بســم اللّـه الرّحمـن الرّحيــم

އާދެ! ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. އޭގެތެރޭގައި އަޅުގަނޑު ހަމަ ޚާއްޞަކޮށްލަން ބޭނުން، އަޅުގަނޑުމެންގެ އެކުވެރި ޒުވާން ހޯމް މިނިސްޓަރ، އެޑިޔުކޭޝަން މިނިސްޓަރ އަދި އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ކައިރިން މަސައްކަތް ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް. އާދެ! ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އަދި ޔޫތު މިނިސްޓަރ ޒާހިރު. އާދެ! ހަމަ އެންމެ ކުރީގެވެސް އެޑިޔުކޭޝަން މިނިސްޓަރ ލަޠީފް. އާދެ! ދެންވެސް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން. އަޅުގަނޑުމެންގެ ޔުނިވަރސިޓީގެ ވަރަށް އިސް ބޭފުޅެއް ކަމުގައިވާ ޙަމީދު. އާދެ! އަޅުގަނޑަކީ ޔުނިވަރސިޓީގައި ކައުންސިލްގައި މަސައްކަތްކުރި މީހަކަށްވާތީ، ވަރަށް އުފާވޭ ތިޔަބޭފުޅުން ފެނުނީމާ. އާދެ! މިހުރިހާ ބޭފުޅުންނަށް

السّــلام عليــكم

އާދެ! މިއަދަކީ ތިޔަ ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވި ފަދައިން، ވަރަށް އުފާވެރި ދުވަހެއް. ސަބަބުތަކެއްނެތިއެއް ނޫން. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ދިމާލަށް ނުވަތަ ނިސްބަތްކޮށް ތަފާތު ޢިބާރާތްތަކުން، ތަފާތު ބަސްތަކުން، ތަފާތު ނުރުހުމުގެ ޝުޢޫރުތައް ވަރަށްގިނަ ދުވަސް މަތިން ވަނީ ފާޅުކުރެވިފައި. އަދި މިއަދު ތިޔަބޭފުޅުން ތިޔަ އަޅުއްވާ ފިޔަވަޅަކީ، އަޅުގަނޑު ދަންނަވާނީ، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހިންނަށް ފައިތިލަ ސާބިތު ކުރެވޭނެ ފިޔަވަޅެކޭ. އާދެ! މިހެން އަޅުގަނޑު މިދެންނެވީ، ވެސްޓަރން އޮސްޓްރޭލިއާގެ މިނިސްޓްރީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ސިޑްނީގެ ބޭފުޅުން ތިޔަބޭފުޅުންނަށް އެ ދެއްވަމުން ގެންދަވާ ތަޢުލީމަކީ، ވަރަށްގިނަ ދުވަހު އެބޭފުޅުންގެ ތަޖްރިބާއާ އެކުގައި، އެބޭފުޅުން ވަރަށްގިނަ ދުވަހު ތަޖްރިބާ ކުރައްވާފައިވާ ނިޒާމެއްގެ ތެރެއިން އުނގެނިފައި ހުރި އެއްޗެއް ތިޔަބޭފުޅުންނަށް އުނގަންނައިދެއްވަނީ.

