1.       ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާބެހޭ ސިޔާސަތު ކަނޑައަޅައި ހިންގުން.

2.       ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާބެހޭ ރޮނގުތަކުންނާއި، ފެނާއި، ނަޖިހާއި، ނަރުދަމާއާއި، މީޓިއޮރޮލޮޖީއާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގުން.

3.       ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ރާއްޖޭގައި ހަކަތައާއި، ފެނާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން.

4.       ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާބެހޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

5.       ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީގެ މަސައްކަތްތައް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.

6.       މިނިސްޓްރީގެ މަސައްކަތު ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އަދި އެފަދަ މުޢާހަދާތަކުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް  ކުރުން.

7.       ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުމާއި، މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން، ކަންތައްތައް ރާވައި ހިންގުން.

8.       މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން.

9.       ދިވެހިރާއްޖޭގެ ތަރައްޤީ ބައްޓަންކުރުމުގައި، ޤުދުރަތީ މާޙައުލު، ތަރައްޤީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން.

10.   މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

11.   މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫޢުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދުން.

12.   މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތައް ވިލަރެސްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

13.   ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލައި، އެ ސްޓްރެޓެޖީތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.

14.   ޤާނޫނު ނަންބަރު 78/77 (ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު) ތަންފީޒުކުރުން.

15.   ހަކަތައިގެ ދާއިރާ ރާވައި ހިންގައި، ހަކަތަ އުފައްދައި، ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައާއި، ފަންނީ އަދި އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

16.   އިއާދަކުރަނިވި ހަކަތަ އުފައްދައިދޭ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

17.   ރާއްޖޭގައި ފެން އުފެއްދުމާއި، ބޭނުންކުރުމާއި، އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، މިކަންކަމާބެހޭ އުސޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުން.

18.   ޢާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށް މަގު ތަނަވަސްކޮށްދިނުން.

19.   ރާއްޖޭގެ ރަށްރަށުގެ މީރު ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

20.   ރާއްޖޭގެ ރައްޔިތުންނަށް، ސާފުތާހިރު އަދި ރައްކާތެރި ފެން ލިބިދިނުމަށްޓަކައި، ފެނުގެ ނިޒާމް ފަރުމާކޮށް ޤާއިމުކުރުމާއި، ރަށްރަށުގައި ފެން ރައްކާކުރުމުގެ ވަސީލަތްތައް އިތުރުކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމާގުޅޭ އެންމެހައި ކަންކަން ކުރުމަށް  ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

21.   ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، މި ނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުން.

22.   ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ އިންތިޒާމުތައް ރޭވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ޤާއިމުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

23.   ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ޚިދުމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިޤްތިޞާދީ ގޮތުން ނިންމުންތައް ނިންމުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

24.   ފެނާއި ނަރުދަމާގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، އެޚިދުމަތް ފުޅާކޮށް، އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި ޚިދުމަތް ދިނުމަށްޓަކައި، ވާދަވެރި މާޙައުލަކަށް ދާއިރާ ހުޅުވާލުމާއި ބެހޭ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.

25.   ރާއްޖެއަށް އެކަށީގެންވާ، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް އެކަށައަޅައި، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

26.   އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަޞީލަތްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ޤާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

27.   ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު( ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.

28.   ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ޙިމާޔަތްކުރާ ތަންތަނާއި ސަރަޙައްދުތައް ކަނޑައެޅުމުގެ މިންގަނޑުތައް ހެދުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.

29.   ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާއިދުތައް ހަދައި، ހިންގުން.

30.   ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރީން ސްޓްރަކްޗަރތައް ޤާއިމުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.

31.   ދަތުރުފަތުރުގެ ދާއިރާއިން ތިމާވެށްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެމެހެއްޓެނިވިގޮތެއްގައި ހިންގައި ބެލެހެއްޓުމާއި، މިކަމާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

32.   ތިމާވެށްޓަށް ރައްކާތެރި ގޮތެއްގެ މަތިން ރާއްޖޭގައި ކުނި މެނޭޖްކުރުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.

