1. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ހިމާޔަތްކުރުން. އަދި އެ ފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާ ނަމަ، އެ ކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2. ދިވެހިރާއްޖޭގެ ދިފާޢީ އަދި ޤައުމީ ސަލާމަތާ ބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލަފާދީ، އެހީތެރިވުން.
3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުން. އަދި މި ކަންކަމާ ބެހޭ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ސަރުކާރަށް އެހީތެރިވުން.
4. ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދާއި އެ ސަރަހައްދުގައިވާ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުން. އަދި ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަން ނުވަތަ އެ ނޫން ވެސް، ރާއްޖޭގެ ޤާނޫނާއި ޚިލާފުކަމެއް ކުރާކަން އެނގިއްޖެ ނަމަ، އެ ކަމެއް ބަލައި އެ ކަމެއް މަނާކޮށް، އެ ކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
5. ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދާއި އަދި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފި ނަމަ، އެ ކަމެއް ބަލައި، އެ ކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
6. ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން.
7. އަލިފާނުގެ ނުރައްކަލުން ރައްޔިތުންނާއި އެ މީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
8. ރާއްޖެއަށް ދިމާވާ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި، އެ ނޫން ވެސް، ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެ ފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެ ކަން އާންމު ހާލަތަކަށް ގެނައުމުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން.
9. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތާއި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާ ބެހޭ މައުލޫމާތު އެއްކޮށް ދިރާސާކޮށް،
އެ ކަންކަމާ ބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
10. ޤައުމީ މަސްލަހަތާއި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވުން.
11. ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން.
12. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައާއި އެ ދާއިރާތަކުން ކަނޑައަޅައިފައިވާ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުން.
13. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަމާގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުން.
14. ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މި ފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
15. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބަލަހައްޓާ އިދާރާތަކަށް ބޭނުންވާ ޖާގައާއި ސަޕޯޓް ފެސިލިޓީތަކާއި އާލާތްތަކާއި ވަސީލަތްތައް ލިބިފައިވާކަން ކަށަވަރުކުރުން.
16. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ މައުލޫމާތު ދިވެހިރާއްޖޭގެ އިންޓެލިޖެންސް އިދާރާތަކުންނާއި ބައިނަލްއަގުވާމީ އިދާރާތަކުން ލިބިގަތުމާއި، އެ ފަދަ މައުލޫމާތު އެއްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ މައުލޫމާތު ދިރާސާކުރުމާއި، އެ ފަދަ ދިރާސާތަކުގެ ނަތީޖާއާއި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭ ނުރައްކާތަކާ ބެހޭ މައުލޫމާތު، ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން.
17. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކަށް ކުރިމަތިވާ ނުރައްކާތައް ވަޒަންކޮށް، އެ ދަނޑިވަޅަކަށް އެކަށޭނަ ތްރެޓް ލެވެލް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކަށް އެންގުން.
18. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމަށް ޓަކައި އިންސްޕެކްޝަންތަކާއި އޮޑިޓްތައް ހެދުމާއި، މި އިންސްޕެކްޝަންތަކާއި އޮޑިޓްތަކުން އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން އިޞްލާޙުކުރުމަށް އެންގުމާއި، އެ ކަންކަން ފުރިހަމަކުރާ މިންވަރު ބެލުން.
19. ޤާނޫނާ ޚިލާފަށް ހިންގޭ ޢަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިފާނެ ބުރުލަކުން އެ ސިނާއަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޓަކައި ޢަމަލުކުރާނެ ސަލާމަތްތެރިކަމާ ގުޅުންހުރި ޤައުމީ މިންގަނޑުތަކާއި ޕުރޮގުރާމުތައް (ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP) ހިމެނޭ ގޮތުން) ކަނޑައަޅައި، މި ކަންކަމާ ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތަކާއި ޕުރޮގުރާމުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރުކުރުން.
20. އޭވިއޭޝަން ސެކިއުރިޓީއާގުޅޭ ޚިދުމަތް ދޭ ފަރާތްތަކަށް ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް، އަންގަންޖެހޭ އެންގުންތައް އެންގުން.
21. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާ ގުޅުންހުރި ކަންކަން ވިލަރެސް ކުރުން.
22. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި މަސްއޫލުވާ އެންމެހައި ފަރާތްތަކުގެ ސެކިއުރިޓީ ޕުރޮގުރާމުތަކާއި ސެކިއުރިޓީ ޕްލޭންތައް ވަޒަންކުރުމާއި، އެ ޕުރޮގުރާމުތަކާއި ޕްލޭންތަކަށް ހުއްދަ ދިނުން.