އާދެ! އަޅުގަނޑު މިއަދު ހަމަ ފާހަގަކޮށްލަން ބޭނުން ވަރަށް މުހިންމު ދެތިން ނުކުތާ. އާދެ! ދިވެހިރާއްޖޭގައި އަޅުގަނޑުމެން ޑިމޮކްރަސީއެއް ގެނައުމުގެ ބޭނުމުގައި ވެރިކަމެއް ބަދަލުކުރީ. ޤާނޫނުއަސާސީއެއް ބަދަލުކުރި. އަދި ތަފާތު މިނިވަން މުއައްސަސާތައް އަޅުގަނޑުމެން ޤާއިމްކުރިން. ކޮބައިތޯ މީގެ ނަތީޖާއަކީ؟ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، މިކަންކަން އަޅުގަނޑުމެން ކުރުމުގެ ކުރީގައި، މާތްވެގެންވާ ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައި އޮތްގޮތަށް ނުވަތަ ޙަދީޘްފުޅު ކުރައްވާފައި އޮތްގޮތަށް، އެންމެ ތުއްތުއިރުއްސުރެން މަރުވަންދެން ތަޢުލީމް އުނގެނޭށޭ، އެބައި ނުވަތަ އުނގަންނައިދިނުމުގެ ބައި އަޅުގަނޑުމެންނަށް އުނިކުރެވިގެންދިޔަތަން. ކައުންސިލަރުން އުފެއްދިއިރުގައި، އެ ކައުންސިލަރުންނަކަށް ކިޔަވައެއްނުދެވުނު. އުނގަންނައެއްނުދެވުނު. އެކަމަކު މިއަދު އަޅުގަނޑުމެން އެ ނިކަމެތި ކައުންސިލަރުންނާ ދިމާލަށް އިނގިލި ދިއްކުރަން ބޭނުންވޭ. އަޅުގަނޑު ދަންނަވާނީ، އިނގިލި ދިއްކުރަންޖެހޭނީ އެހެން ބަޔަކާ ދިމާއަށޭ. އަޅުގަނޑުމެން ޑިމޮކްރަސީ ގެނައުމަށްޓަކައި، ޤާނޫނުއަސާސީ އިޞްލާޙު ކުރިއިރު، އަޅުގަނޑުމެން އުނގަންނައިދޭންވީ ވަރަށް، ކިޔަވައިދޭންވީވަރަށް، ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން، އެއީވެސް ވަކި ޙުދޫދެއްގެ ތެރޭގައި، ވަކި ޤާނޫނެއްގެ ތެރޭގައި، ވަކި އުޞޫލުތަކެއްގެ ތެރޭގައި، މާތްވެގެންވާ އިސްލާމްދީނުގެ އަސާސާ އެއްގޮތަށް ހިނގަންވީ ކަމެއްކަން އަޅުގަނޑުމެންނަށް އޮތީ އުނގަންނައިދޭންވީ ފަރާތްތަކަށް އުނގަންނައިނުދެވި.

އާދެ! އެހެންވީމާ، އަޅުގަނޑު މިދެންނެވީ މިއަދު ތިޔަބޭފުޅުން ތިޔަ އަޅުއްވާ ފިޔަވަޅަކީ ޙަޤީޤަތުގައި ވަރަށް މުހިންމު، ވަރަށް ފައިދާހުރި މިޞްރާބަކަށޭ ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވަނީ. އެއީ މިކަމުގެ ނަތީޖާއަކަށްވާނީ، ތިޔަބޭފުޅުންނަކީ އުނގެނިފައި ތިބި ބަޔަކަށްވުން. އަދި މިއަދު އަޅުގަނޑު ފާހަގަކުރަން، މީގެތެރޭގައި މިކަން އުނގެނިގެން މިދަނީ ހަމައެކަނި ފުލުހުންގެ މުއައްސަސާއެއްގައި ތިބި ބަޔަކަށް ނޫން. އާދެ! ދެންމެ ހޯމަ މިނިސްޓަރުގައި ދެއްކެވި ވާހަކައިގައި، އަޅުގަނޑުމެންނަށް ވިސްނިގެން ހިނގައްޖެ ނުވަތަ އަޅުގަނޑުމެންނަށް އެނގިއްޖެ، އުނގެނެންޖެހެނީ ހޭލުންތެރިކަން އަންނަންވީ ހަމައެކަނި އެންމެ މުއައްސަސާއަކަށް ނޫންކަން. އެތައް ބަޔަކަށް މި އުނގެނުން އެނގިގެން ނޫނީ، އިންސާނާއަކަށް ޙައްޤު ރައްދުކޮށްދެވޭކަށް ނެތްކަން. ފުލުހުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، ދޭންވީ ހުނަރުތަކާއި ވިސްނުމާ އެނގެންވީ ފަރާތްތަކަށް މި ނުއެނގޭ ކަމަށްވަނީނަމަ ނުވަތަ ގަބޫލު ނުކުރެވެނީ ކަމަށްވަނީނަމަ، ނުއެނގުމުގެ ނުއެނގުމުގެ ތެރެއިން ނަމަވެސް، ހިތާމައަކީ ޙައްޤު ޙައްޤު މީހާ، ޙައްޤު ލިބެންވީ ފަރާތަށް ލިބޭތޯއޭ!