33.   ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމުގެ ނިޒާމެއް ޤާއިމުކުރުން.

34.   ޢާންމުކޮށް ބޭނުންކުރާ ފެނުގެ ޚިދުމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ޚިދުމަތް ވިޔަފާރި އުސޫލުން ދިނުމަށްއެދޭ ފަރާތްތަކުން، އެ ޚިދުމަތްތަކަށް އަގުނެގުމަށް ބޭނުންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.

35.   ސަރުކާރުގެ ހަކަތައާބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ދާއިރާ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.

36.   ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމާބެހޭ ގަވާއިދުތަކާއި، ރެގިއުލޭޓަރީ ކޯޑަކާއި، ސްޓޭންޑަރޑްތައް ހެދުން.

37.   ޤާނޫނު ނަންބަރު 96/4 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.

38.   މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

39.   މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށުންނެވެ.

1.      މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

2.      އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ

3.      މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

4.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

1.       ދިވެހިރާއްޖޭގައި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.

2.       ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ، މޫސުމާބެހޭ މަޢުލޫމާތު ބަލަހައްޓައި، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމްކޮށް، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

3.       މީޓިއޮރޮލޮޖީއާބެހޭ ސައިންޓިފިކް މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުން.

4.       މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ، ސުނާމީ ފަދަ ޤުދުރަތީ ކާރިސާތަކާގުޅޭ އިންޒާރު ލިބޭނެ ގޮތްތައް ހޯދައި، އެފަދަ އިންޒާރު ދިނުން.

5.       ޤުދުރަތީގޮތުންނާއި އެނޫންވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ ހާދިސާތަކުގެ ގެއްލުންތައް ލަފާކުރުމާއި، އެފަދަ ހާދިސާތަކުގެ މަޢުލޫމާތު ހޯދުމާއި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތަށް އެ މަޢުލޫމާތު  ފޯރުވައިދިނުމާއި އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން.

6.       ދިވެހިރާއްޖެއަށް އަންނަ ބިންހެލުމާއި، ސުނާމީ ފަދަ ޤުދުރަތީ ކާރިސާތަކާގުޅޭ މަޢުލޫމާތު ރިކޯޑްކޮށް ބެލެހެއްޓުން.

7.       ދިވެހިރާއްޖޭގެ ފިޒިކަލް އޯޝޮނޮގްރަފީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން.

 

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިޔުލޭޓަރީ އިދާރާއެކެވެ. މި އޭޖެންސީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1.       ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު( ގެ ދަށުން ހިމާޔަތް ކުރަންޖެހޭ ތަންތަނާއި، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން ހިމާޔަތް ކުރަންޖެހޭ ތަކެތި ކަނޑައަޅައި، އެތަންތަނާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ރާވައި އިންތިޒާމްކުރުން.

2.       ރާއްޖޭގެ ތިމާވެށްޓަށް، ފާހަގަކުރެވޭފަދަ ބަދަލެއް، އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެހެއްޓުން.

3.       ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން.

4.       ކުނިބުނި ނައްތާލުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ޢަމަލުކުރަމުން ގެންދޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5.       ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާބެހޭ ކަންތައްތައް ހިންގުން.

6.       ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން. އަދި ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން.

7.       ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށާއި، ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުން ދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8.       ރާއްޖޭގައި ނަޖިހާއި ނަޖިސްފެން ނައްތާލުމާބެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކަށް ފެނުގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން.

9.       ޢާންމުކޮށް ބޭނުންކުރާ ފެނުގެ ޚިދުމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ޚިދުމަތް ވިޔަފާރި އުސޫލުން ދިނުމަށް އެދޭ ފަރާތްތަކުން، އެ ޚިދުމަތްތަކަށް އަގު ނެގުމުގެ ހުއްދަ ދިނުމާއި، އެފަދަ ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައި، ދެފަރާތުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

10.   އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތު ދާއިރާއާ ގުޅޭ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމްކޮށް، ބަލަހައްޓައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

11.   ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ މަޝްވަރާއާއި ލަފާދިނުން.