23. ދިވެހިރާއްޖޭގައި މަދަނީ ވައިގެ ބަނދަރުތައް ގާއިމުކުރުމާއި، އެ ތަންތަން އޮޕަރޭޓްކުރުމާއި، އެ ތަންތަނުން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ނޭޝަނަލް ސިވިލް އެވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP) ގެ ދަށުން ދޭންޖެހޭ ހުއްދަތައް ދިނުން.
24. އެއަރޕޯޓް އޮޕަރޭޓަރ ސެޓިފިކެޓް ހޯދުމަށާއި އެ ސެޓްފިކެޓް އައުކުރުމުގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާގުޅޭ ގޮތުން ބޭނުންވާ ހުއްދަތައް ދޫކުރުން.
25. ވައިގެ މަގުން ހަތިޔާރު އުފުލުމަށް އެއަރލައިންތަކުގެ ސެކިއުރިޓީ ޕުރޮގުރާމުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީން ދޭންޖެހޭ ހުއްދަ ދިނުމާއި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުން.
26. "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން"ގެ "ސޭފްގާރޑިންގ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އެގެއިންސްޓް އެކްޓްސް އޮފް އަންލޯފުލް އިންޓަފިއަރެންސް" އާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާ ގުޅުންހުރި، ދިވެހި ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމާއި އެ ކަންކަމާގުޅޭ ނިޒާމުތައް ގާއިމުކޮށް ހިންގައި ބެލެހެއްޓުމާއި، އެ ކަންކަމުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
27. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ހިނގާ ސަލާމަތްތެރިކަމާގުޅޭ ހާދިސާތައް (ސެކިއުރިޓީ ބްރީޗް އިންސިޑެންޓް) ތަޙުޤީޤުކުރުމާއި، އެ ފަދަ ކަންކަމާ ބެހޭ ރަސްމީ ރިޕޯޓުތައް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން.
28. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާ ބެހޭ ގޮތުން ފާހަގަކުރެވޭ ކަންކަން ހުށަހަޅާނެ ކޮންފިޑެންޝަލް ރިޕޯޓިންގ ސިސްޓަމެއް ގާއިމުކުރުން.
29. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާގުޅޭ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުނުކުރާ އަދި އެއްބަސްވެފައިވާ ކަރެކްޓިވް އެކްޝަން ޕްލޭންއާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާމެދު ނޭޝަނަލް ކޮލިޓީ ކޮންޓްރޯލް ޕުރޮގުރާމުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުއެޅުން.
30. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައާއި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގައި ބޭނުންކުރާ ސެކިއުރިޓީ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެ އިކުއިޕްމަންޓްތައް ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ބޭނުންކުރުމުގެ ހުއްދަ ދިނުން.
31. އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ޤައުމުތަކުގެ އެޕްރޮޕްރިއޭޓް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ އިދާރާތަކުން ރާއްޖޭގައި ހިންގާ ސެކިއުރިޓީ އޯޑިޓުތަކުގެ އެންމެހައި ކަންކަން ވިލަރެސްކުރުން.
32. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މަދަނީ އެއަރލައިންތަކުން ދަތުރުކުރާ ގައުމީ އަދި ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގައި ޢަމަލުކުރަމުންދަނީ އެއަރލައިންތަކުގެ އެއަރލައިން އޮޕަރޭޓަރ ސެކިއުރިޓީ ޕުރޮގުރާމާ އެއްގޮތަށްތޯ ބެލުމަށް އިސްޕެކްޝަންތަކާއި ކޮލިޓީ ކޮންޓްރޯލް ހަރަކާތްތައް ރާވައި ހިންގުމާއި، ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގައި އެ ޤައުމުތަކުގެ އެޕްރޮޕްރިއޭޓް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ އިދާރާތަކުން ހިންގާ އިސްޕެކްޝަންތައް ވިލަރެސްކުރުން.
33. އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP)އާއި ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރޭނިންގ ޕްރޮގްރާމްއާއި ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ކޮލިޓީ ކޮންޓްރޯލް ޕްރޮގްރާމް ތައްޔާރުކުރުމާއި، އެ ޕުރޮގުރާމުތައް މުރާޖައާކޮށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، އެ ޕުރޮގުރާމުތައް ތަންފީޒުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގުން.
34. ދިވެހިރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދިނުމާއި، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީއާގުޅޭ ތަމްރީނު ޕުރޮގުރާމުތައް ހިންގުމުގެ ހުއްދަ ދިނުމާއި، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP) ރެގިއުލޭޓުކުރާ ފަރާތުގެ ހައިސިއްޔަތުން މިނިސްޓްރީން ހިންގަން ލާޒިމުކުރާ ތަމްރީނު ޕުރޮގުރާމުތައް ރާވައި ހިންގުން.
35. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން އިތުރުކުރުމަށާއި އެ ކަމަށް ކަނޑައަޅައިފައިވާ މިންގަނޑުތައް ތަންފީޒުކުރުމުގައި ޤައުމުތަކަށް އެހީތެރިވެދިނުމާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާގުޅޭ ފަންނީ މައުލޫމާތު ބަދަލުކުރުމަށް އުފައްދައިފައިވާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމާޢަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
36. ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމާތްތެރިކަމާގުޅޭ ގޮތުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާ ބެހޭ އެންމެހައި ފަރާތްތަކުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުން.
37. "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯރ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ – ޗެޕްޓަރ 2-11 (ސްޕެޝަލް މެޝަރސް ޓު އެންހޭންސް މެރިޓައިމް ސެކިއުރިޓީ)" އާއި އެ ކޮންވެންޝަންގެ ދަށުން އެކުލަވައިލައިފައިވާ "އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑް" (އައި.އެސް.ޕީ.އެސް. ކޯޑް) ހިމެނޭހެން ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާގުޅޭ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމާއި، ރާއްޖެއިން ބައިވެރިވެފައިވާ
އެ ފަދަ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާގުޅޭ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
38. "ކޮންވެންޝަން ފޯރ ދަ ސަޕްރެޝަން އޮފް އަންލޯފުލް އެކްޓްސް އެގެއިންސްޓް ސޭފްޓީ އޮފް މެރިޓައިމް ނެވިގޭޝަން" އާއި "ޖިބޫތީ ކޯޑް އޮފް ކޮންޑަކްޓް ކޮންސާރނިން ދަ ރިޕްރެޝަން އޮފް ޕައިރެސީ އެންޑް އާމްޑް ރޮބަރީ އެގެއިންސްޓް ޝިޕްސް" ހިމެނޭހެން ކަނޑު ދަތުރުފަތުރުގެ ސަލާމަތްތެރިކަމާގުޅޭ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމާއި، ރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި، ކަނޑު ދަތުރުފަތުރުގެ ސަލާމަތްތެރިކަމާގުޅޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
39. ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ތެރެއިން "ކެޕްޓަން އޮފް ދަ ޕޯޓް" އަދި "ޕޯޓް ފެސިލިޓީ ސެކިއުރިޓީ އޮފިސަރ" ހަމަޖައްސަންޖެހޭ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތައް ކަނޑައެޅުމާއި، އެ މަގާމުތަކަށް މީހުން ޢައްޔަންކުރުމުގެ ހުއްދަ ދިނުން.
40. ހާލަތަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ "ސެކިއުރިޓީ ލެވެލް" ކަނޑައެޅުން.
41. ޕޯޓް ސެކިއުރިޓީ ޓްރެއިނިންގ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، ޕޯޓް ސެކިއުރިޓީ ޚިދުމަތްދޭ ފަރާތްތައް ތަމްރީނުކުރުން.
42. ޕޯޓުތަކާއި ޕޯޓް ފެސިލިޓީތައް އޮޕަރޭޓުކުރުމުގެ ހުއްދަ ހޯދުމުގައާއި އައުކުރުމުގައި ޕޯޓުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަމާގުޅޭ ގޮތުން ބޭނުންވާ ހުއްދަތައް (ސެކިއުރިޓީ ކްލިއަރަންސް) ދޫކުރުން.
43. ނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެ ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
44. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާ ގުޅުންހުރި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
45. އެއަރ އެންބިއުލަންސާއި އެންބިއުލާންޗުގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި، އެއްތަނުން އަނެއްތަނަށް ވައިގެ މަގުންނާއި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
46. އެއަރ އެންބިއުލަންސާއި އެންބިއުލާންޗުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމާއި،
އެ އުޅަނދުފަހަރު ބަލަހައްޓައި މަރާމާތުކުރުމާއި، އެ އުޅަނދުފަހަރުގެ ރަޖިސްޓަރީއާއި، މި ނޫން ވެސް،
އެ އުޅަނދުފަހަރާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓުމާއި، އެ އުޅަނދުފަހަރަށް ބޭނުންވާނެ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމާއި، އެ އުޅަނދުފަހަރަށް ފަޅުވެރިން ހަމަޖެއްސުމާއި އެ ފަރާތްތަކަށް ތަމްރީނުދިނުން.
47. ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
48. ޤާނޫނު ނަންބަރު 2022/22 (ކެމިކަލް ހަތިޔާރު މަނާކުރުމުގެ ޤާނޫނު) ތަންފީޒުކުރުން.
49. މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ ގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
50. މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް މީހުން އެންރޯލްކުރުމާގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސަރވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންނާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން.
51. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުން.
52. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާ ގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން.
53. ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ޕުރޮގުރާމުތައް ހިންގުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ޕުރޮގުރާމުތަކުގެ ތެރެއިން އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދަންޖެހޭ ޕުރޮގުރާމުތައް ރާވައި ހިންގުމުގައި އެ މުއައްސަސާތަކާ ވިލަރެސްކުރުން.
54. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތަމްރީނު ފުރިހަމަކުރާ ފަރާތްތައް އެކްޓިވް ސަރވިސްގެ މުއްދަތުގައި ޚިދުމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ކަނޑައަޅާ ތަންތަނުގައި ޚިދުމަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
55. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންގެ ތެރެއިން އެކްޓިވް ސަރވިސްގެ މުއްދަތު ފުރިހަމަކުރާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއެކު ރިޒާރވް މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، ރިޒާރވް މެންބަރުންނާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.
56. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުން ޤައުމީ ޚިދުމަތަށް ނެރެންޖެހޭ ހާލަތްތަކުގައި
އެ މެންބަރުންނަށް ޤައުމީ ޚިދުމަތަށް ނުކުތުމަށް އެންގުމުގެ ނޯޓިސް ފޮނުވުމާއި، ޤައުމީ ޚިދުމަތުގައި ހޭދަކުރާ މުއްދަތުގައި އެ މެންބަރުންގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.
57. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނިޒާމު ހިންގުމަށް ބޭނުންވާ ބަޖެޓު އެކުލަވައިލުމާއި، އެ ނިޒާމު ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި، ނޭޝަނަލް ސަރވިސްގެ މެންބަރުންގެ އިނާޔަތްތަކާގުޅޭ ކަންކަން ބެލެހެއްޓުން.
58. މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނިޒާމު ކުރިޔަށްދާ ގޮތް ވަޒަންކުރުމާއި، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
59. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
60. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި މިނިސްޓްރީން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުން.
61. މިނިސްޓްރީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
62. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ދަށުންނެވެ.
(ހ) އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް
(ށ) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ
(ނ) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް
(ހ) އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތްތައް
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ޓަކައި އަންނަނިވި ކަންކަން ކުރުން:
1. މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކާއި ކަންކަން ދެނެގަނެ، އެ ފަދަ ހާލަތްތަކާއި ކަންކަމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅައި އެ ކަންކަން ހުއްޓުވުމުގެ ނިޒާމުތައް، ކަމާގުޅުން ހުރި ގަވާއިދުތަކާއި ޕުރޮގުރާމުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް، މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ގާއިމުކުރުން.
2. މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާގުޅޭ ގޮތުން މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއި، އެ ދާއިރާތަކުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި ޕުރޮގުރާމުތަކާއި އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން، ޕޯޓް އެންޑް އޭވިއޭޝަން ސެކިއުރިޓީ ސަރވިސް ޕްރޮވައިޑަރގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
3. މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ވައިގެ ބަނދަރުތަކުގެ އެންމެހައި ސަރަހައްދުތަކާއި، ވައިގެ ބަނދަރުތަކުގައި ހެދިފައިވާ ހާބަރުތަކާއި، ވަށައިގެންވާ ސަރަހައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުމާއި، ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
4. ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ކަނޑުގެ ބަނދަރުތަކުގެ ޕެރިމީޓަރ ސެކިއުރިޓީ ބެލެހެއްޓުމާއި، ބަނދަރުގެ ސަރަހައްދުގައި ފޯރިމަރައި ބެލެހެއްޓުން.
5. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރާއި،
އެ އުޅަނދުފަހަރުގައި އުފުލާ ކާގޯއާއި، އުޅަނދުތަކަށް އަރުވާ ބާލާ ޕްރޮވިޝަންސްއާއި އެހެނިހެން އެ ފަދަ ތަކެއްޗާއި، ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެ މީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
6. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބަލައި ފާސްކުރުން.
7. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާތަކަށް ވަދެނިކުމެވާ އެއްގަމު އުޅަނދުތަކަށް ހުއްދަދިނުމާއި އެ އުޅަނދުތައް ބަލައި ފާސްކުރުން.
8. ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ އާންމު ސަރަހައްދުތަކަށް ވަދެނުކުމެވާ އެއްގަމު އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކަށް އަންނަ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް ފިޔަވައި އެ ބަނދަރުތަކަށް ވަދެނިކުމެވާ ކަނޑުގެ އުޅަނދުފަހަރަށް ހުއްދަދިނުމާއި
އެ އުޅަނދުތައް ބަލައި ފާސްކުރުން.
9. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ސަރވައިލެންސް އަދި މޮނިޓަރިންގ (ސީ.ސީ.ޓީ.ވީ. ސިސްޓަމް ފަދަ) ނިޒާމުތަކާއި
އެ ނިޒާމުތަކާއި ގުޅުންހުރި އާލާތްތައް މެދުކެނޑުމެއްނެތި އޮޕަރޭޓްކޮށް މޮނިޓަރކުރުން.
10. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކުގައި ޢަމަލުކުރަން ކަނޑައަޅާ ގޮތްތައް، އެއަރޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކުގެ އިމަރޖެންސީ ރެސްޕޯންސް އަދި ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭންތަކުގައި ހިމެނުމަށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި، އެ ފަރާތްތަކާ ގުޅިގެން އިމަރޖެންސީ ރެސްޕޯންސް އަދި ސެކިއުރިޓީ ކޮންޓިންޖެންސީގެ ފަރިތަކުރުންތައް ބާއްވައި ތަންފީޒުކުރުން.
11. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެކަށޭނެ ޒަމާނީ ވަސީލަތްތަކާއި މެޝިނަރީއާއި އެހެނިހެން އާލާތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
12. މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާގުޅޭ ގަވާއިދުތަކާއި ޕުރޮގުރާމުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް، މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ސެކިއުރިޓީ ފާހުގެ ނިޒާމު ގާއިމުކޮށް، އެ ނިޒާމު ހިންގުން.
13. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ އޮޕަރޭޓަރުންނާ ގުޅިގެން،
އެ ތަންތަނުގެ "ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާ"ތައް ކަނޑައެޅުމާއި، އެ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުން.
14. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާ ގުޅުންހުރި މުހިންމު މައުލޫމާތު އެއްކޮށް، ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ އިދާރާތަކާ ހިއްސާކުރުން.
15. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުން.
16. ހުރިހައި ވަގުތެއްގައި ފަސޭހައިން ބޭނުންކުރެވޭނެ ޕްރައިމަރީ އަދި ބެކްއަޕް މުވާސަލާތީ ނިޒާމުތައް މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ގާއިމުކޮށް ބެލެހެއްޓުން.
17. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ޓެރަރިޒަމާއި ޣައިރު ޤާނޫނީ ޢަމަލުތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި އޭވިއޭޝަން ސެކިއުރިޓީއާއި ޕޯޓް ސެކިއުރިޓީގެ ދާއިރާއިން ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި، އެ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުން.
18. މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ތަޙުޤީޤުކުރުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
19. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަންފީޒުކުރުން.
20. ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ "ޝިޕް ސެކިއުރިޓީ އޮފިސަރުން"އާ ގުޅިގެން އެ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން.
21. ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ޕޯޓް ސެކިއުރިޓީ ކޮމިޓީތައް އެކުލަވައިލައި، އެ ކޮމިޓީތަކުގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެ ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
(ށ) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ މަސައްކަތްތައް
1. އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.
2. ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، ދިވެހިރާއްޖޭގެ މާޙައުލާގުޅޭ ގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމްގެ ފިޔަވަޅުތައް ބައްޓަންކުރުން.
3. ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މައުލޫމާތު އެނަލައިޒްކުރުމާއި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށް ކަމާ ބެހޭ މިނިސްޓަރު އެކުލަވައިލާ އޮނިގަނޑާ އެއްގޮތަށް ކަމާ ބެހޭ ދައުލަތުގެ އިދާރާތަކުގެ މެދުގައި އެ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގައި އެހީތެރިވެދީ، އެ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ވިލަރެސްކުރުން.
4. ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެ ފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެ ފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި ހިއްސާކުރުމުގެ މަސައްކަތް ފަހިކޮށްދިނުމާއި ވިލަރެސްކުރުން.
5. ޓެރަރިޒަމްގެ ޢަމަލު ހިންގާ ފަރާތްތަކާއި އެ ފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާ ބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތަކާއި މިންގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް އިރުޝާދުދިނުން.
6. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނައަޅައިފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މައުލޫމާތާއި ތަމްރީނުދީގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކުން ކުރާކަން ކަށަވަރުކުރުން.
7. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނައަޅައިފައިވާ ފަރާތްތަކުން ރާއްޖޭގެ ސުލްޙަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ކަމާ ބެހޭ ފަރާތަކުގެ މެދުގައި ހިއްސާކުރުމުގައި އެހީތެރިވެދިނުމާއި އެ ކަންކަން ވިލަރެސްކުރުން.
8. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ހާލަތްތަކާއި، އިޖުތިމާއީ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމާ ބެހޭ ދިރާސާތައް ހަދައި، މި ފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށް ޓަކައި އިޖުތިމާއީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.
9. ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި، އެ ފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށާއި، ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތަށް) ރިހެބިލިޓޭޝަން ޕްރޮގްރާތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގާކަން ކަށަވަރުކުރުން.
10. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށް ޓަކައި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.
11. ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.
12. ޤައުމީ ފެންވަރުގައި ކައުންޓަރ ޓެރަރިޒަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ޓެރަރިޒަމްގެ ހަމަލާތަކަށް ރެސްޕޮންޑް ކުރާނެގޮތުގެ ފަރިތަކުރުންތައް ބާއްވާކަން ކަށަވަރުކުރުން.
13. ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓްޖީތައް އެކުލަވައިލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ލަފަޔާއި، އިރުޝާދުދިނުން.
14. ކައުންޓަރ ޓެރަރިޒަމްގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އެ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން.
15. ދައުލަތުގެ އިދާރާތަކުން ޓެރަރިޒަމާގުޅޭ އިންޓެލިޖެންސްއާއި މައުލޫމާތު އެއްކުރުމުގައާއި ދައުލަތުގެ އިދާރާތަކުގެ މެދުގައި އެ އިންޓެލިޖެންސްއާއި މައުލޫމާތު ހިއްސާކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުން.
16. ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި،
އެ ފަދަ އޮޕަރޭޝަންތައް ހިނގަމުންދާއިރު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރަންވީ ގޮތްތަކާގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ލަފާދިނުން.
17. ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
18. ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ޓެރަރިޒަމާގުޅޭ ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.
19. ޓެރަރިޒަމުގެ ނުރައްކަލާބެހޭ ގޮތުންނާއި، ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކަށާއި، ސިނާއީ މަރުކަޒުތަކަށާއި، ޓޫރިސްޓް ރިސޯޓުތަކަށާއި، އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށާއި، އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން.
20. އެންޓި ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމާ ބެހޭ ކަންކަމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި،
އެ ފަރާތްތަކާއެކު މަސައްކަތްކުރުން.
21. ޓެރަރިޒަމާ ބެހޭ ޤާނޫނާއި، ޓެރަރިޒަމާ ގުޅުންހުރި ޤާނޫނުތައް ސަލާމަތީ ބާރުތަކުންނާއި އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުން ގެންދާގޮތް އޮޅުންފިލުވައި، ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަނެ،
އެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ހުށަހެޅުން.
(ނ) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްގެ މަސައްކަތްތައް
1. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، އެއާގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
2. މެރިން ސްޕޭޝަލް ޑޭޓާ އިންފްރާސްޓްރަކްޗަރ (އެމް.އެސް.ޑީ.އައި.) ގާއިމުކޮށް ބެލެހެއްޓުން.
3. ސަރުކާރުގެ އިދާރާތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މައުލޫމާތު ހޯދައި، އެ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
4. ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
5. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން.
6. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ފަދަ މައުލޫމާތު އާންމުކުރުން.
7. ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމުޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
8. ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދުމަށް މަސައްކަތްކުރުން.
9. ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
10. ހައިޑްރޯގްރަފީއާ ގުޅުންހުރި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.