ރާއްޖޭގެ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ ބަންގްލަދޭޝްގެ ރައްޔިތުންކަން ފާހަގަކުރައްވަމުން، ބިދޭސީންނަށް މަސައްކަތްކުރާނެ ރަނގަޅު ވެށްޓެއް ޤާއިމް ކޮށްދިނުމަށާއި، އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒަމާނީ ޑިމޮކްރަސީއަކަށްޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި، ބަންގްލަދޭޝާއި ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުން މުހިންމު ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާއި ބަންގްލަދޭޝާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެޤައުމުގެ ގުޅުން އިތުރަށް ރަނގަޅުކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.