮތާއި ބެހޭގޮތުން އިރުޝާދު ދީ އެހީތެރިވެދިނުން.
10. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗަށް ގިނަދުވަހު ދެމިހުންނާނެގޮތަށް ފަރުވާދީ ބަލަހައްޓާނެގޮތާއި ފަރުވާދިނުމުގެ ކުރިންނާއި ފަހުން ފުރިހަމަކުރަންޖެހޭނެ ކަންކަމާއިބެހޭގޮތުން އިރުޝާދުދީ އެހީތެރިވެދިނުން.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މަސައްކަތްތައް
1. އާޓިސްޓިކް ފަންނުތަކަށް ޝައުޤުވެރިވާ ހުރިހާ ދިވެހީންނަށާއި، ސްކޫލް ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
2. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމްޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.
3. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.
4. ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ޤާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.
5. ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނޭ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.
6. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.
7. ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުން.
8. ރާއްޖޭގެ ފަންނުވެރީންގެ ދަފްތަރެއް އެކުލަވައިލައި ބެލެހެއްޓުން.
9. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ސަޤާފީ ކުޅިވަރުތަކާބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، މި މަޢުލޫމާތު ފަސޭހަކަމާ އެކު ޢާންމުނަށް ލިބޭނޭ މަގުފަހިކޮށްދިނުން.
10. އެކި މުނާސަބަތުތަކާގުޅިގެން ސަރުކާރުން އިންތިޒާމުކުރާ ޙަފްލާތަކަށް ބޭނުންވާ މިޔުޒިކު އޮންސާމްބަލްތައް ރަނގަޅު ފެންވަރެއްގައި ރާވައި ހިންގުން.
11. ރާއްޖޭގެ ސްކޫލް ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް އާލާކުރުމުގެގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް ސްކޫލް މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން.
12. ރާއްޖޭގައި ފަންނުވެރީންނަށް ފަންނީ އުފެއްދުންތައް އިޝްތިހާރުކޮށް އާންމުންގެ ޝައުޤުވެރިކަން ހޯދޭނެ މަގުފަހިކޮށްދިނުން.
13. ރާއްޖޭގެ ފަންނުވެރީންގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުން.
14. ސަރުކާރުގެ ސިނަމާތަކާއި، މުނިފޫހިފިލުވުމާބެހޭ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.
ނޭޝަނަލް އާޓް ގެލެރީގެ މަސައްކަތްތައް
1. ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މައުރަޒުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިންބޭރުގެ އެކިއެކި މައުރަޒުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން.
2. ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މަޢުލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެގޮތް ހަމަޖެއްސުން.
3. ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
4. ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެތި ޢާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
5. ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ސަޤާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެއްޗާބެހޭ މަޢުލޫމާތު ދީ، އެތަކެތި ޢާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
6. ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް" ތައް ރާވައި ހިންގުން.
7. ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން" ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން.
8. ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެކަންތައްތައް ކުރިއަށް ގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.
9. ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
10. ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުން.
ޤައުމީ ކުތުބުޚާނާގެ މަސައްކަތްތައް
1. ތަފާތު ފަންނުތަކުގެ ޢިލްމީ ފޮތްތަކާއި، އަދި މިނޫންވެސް މަޢުލޫމާތު ލިބޭނެ ތަކެތި އެއްކޮށް، ޢާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުޤުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ މަޢުލޫމާތު ހޯދައިދީ، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
2. ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު)ގެ ދަށުން ހަދާފައިވާ ގަވާއިދުގައި ހިމެނޭ އެންމެހާ ތަކެތި އެއްކޮށް، އެތަކެތީގެ އަސްލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި ތާރީޚަށްޓަކައި މުސްތަޤުބަލަށް ދެމެހެއްޓުމާއި، ޢާންމު ފައިދާއަށް އެތަކެތި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
3. ދިވެހިރާއްޖޭގައި ޝާއިޢުކުރާ ހުރިހާ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެއްޗާއި ރާއްޖޭން ބޭރުގައި ދިވެހިން ޝާއިޢުކޮށްގެން ނެރޭ ރާއްޖެއާބެހޭ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެތި އެއްކޮށް އެތަކެތީގެ އަސްލުތައް ރައްކާތެރިކޮށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
4. ނޭޝަނަލް ބިބިލިއޮގްރަފީ އެކުލަވައިލައި ޝާއިޢުކުރުން.