އާދެ! އެހެންވީމާ، އަޅުގަނޑު މިދެންނެވީ މިއަދު އެޅޭ ފިޔަވަޅަކީ، ދިވެހިރާއްޖޭގެ ތަފާތު މުއައްސަސާތައް ބައިވެރިވެގެން، އަޅުގަނޑު ދަންނަވާނީ، މިއީ، މީގެ 10، 15، 16، 20 އަހަރު ކުރިން މިޤައުމުގައި ފަށްޓަންވީ ކަމެކޭ. އެހެންވީމާ، މިއަދު މިކަން ފަށްޓަވައިދެއްވާ ކަމަށްޓަކައި، ކުރިއަށް ގެންދަވާ ކަމަށްޓަކައި އަޅުގަނޑު، ކޮމިޝަނަރ އޮފް ޕޮލިސް އެ ނެންގެވި، އެޅުއްވި ފިޔަވަޅަށް އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އެއީ މިގޮތަށް ސަރުކާރުގެ މިފަދަ މުއައްސަސާތަކާއި އަދި މިނިވަން މުއައްސަސާތަކާއި އަދި ޖުޑީޝަލް ސިސްޓަމާ، މިކަންކަން ފުރިހަމަވެގެން ނޫނީ ޙަޤީޤީ ޑިމޮކްރަސީއެއް މި ޤައުމުގައި އަޅުގަނޑުމެންނަށް ޤާއިމެއް ނުކުރެވޭނެ. ދެން އަޅުގަނޑު ވަރަށް އުފާކުރަން، އަބަދުވެސް ފައިސާގެ ދަތިކަމާއި، ބަޖެޓް ނެތުމާއި، މިފަދަ ކަންކަމަކީ މިހާރު އަޅުގަނޑުމެންނަށް ރެޔާ ދުވާލު އިވޭ އަޑުތައް. މީގެތެރެއިންވެސް ކަމެއް ކުރަން ބޭނުންވާ ކަމަށްވަނީނަމަ، އެކަމަކާއިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށްވަނީނަމަ، އެކަން ކުރެވޭނެކަން މިއަދު ކޮމިޝަނަރ ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވައިފި. އަޅުގަނޑު އުންމީދު ކުރަން، ކޮމިޝަނަރަކީވެސް، ޕޮލިސް ކޮމިޝަނަރަކީވެސް، ކޮމިޝަނަރ އޮފް ޕޮލިސްއަކީވެސް އެން.ޑީ.އޭ.ގެ މެންބަރަކަށްވާއިރު، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކުރުމުގައިވެސް އަޅުގަނޑުމެންނަށް މިފަދަ ޙިކުމަތާއި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށް.

އާދެ! އަޅުގަނޑު މިހެން މިދެންނެވީ އެއީ މިއަދު އަޅުގަނޑުމެންނަށް މި ޤައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަންނަ މަހުގެ 16ގެ ކުރީގައި ޖަލުގައި ރީހެބް ޕްރޮގްރާމްތަކެއް ޖަލެއްގައި ފެށިގެންވެސްދާނެ. އެކަމުގައިވެސް ހޯމް މިނިސްޓަރާއި އަދި ހޯމް މިނިސްޓަރާ ގުޅިފައި ހުރި މުއައްސަސާތަކާއި، މިކަމުގައި ދޭ އެއްބާރުލުމަށް އަޅުގަނޑު މިއަދު ހަމަ އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު އަދާކުރަން.

އާދެ! މިކަހަލަ ގޮތަކަށް މިކަންތައްތައް ނިމިގެންދާއިރުގައި ނުވަތަ ފެށިގެންދާއިރުގައި، އަޅުގަނޑުމެން އެބަ ފާހަގަކޮށްލަންޖެހޭ، އަޅުގަނޑުމެންނަށް ލިބޭ، ބޭރުން އެ ލިބޭ އެހީތަކާއި އެފަރާތްތައް. އެއީ އެފަރާތްތަކުގެ އެހީތައް އަޅުގަނޑުމެންނަށް އެގޮތަށް ނުލިބޭ ކަމަށްވަނީނަމަ، އަޅުގަނޑުމެންނަށް ދަތިތަކެއް ހުންނާނެ. އަޅުގަނޑު އެހީތަކެކޭ މިދަންނަވަނީ، އެއްގޮތަކަށްވެސް ފައިސާގެ އެހީއެއް ނޫން. އަޅުގަނޑަކީ ޙަޤީޤަތުގައި ބޭރުން ފައިސާއަށް އެދުމަށް، މި ސަރުކާރު އެދުމަށް ވަރަށް ޚިޔާލު ތަފާތު މީހެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ޤައުމުގެ ކޮންމެ ރައްޔިތަކަށް މިހާރު 6800 ޑޮލަރު ޖީޑީ.ޕީ. ލިބޭއިރު، އެ ޙިއްޞާވާންޖެހޭނީ މުޅި ހުރިހާ ރައްޔިތުންނަށް. އޭގެ ނަތީޖާއަކަށްވާންވާނީ، ބޭރު ޤައުމުތަކަށް ސަލާން ނުޖަހައި، މި ޤައުމު އަމިއްލަ ފައިމައްޗަށް ތެދުވުން. އެހެން ތެދުވެގެން ނޫނީ، ޙަޤީޤީ މިނިވަންކަން މި ޤައުމަކަށް ނުލިބޭނެ. އެހެންވީމާ، ޓެކްސް ނެގުމުގެ ނިޒާމާ، މިކަންކަމަކީ ތަރައްޤީއާއި ކުރިއެރުމުގައި އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލުތައް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.

