ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ވިތާޔާ ޒަޔާވޮންގ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ލާއޮސްގެ ސަފީރު، މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމާއި، ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ އިތުރު މަސައްކަތްތައް ދެނެގަތުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ހާމަކުރައްވައި އެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެ އާއި ލާއޮސް އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 10 ފެބުރުވަރީ 2012 ގައެވެ.