5. ސަރުކާރާއި ޢާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ޕަބްލިކް ލައިބްރަރީތައް ހިންގާނެ ގަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ޕަބްލިކް ލައިބްރަރީތައް ރަޖިސްޓަރީކުރުން.
6. ސަރުކާރާއި ޢާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާ މަޝްވަރާދިނުމާއި، އެތަންތަން ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެތަންތަނުގެ މުވައްޒަފުން ލައިބްރަރީ ފަންނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ދިނުން.
ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ މަސައްކަތްތައް
1. ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ކްލެސިފައިކުރުމާއި، ފާސްކުރުމާއި، އާންމުކުރުމުގެ ހުއްދަ ދިނުން.
2. ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ އަދަބީ އުފެއްދުންތައް ފާސްކުރުމާއި، އާންމުކުރުމުގެ ކުރިން ކްލެސިފައިކޮށް، އާންމުކުރުމުގެ ހުއްދަ ދިނުމާގުޅޭ ކަންކަން ކުރުން.
3. ރާއްޖެއަށް އެތެރެކުރެވޭ ފަންނީ އުފެއްދުންތަކުގެ ތެރެއިން، ރާއްޖޭއަށް އެތެރެކުރުން މަނާ ފަންނީ އުފެއްދުންތައް ކަނޑައެޅުމާއި ހިފެހެއްޓުން.
4. ދިވެހިރާއްޖޭގައި ޢަމަލުކުރާ ކްލެސިފިކޭޝަން މިންގަނޑު ކަނޑައެޅުމާއި، ކްލެސިފިކޭޝަނާބެހޭ އުސޫލުތައް އެކަށައަޅައި އާންމުކުރުން.
5. ރާއްޖޭގައި ރީ-ބްރޯޑްކާސްޓްކުރާ ޗެނަލްތައް ކްލެސިފައިކުރުން.
6. ރާއްޖޭގެ ނޭޝަނަލް އައި.އެސް.ބީ.އެން. އެޖެންސީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
7. ކްލެސިފައިކުރެވޭ ފަންނީ އުފެއްދުންތަކުގެ ދަފްތަރާއި، ފާސްކުރެވޭ ފަންނީ އުފެއްދުންތަކުގެ ދަފްތަރު ގަވާއިދުން ބެލެހެއްޓުން.
8. އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފްތަރު ގަވާއިދުން ބެލެހެއްޓުން.
9. ކްލެސިފައިކޮށް ރާއްޖޭގައި އާންމުކުރުމުގެ ހުއްދަދެވޭ، ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން.
10. ފާސްކުރުމާއި ކްލެސިފައިކުރުމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޢަމަލުކުރަމުންދާ މިންވަރު ބެލުން.
11. ފަންނީ އުފެއްދުންތައް ކްލެސިފައިކުރުމުގެ މަސައްކަތް ތަރައްޤީކޮށް ހަރުދަނާކުރުން.
12. ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކްލެސިފިކޭޝަން އުޞޫލުތައް ކަނޑައެޅުމުގައި ފަންނީ ލަފާދިނުން.
13. ފަންނީ އުފެއްދުންތަކާއި އަދަބީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި، އެ އުފެއްދުންތައް އާންމުކުރާ ފަރާތްތައް ބިއުރޯގެ މަސައްކަތްތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުމާއި، ބިއުރޯގެ މަސައްކަތްތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުން.
ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތައް
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ 15 ވަނަ މާއްދާއިން ދިވެހިބަހުގެ އެކެޑަމީއަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.
1. ދިވެހިބަސް ޙިމާޔަތްކޮށް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުން.
2. ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢުލީމާއި، އެހެނިހެން ޢާންމު މުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި ދިވެހިބަސް ފެތުރުން.
3. ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅައި ބަހުގެ ގަވާއިދު އެކުލަވާލައި މިކަންކަން ޢާންމުކޮށް ފެތުރުން.
4. ދިވެހިބަހުގެ ގަވާއިދާއި ބަސްބޭނުންކުރުމުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބަލައި، ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
5. ދިވެހިންގެ ސަޤާފަތާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ދިރުވައި އާލާ ކުރުން.