އާދެ! މިގޮތުން ދަންނަވާ ކަމަށްވަނީނަމަ، މިހާރު މިވަނީ ތަފާތު އެކިއެކި ޕްރޮގްރާމްތަކާ އެއްޗެހި ފަށްޓަވާފައި. މި ފަށްޓަވާފައި އޮތްއިރުގައި، އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ، ސަރުކާރުގެ ހިންގުމުގެ ތެރެއިން މިކަންކަމަށް ފައިސާ ލިބޭނެފަދަ ގޮތްގޮތް ހަމަޖެއްސުން. ހަމަނުޖެއްސޭ ކަމަށްވަނީނަމަ، އަޅުގަނޑުމެންނަށް މިކަންކަން ކުރިއަކަށް ނުގެންދެވޭނެ. ވީމާ، އަޅުގަނޑުމެންނަށް މިއަދު މިކަންކަމުގެ މައްޗަށް ވިސްނައި، ރައްޔިތުންނަށް ކަންކަން ފަހިކޮށްދެވޭނީ، މަދު ރައްޔިތުންނަކަށް ނުވަތަ މަދު ރައްޔިތުންތަކަކަށް ލިބޭ ފައިސާއިން ގިނަ ރައްޔިތުންތަކަކަށް ޙިއްޞާކޮށްގެންކަން އެއީ އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކުރަންޖެހޭނެ ކަމެއް.

އާދެ! އަޅުގަނޑު މިހިސާބުން ކޮންމެވެސް އެއްޗެއް އިނގިރޭސިބަހުން އަޅުގަނޑު ދަންނަވާލަން ބޭނުން.

With the permission of the audience I would like to thank those who are here from the University of Western Sydney, Australia, for your contributions. And I am very glad that you have taken the step not to criticise us, but to help us, and to teach us what true democracy is. How do you implement a democratic system in a nation? Through disciplined, educated, intelligent police force. Through educated councillors and other independent establishments. This is very essential in a democratic system.

Therefore I would like to thank you very much for taking the initiative to come to the Maldives and to help us, a very young democracy in the Maldives. What you have achieved in your nation today was not achieved in a very short time, on a very short period of time. You have passed through many obstacles, difficulties, different races and religions. But fortunately in the Maldives this is one race, one religion. Maybe it is easier to implement or to educate the people.

But I sometimes wondered if you could reach the Middle East today you would be contributing immensely for their development and for their democracy, they are trying to search for. But I am very happy that you are here today and educating our police force. I have no doubt they are young, dynamic, very determined young generation. They are determined to learn, they are determined to explore, they are determined to experiment. And I have no doubt they will show great results.

Once again I would like to thank you for your contributions and I would also like to pledge on behalf of a very good friend of mine Champaa Afeef and M.U. Maniku and myself. We would support you in these areas in whatever way we can.

އާދެ! އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ލޯބިވާ މި ދިވެހި ޤައުމަށް އަދަށްވުރެ ފެހި މާދަމައެއް ދެއްކެވުން. އަޅުގަނޑުމެންގެ ވިސްނުމަށް، އެއް އިންސާނެއްގެ އަގު އަނެއް އިންސާނަކަށް ވަޒަންކޮށް ދަސްކުރުމުގެ ހުނަރު މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން. އަދި މި ދުނިޔޭގައި އަޅުގަނޑުމެންނަށް ފެނުނު އެންމެ އަގުހުރި ޑިމޮކްރެޓިކް ލީޑަރެއް ކަމުގައިވާ ކީރިތި ރަސޫލާގެ މަގުން ހިނގުމުގައި އަޅުގަނޑުމެންނަށް ފައިތިލަ ސާބިތު ކުރުމުގެ ފުރްޞަތު މާތްﷲ ދެއްވުން.

والســّلام عليــكم