12.   ރާއްޖޭގެ ރަށްރަށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

13.   ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

14.   ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

15.   ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖްރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

16.   ރާއްޖޭގެ ތިމާވެށްޓާ ގުޅުންހުރި ބަޔޯޓެކްނޯލޮޖީއާއި ބަޔޯސޭފްޓީގެ ކަންތައްތަކާބެހޭ ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

17.   ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑިފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މިފަދަ މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

18.   ރާއްޖޭގައި ލިބެންހުރި ފެނުގެ ވަސީލަތްތަކާބެހޭ ސައިންޓިފިކް ދިރާސާތައްކޮށް ކަމާބެހޭ މަޢުލޫމާތު ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

19.   ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެށްޓާބެހޭ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ޤާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުވައިދިނުން.

 

 

މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެކެވެ. މި އޮތޯރިޓީގެ މަސައްކަތް ތިރީގައި މިވަނީއެވެ.

1.       ހަކަތައާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާ ދިނުމާއި، އެ ދާއިރާގެ ނިންމުންތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުން.

2.       ސަރުކާރުގެ ހަކަތައާބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ދާއިރާގެ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ހިނގާތޯބަލައި ފިޔަވަޅުއެޅުން.

3.       ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމާބެހޭ ގަވާއިދުތަކާއި، ރެގިއުލޭޓަރީ ކޯޑަކާއި، ސްޓޭންޑަރޑްތައް ތަންފީޒުކުރުން.

4.       ރާއްޖެއަށް އެތެރެކުރާ ހަކަތައާއި، ރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ހަކަތަ އުފައްދާ ވަސީލަތްތަކުގައި ހުންނަންޖެހޭ ސްޓޭންޑަރޑްތައް ކަނޑައެޅުން.

5.       ކަރަންޓުގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކަށް އެކަންކުރުމުގެ ހުއްދަ ދޫކުރުމާއި، އެ ފަރާތްތަކުންދޭ ކަރަންޓުގެ ޚިދުމަތަށް އަގުނެގޭނެ އުސޫލު ކަނޑައެޅުމާއި، އަމިއްލަ ބޭނުމަށް ކަރަންޓު އުފައްދަން ބޭނުންވާ ފަރާތްތަކަށް އެކަންކުރުމުގެ ހުއްދިނުން، އަދި އެ ފަރާތްތަކުން ޢަމަލުކުރަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުން.

6.       ކަރަންޓުގެ މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ ހުއްދަ ދޫކުރުމާއި، ކަރަންޓުގެ މަސައްކަތްތަކާގުޅޭ ކޮންސަލްޓަންޓުންގެ ފެންވަރު ކަނޑައެޅުން.

7.       ކަރަންޓުގެ ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކާ ޚިލާފުވުމުން އުފެދޭ މައްސަލަތައް ބެލުން.

8.       ރާއްޖޭގައި ހަކަތަ އުފައްދާ މިންވަރާއި ބޭނުންކުރާ މިންވަރާބެހޭ ތަފާސް ހިސާބު ބެލެހެއްޓުމާއި، ރާއްޖެއަށް ހަކަތަ ބޭނުންވާ މިންވަރު ބެލުން. އަދި، މިކަމާބެހޭ މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް، އެ މަޢުލޫމާތު ޢާންމުކުރުން.

9.       ހަކަތައާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމްކޮށް، ބަލަހައްޓައި މިމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

10.   ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު (އެކްސްކުލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން.

11.   ޤާނޫނު ނަންބަރު 96/4 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ ދަށުން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް ހިންގުން.

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހުގެ މަސައްކަތްތައް

1.       މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

2.       މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.

3.       މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ރިސޯރޓްތައް ބައިވެރިކުރުވުން.

4.       މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިޔަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތައް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

5. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ ފަރާތްތަކާ އެ މަޢުލޫމާތު ހިއްސާކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.