6. ދިވެހިބަހާއި، ތާރީޚާއި، ސަޤާފަތާއި، ތަރިކައާބެހޭ މަޢުލޫމާތު ޢާންމުކުރުމުގައި އެ މަޢުލޫމާތުގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
7. ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި، އަދަބިއްޔާތާއި، ސަޤާފަތާއި، ތަރިކައާބެހޭ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުން.
8. ދިވެހިބަސްފޮތްތައް އެކުލަވާލައި ޝާއިޢު ކުރަމުންގެންދިޔުން.
9. ދިވެހިބަހާއި، ތާރީޚާބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި، ފަރުމާކޮށް، ހިންގުން.
10. ދިވެހިބަހާއި، ތާރީޚާބެހޭ ޢިލްމީ ދިރާސާތަކާއި، ޢިލްމީ ޙަރަކާތްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން.
11. ދިވެހިބަހާއި، ތާރީޚާބެހޭ ފޮތާއި، މޮނޮގްރާފާއި، ރިޕޯޓުތަކާއި، މަޖައްލާތަކާއި، މިފަދަ އެންމެހައި ތަކެތި ޝާއިޢުކުރުމާއި، ދިވެހިބަހާއި، ތާރީޚާބެހޭ މަޢުލޫމާތު ގިންތިކޮށް، ތަރުތީބުކޮށް، ފަތުރާ މަރުކަޒެއްގެ ގޮތުގައި ޙަރަކާތްތެރިވުން.
12. ދިވެހިބަހާއި، ތާރީޚާބެހޭ ކުރު ކޯސްތަކާއި ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ހިންގުމާއި ހިންގުވުން.
13. ސެމިނަރތަކާއި، މައުރަޒުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރަންސްތައް އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ހިންގުވުން.
14. ދައުލަތާއި އެހެން ފަރާތްތަކުން އެކިއެކި އެހީތައް ލިބިގަތުމާއި، އެ ފައިސާ ތަނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންކުރުން.
15. ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، އެކެޑަމީން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.
ޤައުމީ އަރުޝީފުގެ މަސައްކަތްތައް
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.
1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
2. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރު ދިނުން.
3. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުންވެސް އެ ޤާނޫނުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ލިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުން.
4. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ބެހެއްޓިފައިވަނީ، ރިކޯޑާއި މަޢުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ސިޔާސަތެއްގެ ދަށުން (ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބިނާކޮށް)، ކަނޑައެޅިފައިވާ މިންގަނޑަށް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ތަންދޭ، އެންމެ ޒަމާނީ ގޮތަށާއި ފެންވަރުގައިތޯ ބެލުން.
5. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
6. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެއްޗާމެދު ރައްޔިތުން ޝައުގުވެރިކުރުވުން.
7. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި އެންމެ އެދެވޭ ގޮތެއްގައި ރައްކާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން.
8. ޤާނޫނުގައިވާ ގޮތުގެ މަތިން ޤައުމީ އަރުޝީފުގައި ރައްކާކުރެވޭ ތަކެތީގެ ފިކުރީ މުދަލުގެ މިލްކުވެރިކަން ހޯދުން.
9. ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ އިތުރު ކޮޕީއެއްހެދުން.
10. ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ޝާޢިއުކުރުން.
11. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތައް ޤައުމީ އަރުޝީފާ ހަވާލުކުރެވެންދެން ބަލަހައްޓަންވާ ގޮތް އެ މުއައްސަސާއަކަށް އެންގުން.
12. ޤައުމީ އަރުޝީފުގައި ބަހައްޓާތަކެތީގެ އިންޑެކްސާއި ފަސޭހަކަމާއެކު އެފަދަ ތަކެތި ބޭނުންކުރެވޭނެ ގޮތުގެ އަތްމަތީ ފޮތްތަކާއި، ލީފްލެޓާއި ގައިޑު ފަދަ ތަކެތި ޝާއިޢުކުރުން.
13. ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކުގެ ތެރެއިން ނައްތާލަންޖެހޭ ރިކޯޑުތަކާއި އެ ރިކޯޑުތައް ނައްތާލަންޖެހޭ ގޮތް ކަނޑައެޅުން.
14. ދައުލަތުގެ މުއައްސަސާތަކުގައި ލިޔެކިޔުންތަކާއި ރިކޯޑު ފަދަ ތަކެތި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.
15. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް ހޯދައި ބެލެހެއްޓުން.
16. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
17. މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ މަޤްޞަދާއި ޤައުމީ އަރުޝީފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.